ބިސްމީގެ ޢަޖާއިބު

އަހަރުމެން އެންމެންނަކީ މުސްލިމުންކަމުގައި ވީހިނދު، އަހަރުމެން އެންމެންވެސް ބިސްމިކިޔައި އުޅެމެވެ. ކީރިތި ޤުރުއާނުގައި ލިޔެފައިވާތީ ދެކެ ފަރިތަވެފައިވެސް ވީމައެވެ.
ބިސްމީގެ މާނަވެސް އަހަރުމެންނަށް ވާނީ ކޮންމެވެސް ގްރޭޑެއްގައި ކިޔެވިފައެވެ. ނަމަވެސް މިކަލިމައިގެ ތާސީރާއި މިކަލިމައިގެ ބަރާއި އޭގައިވާ ޢަޖައިބު ދަންނަނީ އަހަރުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައޭ މިއީ އުފައްދަންޖެހޭ ސުވާލެކެވެ.
އާދެ! ބިސްމީގެ ކަލިމައަކީ، އިންސާނަކަށް ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ޙަމަލާތަކުން ދިފާޢުވެގަތުމަށް އޮތް ހަތިޔާރެއްކަން އެނގެނީ ކިތައް ކުދީންނަށްބާވައެވެ! އެ ޙަމަލާއިން ދިފާޢުވެގަންނަން ހަދާ ގޮތަކީ ކޮބައިތޯ ބަލާލީ ކިތައް މީހުން ހެއްޔެވެ؟ އަހަރުމެން އިންސާނުންނަކީ ވަށައިގެން ތަފާތު ގޯނާތަކާއި ޙަމަލާތައް، ތަފާތު ދުޝްމަނުންގެ ކިބައިން ކުރިމަތިވަމުންދާ ބަޔަކީމުއެވެ. އެއްގަމުންނާއި ކަނޑުންނެވެ. ބޭރުންނާއި އެތެރެއިންނެވެ. ވަލުތެރެއިންނާއި ގޭތެރެއިންނެވެ. ގަސްގަހުންނާއި ބިންމަތިންނެވެ. މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުންނެވެ. ފަނިފަކުސާތަކާއި ޖަނަވާރުންގެ ކިބައިންނެވެ. އިންސީންނާއި ޖިންނީންގެ ފުށުންނެވެ. 70 ވަރަކަށް ނުވަތަ 80 ވަރަކަށް އަހަރު ދުނިޔޭގައި ހުންނަ މިފަދަ ނިކަމެތި އިންސާނަކަށް އޭނާގެ މައްޗަށް އޯގާތެރިވާނޭ، ބެލެހެއްޓުންތެރި، ޙިމާޔަތްތެރި ފަރާތެއް ނެތްނަމަ އޭނާ ވަގުތުން ހަލާކުވުން ކައިރިއެވެ. ނަގުލަންދާއްޓަކީވެސް ބިމުގައި ދިރިއުޅޭ އެއްޗެކެވެ. ނިދާލާފައި ތިއްބާ ކޮންމެ ރެއަކުވެސް އެތައް ބައެއްގެ ގައިގާ ވަށަވަށައިގެން ކަށިޖަހާ ދަތްއަޅާ ހަފާހަދަން އޭއްޗިއްސަށް މަނާކުރީ ކާކުހެއްޔެވެ؟ އެތަކެއްޗާ މުޚާޠަބުކުރާނީވެސް ކޮން ބަހަކުން ކިހިނެއް ހެއްޔެވެ؟ އެކަމަކު އެތަކެތީގެ ޠަބީޢަތަށް ނޭނގޭ ބާރަކުން އަމުރުތަކެއް ކޮށްފައިވާކަން ދޭހަވެއެވެ. މިދުނިޔޭގެ ނިޒާމް މިގޮތަށް ހިމޭންކޮށް ހިނގުމުގައި ވަރަށް ބޮޑެތި ސިއްރުތަކެއް ވާކަން ޔަޤީންވެއެވެ.
އާދެ! “މާތް ﷲގެ ނަންފުޅުން ފަށައިގަންނަމެވެ.” ފެށުމާއި ނިމުންވެސް ވަނީ އެކަލާނގެއަށެވެ. ބިސްމިﷲ ގެ ޢަޖާއިބާއި ޖާދޫގެ ވާހަކައަކީ މިހާ މަދު ފޮޅުވަތްތަކެއްގައި ލިޔެ ނިންމާލެވޭނޭ އެއްޗެއް ނޫނެވެ. އަދި ލިޔުނަސް ކޮޅުންލާކަށްވެސް އޮތްކަމެއް ނޫނެވެ.
ކޮންމެއަކަށް އެއްކޮށް ޙާޞިލްވާންނެތް ކަމެއްގެ ކުޑަ މިންވަރެއް ޙާޞިލްވިއަސް ފައިދާހުރި ކަމެއްވިއްޔާ އެއީ ބޭނުންތެރި މިންވަރެކެވެ. ފަށާނަމެވެ. ބިސްމީގެ ހަމަ އެންމެ ޢަޖައިބެއް ލިޔެލާނަމެވެ. މާތް ﷲ ތައުފީޤް ދެއްވާށިއެވެ!
ދުނިޔޭގެ ހުރިހާ އިންސާނުންގެ އަޞްލުކަމުގައިވާ އާދަމް ޢަލައިހިއް ސަލާމްއަށް ސަޖިދަ ނުޖެހި އިބްލީހަކީ އަލިފާނުން ހައްދަވާފައިވާ ޖިންނީންގެ ތެރެއިންވީ މަޚްލޫޤެކެވެ. އެއީ އަހަރެމެންގެ ޢަދާވާތްތެރިއެއް ކަމަށާ އިންސާނުންނަށް ގެއްލުންދޭނޭކަން އޭނާވަނީ އަމިއްލައަށް އިޢުލާނުކޮށް، މާތްﷲ ގެ ޙަޒްރަތުގައި އެކަން ކުރާނެކަމަށް ގަންދީ ހުވައިކޮށްފައެވެ. އެހެންކަމުން އޭނާއާއި އޭނާގެ އަޢުވާނުން އިންސާނުންނަށް ގެއްލުންދޭން ތަފާތު ގޮތްގޮތަށް އާދެއެވެ. ގޭގެއަށް ވަދެއެވެ. ކާއެއްޗެހި ކައިހަދައެވެ. ގެންގުޅޭ އެއްޗެހި ފޮރުވައި ހަދައެވެ. ބުނެފައިނުވާ މާނައަކަށް ފޮރޮޅައިލައިގެން އަނެކާއަށް ވާހަކަ އަޑުއިއްވާ ހަދައެވެ. ކަންކަން ހަނދާން ނައްތުވާލައެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އެސޮރުމެންނަށްވަނީ އާދަޔާއި ޚިލާފު ބާރުތަކެއް މާތް ﷲ ދެއްވާފައެވެ. އިންސާނުން އިމްތިޙާން ކުރެއްވުމުގެ ގޮތުންނެވެ. މިހިސާބުން މިވަހާކަ ހުއްޓާލާށެވެ. މާދިގުވެދާނެތީއެވެ. އަހަރުމެންގެ ގޭގެއަށް ޝައިޠާނާއަށް އައިސް ވަދެ ނުގަނެވޭނެ ގޮތެއް އަހަރުމެނަށްވަނީ ޢާލަމްތަކަށް އޯގާވެރިއެއްކަމުގައި ފޮނުއްވި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ބުނެދެއްވާފައެވެ. ޙަދީޘް ކުރައްވާފައިވެއެވެ. “ރޭގަނޑުގެ އަނދިރިކަން އައިސް ވެރިވެގަންނަ ވަގުތު ތިޔަބައިމީހުންގެ ކުޑަކުދީންތައް ބޭރަށް ނުކުތުން މަތަކުރާށެވެ. ފަހެ ހަމަކަށަވަރުން އެވަގުތަކީ ޝައިތާނުންތައް ބިންމަތީ ފެތުރިގަނެގެން އަންނަ ވަގުތެވެ. އަދި ބިސްމިﷲ ކިޔައިފައި (މާތް ﷲ ގެ ނަންފުޅު ގަނެފައި) ގޭގެ ދޮރުތައް ޖަހާށެވެ. ފަހެ އެގޮތަށް ލައްޕާފައިވި ދޮރެއް ޝައިތާނާ އާ ނުހުޅުވާނެތެވެ…………… ކުރުކޮށްލީއެވެ.

ނޯޓް: މިއީ ދިއިސްލާމް މަޖައްލާގެ 1 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މިއަދަދުގެ އެހެން ލިޔުންތައް ވިދާޅުވޭ!

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ފުރިހަމް ބަސްކޮޅެއް…ޝުކްރަން

  2. މަޢުލޫމާތުން ފުރިގެންވާ މަޒުމޫނެއް!

  3. ތީ ހުސް ހަައްގު ތެދު

  4. ވ.ސަޅި

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!