ތަވްޙީދު ފިލާވަޅު 3 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

 

ތަވްޙީދުލް އުލޫހިއްޔާ

ތަވްޙީދުލް އުލޫހިއްޔާއަކީ އެއްމެހައި އަޅުކަމެއްގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ. އެ އަޅުކަންތައް އެއިލާހަށް ޚާލިޞްކޮށް ކުރުމެވެ. ބޭރުފުށުންކުރާ އަޅުކަމާއި، ހިތުންކުރާ އަޅުކަމުގައިވެސްމެއެވެ. ބޭރުފުށުންކުރާ އަޅުކަންތަކަކީ ނަމާދާއި ޙައްޖާއި ޞަދަޤާތްކުރުމާއި އެފަދަ އެހެން އަޅުކަންތަކެވެ. ހިތުންކުރާ އަޅުކަންތަކަކީ އުއްމީދުކުރުމާއި ބިރުވެތިވުމާއި މިފަދަ އަޅުކަންތަކެވެ.

ތަވްޙީދުލް އުލޫހިއްޔާއަށް ‘ތަވްޙީދުލް ޢިބާދާ’އޭވެސް ކިޔެއެވެ. ނަން ބިނާވެގެންވަނީ ނިސްބަތްކުރެވޭ ފާރާތެއްގެ މައްޗަށެވެ. މިގޮތުން، ﷲތަޢާލާއަށް އިޟާފަތުކޮށް ނިސްބަތްކޮށްފިނަމަ ކިޔާނީ ތަވްޙީދުލް އުލޫހިއްޔާއެވެ. އަދި މަޚްލޫޤުންނަށް އިޟާފަތުކޮށް ނިސްބަތްކޮށްފިނަމަ ކިޔާނީ ތަވްޙީދުލް ޢިބާދާއެވެ.

ﷲ ތަޢާލާ ރަސޫލުބޭކަލުން ފޮނުއްވީ އަޅުކަންތައް އެއިލާހަށް ޚާލިޞްކުރުމަށް ދަޢުވަތުދެއްވުމަށްޓަކައެވެ. އާދެ، ތަވްޙީދުލް އުލޫހިއްޔާއަށް ގޮވުމަށްޓަކައެވެ. އަދި އެއިލާހު ފޮތްތައް ބާވައިލެއްވީވެސް މިސަބަބަށްޓަކައެވެ. އެހެންކަމުން ހުރިހާ ރަސޫލުބޭކަލުންވެސް އެބޭކަލުންގެ ދަޢުވަތު ފެއްޓެވީ ތަވްޙީދުލް އުލޫހިއްޔާއިންނެވެ. ނަމަވެސް ގިނަ އަޅުތަކުންވަނީ ތަވްޙީދުގެ މިބަޔަށް ކާފަރުވެފައެވެ.

ތަވްޙީދުލް އުލޫހިއްޔާގެ ބައެއް ދަލީލުތައް:

-وَلِلَّهِ غَيْبُ السَّمَاوَاتِ وَالأرْضِ وَإِلَيْهِ يُرْجَعُ الأمْرُ كُلُّهُ فَاعْبُدْهُ وَتَوَكَّلْ عَلَيْهِ وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ (هود : 123) ” އަދި އުޑުތަކާއި ބިމުގެ ޣައިބު މިލްކުވެވޮޑިގެންވަނީ ﷲސުބުޙާނަހޫ ވަތަޢާލާއަށެވެ. އަދި އެންމެހާ ކަންތައް ރުޖޫޢަކުރެއްވޭހުށީ އެއިލާހުގެ ޙަޟްރަތަށެވެ. ފަހެ އެއިލާހަށް އަޅުކަންކުރާށެވެ! އަދި އެއިލާހަށް ވަކީލުކުރާށެވެ! ތިޔަބައިމީހުން ކުރާކަންތަކާމެދު، ކަލޭގެފާނުގެ ވެރިއިލާހު ޣާފިލުވެވޮޑިނުގަންނަވަތެވެ.”

-إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (الفاتحة : 5) “އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގިއެދެނީ ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.”

-قُلْ إِنَّ صَلاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ (الأنعام : 162) “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ނަމާދާއި، ޤުރުބާންތަކާއި އެންމެހާ އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި އަވަހާރަވުންވަނީ ޢާލަމްތަކުގެ ވެރި ﷲއަށެވެ.”

-يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (البقرة : 21) “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެއިލާހީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި އިލާހެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.”

އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-ތަވްޙީދުލް އުލޫހިއްޔާއަކީ ކޮބާ؟

2-ބޭރުފުށުގެ އަޅުކަމަކާއި، އެތެރެފުށުގެ އަޅުކަމެއްގެ މިޘާލެއް ބަޔާންކުރޭ!

3-ތަވްހީދުލް އުލޫހިއްޔާއަށް ކިޔޭ އެހެންނަމެއް ބަޔާންކުރޭ!

4-ތަވްޙީދުލް އުލޫހިއްޔާގެ 2 ދަލީލު ބަޔާންކުރޭ!

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ތިޔަ ބޭފުޅުން ސުވާލާއި ޖަވާބުގެ ބައިގައި ހިމެނޭ އަންހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމްކުރުން މި ސުވާލުގެ ޖަވާބުގައި ހިލޭ ފިރިހެނުންނާއި ހިލޭ ފިރިހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމްކުރުމަކީ އެއްވެސް ޚިލާފެއްނެތި ޙަރާމްކަމެއް ކަމުގައި ބުނެފައިވާތީ އެކުށް އިޞްލާޙުކުރެއްވުން އެދެން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!