އުންމަތުގެ ފަޚުރު: އަންހެން ސާހިބުން (ޚަދީޖަތު ބިންތް ޚުވައިލިދު)

އެއްދުވަހަކު ރަސޫލުއްﷲ ގެފާނުން ބިންމަތީގައި 4 ރޮނގެއް އަޅުއްވައި އަރިހުގައި ތިއްބެވި ސަޙާބީން ކޮޅެއްގެ އަރިހުގައި ސުވާލު ކުރެއްވެވި އެވެ. މިއީ ކޮންކަމަކަށް ދޭހަ ވާ 4 ރޮނގެއްތޯއެވެ؟ އެހިނދު ސަޙާބީން (އަބަދުވެސް ވިދާޅުވާ އުސޫލުން) ﷲ އާއި އެކަލާންގެ ރަސޫލާ އަށޭއިނގިލައްވާނީ ވިދާޅުވި އެވެ. (ނޯޓް: ކަލާންގެޔާއި އެއްވަރު ކުރީއެއް ނޫން މި. ތިއިންބޭފުޅަކުގެ ހިތުގަ އެއްޗެއް އޮތަސް އެންމެ ބޮޑަށް އެޔެއް އިނގޭނީ ﷲ އަށާއި ތިބޭފުޅާ އަށް ކަމަށްވާތީވެއެވެ). ދެން ރަސޫލުﷲ ގެފާނުން ހަދީޘްކުރެއްވެވިއެވެ. މިއީ މިކާއިނާތުގައި ވާ އެންމެ މާތް 4 އަންހެން ބެއިކަލުންނަށް ނިސްބަތްކޮށް އެޅުއްވި 4 ރޮނގެވެ. އެ 4 ބެއިކަނބަލުންނަކީ “ޚަދީޖާ، ފާތިމަތް (ރަސޫލުﷲ ގެފާނުންގެ ދަރިކަނބަލުން)، މަރިޔަމް (ޢީސާގެފާނުނގެ މަންމާފުޅު) އަދި ފިރުޢައުނުގެ އަނބިކަނބަލެއްގެ ގޮތުގައި އިންނެވި އާސިޔަތް” ގެފާނުންނެވެ.

ޚަދީޖަތުގެފާނުންނަކީ ރައްބުލް ކާއިނާތު އެ އަންހެން ބެއިކަނބަލަކަށް ސަލާމް ވަޙީކުރައްވަވާ އަންހެން ބެއިކަނބަލެކެވެ. މިއުންމަތަށް ފޮނުއްވެވި ރަސޫލާ صلى الله عليه وسلم ގިނިކަންޔާ މައްކާގެ މުޝްރިކުންގެ މައްޗަށް އިސްލާމްދީނައިގެން ވަޑައިގެން އިރު އެކަލޭގެފާނުންގެ އަރިހުގައި ފުރަތަމަ ފައިތިލަ ސާބިތު ކުރެއްވި މި އުންމަތުގެ ފަހުލަވާނެވެ. އާދެ އަންހެން ބެއި ކަނބަލެކެވެ. އަހަރެމެން ފިރިހެނުންގެ މައްޗަށް އިސްވެ އަނހެން ބެއިކަނބަލުންގެ ނަން މަތިވެރިކޮށް ދެއްވި ކެތްތެރި އަންހެން ސާހިބާއެވެ. މުއްސަނދި ބެއިކަނބަލެކެވެ. ނަމަވެސް މުއްސަނދިކަން އިސްލާމްދީނައްޓަކައި ހޭދަކުރުމަށް އެދިލެއްވެވި މާތް ބެއިކަނބަލެވެ. އެކަލޭގެފާނުން ޤުރައިޝުންގެ ދެކޮޅުވެރިކަމާއި ނުވިސްނޭކަމާއި ހުރެ ކީރިތި ކުރައްވާ ޙާލު ޖެހިފައިވާ ރަސޫލު ކަމުގެ ބޮޑު ޒިންމާއިން ހިތަށް ހަމަޖެހުން ދެއްވުމައްޓަކައި އެންމެ ބޮޑު އެހީތެރިކަމެއްދެއްވި ސާހިބާއެވެ.

ސައްޔިދްނާ ޢާއިޝަތް ގެފާނުން ވިދާޅުވިއެވެ. ތިމަން ކަމަނާ މީހަކު ދެކި ދުވަހަކުވެސް ޢީރަތްތެރި ނުވެވޭ ވަރަށް ޢީރަތްތެރި އެ ޚަދީޖަތުގެފާނުންނާއި މެދު ވާހާވެއެވެ. ރަސޫލުﷲ صلى الله عليه وسلم އެކަމަނާގެ ވާހަކައިން ފައްޓަވައިފި ނަމަ އަބަދުވެސް މީހަކަށް ތަޢުރީފު ކުރެވޭނެ އެންމެ ބޮޑަކަށް އެކަމަނާއަށް ތަޢުރީފު ކުރައްވައެވެ. ތިމަން ކަމަނާ (އެންމެ ހަގު، އެންމެ ރިވެތި އަނބިކަނބަލުން ކަމުގައި) ވާއިރުގަވެސް ކަލޭގެފާނުން އެ ޚަދީޖަތް (ގެފާނުންދެކި) އެހާ ލޯބި ވަނީ ކީތްވެތޯ ސުވާލު ކުރެއްވީމެވެ. އެހިނދު އެމާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވެވިއެވެ. ތިމަން ކަލޭގެފާނުން އެކަމަނާ ދެކި ލޯބި ނުވާންވީ ކީތްވެތޯއެވެ. އެޔަށް ވުރެން ރަނގަޅު އަންބަކު ތިމަންކަލޭގެފާނުންގެ ނުވެއެވެ. ތިމަން ކަލޭގެފާނުން އެކަނި އިސްލާމް ދީނައިގެން އުޅުއްވި އިރު އަދި އަމިއްލަ އާއިލާ ތިމަން ކަލޭގެފާނުންނާއި ދެކޮޅުވެރިވި އިރުވެސް އެކަމަނާ ތިމަންކަލޭގެފާނުންގެ ރަސޫލުކަން ޤަބޫލުކުރައްވަވާ އެހީތެރިކަން ދެއްވެވުނު ގޮތަކަށް އެހީވެދިނެވެ. އެކަމަނާގެ މުޅި މުދާ ދީނަށްޓަކައި ހޭދަ ކުރެއްވެވި އެވެ. މުޅި ދުނިޔެ ތިމަންކަލޭގެފާނާއި ދެކޮޅަށް އޮތްއިރު ތިމަން ކަލޭގެފާނުންގެ އަރިހުގައި ސާބިތުވެ ހުންނެވި އެވެ.

މިއީ ރަސޫލުﷲ صلى الله عليه وسلم ގެ ފުރަތަމަ އަނބިކަނބަލުން ނެވެ. އެބެއި ކަނބަލަކާއި މެދު ޚާއްސަކޮށް މި އުންމަތް އަދި ޢާންމުކޮށް ހުރިހާ އަންހެނުން ފަޚުރުވެރި ވާ އަންހެން ސާހިބެވެ. ޢިލްމް ވެރިކަމާއި ޙިލްމުވެރިކަން އިސްލާމް ދީނުގަޔާއި އޭގެ ކުރިން ނަސާރާ ދީނުގައި ވެސް ލިބި ވަޑައިގެން އިންނެވި ބެއިކަނބަލެކެވެ. ކާފިރުންގެ ސުވާލުތަކަށް އެންމެ ވަރުގަދަ “ލޮޖިކަލް” ޖަވާބު ތަކެއް ދެއްވެވި އެއް ސާހިބާ އެވެ.

އެހެނެކޭ ކިޔާފައި މިހާރުދެން މިބެއި ބެއި ކަނބަލުންގެ ވާހަކަ ދައްކައިގެން ވަކި ވާނެ ފައިދާއެއް އޮތް ބާވަ އޭވެސް ހިތަށް އަރައެވެ. ނަމަވެސް ގެއްލިފައިވާ ހިތް ރަނގަޅު ސަލާމަތުން އިން ބުއްދި އެއްގެ ވެރިޔަކާއި ވެސް ދިމާވެދާނެ ކަމަށް އުންމީދުކޮށް ވާހަކަތައް ލިޔެވެނީއެވެ. މިއިން ވާހަކަޔަކުން މި ދިވެހިންނަށް ހިދާޔަތެއް ދައްކަވާ މި ނިކަމެތި ފާފަވެރި އަޅާ ނަރަކައިން ސަލާމަތް ކުރައްވަތް ތޯ އެދި އާދޭސް ގޮވާ ޙާލު ވަކިވެލަމެވެ.

މިއީ 2011 ޑިސެމްބަރ 27 ގައި ދިއިސްލާމުގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މާތް ﷲ މިފަދަ އިބުރަތްތެރި ވާހަކަތައް ލިޔުމުގައި ތިބާގެ އުމުރު ދިގުކުރަށްވާ، ހެޔޮރަހުމަތް ލަށްވާށިއެވެ……އާމީން……..

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!