އީމާންކަމުގެ ދެފުށް

 

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

އީމާންކަމަށް އެތެރެފުށަކާއި ބޭރުފުށެއްވެއެވެ. ބޭރުފުށަކީ ދުލުން ތަވްޙީދުގެ ކަލިމަ ކިޔުމާއި، އެއާއި އެއްގޮތަށް ޢަމަލުކުރުމެވެ. އަދި އެތެރެފުށަކީ ހިތުން ތެދުކޮށް ޔަޤީންކުރުމާއި، ﷲއަށް ލޯބިކުރުން ޙައްޤުގޮތުގައި އެއިލާހާށް ލޯބިކުރުމެވެ. އެހެންކަމުން އެތެރެފުށް ރަނގަޅުނުވާ ކަމުގައިވަނީނަމަ، ބޭރުފުށަކުން މަންފާއެއް ނުކުރާނެއެވެ. އޭނައަކީ ކިތަންމެ ރަނގަޅު މީހެއްކަމަށް ބެލެވުނު ކަމުގައިވިޔަސްމެއެވެ. އަދި ބޭރުފުށުގެ ޢަމަލުގެ ސަބަބުން އޭނަގެ ލެޔާއި، މުދާ ޙުރުމަތްތެރި ކުރެވުނު ކަމުގައި ވިޔަސްމެއެވެ.

ހަމަ އެފަދައިން ބޭރުފުށް(ޢަމަލު) ނުވާނަމަ، އެތެރެފުށް ރަނގަޅެއްނުވާނެއެވެ. ޢުޛުރުވެރިންނާއި، މަޖުބޫރުކުރެވިފައިވާ މީހުންނާއި، ހަލާކަކާއި ކުރިމަތިވެދާނޭކަމުގެ ބިރުއޮތް މީހުން މެނުވީއެވެ. އެއްވެސް (މަޤުބޫލު) ޢުޛުރެއްނެތި ޢަމަލުނުކުރުމަކީ އެތެރެފުށް ފަސާދަވެ، އީމާންކަމެއް ނެތްކަމުގެ ޢަލާމާތެކެވެ. ޢަމަލުގިނަވުމަކީ އީމާންކަން ވަރުގަދަކަމުގެ ޢަލާމާތެކެވެ. އަދި ޢަމަލުމަދުވުމަކީ އީމާންކަން ބަލިކަށިކަމުގެ ޢަލާމާތެކެވެ.

އީމާންކަމަކީ އިސްލާމްކަމުގެ ހިތެވެ. އަދި އޭގެ ކުރިބޯއްޓެވެ. އަދި ޔަޤީނަކީ އީމާންކަމުގެ ހިތެވެ. އަދި އޭގެ ކުރިބޯއްޓެވެ. އެހެންކަމުން އީމާންކަމާއި ޔަޤީން އިތުރުނުކުރާ ކޮންމެ ޢަމަލަކާއި ޢިލްމަކީ ބޭކާރުއެއްޗެކެވެ. ހަމައެފަދައިން ޢަމަލުނުކުރާނަމަ ތިމަންނައަކީ މުއުމިނެކޭ ބުނެ އިޢުލާންކުރުމަކުން ކުރާނޭ ފައިދާ އެއްނެތެވެ.
________________________________________________________

މިއީ އިބްނުލް ޤައްޔިމު ރަޙިމަހުﷲ ލިޔުއްވާފައިވާ، ‘ފަވާއިދުލް ފަވާއިދު’ ފޮތުން ނަގާފައިވާ ލިޔުންކޮޅެއްގެ ތަރުޖަމާއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!