އަންހެންކުދިން ޚިތާނުކުރުމާމެދު އިތުރު ތަފްޞީލެއް…

 

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

‘އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީކަމެއްތޯއެވެ؟’ މި މައުޟޫއަށް، ދާދިފަހުން އަޅުގަނޑު ލިޔުނު އާރޓިކަލްގައި މަސައްކަތްކޮށްފައިވާނީ، ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އަންހެންކުދިން ޚިތާނުކުރުމަކީ ދީނުގައި އައިސްފައިވާ ކަމެއްކަން ޘާބިތުކޮށްދޭށެވެ. ފަހަރެއްގައިވެސް އެއީ ދީނީގޮތުން ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ ބަޔާންކުރާކަށް ނޫނެވެ. ލިޔުމުގެ ޚުލާޞާގައި އަޅުގަނޑު ލިޔެފައިވާ ޢިބާރާތްތަކުން އެކަން ދޭހަވާނޭކަމަށް އުއްމީދުކުރަމެވެ.

އެލިޔުމުގެ މައުޟޫޢުގެ ގޮތުން، ބައެއް ޢިބާރާތްތައް ވަރަށް ތިލަކުރަންޖެހުމާއެކުވެސް، އަޅުގަނޑު ބަލާފައިވާނީ ކިރިޔާވެސް ތިލަނުކޮށް ފުއްދާލެވޭނެތަނެއްވާނަމަ، އެވަރުން ފުއްދާލެވޭތޯއެވެ. ނަމަވެސް ފޭސްބުކްގެ ބައެއް ގުރޫޕްތަކުގައި އެއަށް ލިންކުދެވި، ބައެއް އަޚުންނާއި އުޚުތުން އެއަށް ކޮށްފައިވާ ކޮމެންޓްތަކަށް ބަލާލުމުން، އަދިވެސް ތިލަކުރަންޖެހޭ ޢިބާރާތްތަކެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އަދި އެއަޚުންނާއި އުޚްތުންގެ މަޤުޞަދަކީ، ބައެއް މީހުން ކަންތައް ކުރާހެން ދީނުގެ ޙުކުމްތަކާއި ދެކޮޅުހެދުންނޫންކަމާއި، ޙައްޤުގޮތް ހޯދުންކަން އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެތަންތަން އިތުރަށް ތިލަކޮށްލެވޭތޯ ބަލާނަމެވެ. މިކަމުގައި ބޭނުންކުރެވޭނެ ބައެއް ޢިބާރާތްތަކަކީ މަޖުބޫރުވެގެން ބޭނުންކުރާ ޢިބާރާތްތަކެއްކަމަށްވާތީ، އެންމެހާއި އަޚުންނާއި އުޚްތުންގެ ކިބައިން، ތަހައްމުލުކޮށްދެއްވުމަށް އެދެމެވެ. އަދި މިކަމުގައި އެންމެ އެދެވޭ ބަސްތައް ބޭނުންކުރުމުގެ ތައުފީޤުދެއްވުން އެދި، ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދަންނަވަމެވެ.

އާދެ، ދީނުގައި އައިސްފައިވާކަމެކޭ ބުނުމަށްޓަކައި، އެ ލިޔުމުގައި އަޅުގަނޑު ބޭނުންކޮށްފައިވާނީ މަޝްރޫއޫކުރެވިފައިވާ އަދި ޝަރުޢުކުރެވިފައިވާ މި ދެ ޢިބާރާތެވެ. މަޝްރޫޢުކުރެވިފައިވާ ނުވަތަ ޝަރުޢުކުރެވިފައިވާއޭ ބުނެވޭ ބަހުގެ މުރާދަކީ އެއީ ދީނުގައި އައިސްފައިވާ ކަމެކެވެ.

ދެން އެއަށްފަހު، އަޅުގަނޑު ލިޔެފައިވާނީ ޞަޙީހު މުސްލިމުގައި ވާރިދުވެފައިވާ ޙަދީޘެކެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ (رواه مسلم)  ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރއްވިއެވެ. “އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި(ލަދުވެތިގުނަވަނާއި) ޚިތާނު(ލަދުވެތިގުނަވަން) ޖެހިއްޖެނަމަ(ޖިމާޢުވެއްޖެނަމަ) ހިނައިގައިގަތުން ވާޖިބުވެއްޖެއެވެ.” މި ޙަދީޘުގައި ދެމަފިރިންގެ ލަދުވެތިގުނަވަނަށްވެސް ޚިތާނޭ ޙަދީޘްކުރައްވާފައި އޮތުމުން، އަންހެންމީހާ ޚިތާނުކުރުމަކީވެސް މަޝްރޫޢުކަމެއްކަން އެނގިގެންދެއެވެ.

–    ޞައްޙަ ޙަދީޘެއް މިކަމުގައި ވާރިދުވެފައިނެތޭ ވިދާޅުވާ ބޭފުޅުން މިޙަދީޘަށް ބެއްލެވުން ހުއްޓެވެ!

– ހިނައިގަތުން ވާޖިބުވާނީ ކޮންޙާލަތެއްގައިކަމާމެދު މުހާޖިރުންނާއި އަންޞާރުންގެ ބޭކަލުންތަކެއްގެ މެދުގައި ޚިޔާލު ތަފާތުވުމުން، އެބޭކަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން ސުވާލުދެންނެވިއެވެ. އެހިނދު އެކަމަނާ އެކަން ބަޔާންކުރެއްވުމަށްޓަކައި މިޙަދީޘް ގެންނެވިއެވެ. “އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި ޚިތާނު ޖެހިއްޖެނަމަ ހިނައިގަތުން ވާޖިބުވާނެއެވެ.” ޚިތާނާއި ޚިތާނު ޖެހުމުގެ މުރާދަކީ ޖިމާޢުވުމެވެ. އެއަށްވުރެ ތިލަ ޢިބާރާތަކުން ބުނާނަމަ، އޭގެ މުރާދަކީ ފިރިހެން މީހާގެ ޒަކަރު، އަންހެން މީހާގެ ފަރުޖުގެތެރެއަށް ވަނުމެވެ. މިފަދައިން ކަންތައް ވެއްޖެނަމަ، މަނި ބޭރުނުވިޔަސް ހިނައިގަތުން ވާޖިބުވާނެކަމަށް މި ޙަދީޘުގެ ޢަލީގައި ޢިލްމުވެރިން ވިދާޅުވެއެވެ.

– ދެން އެއަށްފަހު އަންހެނުން ޚިތާނުކުރުމަކީ ދީނުގައި އޮތްކަމެއްކަމަށް، މި ޙަދީޘުން ޢިލްމުވެރިން ދަލީލު ނަންގަވަނީ ލަދުވެތި ގުނަވަނަށް ޚިތާނޭ އެކަލޭގެފާނު ޙަދީޘްކުރައްވާފައިވުމުންނެވެ. ލަދުވެތި ގުނަވަނަށް ޢަރަބިބަހުން ކިޔަނީ، ‘ޚިތާނު’ އެއް ނޫނެވެ. ނަމަވެސް ލަދުވެތި ގުނަވަން ޚިތާނުކުރެވިފައިވާތީ، އެގުނަވަނަށް ޚީތާނޭ އެކަލޭގެފާނު ޙަދީޘްކުރެއްވީއެވެ. މިސާލަކަށް ބައެއް ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައި، ކަނދުރާއެއް މިނިވަންކުރުމަށް، ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. އޭގެ މުރާދަކީ އަޅަކު މިނިވަން ކުރުމެވެ. އިންސާނުންނަށް ޢަރަބިބަހުން ކިޔަނީ، ‘ރަޤަބާ (ކަނދުރާ)’ އެއް ނޫނެވެ. އެކަމަކު ކަނދުރާއަކީ އިންސާނުންގެ ހަށިގަނޑުގެ އެއްބައި ކަމަށްވާތީ، އެބައިގެ ނަމުން އިންސާނުންނަށް އިޝާރާތް ކުރެވުނީއެވެ. މިއީ ޢަރަބި ބަހުގެ ބަލާޣާތްތެރިކަމު ތެރެއިން ހިމެނޭ ކަމެކެވެ. ހަމައެގޮތަށް ލަދުވެތިގުނަވަން ޚިތާނުކުރެވިފައިވާތި އެގުނަވަނަށް އިޝާރާތްކޮށް ޚިތާނޭ ޙަދީޘްކުރެއްވީއެވެ. އެހެންކަމުން އަންހެނުން ޚިތާނު ކުރުމަކީ ވާޖިބެއްކަން ނުވަތަ ސުންނަތެއްކަން މިޙަދީޘުން ސާފުނުވިކަމުގައިވިޔަސް، އަންހެނުންވެސް ޚިތާނުކުރުން އެއީ ދީނުގައި އޮންނަކަމެއްކަން، މި ޙަދީޘުން އެނގިގެންދާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ދެންއެއަށްފަހު އަޅުގަނޑު ލިޔެފައިވާނީ އަލްބާނީ ރަޙިމަހުﷲފަދަ، ޙަދީޘް ޢިލްމުވެރިންތަކެއް ޞައްޙަކަމަށް ވިދާޅުވެފައިވާ، އަބޫ ދާވޫދް ރަޙިމަހުﷲ އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރައްވާފައިވާ ޙަދީޘެކެވެ. عَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تُنْهِكِي ، فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ ، وَأَحَبُّ إِلَى الْبَعْلِ  (صححه الألباني في صحيح أبي داود) އުއްމު ޢަޠިއްޔާ އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ޚިތާނުކޮށްދޭ އަންހެނެއް މަދީނާގައި އުޅުއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާއަށް ޙަދީޘްކުރެއްވިއެވެ. (ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަންހެންމީހާއަށް އެންމެ ފައިދާބޮޑު، އެންމެ އަރާމު ގޮތެވެ. އަދި ފިރިމީހާވެސް އެންމެ ލޯބިވާނޭ ގޮތެވެ.”

–  މިޙަދީޘުގެ މާނަ ބަޔާންކުރި އިރު، ‘(ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށޭ’ ލިޔުނީމަ ބައެއް އަޚުންނަށް އޮޅުންއަރާގޮތް ދިމާވިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. މިތާގެ މުރާދަކީ ލަތުވެތި ގުނަވަން ކަނޑާވާހަކައެއް ނޫނެވެ. ނަމަވެސް، ކަނޑަން އަންގަވާފައިވާ ހަންކޮޅުން، އެމިންވަރު އެކަނި ކެނޑުމުގެ ބަދަލުގައި މާ ބޮޑަށް ކެނޑުމުގެ ސަބަބުން އަންހެން މީހާގެ ޝަހުވަތްތެރިކަން ދައްވާތީ، އެގޮތަށް އެހާ ބޮޑަށް ނުކަޑާވާހަކައެވެ. އަދި އެ މާބޮޑުވެއްޖެނަމަ އަންހެން މީހާގެ ޝަހުވަތްތެރިކަން ހައްދުން ނެއްޓިދާނެތީ އަމުރުވެވިގެންވަނީ ކުޑަތަންކޮޅެއް އެހަންކޮޅުން ކަނޑާށެވެ.

މި ޙަދީޘްތަކުންވެސް އެނގިގެންދަނީ އިސްލާމްދީނުގައި އައިސްފައިވާ ޙުކުމްތަކުގެ ފުރިހަމަކަމެވެ. ﷲގެ ދީނުގައި އައިސްފައިވާ އެއްވެސްކަމެއް އެއީ އިންސާނުންނަށް ކުޑަނަމަވެސް ގެއްލުމެއް ލިބޭނެ ކަމަކަށް ނުވާނެއެވެ. މިކަން އަޅުގަނޑުމެން މުސްލިމުން ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެއެވެ.

5 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ކަނޑަން އަންގަވާފަައިވާ ތަންކޮޅޭ ބުނާ އިރު ވިސްނެނީ އަންހެން ކުދިން ހިތާނު ކުރުމަކީ ކުރަން އަންގަވާފައި ވާ ކަމެެއް ގެ ގޮތުގައެވެ. ވީމާ އަންހެން ކުދިން ހިތާނު ކުރަން އަންގަވާފައިވާނަމަ އެ އެންގެވުމެއް ގެންނަނަްވާނެ އެވެ. މީގެ އިތުރަށް މިއީ ޢިލްމްވެރިން އިޚްތިލާފް ވާ މައްސަލަ އަކަށް ވާއިރު ދިރާސާ ކުރައްވާފައި އިޚްތިލާފީ ރައުޔު ތައް ތަފްސީލާއި އެކު، ދީނީ ޢިލްމް ހާސިލް ކުރައްވާފައި ތިއްބެވި ޢިލްމްވެރިން ސީދާ މިފަދަ މަޢުލޫ ތަކަށް ލިޔުއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެމެވެ.

  2. އައްސަލާމް ޢަލައިކުމް! އަންހެން ކުދިން ޚިތާނުކުރުމަކީވެސް ކުރުމަށް އަންގަވާފައިވާ ކަމެއް. ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވަނީ އެއީ ސުންނަތެއްތޯ ނުވަތަ ވާޖިބެއްތޯ. އަޅުގަނޑު މި ލިޔުމުގައި އިޝާރާތްކޮށްފައިވާ އަޞްލު ލިޔުމުގައި ޢިލްމުވެރިންގެ ބަސްފުޅުތައް ގެނެސްފައިވާނެ. މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގައި ކިޔަވައިދެއްވި، އަދި މަސްޖިދުއްނަބަވީގައި މިހާރުވެސް ކިޔަވައިދެއްވަމުން ގެންދަވާ، ފަޟީލަތުއް ޝެއިޚް އަލް ފަޤީހް މުހައްމަދު ބިން މުޙައްމަދު އަލް މުޚްތާރު އައްޝަންޤީތީ މި މައްސަލަ ދިރާސާ ކުރައްވައި ރާޖިހު ކުރައްވާފައިވަނީވެސް އެއީ ވާޖިބެއް ކަމަށް ބުނެވޭ ރައުޔު. ހަމައެއާއެކު ޚިތާނުކުރުމަށް އައިސްފައިވާ ހުރިހާ ޙަދީޘްތަކުން ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަށްވެސް ދަލާލަތު ކުރާކަމަށް ޢިލްމުވެރިން ވިދާޅުވަނީ. ދެން މި މައްސަލާގައި އެންމެ ބޮޑު ދިރާސާއެއް ލިޔުއްވާފައިވާ އެއްބޭކަލަކީ އިމާމް އިބްނުލް ޤައްޔިމް އަލްޖައުޒިއްޔާ. އެކަލޭގެފާނުގެ މަޝްހޫރު ފޮތް ތުޙުފަތުލް މައުދޫދް ބިއަޙްކާމިލް މައުލޫދް ގައި ވަރަށް ދިގުކޮށް މިވާހަކަ ދައްކަވައި، މިއީ ދީނުގައި އައިސްފައިވާ ކަމެއް ނޫންކަމަށް ބުނާ މީހުންނަށް ރައްދު ދެއްވާފައިވޭ. އަދި ‘އަލްޚިތާނު ޝަރީޢަތުއްރަޙްމާން’ ކިޔުނު ފޮތުގައިވެސް ވަަރަށް ތަފްޞީލުކޮށް އެވާހަކަ ގެނެވިފައިވޭ. މިއީ ދީނުގައި އައިސްފައިވާ ކަމެއް ކަމަށް 4 މަޛުހަބުގެ މުޢުތަމަދު ފޮތްތަކުގައި ވެސް ލިޔެވިފައިވޭ.

  3. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ އަމަލުތައް ހުންނަގޮތުން އަޅުގަނޑަށް ސިފަކުރެވެނީ، ދީނީ ހިޔާލުތަފާތުވުންތަކާއި ދީނީގޮތުން ބައެއް ކަންކަމުގައި މައްސަލަތައް އުފެދުމުގެ އަސްލަކީ، ދީނީ މައުލޫމާތު ލިބި އެހެންނަމަވެސް ބައެއް ކަންކަމުގައި ތިމާގެ ވިސްނުން ކޮންމެވެސް ސަބަބަކާއި ހުރެ ބަދަލު ކުރަން ބޭނުން ނުވަނީކަމަށް ވެދާނެ، މިސާލަކަށް ފަތިސްނަމާދުގައި ދާއިމީގޮތެއްގައި ޤުނޫތު ކިޔުމާއި ފިރެހެނުން ތުނބުޅި ބެހެއްޓުމުގެ ހުކުމާއި އަންހެން ކުދިން ހިތާނު ކުރުމާއި މިފަދަ ކަންތަކާއި މެދު ޒަމާނުން ސުރެ ދިވެހި މުޖުތަމައުގައި ކަންކުރަމުން އަންނަގޮތުން މިފަދަ ދީނީ ކަންކަން ބަލައިގަންނަން ބައެއް ބޭފުޅުންނަށް ރަނގަޅުގޮތަކީ ކޮބައިކަން މިވަނީ ސުވާލެއްގެ ތެރޭގައި،
    ދީނީގޮތުން ވާޖިބް ކަންކަން ނުކޮށް ދޫކޮށްލެވޭނެ، ނުވަތަ ކުރިޔަސް އެންމެ ލުއިގޮތެއް ހޯދުމަށް ބައެއް މީހުން މަސައްކަތް ކުރާތަންފެނޭ، ކަނޑައެޅިގެން ﷲސުބުހާނަހޫވަތައާލާގެ ގަދަފަދަ އަޒާބް ދެއްވާނެ ކަމަށް އިންޒާރު ކުރައްވާ ވައީދުގެ ބަސް ފުޅުން ނަހީކުރައްވަވާފައިވާ ކަންކަން ،އެއީ ހަރާމް ކަމެއް ކަން އެނގިހުރެގެން ވިޔަސްތިމާގެ ހަވާނަފްސްއެދޭގޮތުގެ މަތީން އެކަމެއް މީސްތަކުންނާއި ސިއްރުން ނަމަވެސް ބައެއް މީހުން ކޮށްލެވޭތޯބަލާކަމީ އެފަދަ މީހުންގެ އީމާންކަމާއި މެދު ސުވާލު އުފެދޭކަމެއް

  4. އަންހެން ކުދިން ޚިތާނުކުރަން އެންމެ ރަނގަޅު އުމުރަކީ ކޮބައިތޯ؟

  5. ނިޔާޒުގެ ސުވާލުގައި ދަންނަވަން! އެންމެ ރަނގަޅީ 7 ރޭ ފެނުތެރޭގައި ( މާނައަކީ އުފަންވާތާ 7 ދުވަސްތެރޭގައެވެ.)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!