ޝިރުކުން ބަރީއަވުމުގައި ގެރި ކަތިލީ މީހުންގެ މަންހަޖުން މުސްލިމުން ދުރުވާން ޖެހޭނެއެވެ. (5 ވަނަ ބައި)

 

1 ވަނަ ބައި ވިދާޅުވޭ!

2 ވަނަ ބައި ވިދާޅުވޭ!

3 ވަނަ ބައި ވިދާޅުވޭ!

4 ވަނަ ބައި ވިދާޅުވޭ!

ސަލަފުއްޞާލިޙުންގެ މަންހަޖުގައި ހިނގުމަށްޓަކައި އެހެންނަމަވެސް ދެދިމާލަށް ދަތުރުކުރަމުންދާ މުސްލިމުންގެ ދެބައި!

އަނެއްބަޔަކު ތަޥުޙީދުގެ ނަމުގައި ތިމާމެންނާ އެއްޢަޤީދާއެއް ޤަބޫލުކުރާ މުސްލިމް އަޚުންނާ މެދު ޙައްޤަކާ ނުލައި ޣީބަބުނެ، ތިމާމެންފަދަ އަނެއް މުސްލިމުންނަކީ ކާފަރުންނަށްވުރެ ވެސް ނަފުރަތުކުރާ ބަޔަކަށް ހަދައި އެމީހުންނަށް ސަލާމްގޮވުމީވެސް ފާފައަކަށް ހަދައި، ޤުރްއާނާއި، ސުންނަތާއި، ސަލަފުއްޞާލިޙުންގެ މަތިވެރި މަންހަޖު ފަހަނަޅައިގޮސް ބިދުޢަވެރީންގެ މަންހަޖު އިޚްތިޔާރުކޮށްގެން ޚުދުތިބެގެން، ދެންތިބި މުސްލިމުންގެ ނިޔަތްތަކަށް ޙުކުމްޖަހައި، ﷲ ގެ ދީނުގެ ނަމުގައްޔާއި ޢިލްމުވެރީންގެ ނަމުގައި ދޮގުބުހުތާނު ހަދަމުން، މީސްތަކުންނަށް އޮޅުވަމުން ގެންދަނީއެވެ.

މިމީހުންގެ ތަޥުޙީދަކީ އެހެން މުސްލިމުންނާ ސަލާމްކުރުން ޙަރާމްކުރުމާއި، އެނޫން މުސްލިމުންނާ މެދު ނިކަމެތިކަމުގެ ލޮލުން ދެކުމާއި، ދީނަށް ޚިދްމަތްކުރާ މީހުންނާ މެދު މީސްތަކުންގެ މެދުގައި ނަފުރަތު އުފައްދައި އެމީހުންގެ މަސްކެއުމެވެ. 

ޔަހޫދީންނާއި ނަޞާރާއިން ވެސް މިބައިމީހުންގެ ދުލާއި މުޢާމަލާތުގައި އަމާންކަން ލިބި އެއްފަރާތެއްގައިވާއިރު، މިމީހުންގެ ޝިކާރައަކަށް އަބަދުވެސް ވެފައި އޮންނަނީ އިސްލާމްދީނަށް ޚިދްމަތްކުރާން ނިކުމެތިބި، އެމީހުންނާ އެއްޢަޤީދާއެއްގެ އަޚުންނެވެ. މޫނާއިމޫނުކަނޑައި ބިދުޢަވެރި ޙުކުމްޖަހައި މުސްލިމުންނާ ވާހަކަދެއްކުން ޙަރާމްކޮށްގެންތިބި ސަބަބުތައް ރަނގަޅަށް ހޯދައިލާ، ދެފަރާތް ބަލާލީމާ ފެނި ފާޅުވެގެންދާނީ ޖެހިފައިވާ މައްސަލަތަކަކީ އިސްލާމީ އުއްމަތުގެ އިޖްމާޢު އެކަމަކަށް ވަކިކޮޅަކަށްވެފައި ނެތް، ޢިލްމުވެރީންގެ މެދުގައި ޚިލާފްވެފައި ހުރި އިޖްތިހާދީ މައްސަލަތަކެއް ކަމުގައެވެ.

ޢަޤީދާގެ ބައެއް މައްސަލަތަކަކީ ވެސް އަހުލުއްސުންނަތު ވަލްޖަމާޢަތުގެ ބޮޑެތި ދަންނަބޭކަލުންގެ މެދުގައިވެސް އެކިބޭކަލުންނަށް ޙަދީޘްތައް އެކިމިންވަރަށް ފޯރާފައިހުރުމާއި މާނަކުރުމާއި ޙުއްޖަތް ނެގުމުގެ އުޞޫލު ތަފާތުވުމާއި މިނޫނަސް ތަފާތު އެތައް ސަބަބުތަކަކާ ހުރެ ޙަދީޘްތަކާ މެދު އިޖްތިހާދުތަކުގައި ޚިލާފެއްހުރި ކަންކަމެވެ. ނަމަވެސް ކުރީގެ ސަލަފުއްޞާލިޙުންނާއި، ސުންނަތް ޖަމާޢަތުގެ އިމާމުން މުސްލިމުންނާ މެދު ސުންނަތާއި ބިދްޢައަށް ބައިއަޅާފައި ވަނީ ޙަދީޘުން ވަކިގޮތެއް ޘާބިތުވާން އޮތްކަން އެނގި އެކަން ޤަބޫލުކޮށްފައިމެ، ތިމާ ތަބަޢަވާ އިމާމުގެ ބަސް އެއާ ޚިލާފުވެފައި ވާތީ ސުންނަތް ދޫކޮށް ޤަޞްދުގައި ތަޢައްޞުބުގެ ކަނު ޙުއްޖަތް ދައްކައި ސުންނަތް ރައްދުކުރުމުގެ މައްޗަށެވެ.

ސުންނަތަށް ތަބަޢަވުމަށް މަސައްކަތްކުރަމުންދާ މަގުގައިޖެހޭ ކުށްތަކާއި، އަރާ އޮޅުންތަކަކަކީ ޙައްޤު ފެންނައިރަށް ޤަބޫލުކުރަންހުރި މީހަކުގެ މައްޗަށް ބިދްޢަވެރިއެއް ކަމާއި، އަމިއްލަ އެދުމަށް ތަބަޢަވާ މީހެއްކަމުގެ ޙުކުމް ފަހަރެއްގައިވެސް ޖެހޭނޭ މީހެއްނޫނެވެ. މިފަދައިން މުސްލިމް އަޚާ އަށް ޙުކުމް ޖަހައި އޭނާއާ ދުރުވެ ގުޅުންކަނޑައި މީސްތަކުން އޭނާއާ ރަޙްމަތްތެރިވިޔަނުދޭން ސުންނަތްޖަމާޢަތުގެ އެއްވެސް އިމާމެއް މަންހަޖު އިޚްތިޔާރުކޮށްފައި ނެތެވެ. ޤުރްއާނަކީ މަޚްލޫޤެއް ކަމަށް ބުނަން މަޖްބޫރުކޮށް ބިރުދައްކައި އަނިޔާކޮށް ފަލްސަފާއާއި ބިދްޢައިގެ އަހުލުވެރީންގެ ބުނުމަށް އޭރު ހުންނެވި ޚަލީފާ އަހުލުއްސުންނަތުގެ ގިނަ ޢިލްމުވެރީންތަކެއް އިމްތިޙާންކޮށް ބަންދުކޮށް ބައެއް ޢިލްމުވެރީން މަރަމުންދިޔަ ދުވަސްވަރެއްގައި އިމާމް ބުޚާރީގެ އުސްތާޛް އަލްއިމާމް ޢަލީ ބުނުލް މަދީނީ ވެސް އެމައްސަލައިގައި ޖަވާބުދެއްވުމުގައި ފިތުނަވެރިވެ، ސަރުކާރުގެ އޭރުގެ ޕޮލިސީއާ ޚިލާފަށް ބަސްވިދާޅުނުވެ، ސަރުކާރުން ގެންގުޅެމުން ދިޔަ ބިދުޢަވެރީންގެ ކޮޅަށް ބާރުލިބޭނޭހެން އިޖްތިހާދުކުރައްވާފައިވުމުން ބައެއް ޙަދީޘް ޢިލްމުވެރީން ވަނީ އެބޭފުޅާގެ ޙަދީޘުން ޙުއްޖަތް ނުނެގުމަށް ފާޑުވިދާޅުވެ ލިޔުއްވާފައެވެ. ވެއަތުވެދިޔަ ކަންކަމަށް އިބްނުލްމަދީނީ ފަހުންވަނީ ތަޥުބާވެވަޑައިގެން ފައެވެ.

ކޮންމެއަކަސް މިކަމާގުޅިގެން ޙަދީޘްޢިލްމުވެރީންގެ ތާރީޚުގައި އަލްއިމާމް ޢަލީ ބުނުލް މަދީނީއާ މެދު ބައެއް ބޭފުޅުން ފާޑުކިޔައި އެބޭފުޅާގެ ޙަދީޘް ޤަބޫލުނުކުރާ ގޮތަށް ވާހަކަދައްކަވާފައި ވުމުން އަލް އިމާމުއްޛަހަބީ “މީޒާނުލް އިޢުތިދާލް” އެވެ ކިޔުނު ފޮތުގައި އެމީހުންނަށާއި ޙަޤީޤީ ބިދްޢަވެރީންނަށް ވަރަށް ފާޑުކިޔުއްވައި ވިދާޅުވެފައިވާ ޢިބްރަތްތެރި ބަސްކޮޅު އަޑުއައްސަވާށެވެ.

އާދެ! އިމާމް ޛަހަބީ ވިދާޅުވިބަސްފުޅުގައި އެކުލެވިގެންވާ މާނައީ: “ޢަލީ ބުނު މަދީނީގެ ކިބައިން އޮޅުމެއްހިގައި ފާޅުވީއެވެ. ދެން އެކަމަށް އެކަލޭގެފާނު ތަޥުބާވެލެއްވިއެވެ. އެހެރަ އަބޫ ޢަބްދުﷲ (އިމާމުލް) ބުޚާރީއަށް ބަލާލަ ބަލާށެވެ. އެމަނިކުފާނަކީ ވާހަކަދެއްކޭ ވަރަށްވުރެ މަތިވެރި މޮޅު ބޭކަލެއްމެއެވެ. އެކަލޭގެފާނުގެ މުޅި ޞަޙީޙުލް ބުޚާރީ ފުރާލައި އެއޮތީ ހުސް ޢަލީބުނުލް މަދީނީގެ ޙަދީޘެވެ. އަދި ބުޚާރީ ވިދާޅުވެފައިވެއެވެ. ޢަލީބުނު މަދީނީ ކައިރީގައި ނޫނީ ޢިލްމީ ގޮތުން ތިމަންނާގެ ނަފްސު ނިކަމެތިވެފައި ނުވާނެއެވެ. އެހެންކަމުން ޢަލީއާއި އޭނާގެ އެކުވެރިޔާ ބުޚާރީ އަދި ބުޚާރީގެ ޝައިޚު ޢަބްދުއްރައްޒާޤާއި، ޢުޘްމާން ބުނު އަބީ ޝައިބާ އާއި، އިބްރާހީމް ބުނު ސަޢުދާއި، ޢައްފާނާއި، އަބާން އާއި، އިބްނު ޔޫނުސް އާއި، އަޒްހަރުއްސައްމާން އާއި، ބަހުޒް އާއި، ޘާބިތުލް ބުނާނީ އާއި ޖަރީރާއި މިއެންމެން (ތަފާތު މީސްމީހުންގެ ވާހަކަތަކާއި އަޑުތަކުގެ މައްޗަށް ބިނާކޮށް) މިމީހުންގެ ކައިރިން ޢިލްމުހޯދުން (ސުންނަތާއި ޙަދީޘް ހޯދުން) ދޫކޮށްލާން ވެއްޖެނަމަ ޢިލްމުގެ ކިއްލާގައި ތަޅުއަޅުވައި، މިމަގު އެއްކޮށް ބަންދުވެ، ސުންނަތްތަށް މަރުވެ، އިސް މަޤާމްތަކަށާއި ޤަވުމުގެ މައްޗަށް ދީނެއްނެތް މީހުން އަރައިގަނެ އަތްގަދަކޮށް ދައްޖާލު ނިކުމެދާ ހުއްޓެވެ”.

ކަންމިހެންހުރިއިރު ތަޥުޙީދަށް ގޮވާލައި، ޝިރުކަށް އިންކާރު ކުރުމަށްވުރެ ބޮޑަށް ސަލަފުއްޞާލިޙުންނަށް ގޮވާލަނީއޭ ބުނެ މުސްލިމް އެހެން އަޚުންނާ މެދު ނުބައި ނިޔަތް ގެންގުޅެމުންދާ ކުރީން ދެންނެވި މީހުންގެ ތަޥުޙީދަކީ ހެޔޮކަންކަމަށް މީސްތަކުންނަށް ގޮވައި މުންކަރާތްތަކުން މަނާކުރާން ގޮވާލާ ބައެއްގެ މަސައްކަތްހުއްޓުވައި އެމީހުންގެ އަގުވައްޓާލުމުގެ މަޤްޞަދުގައި އެއިރެއްގައި އެމީހުން ދިރިއުޅޭ ޤަޥުމެއްގެ ވެރިއަކަށް ކިޔަމަންތެރިވާން ވާނެ ވާހަކަދައްކައި ދެންތިބީންނަކީ ވެރީންނަށް އުރެދޭން ގޮވާލާ ބައެއްކަމުގައި ދައްކައި، ﷲ އަށް އޮންނަންވީ އިޚްލާޞްތެރިކަމާއި، ވަލާއާއި ވަލްބަރާއަތްތެރިކަން ﷲ އަށްވުރެ މަތީން ވެރިމީހާ އަށް ޚާއްޞަކުރުމެވެ. އޭނާއަށް ޚުޝާމަދު ފޯރާނެހައި ގޮތްބަލައި، ތިމާމެންގެ ދުނިޔެވީ ދިރިއުޅުމުގައި ދުނިޔެވީ އެއްވެސް އުނދަގުލެއް ވެރިކަމުގެ ފަރާތުން ވެސް ނާންނާނޭ ފަދަ ގޮތަކަށް ދީނާއި ދުނިޔޭގެ ކަންކަންވެސް ބައްޓަން ކުރުމުގައި ދީނުގެ ހަމަތަކެ އްނުބަލައި، ވިޔަފާރީގައި ރަނގަޅު ނުރަނގަޅު ހޯދުމުގައި ވަރަޢަވެރިކަމެއް ބެލުމެއްނެތި، ﷲ އާއި ރަސޫލާ صلى الله عليه وسلم ގެ ދަރަޖައަށްވުރެ މަތީދަރަޖަ ވެރީންނަށާއި ތިމާމެން ޤާބޫލުކުރާ ވަކި ޢީލްމުވެރިއަކަށް ދީގެން އެކަންކަމުން މީސްތަކުން އިމްތިޙާންކޮށް، އަދި އެއީ ސަލަފުންޞާލިޙުންގެ މަންހަޖުކަމުގައި ދޮގުހަދައިގެން ނިސްބަތްކުރުމެވެ. އިސްލާމްދީނަށްހުރި ހުރަސްތައް ނައްތާލުމަށްޓަކައިކުރެވޭ ޙައްޤު ޖިހާދަށް އިންކާރުކުރުމާއި، މުންކަރާތް މަނާކުރުން އުވާލުމެވެ.

 ޚުލާޞާއަކީ މިއީއެވެ. ދަންނައެ، ޔޫސުފް ޢަލައިހިއްސަލާމްގެ ލޭއޮހޮރުވާލިކަމުގެތުހުމަތާއި އިލްޒާމުން މިނިކުއްތާ ބަރީއަވެގެންވާފަދައިން މިބައިމީހުންގެ މިބާތިލް މަންހަޖުން އުއްމަތުގެ ސަލަފުއްޞާލިޙުންވަނީ ބަރީއަވެ ދުރުވެގެންނެވެ.މިފަދަ މީހުންގެ ނުބައި ކަމުންނާއި އަދި އިސްލާމްދީނާއި އިސްލާމުންނަށް ނިކަމެތިކަން ދިނުމުގެ އެންމެހައި ވިސްނުމަކާއި އެފަދަ ވިސްނުން ގެންގުޅޭ އެންމެހާ ބައެއްގެ ނުބައިކަމުން އަހަރެމެން މާތް ﷲ ސަލާމަތް ކުރައްވާށި! އަދި އެ އަޚުންނަށް ހެޔޮވިސްނުން ދެއްވައި، ސަލަފުއްޞާލިޙުންގެ އަޞްލު މަންހަޖު އެއުރެނަށް ދައްކަވައިދެއްވައި އެމީހުންގެ ފުށުން މުސްލިމް އުއްމަތަށް ޚިދުމަތާއި ފައިދާ މިންވަރުވާނެ ގޮތްތަކަށް ތަޥުފީޤު ދެއްވާށި! އަދި އެންމެހައި މުސްލިމުންނަކީ ﷲ އެއްކައުވަންތަކުރުމުގެ ޢަޤީދާގެ މައްޗަށް އެކުވެރިކުރައްވައި ބާރުވެރިކުރައްވައި، ކާފަރުންގެ މައްޗަށް އެއުރެންނަށް ނަޞްރާއި ގަދަކަން ދެއްވާށި! އާމީން.

(ނުނިމޭ)

1 ވަނަ ބައި ވިދާޅުވޭ!

2 ވަނަ ބައި ވިދާޅުވޭ!

3 ވަނަ ބައި ވިދާޅުވޭ!

4 ވަނަ ބައި ވިދާޅުވޭ!

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!