ޝިރުކުން ބަރީއަވުމުގައި ގެރި ކަތިލީ މީހުންގެ މަންހަޖުން މުސްލިމުން ދުރުވާން ޖެހޭނެއެވެ. (3 ވަނަބައި)

  • އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތައް

1 ވަނަ ބައި ވިދާޅުވޭ!

2 ވަނަ ބައި ވިދާޅުވޭ!

މޮނިއުމެންޓުތަކުގެ ބަހަނާ:

ބުދުދީން ރަމްޒުކޮށްދޭ ގިނަ ޞޫރަތަކެއް އެކުލަވައިގެން ހަދައިފާވާ މޮނިއުމެންޓު ބެހެއްޓުމުން އެއީ ބާޠިލުތޯ ނުވަތަ ޙައްޤުތޯ ހޯދާނުލައި ބައެއްފަރާތްތަކުން ތަޢައްޞުބުގެ ކަނުޖާހިލިއްޔަތުގެ ބޮޑުމަންޒަރު ޢަމަލާއިބަހުން ދައްކާފައިވެއެވެ. އޭގެތެރޭގައި:- މިއީ މޮނިއުމެންޓެއްކަމާއި، ބުދެއް ނޫންކަމާއި، ފިހާރަތަކުގައި ކުރީންވެސް ބުދު ހުންނަކަމާއި، ޓީވީޗެނަލްތަކުންވެސް މިފަދަ ތަކެތިފެންނަކަމާއި، އަނެއްބަޔަކު މިކަމުގައި ބައެއް ސިޔާސީމީހުންވެސް ބައިވެރިވާތީ ސިޔާސީކަމަކަށް އެއްޗެއްބުނާން ބޭނުން ނުވާކަން ހާމަކޮށް، ސިޔާސީ ބަހަނާގައި ކަމުންރެކުމާއި، ސާކް ސަމިޓަށް ބުރޫއަރައިގެންގޮސްފާނެތީ ސާކް ނިމެންދެން އިހަށްމަޑުކޮށްލާން ވާހަކަދައްކަމުންވެސް ގޮސްފައިވެއެވެ. މިނޫންވެސް ތަފާތު އަޑުތަކެވެ. ބަޔަކުމީހުންގެ އަޤީދާގެ ޙުރުމަތްކަނޑައި ޤާނޫނުގެބާރު ކަނޑުވަމުންދާ ތަނެއްގައި ސަރުކާރުން އަޅާނުލައި ފަރުވާލެއްނުބަހައްޓާއިރު ރައްޔިތުންވެސްވީ އިހަށްމަޑުކޮށްގެން ވާނެއެއްޗެއްވާން ވަރިހަމަކޮށްލައިގެން ތިބޭންހެއްޔެވެ.؟ ހަމަޔާއި އިންޞާފަކީ ކޮބައިހެއްޔެވެ؟ ޤާނޫނުތަކާއި ޤަޥާޢިދުތަކުގެ ބޭނުމަކީ ފަހެ މިއީހެއްޔެވެ؟

ވެރީން އިސްލާމީ އަޤީދާއަށް ގޮންޖަހައި، ޤާނޫނުތައް މުގުރާނަމަ އިސްލާމްދީން ޙިމާޔަތްކޮށް ޤާނޫނު ހިފެހެއްޓުމަށް އެތަނެއްގެ ރައްޔިތުން ތެދުވުމަކީ ބާރުލިބިގެންވާ ކަމެއްކަމުގައިވެސް ޤަބޫލުކުރަންޖެހެއެވެ. ޤާނޫނަކީ ވަކިބަޔަކު މުގުރާން ޙައްޤު އޮންނައެއްޗަކަށް ވެގެންނުވާނެއެވެ. ދެން މިހުރިހާ ބަހަނާއަކަށް ރައްދުދޭކަށްނެތީމެވެ. ސަބަބަކީ މި އެއްވެސް ބަހަނާއަކީ އިސްލާމީ ޠާހިރު ބިމެއްގައި އަލުން ޝިރުކު އާލާކޮށް ގިނަކުރުމަށް ތަންދޭން ދޫކޮށްގެންތިބުމުގެ ބަހަނާތަކެއްނޫނެވެ. ސިޔާސީ ބައެއްފަރާތްތައްވެސް މިކަމާ އިންކާރުކުރަން ތެދުވީތީއޭބުނެ އެއީ ބަހަނާއެއްކަމުގައި ހަދައި ބުދުތަކަށް އިންކާރުކުރާން ނިކުތްމީހުންނާދިމާކޮށް އެމީހުންގެމައްޗަށް އިންކާރުކުރާން ފެށުމަކީ ހަމަ މުނާފިޤުކަންނޫން އެހެންކަމެކޭ ބުނެވޭނެ ޖާގައެއް އެބައޮތްބާވައެވެ؟ މީގެ ކުރީން 2007 ވަނައަހަރު ލަނޑާގިރާވަރުގައި ވަގުތީބުދެއް ބެހެއްޓުމުންވެސް ހަމަ ޣީރަތްތެރި މުސްލިމުން އިންކާރުކުރާން ތެދުވޫއެވެ. އަދި އެމީހުނާއިއެކު މިހާރު ވެރިކަންކުރާސަރުކާރުގެ ޕާޓީގައިހިމެނޭ ކިތަންމެބަޔަކު ނިކުމެ އެކަމުގައި އަޑުއުފުލިއެވެ. އެތަންވަޅު އޭރުގެސަރުކާރަށް ތާއީދު ކުރާފަރާތްތަކުންވެސް ހަމަ މިހާރުގެ ސަރުކާރަށް ތާއީދުކުރާފަރާތްތަކުން ދައްކަމުންދާ ވާހަކަފަދައިން ތަފާތު އެތައްވާހަކައެއްވަނީ ދައްކާފައެވެ. އޭގެތެރޭގައި އެއީ ފުޅިމަދުން ހަދައިފާހުރި އެއްޗެއްކަމަށްބުނެ އެ ބުދުބެހެއްޓުމުގެ ދިފާޢު ކުރާމީނުންވެސް މީޑިއާއިން ހާމަވެފައިވެއެވެ.

(ނޯޓް: އިސްވެދިޔަ ގިނަބަހަނާތަކަށް ތަފްޞީލީ ރައްދެއްދީ ވާހަކަދައްކާކަށް ނެތީމޭ މަތީގައި ބުނެފައިވަނިކޮށް، އަދި ޝާއިޢުކުރުމަށްޓަކައި މުޅިލިއުންވެސް އެއްކޮށް ފޮނުވާފައިވަނިކޮށް އަދި ލިޔުމުގެ ކުރީބައިވެސް ރާއްޖެއިސްލާމް ޑޮޓްކޮމް އާއި ދިއިސްލާމް ޑޮޓްކޮމްގައި ޝާއިޢުވެސް ކޮށްފައިވަނިކޮށް މިއަދު ކުއްލިޔަކަށް އަހަރެންގެ ގާތް އަޚަކު ގުޅާފައި ވަރަށް ފާޑެއްގެ ލިޔުމެއް އިންޓަނެޓްގެ ޚަބަރުނޭނގޭ ސައިޓެއްގައި މީހަކު ލިޔެފައިވާތީ ފެނިގެން ބުނުމުން އެލިޔުން ފޮނުވައިދިނުމަށް އެދުނީމެވެ. ދެން އެ އަޚާ އެލިޔުން ފޮނުވުމުން ކިޔާލިއިރު އެއީ 17ވަނަ ސާކް ސަމިޓްގައި ހިނގައިދިޔަ ބުދުމޮނިއުމެންޓުތަކުގެ މައްސަލައިގާ އިންކާރު ފާޅުކުރާން ތެދުވި ތަފާތު ފަރާތްތަކާއިމެދު، ލިޔެފައިވާ ޙަޤީޤަތެއްނެތް ބުހުތާނު ދޮގު އިލްޒާމް އަޅުވައި، ޙަސަދައެއްފިލުވާލުމަށް  ބަޔަކު ލިޔެފައިވާ ލިޔުމެއްކަން ޔަޤީންކުރެވުނެވެ. އެހެންކަމުން މީގެ ޙަޤީޤަތާއި މެދު ކޮންމެވެސް ބަހެއް މަޟްމޫނުގެ ތެރޭގައި ހިމަނައިލުމީ ދެފަރާތް ކިރާލަން ބޭނުން އިންޞާފްވެރި މީހަކަށް އަލިކަމަކަށް ވެގެންދިއުމާއި ،ލިޔުނު މީހުންނަށް ނަޞީޙަތެއްގެގޮތުންނާއި ދެންތިބީންނަށް ޢިބްރަތެއްގެގޮތުގައި ވާނެކަމެއްކަމުގައި ދެކެމެވެ. އެހެންކަމުން ލިޔަމެވެ.

އާދެ! މާލޭ ފިހާރަތަކުގައި ޕްލާސްޓިކާ ފައިބަރާއި ލަކުޑިއާއި ދަގަނޑުންވެސް ހަދައިގެން ވިއްކާށާއި ބަހައްޓާން ހުންނަ ބުދުތަކާއި، ގެސްޓް ޝޮޕްތަކުގައި ސްވެނިއަރގެ ގޮތުގައި ވިއްކަން ހުންނަ މަކުނާއި، އެތާއި، ހަނޫމާން އާއި ޝިވާ އަދި ކްރިޝްނާ ފަދަ ތަކެތި ހުރެގެން އިންކާރުކޮށް މީހުންދައްކާ ވާހަކަ އަޑު ނީވޭވާހަކަ ބުނެ، މިހާރު ބެހެއްޓި ޝިރުކުގެ މައާޘިރުތަކަށް ހިޔާއަޅާން މަސައްކަތްކުރަނީއެވެ. ބަހަނާއަކީ މިހާރު މިބެހެއްޓި ތަކެއްޗަށްވެސް އިންކާރު ކޮށްގެންނުވާނެކަމުގެ ބަހަނާއެވެ. އެންމެފުރަތަމަ ފާހަގަކޮށްލަންޖެހެނީ އިސްވެދިޔަ ތަކެއްޗަކީވެސް ރާއްޖޭގައި ޢިލްމުވެރީން އިންކާރުކުރަމުން މިއަދާއި ހަމަޔަށްވެސް އައިތަކެތިކަމެވެ. އަދިމިހާރުވެސް އެތަކެއްޗަށް އިންކާރު ކުރުމަށްޓަކައި އަލަށް މީހަކު ނިކުތްނަމަވެސް އެމީހަކާ ޢަދާޥާތްތެރިވެ، އެމީހަކާ ޖައްސާލާނޭ ޢިލްމުވެރިޔަކު ހުންނާނެއެކޭ ނުބުނެވޭހުއްޓެވެ. މިކަން ޤަބޫލުނުކުރާނީ ދީނީ މައިދާނުގައި ތޮށިހަރުނުވާ، ޝަރީޢަތުގެ ޢިލްމުގައި މަދު ނުބެދޭ މީހުންނެވެ. އެއީ ޢައިބެއް ނޫނެވެ. ނޫނިއްޔާ އަމިއްލަ އެދުމާއި ހަވާނަފްސުގެ ޚާދިމުންނެވެ. ނޫނީ ޙަސަދަޔާއި ބޮޑާކަމުން ޙައްދުން ބޭރުވެފައިވާ ބަޔެކެވެ. އަދި އެއީ ބަލިމަޑުކަމެކެވެ. أسأل الله السلامة والعافية!

އެހެންޏާފަހެ ރާއްޖޭގައި ފާޅުގައި މުންކަރެއް މަނާކުރާންބަޔަކު ނިކުންނައިރަށް އެމީހުނަށް ހިތްވަރުދީ ވާގިވެރިވުމުގެ ބަދަލުގައި ފުރަތަމައިނުންވެސް އެބަޔަކާ ދިމާލަށް އިންކާރުގެ ހުރިހާ ވަސީލަތްތަކެއް ތޫނުކޮށް ހުރަހަށާއި ދިގަށްބޭނުންކޮށް، ޛާތީގޮތުން ދިމާކުރުމީ މުޑުދާރުޑިމޮކްރަސީގެ އަޅުންގެފުށުންނޫނީ ނުފެންނާނެ ކަންކަމެވެ. ރައްޔިތުން ޣާފިލްކަމުގައި ތިއްބާ މީހުން ދިރި އުޅޭރައްރަށުގައި މިހާރުގެ ސަރުކާރުން ބަނގުރާ ވިއްކާން އުޅުމުން އެކަމާ އިދިކޮޅަށް ތެދުވެ އަޑުއުފުލިމީހުންނާ އެއްބައި ނުވާތާނގައި ހަނުތިބި ނަމަވެސް ލާހިކުވެއްޖައީހެވެ. ނަމަވެސް އެކަމާވެސް އިދިކޮޅުވެ، ކުރީ ސަރުކާރުން ރާވިއްކާފައިވުމާއި މިފަދަތަފާތު އެތައް ވާހަކަތަކެއްގެ ނިވަލުގައި މިބައިމީހުން ބޯދަމައިގަނެގެންތިބެތެވެ. ރަލަކީ ﷲ ޙަރާމްކުރެއްވި އެއްޗެއްކަން ނުދަންނަ އިސްލާމަކު ނޫޅޭނެއެވެ. އެހެންކަމުން ބަޔަކު ނޭނގޭ ކަމަށް ހެދިޔަސް، ޤަބޫލުކުރާން ބޭނުން ނުވިޔަސް ނުވަތަ މިހާރުގެ ސަރުކާރުން މީހުންދިރިއުޅޭ ރަށްރަށުގައި ރާވިއްކާން އުޅުން ރަނގަޅުކަމުގައި ހަދާން ބަހަނާއަކަށްހެދިއަސް ޙަޤީޤަތަކީ ރަލާއި އިދިކޮޅަށް ކުރީ ސަރުކާރުގެ ދުވަސްވަރުގައިވެސް ވާހަކަދެއްކުމުގެ ސަބަބުން ޢިލްމުވެރީން  ވަނީ ހައްޔަރުކޮށް، ތަޤްރީރުދިނުންވެސް މަނާކޮށްފައިކަން ހަދާނުންފިލައި އަދި ނުދާކަމެވެ. ރާއްޖޭގެ ތަޢުލީމީމަންހަޖު ބަދަލުކޮށް އިސްރާއީލަށް ހަމްދަރުދީވާނޭހެން މުޤައްރަރުގައި ހިމަނައި، ވިޔަފާރިއާއި ބޭސްފަރުވާކުރުމާއި، ޢަސްކަރީ ނިޒާމްގައި ބައިވެރިވުމުގެ އެއްބަސްވުމެއްގައި ޒަޔަނިސްޓު ޔަހޫދީންނާއިއެކު ދިވެހިސަރުކާރުން އެއްބަސްވަމުންދާތަން ފެނި؛ އެކަމާ އިދިކޮޅަށް އިންކާރު ކުރިމީހުންނާވެސް ބަޔަކު އިދިކޮޅުހެދީ ކުރީސަރުކާރުންވެސް އިޒްރޭލާ ގުޅުން ބަދަހި ކުރިކަމަށް ބުނެ އެއީދަލީލެއްކަމުގައި ހާމަކޮށްގެންނެވެ. އިސްލާމީ ޝަރީޢަތް ޤާއިމްކޮށްދިނުމަށް އަޑުއުފުލާން ބަޔަކު ތެދުވުމުންވެސް ފަހަތަށް ޖެހި ބަޔަކު ފަރުދާވެގަތީ ހަމަ މިބުނެވިދިޔަ ޙުއްޖަތުގެ ނިވަލުގައެވެ.

ނަމަވެސް ޙައިރާންވާންޖެހޭ މަންޒަރަކީ ކުރީސަރުކާރުންވެސް ގެންގުޅެ ޢަމަލްކުރަމުންދިޔަ ދީނީއެއްބައިވަންތަކަން ޙިމާޔަތް ކުރުމާ ބެހޭ ޤަޥާޢިދާއި މެދު ފެނިގެންދިޔަ ސިޔާސަތެވެ. އެ ޤަޥާޢިދު މިސަރުކާރުންވެސް އޭރުއޮތްގޮތަށް ބާއްވައިގެން ޢަމަލްކުރަމުންގޮސް އަލުން އިޞްލާޙްކުރާވާހަކަ އިޢުލާންކުރުމުން އެ ޤަޥާޢިދު އަލަށް އެކުލެވެމުންދާގޮތާއިމެދު 13 ޑިސެމްބަރު 2009 ގައި ޖަމްޢިއްޔަތުއްސަލަފް އިން ވަނީ ފާޑުކިޔައި އިޞްލާޙް ކުރުމަށް އެދިފައެވެ. އެއާއިއެކު ސަރުކާރުން ޤަވާޢިދަށް ޢަމަލުކުރަމުންދާތާ ދެއަހަރާއި ބަޔަށްވުރެވެސް ގިނަދުވަސްވުމަށްފަހު އިހަކަށްދުވަހު އެޤަޥާޢިދު ނެރުމުން އެ މުޅިޤަޥާޢިދު ބާޠިލްކޮށް އުވާލުމަށް ބަޔަކު ތެދުވިތެދުވުމާއިވިދިގެން؛ ކުރީސަރުކާރުން ވެސް ހަމަ މި ޤަވާޢިދަށް ޢަމަލުކޮށްފައިވާތީ މިހާރު އިންކާރުކުރުމުގެ ބޭނުމެއްނެތް ކަމަށްބުނެ އެބަހަނާ ހަދައިގެން އެމީހުންނާއި އިދިކޮޅަށް ބަޔަކު ނުކުމެ އިންކާރުކުރި އަޑެއް މިހާތަނަށް އިވިފައެއް ނެތެވެ.

އަދި ބައެއް ރަށްރަށުގައި އިސްލާމިކް މިނިސްޓަރުގެ އިސްތިޢުފާ އަށް ގޮވައި މިބައިމީހުން މުޒާހަރާކޮށް، ހެދިއިރުވެސް ތިޔައީ ސިޔާސީކަމެކޭބުނެ ބަޔަކު އެކަމަށް ހުރަސްއަޅާން ވާހަކަދެއްކިތަނެއްވެސް ނުމެ ފެނުނުމެއެވެ. މިއާއި އެކުގައިވެސް ޙަޤީޤަތަކީ އެޤަޥާޢިދުގައި އިސްލާމްދީން ޙިމާޔަތްކުރުމުގެ ވަރަށް ވަރުގަދަ މާއްދާވެސް އެބަހުރިކަމުން އެމުޅި ޤާނޫނާއިޤަޥާޢިދު އެއްކޮށް ބާޠިލް ކޮށްލައިފިނަމަ؛ އިސްލާމްދީނަށް ހަޖޫޖަހަމުން ފާޅުގައި ޢަދާޥާތްތެރިވަމުންދާ ފަރާތްތަކާއި ދީންޤަބޫލުނުކުރާ ފަރާތްތަކަށް ޖައްވު ހުސްވެ، މައިދާން އަމާންވެގެން ދިއުމެވެ. އަދި މިއީ ވަރަށްބިރުވެރި، ނުރައްކާތެރި، ކުރިމަގުގައި އިސްލާމްދީނަށާއި އިސްލާމުންނަށްހުރި ނިކަމެތިކަމެއްކަމުގައި މިބިމުގައިވެގެން ހިނގައިދާނެކަމެކެވެ. ދީނަށްލޯބިހުރި ދުރުވިސްނޭ އެއްވެސް މީހަކު އެގޮތް ބޭނުންނުވާނެކަން ޔަޤީނެވެ. ނަމަވެސް މިއަދު ސަރުކާރުގައިތިބި އިސްލާމްދީނާއި ޢަދާޥާތްތެރި ފަރާތްތަކުން ބޭނުންވާ ގޮތަކީވެސް އިސްލާމްދީން ޙިމާޔަތްކުރުމުގެ އެއްވެސް ޤަޥާޢިދެއް ރާއްޖޭގައިނެތި މިހާރު ދީނަށްއޮތް ހައިބަތާއި ޤަދަރުވެސް ގެއްލުވައިލުމެވެ. ކޮންމެޔަކަސް  މިބައިމީހުންގެ މަޤްޞަދު މޮޅަށް ދެނެވޮޑިގަންނަވާނީ މާތް ﷲ އެވެ. ޙައްޤަކީ ދޮގާއިއޮޅުވާލުމަކުން ކަފުންކުރެވޭނޭ އެއްޗެއްނޫނެވެ. މާތްﷲގެ އަޅުތަކުންނާއިމެދު ޤަޞްތުގައި ދޮގުހަދައި، އިލްޒާމުއަޅުވައި ބޮޑާވެގަންނަނަމަ ދުނިޔެމަތީގައިވެސް ފަޟީޙަތްވެގެންދާނެކަން ހަނދުމަކޮށް އެންމެހައި އަޚުންނާއި އުޚްތުން ﷲއަށް ބިރުވެތިވުން ހުއްޓެވެ. ذكرى وما كنا ظالمين

رَسُولُ اللَّهِ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވެއެވެ.” مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ ” ( متّفق عليه )
މާނައީ ” ﷲ އާއި އަދި އާޚިރަތްދުވަހަށް އީމާންވާ މީހަކުކަމުގައިވަނީނަމަ ފަހެ ހެޔޮ ބަސްބުނާށެވެ. ނޫނިއްޔާ ހަނުހިމޭނުން ހުންނާށެވެ”) .

( ނުނިމޭ )

1 ވަނަ ބައި ވިދާޅުވޭ!

2 ވަނަ ބައި ވިދާޅުވޭ!

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ފުރިހަމަ

  2. މާޝާﷲ ވަރަށް ފުރިހަމަ.. ތީގެ 4 ވަނަ އަދަދުގެ އިންތިޒާރުގައި.. ﷲ ޙައްޤު ބަޔާން ކުރާ ޢިލްމުވެރީންނަށް ރައްކާތެރިކަން ދެއްވާނދޭވެ.. އަދި މުނާފިޤުންގެ މުނާފިޤުކަން ފާޅުކުރައްވާށި.. މިމައްސަލާގައި އަމަލުން ބައިވެރިވިމީހުންނާއި އެކަން ކުއްވެރި ނުކުރި މީހުންނާއި، އެކަން ކުރަން ބޭނުންވެފައިތިބީމީހުންނަށް ހަލާކު ކުރައްވާށި ނުވަތަ އެބައިމީހުނަނަށް ހިދާޔަތް ދައްކަވާށި! ޔާﷲ އިބަﷲގެ ދީނަށް ނަސްރު ދޭނި ހިއްވަރުގަދަ ފަހުލަވާނުނަތަކެއް މިބިމުން ނެރުއްވާނދޭވެ! މުނާފިޤުންގެ އަނގަތަށް މައިތިރި ކުރައްވާނދޭވެ.. އަބަދުވެސް މިޤައުމް އިސްލާމް ކަންމަތީ ލަހައްޓަވާށީ.. އާމީން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!