ޝިރުކުން ބަރީއަވުމުގައި ގެރި ކަތިލީ މީހުންގެ މަންހަޖުން މުސްލިމުން ދުރުވާންވާނެއެވެ. (1 ވަނަބައި)

  • ހިތަދޫގައި ބެހެއްޓި ބުދުތައް އަދި އެބުދުތަކުގެ ޙިމާޔަތުގައި ފުލުހުން ފޯރިމަރަނީ

ސާކްސަމިޓާއި ދިމާކޮށް ދިވެހިރާއްޖޭގެ މުސްލިމުންގެ ބިމުގައި ޝިރުކުގެ ބިނާއެއް ސަރުކާރުން ހުއްދަދީގެން ބެހެއްޓުން ވެގެންދިއައީ ޤަޥުމުގައިތިބި ޣީރަތްތެރި އަޚުންނާއިއުޚްތުންގެ އިޙްސާސްތަކާއި ކުޅެލިކަމަށެވެ. އޭގެ އެއްދުވަސްކުރީންވަނީ ޢީސާ ޢަލައިހިއްސަލާމްގެ ޞޫރަކަމުގައި ކްރިސްޓިއަނުން ދެކޭ ﷲ ފޮނުއްވި މާތްވެގެންވާ ނަބިއްޔެއްގެ ޙުރުމަތާއި ކަރާމާތަށް ދިވެހިބިމުގައި އަދި އިސްލާމުންގެތެރޭގައި އިހާނެތިކޮށްހިތޭނޭހެން ޞޫރަކުރަހައި؛ ރަސްމީކޮށް ބެނަރ އުފައްދައި ދަމާފައެވެ. ކޮންމެއަކަސް މިކަންކަމާހުރެ ޢިލްމުވެރީންނާއި ދީނަށްލޯބިކުރާ ޒުވާނުން ތަފާތު ގޮތްގޮތަށް އިންކާރުކޮށް، އިދިކޮޅުހެދުމަށް ނިކުތުމުގެ ތެރޭގައި އެއްބަޔަކު ހައްޔަރުކޮށް ތަފާތު ޙާދިޘާތައް މިވަނީ ހިނގާފައެވެ. މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރުމަށް މާތް ﷲ ގަންދީ ހުވައި ކުރައްވައިގެން ތިއްބެވި ފުލުހުންވެސް ﷲފިޔަވައި އަޅުކަންވެވޭ އެހެންއިލާހުންތަކުގެ ރަމްޒުތައް ދިވެހިބިމުން ފުހެލާން މަސައްކަތްކުރުމުގެ ބަދަލުގައި؛ މިފަހަރު ފެނިގެން މިދިޔައީ މީސްތަކުން އަތުންހަދާފައި ހުރި ބާޠިލްކަލާނގެތަކުގެ ރަމްޒުތަކުގެ ޙިމާޔަތުގައި ފޯރިމަރާތަނެވެ. އަދި ދިވެހިދީބުގައި ތަޥުޙީދު ޙިމާޔަތްކޮށް، ޝިރުކު ނައްތާލައި، ރާއްޖޭގެ ޤާނޫނު އަސާސީގެ އިސްތިޤްލާލްކަން ދަމަހައްޓަން މަސައްކަތްކުރި ދިވެހި ދަރީންތަކަކާއި ކުރިމަތިލުމަށް ޖެހިލުމެއްނެތި ފުލުހުން ނިކުތްތަނެވެ. އެހިނދު ޞިފަވެގެން ދިޔައީ މާތް ﷲ ޔާސީން ސޫރަތުގައި ތަޞްޥީރުކޮށްދެއްވާފައިވާ މަންޒަރެވެ. އެކަލާނގެ ޥަޙީ ކުރައްވާފައިވެއެވެ. ” وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَةً لَعَلَّهُمْ يُنْصَرُونَ لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُنْدٌ مُحْضَرُونَ” މާނައީ” އެމީހުންނަށް ވާގިލިބޭނޭކަމަށް ﷲ ފިޔަވައި އިލާހުންތަކެއް، އެމީހުން އެތިބީ ހަމަޖައްސައިގެންނެވެ. އެމީހުންނަށް ނަޞްރުދިނުމުގެ ޤާބިލުކަމެއް އެތަކެތީގައި ނުވެއެވެ. އެތަކެތިވަށައިގެން ފާރަވެރިވެތިބެ ޙިމާޔަތްދޭ ލަޝްކަރެއްގެގޮތުގައި އެވަނީ ޚުދު އެބައިމީހުންނެވެ.”

ޝިރުކުޙިމާޔަތްކުރުމުގެތެރޭގައި މަރުވެއްޖެނަމަ އެމީހަކު ޤިޔާމަތްދުވަހު ކާމިޔާބު ނުވާނެކަން ޔަޤީނެވެ. ބުދުތަކުގެ ފާރަވެރިކަމުގައިހުރެ މަރުވެއްޖެމީހާ މަރުވާނީ ކުފުރުމަރަކުންނެވެ. އެމީހަކަށް ލިބޭނީ ޖާހިލިއްޔަތުގެ މެޑެއްޔެވެ. ޝަހީދުވުމުގެ މެޑެއްޔެއްނޫނެވެ. ކޮންމެ ކަމަކީވެސް އެކަމަކުން ރެކޭންވެއްޖެ ނަމަ ތަފާތު ބަހަނާތަކާއި ހަމަދެއްކޭނޭ ކަންކަމެވެ. ﷲ ފިޔަވައި އަޅުކަންކުރެވޭ ބުދުތަކަކީ ރާއްޖޭގައި ޤާނޫނީގޮތުންވެސް މަނާ ތަކެއްޗަށްވާއިރު އެ ޙިމާޔަތްކުރުމަށް “މަތީން” އޯޑަރު އަޔަސް، ވެރިމީހާ އެންގިއަސް، ތިމާމެންނަށް ދީނީގޮތުންނާއި ޤާނޫނީގޮތުންވެސް އެފަދަ އަމުރުތަކަށް ބޯނުލެނބުމުގެ ބާރުވަނީ ލިބިދީފައިކަން އެންމެހާ ރައްޔިތުންނަށް އެނގެންޖެހިއްޖެއެވެ. ވެރީންނަށް ކިޔަމަންވާން ޖެހެނީވެސް މާތް ﷲ އަންގަވައިގެންނެވެ. ﷲ އަށް ޙަރާންކޯރުވާގޮތަށް ވެރީންނަށް ކިޔަމަންވުމަކަށް އިސްލާމްދީނުގައި އަންގަވާފައެއް ނުވެއެވެ. އަދި އިސްލާމީ އުއްމަތުގެ އެއްވެސް ދަންނަ ބޭކަލަކުވެސް އެގޮތަށް ވިދާޅުވެފައެއް ނުމެނެތްމެއެވެ. ﷲ އާއި ޢަދާޥާތްތެރިކަން ފާޅުކުރެވޭ އެއްވެސް އަމުރަކަށް ބޯލެނބުމީ ތިމާގެ އަޅުވެތިކަން ﷲ ފިޔަވައި އެހެންފަރާތަކަށް ލަނބައިލުންކަން މުސްލިމުން ދަންނަން ޖެހޭނެއެވެ. އެއީ ބޮޑު ޝިރުކެވެ. ދުނިޔޭގެ މަފާދަށްޓަކައި އެކަންއެގޮތަށް ކުރާންބޭނުންމީހަކުނަމަ އެނގިހުރެ ﷲ ގެ ކޯފާޔަށް ހުށައޮޅިގަންނަނީއެވެ. އަދި މި އުޞޫލު ދަސްނުވާމީހަކު އިސްލާމީ ލަޝްކަރުގެ ތެރެއިންވުމަކީ ލަދުވެތިވާންޖެހޭ ކަމެކެވެ. ޔުނީފޯމްގައި ހިމެނޭ ބެރޭ އާއި ބެގީ އަދި ފަޓްލޫނު ވަކިގޮތަކަށް، ވަކިމިނަކަށް ބެހެއްޓުމަށް ގެންގުޅޭ ހަރުކަށިކަމަށްވުރެ؛ ﷲ ގެ ދީނުގައި ހިފަހައްޓައި، އެކަލާނގެ އެއްކައުވަންތަކަން ނަފީކުރާ ކަންކަމުން އެއްކިބާވުމަށް ގެންގުޅެންޖެހޭ ހަރުކަށިކަން އާޚިރަތުގައި މާ ފައިދާ ބޮޑުވެފައި ރަނގަޅުވާނެއެވެ. މާ ޢިއްޒަތްތެރިވާނެމެއެވެ. މާ ބާއްޖަވެރިވެސް ވާނެއެވެ. “بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا (16) وَالْآخِرَةُ خَيْرٌ وَأَبْقَى” އަދިކިއެއްތަ، ތިޔަބައިމީހުން އިސްކަން ތިޔަދެނީ ކައިރީގައިވާ ދުނިޔޭގެ ދިރިއުޅުމަށެވެ. އެހެނެއްކަމަކު ހެޔޮވެފައި ދެމިހުންނަ ހުށީ އާޚިރަތުގެ ގޮވައްޗެވެ.

އޭ އެންމެހާ އަޚުންނާއި އުޚްތުންނޭވެ! މާތް ﷲ ދީން ޙިމާޔަތް ކުރުމަށްވުރެ އިސްކަމެއް މުސްލިމަކު އެހެންކަމަކަށް ދޭންނުޖެހޭނެކަން ހަނދުމަކޮށް، އެކަލާނގެ އަށް ބިރުވެތިވުން ޙައްޤުގޮތުގައި ބިރުވެތިވާށެވެ. ތިޔަބައިމީހުންނީ ﷲ އަށް އަބަދުމެ ބޭނުންޖެހިފައިވާ އެކަލާނގެ އަޅުންނެވެ. އެހެން ފަރާތެއްގެ އަޅުންނެއް ނޫނީމުއެވެ. فاطر  ސޫރަތުގައި މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. ” يَا أَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ (15) إِنْ يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ (16) وَمَا ذَلِكَ عَلَى اللَّهِ بِعَزِيزٍ” އޭ އެންމެހާ މީސްތަކުންނޭވެ! ﷲ އަށް ބޭނުންޖެހިފައިވާ ބަޔަކީ ހަމަ ތިޔަބައި މީހުންނެވެ. ﷲ އީ ހަމަ ފުދިވޮޑިގެންވާ، ޙަމްދުލިބިވޮޑިގަންނަވާ ރަސްކަލާނގެމެއެވެ. އެކަލާނގެ ބޭނުންވެވޮޑިގަންނަވައިފިނަމަ ތިޔަބައިމީހުން ގެންގޮސް ނެތިކުރައްވައި، މުޅީން އާ ބަޔެއް ގެނެސްފާހުއްޓެވެ. އަދި އެކަން އެގޮތަށްކުރެއްވުމަކީ ﷲ އަކަށް އެއްވެސް ވަރެއްގެ އުނދަކޫކަމަކަށް ނުވެއެވެ.”
(ނުނިމޭ)

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ފުލުހުން ވެސް އަދި ސިފައިންވެސް ޖެހޭނެ އިސްލާމްދީނާ ހިލާފުވާ ކޮންމެ ކަމަކަށް ހުރަސް އަޅަން. ވަރަށް ދެރަވެއްޖެ.

  2. ﷲޝައިހައް ހެޔޮޖަޒާދެއްވާށި މީގަސްތުގަ މުސްލިމުން ރުޅި އެރުވުމައް ރައީސްކުރާކަމެއް މިފަދަ ދަށުދަރަޖައަކައް މުސްލިމު ވައްޓާލި އިރު މާއްދިއްޔަތުގެ ދަޅައިގަޖެހިފަމިވާ ގައުމުގެ ދިފާއީ ބާރުތައް ﷲގަންދީ ކުރިދޮގު ހުވައިގެ ބަދަލު ލިބޭދުވަސް ދާދިކައިރިގަވާކަން އެބައިމީހުން ހަދާން ނައްތާލި އިއްޔެގެ ހުކުރުނަމާދައް 150 ފުލުހުންދިޔައަ ނުދީ ފޯއްމުލަކު އެއާޕޯޓު ކައިރީގަ ހިފެހެއްޓި ކޮމާޑަރ ވެސް އަބަދު މިތާނުހުން ނާނެކަން ހަދާންކުރާތި މިފަދަ އަމަލުތައް ކުން މުސްލިމުން ނާޖެއްސުންކުރާ ޔަހޫދީ ސަރުކާރު ނިކަމެތި ގޮތެއްގައި ނިމިދިއުމަކީ އަހަރެމެންގެ ދުޢާ ޔާﷲމިނުލަފާ ފާސިގު ފާޖިރުން ނިކަމެތިކުރައްވާ މުސްލިމުންނައް ކާމިޔާބު ދެއްވާދޭ

  3. ބައެއްގެ މައްޗަށް ޙަލާކަށް އެދި ދުޢާކުރުން ހުއްދަވެގެން ނުވޭ! ނަމަވެސް އަޅުގަނޑުމެން ދުޢާ ކުރަންވީ މިފަދައިން “އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އެ ފޮޓޯގައި ބުދުވަށައިގެން އެވާ އެންމެންނަށް ހިދާޔަތުގެ ހެޔޮމަގަށް މަގުދައްކަވައި އިސްލާމް ދީނުގެ ޙިމާޔަތުގައި ނުކުންނަ ފަހުލަވާނުންތަކެއް ކަމުގައި ލައްވާންދޭވެ!”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!