ނިޢުމަތްތަކުގެ ތެރެއިން – ދުޅަހެޔޮ ޞިއްޙަތު

 

 

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد   وعلى آله  وأصحابه  ومن تبعهم بإحسان إلى يوم الدين. أما بعد

އާދެ! ދުޅަހެޔޮ ޞިއްޙަތަކީ، ﷲ ތަޢާލާ އިންސާނުންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އިސްލާމްދީނުގައި ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެވިފައިވާ ނިޢުމަތެކެވެ. މިކަން ﷲ ގެ ފޮތާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ބަލައިފިމީހަކަށް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ﷲ ތަޢާލާވަނީ ޞިއްޙަތަށް ގެއްލުންވާފަދަ އެންމެހައި ކަންތަކުން ދުރުވެ ރައްކާތެރިވެ ތިބުމަށް އަމުރުކުރައްވާފައެވެ.  (وَلاَ تُلْقُواْ بِأَيْدِيكُمْ إِلَى التَّهْلُكَةِ) البقرة: ١٩٥ ” އަދި ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ނަފްސު ހަލާކުގެތެރެއަށް އެއްލާ ނުލާށެވެ.” އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ދުޅަހެޔޮ ޞިއްޙަތެއްދެއްވުން އެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދެންނެވުމަށް އުންމަތަށް އިރުޝާދު ދެއްވާފައެވެ. أَيُّهَا النَّاس لاَ تَتَمَنَّوا لِقَاءَ العَدُوِّ، وَسَلُوا اللهَ العَافِيَةَ  ” އޭ މީސްތަކުންނޭވެ. އަދުއްވުންނާއި ބައްދަލުކުރުމަށް (ހަނގުރާމައަށް) ނެއެދޭށެވެ. ދުޅަހެޔޮ ޞިއްޙަތަކަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ.”

އާދެ! ޤިޔާމަތްދުވަހު އެންމެފުރަތަމަ ސުވާލު ވެވޭ ނިޢުމަތްތަކުގެތެރޭގައި ދުޅަހެޔޮ ޞިއްޙަތުގެ ނިޢުމަތް ހިމެނެއެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ދުޅަހެޔޮޞިއްޙަތެއް ﷲ ތަޢާލާ ދެއްވާފައިވާ މީހުންނަށް، މި ނިޢުމަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ވަޞިއްޔަތްކުރައްވާފައެވެ. ﷲ ތަޢާލާ އަމުރުކުރައްވަވާފައިވާ ކަންތައްކުރުމުގައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ޙާޞިލުކުރުމުގައެވެ. اِغْتَنِمْ خَمْسًا قَبْلَ خَمْسٍ ” ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.” އޭގެ ތެރެއިން އެއްކަމަކަށް އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވަނީ وَ صِحَّتَكَ قَبْلَ سَقَمِكَ ” ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.” ނަމަވެސް މަދުބަޔަކު މެނުވީ މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައެވެ. އަގު ވަޒަނެއް ނުކުރެއެވެ. نِعْمَتَانِ مَغْبُونٌ فِيْهِمَا كَثِيْرٌ مِنَ النَّاِس: الصِّحَّةُ وَالْفَرَاغُ  ” ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ.”

އާދެ! މި ނިޢުމަތަކީ ﷲގެ އަމުރުފުޅުތަކާއި ޚިލާފަށް އުޅޭމީހުންގެ މައްޗަށްވާ ހުއްޖަތެކެވެ. އަދި އެއިލާހު އެންގެވި ގޮތަށް އުޅޭ މީހުންނަށްޓަކައިވާ ހުއްޖަތެކެވެ. އެހެންކަމުން މި ނިޢުމަތުން ފައިދާލިބޭނީ އެއިލާހު އެންގެވި ގޮތަށް އުޅޭ މީހުންނަށެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ އެބައިމީހުންނަށް މި ނިޢުމަތުގެ ފައިދާ ބޮޑެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. وَالصِّحَّةُ لِمَنْ اتَّقَى خَيْرٌ مِنَ الْغِنَى ” އަދި ޞިއްޙަތަކީ ތަޤުވާވެރީންނަށް، މުދަލަށް(މުއްސަނދިކަމަށް) ވުރެންވެސް އަގުބޮޑު އެއްޗެކެވެ.” އެހެންކަމުން މުއުމިނުން އަބަދުވެސް ދުޅަހެޔޮ ޞިއްޙަތެއް ދެއްވެވުން އެދި ދުޢާ ކުރެއެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. لَوْ عَلِمْتُ لَيْلَةَ الْقَدْرِ مَا سَأَلْتُ رَبِّيْ عَزَّ وَجَلَّ فِيْهَا إِلاَّ الْعَافِيَةَ حَتَّى أُصْبِحَ ” ތިމަންކަމަނާއަށް ލައިލަތުލްޤަދްރި އެނގިވަޑައިގެންފިނަމަ، ފަތިސްވެއްޖެއުމަށް ދާންދެން ﷲގެ ޙަޟްރަތުގައި ދުޅަހެޔޮ ސިއްޙަތެއްނޫން އެހެން އެއްޗެއް ދެއްވެވުން އެދި ނުދަންނަވާ ހުށީމެވެ.”

ފެނުމުގެ ނިޢުމަތް ދެއްވުމުން އެ ނިޢުމަތުގެ ބޭނުން ﷲ ޙަރާމް ކުރެއްވެވި ތަންތަނަށާއި އެއްޗިއްސަށް ބެލުމުގައި ހިފަމުންދާ މީހުންނޭވެ!  ތި ނިޢުމަތުން މަޙުރޫމު ވެފައިވާ މީހުންނަށް ބަލައި ޢިބުރަތް ލިބިގަންނާށެވެ. ފެނުމުގެ ބާރު ﷲ ގެންދަވައިފިނަމަ ދެން އަނބުރާ ގެނެސްދޭނީ ކާކުތޯއެވެ؟

އަޑުއިވުމުގެ ނިޢުމަތް ﷲ ދެއްވެވުމުން އެ ނިޢުމަތުގެ ބޭނުން ލަވަޔާއި މިއުޒިކާއި އަދިވެސް ﷲ ޙަރާމްކުރެއްވެވި އެއްޗެހި އަޑުއެހުމުގައި ހިފަމުންދާ މީހުންނޭވެ! ތި ނިޢުމަތުން މަޙުރޫމު ވެފައިވާ މީހުންނަށް ބަލައި ޢިބުރަތް ލިބިގަންނާށެވެ. އަޑުއިވުމުގެ ބާރު ﷲ ގެންދަވައިފިނަމަ ދެން އަނބުރާ ގެނެސްދޭނީ ކާކުތޯއެވެ؟

އަތް ދެއްވުމުން އެ ނިޢުމަތުގެ ބޭނުން މީހުންނަށް އަނިޔާކުރުމުގައްޔާއި ﷲގެ ދީނަށާއި އެ ދީނަށް ތަބާވާން މަސައްކަތްކުރާ މީހުންނަށް މަލާމަތްކޮށް އެއްޗެހި ލިޔުމުގައި ހިފަމުންދާ މީހުންނޭވެ! ތި ނިޢުމަތުން މަޙުރޫމު ވެފައިވާ މީހުންނަށް ބަލައި ޢިބުރަތް ލިބިގަންނާށެވެ. ﷲ ތިއަތުގެ ބާރު ގެންދަވައިފިނަމަ ދެން އެ ބާރު އަނބުރާ ގެނެސްދޭނީ ކާކުތޯއެވެ؟

ފައި ދެއްވުމުން އެ ނިޢުމަތުގެ ބޭނުން ﷲ ޙަރާމްކުރައްވަވާފައިވާ ކަންތައްތައް ކުރުމުގައި ހިފަމުންދާ މީހުންނޭވެ! ތި ނިޢުމަތުން މަޙުރޫމު ވެފައިވާ މީހުންނަށް ބަލައި ޢިބުރަތް ލިބިގަންނާށެވެ. ﷲ ތިފައިގެ ބާރު ގެންދަވައި ތިބާއަކީ ނުކުޅެދޭ މީހަކަށް ހައްދަވައިފިނަމަ ދެން ތިބާއަށް އެ ނިޢުމަތް އަނބުރާ ގެނެސްދޭނީ ފަހެ ކާކުތޯއެވެ؟

ދުޅަހެޔޮ ޞިއްޙަތެއް ދެއްވުމުން އެއިލާހަށް އުރެދުމުގައި އެ ނިޢުމަތުގެ ބޭނުން ހިފަމުންދާ މީހުންނޭވެ! އަދިވެސް ﷲ އަށް ބިރުވެތިވާކަށް ނުވޭތޯއެވެ؟ އެ އިލާހު ތިނިޢުމަތް ގެންދަވައިފިނަމަ ދެން އަނބުރާ ގެނެސްދޭނީ ކާކު ތޯއެވެ؟

ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަށް ވެސް ހިދާޔަތު ދައްކަވާފާނދޭވެ. އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެންވެސް ލައްވަވާށިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!