ރާއްޖޭގެ ކުރީގެ ދަންނަބޭކަލުން ވެސް އިޒާރު ތަނބިކައްޓަށް ވުރެ ތިރި ނުކުރުމަށް ވަނީ އަންގަވާފައި

  • ޙުސައިން ޞަލާޙުއްދީން – ފޮޓޯ : ދިވެހި ވިކިޕީޑިއާ

ޙުސައިން ޞަލާޙުއްދީން – ފޮޓޯ : ދިވެހި ވިކިޕީޑިއާ

ހިޖްރައިން 1432 ޛުލްޤަޢިދާ މަހުން 17 ވީ ހޮނިހިރު ދުވަހެވެ. އަދި މީލާދީމަހުން 15 އޮކްޓޯބަރ 2011 އެވެ. އެދުވަހު ހެނދުނު 8:05 އެހާކަށްހާއިރު އަޅުގަނޑާއި ދިމާވިކަމެއް ޙިއްޞާކޮށްލާނަމެވެ.

މާލޭގެ އައިޖީއެމް ހޮސްޕިޓަލް ކެންޓީނަށް ތާޒާކުރުނބާ ފަންޏެއް ހޯދުމުގެ ބޭނުމުގައި ވަދެލީމެވެ. ނަމަވެސް ބަލިމީހުންނަށް ކިރިޔާ ވާވަރަށް ކުރުނބާ ހުރިވާހަކަ ބުނުމުން ދެން ބަދަލުކޮށްލީ އެވަޤުތު ސައިތަށްޓެއްބޯލާށެވެ. އެތާނގައި މަޑުކޮށްލީ ރައްޓެއްސެއް އަންނަވާހަކަ ބުނުމުން އޭނާގެ އިންތިޒާރުގައެވެ. ކެންޓީން ތެރޭގައި މޭޒެއްކައިރީ އިށީނދެލައިގެން އިންދާ ޢުމުރުން ދުވަސްވީ ހަރުކުލައިގެ ބޭބެ އަކު އަޅުގަނޑު އިން މޭޒު ކައިރިއަށް އައިސް މަޑުކޮށްލިއެވެ. އަދި މޫނުމަތީގެ ބަހުރުވައިން ބޭބެ ބޭނުންވަނީ މިތާ އިށީންނަންކަން އެނގުނެވެ. އެހިނދު ހިނިތުންވެލުމުން ބޭބެ އެތާ އިށީނެވެ. ބޭބެއަށް ވެސް ސައި ގެނެސްފިއެވެ.

ބޭބެ އިނީ ތާކިހަލެއް އަޅައިގެން ހުދު ހެދުމެއްގައެވެ. ހިނގުމުގައި ބަރޯސާވުމަށްޓަކައި އަތުގައި އަޞާއެއްވެސް އޮތެވެ. ތުނިކޮށް ތުނބުޅިވެސް ބަހައްޓާފައެވެ. މޫނުމަތީގައި ހާސްކަމެއް ފެންނާކަށްނެތެވެ. ޢާއްމުކޮށް އެ ޢުމުރުގެ ބޭބެއަކު އެފަދަ ތަނަކުން ފެންނައިރު މިހާރު ފެންނާނީ ކޮންމެވެސް ކަންބޮޑުވުމަކާއި މޮޅިކަމަކާއި އެއްކޮށްނެވެ. ކޮންމެއަކަސް އަޅުގަނޑު ކުރިމަތީގައި އިށީނދެ އިން މި ބޭބެގެ މޫނުމަތީން ކޮންމެސް އެއްޗެއް ބުނަން އުޅޭކަމުގައި ހީވާތީ ސަލާން ގޮވާލައިފީމެވެ. ގޮވާލުމުން ހިނިތުންވުމާއި އެކު ފުރިހަމަ ޖަވާބަކުން ޖަވާބް ދިނެވެ. ކޮންރަށަކު ބޭބެއެއްތޯ އަހާލުމުން ތ.ގުރައިދޫ ކަމުގައި ބުންޏެވެ. ބޭބެގެ ޢުމުރު އަހާލީމެވެ. ބޭބެގެ ޢުމުރަކީ 79 ކަމުގައި ޖަވާބު ދިނެވެ.

ކެންޓީނުގައި އަޑު ހުރި ގޮތުން ބައެއްފަހަރު ބޭބެގެ ވާހަކަ އަޅުގަނޑަށް- އަދި އަޅުގަނޑުގެ ވާހަކަ ބޭބެއަށް- ސާފުވުން އުނދަގޫވާފަހަރު އާދެއެވެ. ޢުމުރުގެ ގޮތުން އެހާ ދޮށީބޭބެ އަކާ ދިމާވުމުން ވަރަށް ގިނަ ސުވާލުތަށް ކުރީމެވެ. ބޭބެގެ އެންމެ ކުރީގެ ހަނދާނަކަށް އައްސުލްޠާނު ޙަސަން ނޫރައްދީނު ރަދުންނަށް ކޮލިލީ ދުވަހު އެތަނަށް ބައްޕަ ދުރުވަމުން ބޭބެ ގެންދެވި ހަނދާން ފާހަގަ ކުރިއެވެ.

ފައިކުރި ތަނބިކަށީން ތިރި ނުކުރުމަށް ޞަލާޙުއްދީން ވިދާޅުވުން:

ރާއްޖޭގެ މަޝްހޫރު ދަންނަބޭކަލެއްކަމުގައިވާ އެންމެން ދަންނަ ސީރަތުގެ މުތަރުޖިމު ޙުސައިން ޞަލާޙުއްދީނާއި ބައްދަލުވި ކަމާއި ޞަލާޙުއްދީންގެ ބޭފުޅުންނާއެކު ކުޅެން އުޅުއްވާކަމުގައި ބޭބެ ކިޔައިދިނެވެ. ޞަލާޙުއްދީންގެ ބޭފުޅުންކަމުގައި ބޭބެ ކިޔައިދިނީ ޢަދްނާން އާއި އިބްރާހީމް ޝިހާބް (މަޝްހޫރު ޅެންވެރިޔާ އަދި ވާހަކަ ދެއްކުން ތެރިޔާ) އާއި ފާޠިމަތު ސަޢީދާއި އަދި މަރިޔަމް ސަޢީދެވެ. މިތަނުން މަރިޔަމް ސަޢީދު މީގެ 7 އަހަރު ކުރީން ލަންކާއިން ބައްދަލުވި ވާހަކަ ބުންޏެވެ.”  ބޭބެގެ ތަޢާރަފްގައި އެންމެފަހުން ބުނެފައިވަނީ “މިއީ ތ.ގުރައިދޫ އޯކިޑްވިލާ ޢަބްދުލްވައްހާބު” ކަމާއި ރަށަށް އައިސްފިއްޔާ ބޭބެގެ ގެއަށް އަންނަންވާނެ” ކަމުގައެވެ.

ބޭބެ ބައެއްފަހަރު ޞަލާޙުއްދީން އަށް އުދޯލި ހެއްލަވައިދޭ ކަމުގައި ބުންޏެވެ. އެއްފަހަރަކު ޞަލާހުއްދީން އުނދޯއްޔަށް ފައިންޕުޅު ނަންގަވާފައި އަތުން ކޮޅުއަތްތިލަ ހައްދަވާފައި (ހަތަރު އިނގިލި މަޅާލައި ބޮޑުވައި އިނގިލި މައްޗަށް ބަރާބަރު ގެ ނިޝާނަށްވާ ގޮތަށް) ފައިންޕުޅުގައި ޖައްސަވާފައި ވިދާޅުވިއެވެ. “ފޭރާން ހުންނަންވީ ތިރި މިނަކީ މިއީ އެވެ.”

އާދެ!  މިމިނުންބަލާނަމަ މިހާރު ފައިކުރި ހުންނަން ޖެހޭނެ ވަރަކީ ތަނބިކަށީގައި ނުޖެހި 3 އިންޗި ވަރު މަތީގައެވެ. އެހެންކަމުން  ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތަށް ލޯބިކޮށް، ދީނުގައި އޮންނަ ރަނގަޅުގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކުދީންގެ ފައިކުރި ތަނބިކައްޓަށްވުރެ މައްޗަށް ހުންނާތީ މިފަހަކަށް އައިސް ޢަޖާބުވެ ފާޑު ކިޔައި އުޅޭ މީހުންނަކީ ތަހުޛީބެއް ނެތް، ތަޢުލީމާއިވެސް ބީރައްޓެހި، ޒަމާނުގެ ފަލްސަފާއެއްވެސް ޤަބޫލުކުރަން ނުދަންނަ ބައެއްކަން ހާމަވެއެވެ.

މުއުމިނުންނަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނަމޫނާއަކަށް ފުދެއެވެ.

_____

ޙުސައިން ޞަލާޙުއްދީން ގެ މަޢުލޫމާތު ދިވެހި ވިކިޕީޑިއާ އިން ބައްލަވާ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!