އަމާނާ ތަކާފުލްގެ ޚާއްސަ އިންޓަވިއު

  • އަމާނާ ތަކާފުލް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ހަރީޒް ސުލައިމާން

ތިރީގައި މިވަނީ ރާއްޖޭގައި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އިންޝުއަރެންސް ގެ ޚިދުމަތްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ހަރީޒް ސުލައިމާން ދިއިސްލާމަށް ދެއްވި  ޙާއްސަ ބަސްދީގަތުމެއްގައި، ދިއިސްލާމްގެ ފަރާތުން ކުރެވުނު މުހިއްމު ސުވާލު ތަކާއި ހަރީޒް ދެއްވާފައިވާ ޖަވާބުތަކެވެ.

އަމާނާ ތަކާފުލްގެ ފަސްމަންޒަރާ ބެހޭ ގޮތުން ދަންނަވާނީ ކީކޭތޯ؟ އަމާނާ ތަކާފުލްއަކީ ކޮބައިތޯ؟ އަމާނާ ތަކާފުލް އުފެދުނީ ކޮންއިރަކުތޯ؟ އަދި ރާއްޖެއަށް އައީ ކޮންއިރަކުތޯ؟

އަމާނާ ތަކާފުލް އަކީ ސްރީލަންކާގައި ހުންނަ މައި ކުންފުނި. މިކުންފުނި އުފެދިގެން ދިޔައީ 1999 ވަނަ އަހަރު، މެލޭޝިޔާގެ ތަކާފުލް މެލޭޝިޔާ ކުންފުންޏާ ގުޅިގެން. އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑު ތަކާފުލް ކުންފުނި. އެއީ ސްރީލަންކާގައި އެފަދަ ކުންފުންޏެއް ތަޢާރަފް ކުރި ފުރަތަމަ ފަހަރު ކަމުން ޢާއްމުން ބަލައިގަންނަ ވިޔަފާރިއަކަށް މިކަން ހެދުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި. ޚާއްޞަކޮށް ޢާއްމު (ހުއްދަ ނޫން) އިންސިއުރެންސް އާ ތަކާފުލްއާ ހުރި ތަފާތު ބަޔާންކޮށްދިނުމުގަ. ނަމަވެސް ޝަރީޢަތާ އެއްގޮތަށް ޢަމަލުކުރުމުން ބައިވެރިންނަށް ލިބިގެންދިޔަ ފައިދާތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކުންފުނި ވެގެންދިޔައީ ވަރަށް ބޮޑު ކާމިޔާބަކަށް. ބައިވެރިވާ މީހުންގެ ޢަދަދުވެސް އަދި ކުންފުންޏަށް ލިބެމުން ދިޔަ ފައިދާވެސް ދިޔައީ އިތުރުވެގެން. މިކުންފުނި ފުޅާވެގެން ދިޔުމުން އަޅުގަނޑުމެންގެ ބޯޑުން ނިންމީ އަވައްޓެރި ޤައުމުތަކަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ފުޅާކުރުމަށް. އަޅުގަނޑުމެން މާ ދުރަށް ބަލާކަށް ނުޖެހުނު. ދިވެހިރާއްޖެއިން ރަނގަޅު މާރކެޓެއް އަޅުގަނޑުމެންނަށް ފެނުނު.

ދިވެހި ރާއްޖޭގައި އަމާނާ ތަކާފުލްގެ ޙަރަކާތްތައް ގޮސްފައިވާ ގޮތް ދަންނަވާލެވިދާނެތޯ؟

ކުރިންވެސް ދެންނެވި ފަދައިން އަމާނާ ތަކާފުލް ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އައީ 2003 ވަނަ އަހަރު. އެއީ އެޖެންސީ އޮފީހެއްގެ ގޮތުގައި. އަޅުގަނޑުމެން އޭރު މަސައްކަތްކުރަމުން ދިޔައީ އެހެން ދިވެހި ކުންފުންޏަކާ ގުޅިގެން. އޭރުވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ތަރުޙީބެއް ލިބުނު. އަޅުގަނޑުމެން ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް ބަދަލުވެ ވަކި ކުންފުންޏެއްގެ ގޮތުގައި ޙަރަކާތްތެރިވާން ފެށީ 2005 ވަނަ އަހަރުން ފެށިގެން. އެ އަހަރުން ފެށިގެން ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ވުމަށްޓަކާ ލައިސަންސަށް އެދި އެކަމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް އެ ހުއްދަ ލިބުނީ 2010 ވަނަ އަހަރުގެ މާރޗް މަހު. އެއީ އަޅުގަނޑުމެންގެ ދިވެހި ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.

އަމާނާ ތަކާފުލްއަކީ އިސްލާމީ އުޞޫލަށް އިންޝިއުރެންސް ގެ ޚިދުމަތްދޭ ފަރާތެކޭ ދަންނަވާ ސަބަބުތަކަކީ ކޮބައިތޯ؟

ތަކާފުލްގެ ރީތި ކަމަކީ ކޮބައިކަން ހާމަކުރާނަމަ ޢާއްމު އިންޝުއެރެންސްއާ ހުރި ތަފާތުތައް ބަޔާން ކުރަން އެބަ ޖެހޭ. ތަކާފުލްގައި މީހުންއަތުން ލިބޭ ޕްރިމިޔަމް ކުންފުނީގެ ފައިސާއާ އެކެއް ނުކޮށްލާނެ. އެ ފައިސާ ހުންނާނީ ވަކި ޕޫލް ފަންޑެއްގައި. މިއީ ރިސްކް ޓްރާންސްފާރ ކުރުމުގެ ނިޒާމެއް ނޫން. ނަމަވެސް ރިސްކް (ގެއްލުން) ގައި ޙިއްސާވުމުގެ ނިޒާމެއް.

އޭގެ ތެރެއިން ބައިވެރިއަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެބައިވެރިންގެ ޕޫލް ފަންޑުން އެގެއްލުން ލިބުނު ބައިވެރިއަކަށް ބަދަލު (ކޮމްޕެންސޭޝަން) ދެވޭނީ. އެހެންކަމުން ހުރިހާ ބައިވެރިންވެގެން ގެއްލުން ލިބުނު ބައިވެރިޔާއަށް އެ އެހީތެރިވެ ދެވުނީ. އެއީ ރިސްކު (ގެއްލުން) ގައި ޙިއްސާވާ ގޮތަކީ. ބަދަލު ދިނުމަށްފަހު، ޕޫލްގައި ފައިސާ އިތުރަށް ހުރެއްޖެ ނަމަ، ހުރިހާ ބައިވެރިންނަށް ބަހާލެވޭނެ. ނަމަވެސް ހުއްދަ ނޫން އިންސިޔުރެންސްގައި އެފައިސާ ބައިވެރިންނަކަށް ނުލިބޭނެ. އެފައިސާ ލިބިގަންނަނީ ކުންފުނިތަކަށް. އެހެންކަމުން، ބައިވެރިންނަށް އެންމެ ޚަރަދު ކުޑަވެފައި ފައިދާ ބޮޑުވާނީ ތަކާފުލްގައި. އަޅުގަނޑުމެން ކުންފުންޏެއް ގޮތުގައި ޙަރަކާތްތެރިވަނީ މިކަންކަން އިދާރީ ގޮތުން ބަލަހައްޓާ ފަރާތެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ލިބޭނީ އެކަމަށް ނަގާ ވަކި އަގެއް.

މީގެ އިތުރުންވެސް އަޅުގަނޑުމެން ހުއްދަ ނޫން އެއްވެސް ގެއްލުމެއް ޤަބޫލެއް ނުކުރާނަން. މިސާލަކަށް، ރިބާއަށް ބަރޯސާ ވެފައިވާ ފައިނޭންޝިއަލް އިދާރާއެއްގެ ގެއްލުން، ނުވަތަ ޖުވާ، ނުވަތަ ރަލާބެހޭ ކަންކަންވެސް ޤަބޫލެއް ނުކުރަން. މިނޫން ކަންކަމުގެ ތެރެއިން ވަރަށް ގިނަ ގެއްލުން އަޅުގަނޑުމެން ބަލައިގަންނަން. މިސާލަކަށް، ފަޔާރ އިންސިޔުރެންސް، ހަލް އިންސިޔުރެންސް..

އަމާނާ ތަކާފުލް އިން ތިދެންނެވި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ކަމުގެ ގެރެންޓީއަކީ ކޮބައިތޯ؟

އަޅުގަނޑުމެން ކުންފުނީގައި ޝަރީޢާ ބޯޑެއް އޮންނާނެ. އެބޯޑުގައި 5 ޢިލްމުވެރިން ތިއްބަވާނެ. ދިވެހި ޢިލްމުވެރިންވެސް. އެބޭފުޅުން ކޮންމެ އަހަރަކުވެސް ޝަރީޢާ އޯޑިޓެއް ކުރައްވާނެ. އޭގެ އިތުރުންވެސް، އަޅުގަނޑުމެންގެ ކުންފުނީގެ ކޮންމެ މުޢާމަލާތަކަށްވެސް އެބޭފުޅުން އެޕްރޫވް ކުރެއްވުމުން އަޅުގަނޑުމެންނަށް ކުރެވޭނީ. އަދި އަބަދުވެސް ބައްލަވަމުން ގެންދަވާނެ އަޅުގަނޑުމެން މިއުޞޫލްތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ. އެހެންކަމުން އަޅުގަނޑުމެންގެ ކޮންމެ މުޢާމަލާތެއްވެސް ކުރެވިގެން ދާނީ ޝަރީޢަތާ އެއްގޮތަށް ކަން ދަންނަވަން ޖެހެނީ. ސީއެމްޑީއޭ އިންވެސް ބައްލަވަމުން ގެންދަވާނެ، ސީއެމްޑީއޭގައިވެސް ޝަރީޢާ އެޑްވައިސަރީ ކައުންސިލެއް ހުރޭ. މީގެ އިތުރުންވެސް ކޮންމެ ފަދަ އިންވެސްޓްމެންޓަކަށް ޚަރަދުކުރަން ޖެހުނަސް އަޅުގަނޑުމެންދާނީ ޝަރީޢަތް ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރަމުން. އެހެންކަމުން އަޅުގަނޑުމެންގެ ވިޔަފާރީގައި ބައިވެރިވެވޭ ބޭފުޅުންނަށް އިރާދަކުރައްވައިފިއްޔާ ފައިދާ ލިބިގެން ދާނީ ޙަލާލް ގޮތުގައި.

 

މިފަހަރު މި ކުންފުނީގެ ޙިއްސާ ޢާއްމުންނަށް ވިއްކަން ނިންމެވީ ކީއްވެތޯ؟

އަޅުގަނޑުމެންގެ ކުންފުނިން، ކުރިން ދެންނެވިހެން، ޙަލާލް ވިޔަފާރިއެއް ކުރަމުންދާއިރު، މިކަމުގައި ދިވެހިންނަށް ބައިވެރިވެވޭނެ ގޮތެއް ނިންމެވުމަށް އަޅުގަނޑުމެންގެ ސީއީއޯ ބޭނުންވެލައްވަނީ. މީގެ ފައިދާ މުސްލިމް ދިވެހިންނަށް ފޯރުކޮށްދިނުމަށް.

އަމާނާ ތަކާފުލްއިން މި ފަހަރު ޙިއްސާ ވިއްކުމަށް ނިންމާފައިވާތީ އެކަމާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލަންވީ ނޫންތޯ؟

އަޅުގަނޑުމެން މިފަހަރު ވިއްކަން ހަމަޖެހިފައިވަނީ 8 ލައްކަ ޙިއްސާ. އެއީ ޙިއްސާއެއް 20 ރުފިޔާގެ ރޭޓުން. ބައްލަވާ ގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޙިއްސާ ބައްލަވާ ގަންނަން ޖެހިވަޑައިގަންނަވާނީ އެއް ފަހަރާ 25 ޙިއްސާގެ މަގުން. 25 ޙިއްސާގެ ޕާރސަލުން ބައްލަވާ ގަންނަން ޖެހޭނީ. އެއީ ކޮންމެ ޕާރސަލެއް 500 ރުފިޔާއަށް. އެހެންކަމުން އެންމެ މަދުވެގެންވެސް ބައްލަވާ ގަންނަ ފަރާތަކުން ޖެހޭނީ 500 ރުފިޔާއަށް 25 ޙިއްސާ ބައްލަވާގަންނަން. ނުވަތަ 25 ގެ ގުނައަކުން ޙިއްސާ އިތުރަށް ބައްލަވާ ގަނެވޭނެ.

އަމާނާ ތަކާފުލްގެ ޙިއްސާ ބައްލަވައިގަންނަން ބޭނުންވާ ފަރާތްތައް ޢަމަލުކުރަން ޖެހޭނީ ކިހިނެއްތޯ؟

މާލޭގައި އުޅުއްވާ ފަރާތްތަކުން ނަމަ ޙިއްސާއަށް އެދިލައްވާ ފޯރމް ފުރުއްވާފަ މޯލްޑިވްސް އިސްލާމިކް ބޭންކް އަށް ސީދާ ހުށައަޅުއްވަންވީ. އަޅުގަނޑުމެން އެ ބޭންކާއެކު މިކަމުގައިވާނީ ކަންތައްތަކެއް ހަމަޖައްސާފަ. އެތާނގައި ހުންނާނެ އަޅުގަނޑުމެންގެ ޙިއްސާއަށްއެދޭ ފަރާތްތަކަށް ޚާއްޞަކޮށް ހުންނަ ކައުންޓަރެއް، އެތަނަށް ފޯރމް ފުރުއްވާފަ ޙަވާލުކުރައްވަން ޖެހޭނީ. ފޯރމް ގެންދަވާއިރު އައިޑީ ކާރޑް ގެންދަވަން ޖެހޭނެ.

އަތޮޅުތެރޭގެ ބޭފުޅުންނަށް ފުރުޞަތެއް ނެތްތޯ؟

ނޫނޭ. އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ވާނީ ގޮތްތަކެއް ހަމަޖައްސާ ދީފަ. އެބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ ރެޖިސްޓަރޑް ޕޯސްޓެއް މެދުވެރިކޮށް ޙިއްސާއަށް އެދިލައްވާ ފޯރމާއިއެކު ބޭންކް ޑްރާފްޓެއް ފޮނުވަން. އެޑްރެސް ކުރައްވާނީ ހަމަ އަޅުގަނޑުމެންގެ އޮފީހަށް. އެއީ އަމާނާ ތަކާފުލް، ހ.މިޔަލަނި 3 ވަނަ ފަންގިފިލާ. އަދި އަޅުގަނޑުމެން އެދެން ކޮންމެ ބޭފުޅަކުވެސް ޙިއްސާއަށް އެދިލެއްވުމުގެ ކުރިން ޙިއްސާ ވިއްކުމާބެހޭ ބަޔާން ވިދާޅުވެލެއްވުން.

ކޮންތާކުންތޯ އެ ބަޔާން ލިބެން ހުންނާނީ؟

އަޅުގަނޑުމެންގެ އޮފީހުންނާއި ވެބްސައިޓުންވެސް ލިބެން ހުންނާނެ. (www.takaful.mv)  އަދި މޯލްޑިވްސް އިސްލާމިކް ބޭންކުންނާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން އަދި ވަޠަނިއްޔާ މޯލްޑިވްސްއިންވެސް ލިބެން ހުންނާނެ.

 ކޮބައިތޯ އަމާނާ ތަކާފުލްގެ ޙިއްސާ ގަންނަ ފަރާތްތަކަށް ވާނެ ފައިދާތަކަކީ؟

އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހި ރާއްޖޭގައި މިދަނީ ދުވަހެއް ދުވަހަކަށް ދީނީ ހޭލުންތެރިކަން އިތުރުވަމުން. ދިވެހިންނަކަށް ނެތް ޝަރީޢަތާ އެއްގޮތަށް ޢަމަލުކުރާ ގިނަ ވިޔަފާރިއެއްގައި ބައިވެރިވެވޭނެ ފުރުޞަތެއް. އެކަމަކު އަޅުގަނޑުމެން ދިވެހިންނަށް މި ގެނެސްދެނީ އެފަދަ ފުރުޞަތެއް. އެހެންކަމުން ޙިއްސާ ބައްލަވައިގަންނަ ފަރާތްތަކަށް މި ވިޔަފާރީގެ ޙަލާލު ފައިދާ ބަހާލެވިގެންދާނެ. އަޅުގަނޑުމެންގެ ވިޔަފާރިއަށް ދިވެހިރާއްޖޭގައި ލިބޭ ތަރުޙީބު ބޮޑުވެގެންދާތީ، ދެންނެވެން އޮތީ މުސްތަޤްބަލުގައި މިކަމުން އިތުރު ފައިދާތައް ލިބިގެން ދާނޭކަމަށް.

މިހާރު ޙިއްސާ ވިއްކާ ކުންފުނިތަކާ އަމާނާ ތަކާފުލްއާ ތަފާތުވާނީ ކޮން ގޮތްގޮތަކަށް؟

މިހާތަނަށް ދިވެހި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ޙިއްސާ ވިއްކާ ކުންފުނިތަކާ ޚިލާފަށް އަޅުގަނޑުމެންނަކީ ދިވެހިންނަށް ޙިއްސާ ވިއްކަން ފަށާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުގެ ކުންފުންޏަކަށް ނުވާ ހަމައެކަނި ކުންފުނި. މާނައަކީ ސަރުކާރުގެ ޙިއްސާއެއް ނެތި ޕަބްލިކް ކުންފުންޏަކަށް ބަދަލުވާ ފުރަތަމަ ޕްރައިވެޓް ލިމިޓެޑް ކުންފުންޏޭ.

 

ދިވެހިރާއްޖޭގައި އަމާނާ ތަކާފުލްގެ މުސްތަޤްބަލް އޮތީ ކިހިނެއްތޯއެވެ؟

އަޅުގަނޑުމެން ދިވެހިރާއްޖެއަށް އިތުރު ޕްރޮޑަކްޓްތަކެއް ތަޢާރަފްކޮށް ވިތަފާރި ފުޅާކުރުމަށް ވިސްނަމުންދަނީ. އަދި އަޅުގަނޑުމެންގެ ބޭނުމަކީ މި ޚިދުމަތް ރާއްޖެތެރޭގެ ފަރާތްތަކަށްވެސް އިތުރަށް ފުޅާވެ ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކަކަށް މި ޚިދުމަތް ދިނުން.

ނިންމާލުމުގެ ގޮތުން ދިވެހި ރައްޔިތުންނަށް އެއްޗެއް ދަންނަވާލަން އެބައޮތްތޯ؟

އަޅުގަނޑުމެން އެދެނީ ކޮންމެ ބޭފުޅަކުވެސް ޙިއްސާ ބައްލަވައިގަންނަން ވަޑައިގަތުމުގެ ކުރިން “ޙިއްސާ ވިއްކުމާ ބެހޭ ބަޔާން” ވިދާޅުވެލެއްވުން. ކުރިން މިދެންނެވި ތަންތަނުން އެ ބަޔާން ލިބެން ހުންނާނެ. ދެން، މި ސެޕްޓެމްބަރ 20 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހު 19 ވަނަ ދުވަހާ ދެމެދު ޙިއްސާއެއް ބައްލަވައިގެން އަޅުގަނޑުމެންގެ ވިޔަފާރީގައި ބައިވެރިވެ ވަޑައިގަންނަވާށޭ. ގިނަވެގެން ކިތަންމެ ޙިއްސާއެއްވެސް ބައްލަވާ ގަނެވިދާނެ. އަދި މައިންބަފައިންނަށް ކުޑަކުއްޖެއްގެ ނަމުގައިވެސް ޙިއްސާއެއް ގަނެދެވިދާނެ.

ދެން، ދަންނަވަން އޮތީ، އިންސިޔުރެންސާ ނުލާ އުޅެވެން ނެތް ގޮތަށް ކަންތައްތައް ބަދަލުވެގެންދާއިރު، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ގެނެސްދީފައިމިވަނީ އެކަން ހުއްދަ ގޮތުގައި ކުރާނެ ނިޒާމެކޭ. އެހެންކަމުން މި ހުއްދަ ގޮތް އިޚްތިޔާރު ކުރައްވާށޭ.

6 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އަޅުގަނޑުވެސް ހިއްސާ ގަންނާން.

  2. މިއީ ހަލާލް ހިއްސާ ދޯ ހަމައެކަނި ރާއްޖޭގައި ވިއްކާ. އޭގެ މާނައަކީ މިކުންފުނިން ހަރާމް ވިޔަފާރި ނުކުރާނޭދޯ. ސަޅި

  3. މިއިންޓަވިއު ވަރަށް ފުރިހަމަ. ވަރަށް ބޭނުންތެރި އެއްޗެހިތަކެއް އެނގިއްޖެ. މަށައް މި އިންޓަވިއު ފެނުނީ ފުރަތަމަ ދިއިސްލާމް މަޖައްލާއިން. ޝުކުރިއްޔާ ދިއިސްލާމް.

  4. ޙިއްސާގަންނަންބޭނުން އެކަމަކު ތިބުނާ ޕޯސްޓެއް ހުރިތަނެއްނޭގޭ

  5. މަވެސް ގަނެފިން

  6. ވަރަށް ފުރިހަމަ އިންޓަރވިއު އެއް! ވަރަށް ސާފް..

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!