ވެކްސިން ދިނުމަކީ ހުއްދަ ކަމެއްތޯ؟

ސުވާލު:

ބައެއް ބޭފުޅުން ވިދާޅުވޭ ކުޑަކުދިންނަށް ވެކްސިން ދިނުމަކީ ދީނުގައި ހުއްދަ ކަމެއްނޫނެވެ. ވީމާ، މިކަން ސާފު ކޮށްދެއްވަފާނަންތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على رسول الله

أما بعد:

މާތްވެގެންވާ އިސްލާމްދީނުގައި ކަމެއް ޙަލާލު ނުވަތަ ޙަރާމް ވުމަކީ އެ އެއްޗެއްގެ ޒާތުގައި އެކުލެވިގެންވާ ސިފައެވެ. ވީމާ، ޙަރާމް ޙަލާލުގައި މިދީނުގެ މާތް އުސޫލަކީ ރަނގަޅު ކޮންމެ އެއްޗަކީ ޙަލާލު އެއްޗެކެވެ. އެއީ މިބިމުގައި މާތް ﷲ ލައްވާފައިވާ ގިނަގުނަ ނިޢުމަތްތަކެވެ. އަދި ގެއްލުންހުރި، ނުބައި އެއްޗިއްސަކީ ޙަރާމް އެއްޗިއްސެވެ. އެއީ މަދު އެއްޗެކެވެ. މާތް ﷲ މިއުންމަތަށް ކައުކުރެއްވި މާތް ނަބިއްޔާގެ ވާހަކަ ކީރިތި ޤުރްއާނުގައި އަންގަވާފައިވަނީ ވެސް އެފަދައިންނެވެ. {{وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ }} الأعراف 157. “(ކީރިތި ރަސޫލާ) އެކަލޭގެފާނަށް ތަބާވާ މީހުނަށްޓަކައި ޠާހިރު، ފައިދާ ހުރި ރަނގަޅު ތަކެތި ޙަލާލު ކުރައްވައި މުޑުދާރު، ނުބައި، ގެއްލުން ހުރި ތަކެތި ޙަރާމް ކުރައްވާނެއެވެ.” ކީރިތި ޤުރްއާން ބާވައިލެއްވުނު އިރުގައި މީސްތަކުންގެ ތެރޭގައި ތަޢާރަފްވެފައިވާ ބައެއް އެއްޗިހި ޙަރާމް ކުރައްވާފައިވަނީ މި އުޞޫލާއި ޤަވާޢިދުގެ މަތީންނެވެ. ﷲ އާއި ރަސޫލާ އެއްޗެއް ޙަރާމްކުރައްވައިފި ނަމަ ދެބަސްވުމެއް ނެތި އެއީ ގެއްލުން ހުރި އެއްޗެކެވެ.

ކުޑަ ކުދިންނަށް ވިއަސް ނުވަތަ ބޮޑެތި މީހުނަށް ވިއަސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ދެވޭ ވެކްސިންގެ ޙުކުމް ބިނާވެގެން ވަނީ އޭގެ ޛާތަށެވެ. މިޒަމާނުގައި ޢިލްމީ ހޯދުންތަކާއި ދުނިޔެވީ ވަސީލަތްތައް ތަނަވަސްވުމާއި އެކުގައި ވަރަށް ގިނަ ބަލިތަކަށް ބޭސް ފަރުވާއާއި ވެކްސިން ހޯދިފައި ވެއެވެ. ވަކި ކަމަކަށް ދެވޭ ވެކްސިން އަކީ އޭގެ ޛާތުގައި ފައިދާހުރި އެއްޗެއްކަމުގައި ވާނަމަ، ނުރައްކާތެރި، ބޮޑު ބައްޔަކުން ސަލާމަތްވުމަށްޓަކައި ތަޖުރިބާކުރެވިފައިވާ އެއްޗެއްކަމުގައި ސާބިތު ވެފައި ވާ ނަމަ އެއީ ބޭނުން ކުރުން ހުއްދަ އަދިކިޔެއް، ރަނގަޅު އެއްޗެކެވެ. އެއީ ބައްޔަކުން ސަލާމަތްވެ ރައްކާތެރިވުމަށްޓަކައި މާތް ﷲ ލައްވާފައިވާ ދިފާޢީ އެއްޗެކެވެ. ބައްޔާއި އެބަލީގެ ފަރުވާ އާއި ދެ އެއްޗަކީވެސް މާތް ﷲ ލައްވާފައިވާ ދެ އެއްޗެވެ.

އިންސާނުންނަކީ ހަމައެކަނި ހޯދައި ތަޖުރިބާ ކުރާ ބައެކެވެ. ހަމައެފަދައިން ވަކި ކަމަކަށް ދެވޭ ވަކި ބާވަތެއްގެ ވެކްސިންއަކީ އޭގެ ޛާތުގައި ނުބައި، ފައިދާއަށްވުރެ ގެއްލުން ބޮޑު އެއްޗެއްކަމުގައި ޢިލްމީ ހޯދުންތަކާއި ތަޖުރިބާއިން ސާބިތު ވެއްޖެ ނަމަ އެއީ ބޭނުންކުރުން ޙަރާމްވެގެންވާނެ އެއްޗެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޤަވާޢިދު ކަނޑައަޅައިދެއްވައި ހަދީޘްކުރައްވާފައިވެއެވެ. ((لَا ضَرَرَ وَلَا ضِرَارَ )) ابن ماجه، (ج 7، ص 143) “ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ.”

މިއަދު ދުނިޔޭގައި ތަޢާރަފްވެފައި މިއޮތް ވެކްސިން އާއި މެދުގައި އެއްޗެއް ބުނަން ބަލާ އިރު، ޢާންމުކޮށް ބޭނުން ކުރެވޭ ވަރަށް ގިނަ ވެކްސިން އަކީ އަދު ޢިލްމީ ހޯދުންތަކާއި ތަޖުރިބާތަކުގެ އަލީގައި ކަމާއި ބެހޭ މާހިރުންގެ މެދުގައި ޚިލާފު ހުރި ނަމަވެސް، އޭގެ ގިނަ ޢިލްމުވެރިން ފައިދާ ހުރި، ކާމިޔާބު އެއްޗެއްކަމުގައި ސާބިތު ކުރަމުން އައިސްފައިވާ އެއްޗެކެވެ. ވީމައި އެފަދަ ވެކްސިން ބޭނުން ކުރުމަކީ އެއްމެ ރަނގަޅު ކަމެކެވެ. އެއީ މަނާކަމެއް ކަމުގައި ބުނާ މީހަކު  އެއީ ނުބައި، ގެއްލުން ހުރި އެއްޗެއް ކަމުގައި ސާބިތު ކުރަން ޖެހޭނެއެވެ.

ބަލި ނުޖެހެނީސް އެބަލިން ސަލާމަތްވުމަށްޓަކައި ވެކްސިންޖެހުމަކީ މާތް ﷲ އަށް ވަކީލު ކުރުމާއި ޚިލާފު، ނުވަތަ އީމާންކަމާއި ނުގުޅޭ ކަމެކޭ ހީކޮށްފި ނަމަ އެމީހަކު އެ ހީކުރީ ރަނގަޅަކަށް ނޫނެވެ. އެއީ ރަނގަޅު ފިގުހެއް ނޫނެވެ. އަދިކިޔެއް، ގެއްލުމާއި ފައިދާ، ދެބާވަތުގެ ތަކެތިވެސް ބިމުގައި ލެއްވެވީ މާތް ﷲ އެވެ. ވީމައި އެކަލާނގެ ލައްވާފައިވާ ރަނގަޅުތަކެތީގެ ފައިދާ ލިބިގަތުމާއި ގެއްލުމާއި ނުރައްކަލުން ސަލާމަތްވެ ތިބުމަށް މަސައްކަތްކޮށް ހުޝިޔާރުވެ ތިބުމާއި އެކަމުގެ ވަސީލަތްތަކާއި އަސްބާބު ތަކުގައި ހިފުމަކީ އެއީ އެކަލާނގެއާއި އެކަލާނގެ ރަސޫލާ ޝަރުޢު ކުރައްވާފައިވާ ކަމެކެވެ. މިކަމުގެ ދަލީލުތައް ބައިވަރެވެ.

މަދީނާގެ ކަދުރު ނުވަތަ އަޖުވާ ކަދުރު ހެނދުނު ހުސްބަނޑާއި ކެއުމަކީ އެދުވަހެއްގައި ވިހައާއި ސިޙުރުން ސަލާމަތް ވާނެކަމެއްކަމުގައި އަންގަވާފައިވެއެވެ. މިއީ އެފަދަ އެއް މިސާލެވެ. އެއީ ކިޔައިދޭންޖެހޭ ވަރަށް ވުރެ ސާފު މައްސަލައެކެވެ. ބަލި ވުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމާއި ބަލިވުމަށްފަހުގައި ފަރުވާ ކުރުމަކީ މިމާތް ދީން އަޅުގަނޑުމެނަށް ދަސްކޮށްދެއްވައި ކަނޑައަޅުއްވާފައިވާ ކަމެކެވެ.

ވެކްސިން ގައި ބައެއްކަހަލަ ވިހައާއި ޖަރާސީމާއި ވައިރަސް ފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ހުއްދަ ނުވާނެކަމުގައި މީހަކު ހީކޮށްފި ނަމަ އެއީވެސް ރަނގަޅު ހީއެއް ނޫނެވެ. ބޭސް، އެންޓިބައިޓިކް އަދި ވެކްސިން ފަދަ ތަކެތި ތައްޔާރު ކުރުމުގައި ބޭނުން ކުރެވޭ ވިހައާއި ޖަރާސީމާއި ވައިރަސް ފަދަ ތަކެތި އޭގެ އަސްލުން ސޫރަތާއި ހާލަތުން ބަދަލު ކުރެވި، ފައިދާހުރި އެއްޗެއްގެ ގޮތުގައި ހެދުމުން އެއީ ބޭނުން ކުރުމަށްޓަކައި ޠާހިރު، ޙަލާލު އެއްޗެއްކަމުގައި ބަދަލުވާނެ ކަމާއި މެދުގައި އިސްލާމްދީނުގެ ޢިލްމުވެރިން އިސްލާމީ ފިޤުހުގައި ވަރަށް ފުޅާކޮށް ވާހަކަ ދައްކަވާފައި ވެއެވެ. މިފަދަ މަޤާމެއްގައި އެހުރިހައި ވާހަކަ ބަޔާންކުރުމަކީ އުނދަގޫ ކަމެކެވެ.

ނަމަވެސް، ވެކްސިން އަދި ގެއްލުންތަކުން ދިފާޢުވުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތްތަކުގައި ހިފުމަކީ ހުއްދަ ކަމެއް ކަމަކު، އެއަށް ބަރޯސާވުމަކީ އެއީ މުސްލިމަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. ބަލި ޖެހެނީ މާތް ﷲ ގެ އިޛުނަފުޅުންކަމާއި އެކަލާނގެ އިރާދަކުރައްވައިފި ނަމަ ވެކްސިން ޖެހިއަސް ފަހަރެއްގައި ބަލި ޖެހިދާނެކަމާއި ފަރުވާ ކުރިނަމަވެސް ބަލި ރަނގަޅު ނުވެދާނެ ކަމުގައި އީމާންކަން އޮންނަން ޖެހޭނެއެވެ. ނަމަވެސް، ސަބަބުގައި ހިފުމަކީ އެކަލާނގެ އަމުރު ކުރައްވާފައިވާ ކަމެކެވެ. ވީމައި މުއުމިނުންނަކީ ސަބަބުގައި ހިފައި މާތް ﷲ އަށް ވަކީލު ކުރާ ބައެކެވެ. އެހެންވެ އިތުރު އެކަލޭގެފަނުން ނުރައްކާތެރި ބޮޑެތި ބަލިތަކާއި ވަބާތަކުން ސަލާމަތް ވުމަށްޓަކައި ސަބަބުގައި ހިފުމަށް އިރުޝާދު ދެއްވުމާއި އެކުގައި އެފަދަ ބަލިތަކުން ސަލާމަތް ކުރައްވައިތޯ ދުޢާ ކުރައްވާފައިވެއެވެ.

ހަމަ އެހެންމެ، އިންސާނުންގެ ހޯދުމަކާއި ތަޖުރިބާއެއް، ވަކިން ޚާއްޞަކޮށް އެކަމެއްގައި ޚިލާފުވުމާއި ދެބަސްވުން އުފެދިފައިވާ އިރުގައި އިލާހީ ގާނޫނެއްފަދައިން މީސްތަކުންގެ މައްޗަށް ވާޖިބު ކުރުވައި، އެފަދަ އަމުރުތަކަށް ޢަމަލު ނުކުރާ މީހުންނަކީ ވަކި ވިސްނުމެއްގެ ބައެއްގެ ގޮތުގައި ސިފަކޮށް، އާސާސީ ޚިދުމަތްތަކުން އެފަދަ މީހުން މަހުރޫމު ކުރުމަކީ ވަރަށް ލާ އިންސާނީ ޢަމަލެކެވެ. އެއީ އެއްވެސް ހާލެއްގައި ތަންދޮރު ދަންނަ، ތަހުޛީބު ބަޔަކު އަދި އެފަދަ ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދިކިޔެއް، އެފަދަ ކަންކަން އޮންނަން ޖެހޭނީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ކިޔައިދިނުމާއި ވިސްނައިދިނުމުގެ މައްޗަށް އެކަންޏެވެ.

މާތް ﷲ އެންމެހައި ފިތުނަ ފަސާދައިން މުސްލިމުން ސަލާމަތް ކުރައްވާށި! އާމީން!

.والله أعلم، وصلى الله على محمد وآله وسلم

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ޢިލްމީ ޖަވާބެއް! ޝައިޚަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި ދިއިސްލާމް ޓީމަށް ވެސް ތިޔަކުރައްވާ އަގުހުރި މަސައްކަތައް ޝުކުރު ދަންނަވަން!

  2. ތިލުއުން ކިޔާފަ ވަރަށް ހިތާމަ ކުރަން މިއަދު ދުނިޔޭގެ ތިބި އިލްމު ވެރިން ދުނިޔޭ ގެ ލާބަޔަށް މީސްތަކުންނަން ކަންތަން އޮޅުވާލާތީ.މަދީނާގެ ކަދުރު ނުވަތަ އަޖުވާ ކަދުރު ހެނދުނު ހުސްބަނޑާއި ކެއުމަކީ އެދުވަހެއްގައި ވިހައާއި ސިޙުރުން ސަލާމަތްވާނެކަމެއްކަމުގައި އަންގަވާފައިވެއެވެ.ބަޔާން ކޮއްފައޮތީމަ އޭގެ މާނަޔަކީ ޔަހޫދީން ހަދާފަހުރި އޫރު އަދި ރާމާމަކުނުގެ ސެލް އާއި އިންސާނުްގެ ބުރެއިން ސެލް ބޭނުން ކޮންގެ ހަދާ ވެކްސިން އެއީ އަޖުވާކަދުރުފަދައެއްޗެކެތަ؟ދެން ހަރާމްތަކެތި ބޭސް، އެންޓިބައިޓިކް އަދި ވެކްސިން ފަދަ ތަކެތި ތައްޔާރު ކުރުމުގައި ބޭނުން ކުރެވޭ ވިހައާއި ޖަރާސީމާއި ވައިރަސް ފަދަ ތަކެތި އޭގެ އަސްލުން ސޫރަތާއި ހާލަތުން ބަދަލު ކުރެވި، ފައިދާހުރި އެއްޗެއްގެ ގޮތުގައި ހެދުމުން އެއީ ބޭނުން ކުރުމަށްޓަކައި ޠާހިރު، ޙަލާލު އެއްޗެއްކަމުގައި ބަދަލުވާނެ .މިފަދަގޮތަކަށް މިކަން އޮންނަނީ ހަމަ އޫރު ރާމާމަކުނު ިނސާނުން- ގެބައިތަންވެސް ތޯ؟ޝެހުގެ ވާހަކަޔަށްއަހަރެން ތާއިދު ކުރަން އެކަމަކު މިސާލު ތަކަކީ ކަމުދާ އަދި ގުޅޭ އެއްޗެއްނުން..

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!