އުއްމުލް މުއުމިނީން السيدة عائشة رضى الله عنها

ނަސަބުފުޅު

އުންމުލް މުއުމިނީން ޢާއިޝާ رضى الله عنها އަކީ އަބޫބަކުރުގެފާނުގެ ދަރިކަނބަލެކެވެ. މަންމާފުޅަކީ އުންމު ރޫމާން އެވެ. ޢާއިޝަތުގެފާނުގެ ކުންޔާ އަކީ އުންމު ޢަބްދުﷲ އެވެ. އެއީ އެކަމަނާގެ އުޚްތް  އަސްމާ ބިންތް އަބޫބަކުރުގެ ޢަބްދުﷲ ގެ ފާނަށް ނިސްބަތްކޮށެވެ. ޢާއިޝަތުގެފާނަކީ ކީރިތި ރަސޫލާ صلى الله عليه وسلم ތިން ވަނައަށް ކައިވެނި ބައްލަވައިގެންނެވި ބޭކަނބަލެވެ.

އުފަންވެ ވަޑައިގަތުން

ޢައިޝަތުގެފާނު އުފަންވެ ވަޑައިގަތީ ކީތިތި ރަސޫލާ صلى الله عليه وسلم ރަސޫލުކަމައިގެން ފޮނުއްވުނުތާ ހަތަރެއް ނުވަތަ ފަސް އަހަރު ފަހުންނެވެ. އެކަމަނާ ޝިރުކުގެ އެއްވެސް ކަމެއް ދެކެވަޑައި ނުގަންނަވައެވެ. އާއިޝަތެގެފާނު ތުއްޕުޅު އިރު އެކަމަނާއަށް ހެޔޮކޮށް ހިއްތެވުމަށް ރަސޫލާ  صلى الله عليه وسلم އެކަމަނާގެ މަންމައަށް ނަޞޭޙަތްތެރިވެލެއްވިއެވެ.

ކައިވެނި ބައްލަވައި ގަތުން

ކީރިތި ރަސޫލާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ކުރެއްވުމަށް އެންގޭޖްވެވަޑައިގަތީ މައްކާގައި އެކަމަނާގެ ޢުމުރުފުޅުން 6 އަހަރު ފުޅުގައެވެ. ފުރަތަމަ ރޭކުރެއްވީ އެކަމަނާގެ އުމުރުފުޅުން9 އަހަރުފުޅުގައެވެ.

 

ރަސޫލާ صلى الله عليه وسلم  ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައި ގަތުމަށް ހަތަރުސަތޭކަ ދިރުހަމް ރަހުގެ ގޮތުގައި ދެއްވިއެވެ. ކައިވެނީގެ ރަސްމިއްޔާތު އޮތީ އަބޫބަކުރުގެފާނުގެ ގެކޮޅުގައެވެ. ރަސޫލާ صلى الله عليه وسلم  ޢާއިޝަތުގެފާނާ ކައިވެނިފުޅު ބައްލަވައި ގަތީ އެކަމަށް އަމުރު ކުރެއްވިގެންނެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި ޖިބްރީލްގެފާނު އެތައް ރެޔަކު ހުވަފެންފުޅުގައި ވަޑައިގެން ޢާއިޝަތުގެ ފާނަކީ ދުނިޔެއާއި އާޚިރަތުގައި އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައި ދެންނެވިއެވެ. ރަސޫލާ صلى الله عليه وسلم އެންމެ ބޮޑަށް ލޯބިފުޅުވާ އަނބިކަނބަލަކީ ޢާއިޝަތުގެފާނެވެ. ޢާއިޝަތުގެފާނު ވިދާޅުވާގޮތުގައި ރަސޫލާ صلى الله عليه وسلم ގެ އެހެން އަނބިކަނބަލުންނަށް ލިބިވަޑައިނުގަންނަވާ އެތަށް ޝަރަފެއް އެކަމަނާއަށް ލިބިވަޑައިގެންފައި ވެއެވެ.

އޭގެތެރޭގައި

*އެކަމަނާ ފިޔަވައި އެހެން ބިކުރުވެރި ބޭކަނބަލަކާ ރަސޫލާ صلى الله عليه وسلم ކައިވެނިފުޅު ބައްލަވައިގެންފައި ނުވުން

*އެމީހެއްގެ މައިންބަފައިން ޙިޖުރަ ކުރެއްވި އެހެން ބޭކަނބަލަކާ ރަސޫލާ صلى الله عليه وسلم ކައިވެނިފުޅު ބައްލަވައިގެންފައި ނުވުން

*މާތް الله އެކަމަނާގެ ކުށެއް ނެތްކަން ބާވައިލެއްވުން

*އެކަމަނާގެ ކޮޓަރިކޮޅުގައި ހުންނަވަނިކޮށް ރަސޫލާ صلى الله عليه وسلم އަށް ވަޙީ ބާވައިލެއްވުން

*އެކަމަނާގެ ގަނޑުވަރުގައި އޮންނަވާ ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުން

*އެކަމަނާގެ ގަނޑުވަރުގައި ރަސޫލާ صلى الله عليه وسلم ފަސްދާނުވެޑުވުން.

ކީރިތި ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވި އިރު އެކަމަނާގެ ޢުމުރު ފުޅަކީ އަށާރަ  އަހަރުފުޅެވެ.

ޢާއިޝަތުގެފާނުގެ ޢިލްމުވެރިކަން

ޢާއިޝަތުގެފާނު ދަރިވަރުވެ ވަޑައިގަތީ  ކީރިތި ރަސޫލާ صلى الله عليه وسلمގެ މަދަރުސާއިންނެވެ. އެކަމަނާ ރަސޫލާ صلى الله عليه وسلم އުނގަންނަވައި ދެއްވި އެއްޗެހި ރަނގަޅަށް ދަސްފުޅު ކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ގެ އަނބިކަނބަލުންކުރެ އެންމެ ވިސްނުންފުޅު ތޫނު ދަސްކުރެއްވުމުގެ ބާރު އެންމެ ގަދަ ބޭކަނބަލަކީ ޢާއިޝަތުގެފާނެވެ.

ދަންނަ ބޭކަލުންނާއި އަޞްޙާބުންގެ މަޖްލިސްގައި އެކަމަނާގެ މަޤާމަކީ އުސްތާޛާގެ މަޤާމެވެ. އަންހެނުންނާއިބެހޭ ޙުކުމްތަކާއި ރަސޫލާ صلى الله عليه وسلم ގެ ގެކޮޅުތެރޭގެ ހުރިހާ މަސްއަލަތަކެއް އޮޅުން ފިލުއްވުމަށްޓަކައި ޢުމަރުގެފާނު ވަޑައިގަންނަވަނީ ޢާއިޝަތުގެފާނުގެ އަރިހަށެވެ. އަތާއު ބިން ރަބާޙް ވިދާޅުވާ ގޮތުގައި ޢާއިޝަތުގެ ފާނަށްވުރެ ފިޤްހުވެރި ބޭކަނބަލަކުނެތެވެ.

އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢަބްދުﷲ ބިން ޢުމަރާއި އަބޫހުރައިރާ އިބްނު ޢައްބާސާއި އިބުނުލްޒުބައިރު އެކަމަނާގެ ބަސްފުޅާ އެއްގޮތަށް ކަންތައް ކުރެއްވިއެވެ. ޢުމަރުގެފާނާއި ޢުޘްމާނުގެފާނުގެ ވެރިކަމުގައި އެކަމަނާ ފަތުވާ ދެއްވަން އިންނެވި އެވެ. އަލް ޙާކިމް ވިދާޅުވަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގެ 4/1 އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ޢާއިޝަތުގެ ފާނުގެ ކިބައިންނެވެ. އަބޫމޫސަލް އަޝްޢަރީ ވިދާޅުވާގޮތުގައި “ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނަށް ޙަދީޘަކާއި މެދު މައްސަލައެއް ޖެހިއްޖެނަމަ އަހަރެމެންދަނީ ޢާއިޝަތުގެފާނުގެ އަރިހަށެވެ. އެކަމަނާގެ އަރިހުން އަހަރުމެން ބޭނުންވާ އެއްޗެއް އޮޅުން ނުފިލައެއް ނުދެއެވެ.” އެކަމަނާގެ އަރިހުން 1010 ޙަދީޘް ދަންނަ ބޭކަލުން ރިވާކުރެއްވިއެވެ. އޭގެ ތެރެއިން 174 ޙަދީޘް އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ.
ކީރިތި ޤުރުއާނާއި މިރާޘާއި ޙަލާލާއި ޙަރާމާއި ޢަރަބިންގެ ނަސަބާއި ޅެންވެރި ކަމުގައި ޢާއިޝަތުގެފާނަށް ވުރެ ބޮޑު ޢިލްމުވެރިއަކު ނުވާކަމަށް ހިޝާމްބިން ޢުރުވަތުގެ ކިބައިން “حلية اللأ ولياء” ގައި ބަޔާން ކުރައްވާފައި ވެއެވެ.

އިސްލާމީ ތާރީޚް ދެކޭގޮތުގައި އަންހެނުންގެ ދުނިޔޭގައި އެންމެ އަގުހުރި ޢިލްމުވެރިއަކީ ޢާއިޝަތުގެފާނެވެ. އިސްލާމްދީން މީސްތަކުންނާއި ހަމައަށް ފޯރުވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވި ޢާލިމުންގެ ތެރޭގައި ޢާއިޝަތުގެފާނު ގުނާލަން ޖެހެއެވެ.

އަވަހާރަވުން
ޢާއިޝަތުގެފާނު އަވަހާރަވީ ޢުމުރު ފުޅުން 69 އަހަރުގައި 58ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވިލޭރެއެވެ. އެކަމަނާ ފަސްދާނު ވެޑުވުނީ މަރުވާނު ބުނުލް ޙަކަމްގެ ވެރިކަމުގައި އަލްމަދީނާގެ އަލްބަޤީޢުގައި ރޭގަނޑުއެވެ. އެކަމަނާގެ މައްޗަށް އިސްވެ ކަށުނަމާދު ކުރެއްވީ އަބޫ ހުރައިރަތުގެފާނެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިކަހަލަ ބޭބޭ ކަނބަލުންގެ ވާހަކަތައް ގިނަގިނައިން ފެނުމުން ވަރަށް އުފާވެއެވެ. އަދި މިހާރު ސޯސަން މަގު މަޖީދިއްޔާވީ ކޮޅުގެ މަތީގައިވާ ބޯރޑުން ފެންނަ ދީނީ ލިއުންތައް ފެނުމުން ވަރަށް އުފާވެއެވެ. އެފަދަ އެއްޗެތި ގިނަގިނައިން ފެނި ދެނި ވުމުން އަޅުގަނޑު ދެކޭ ގޮތުގައި އިންޝާ ﷲ މީހުން ދީނަށް ލޯބިކުރުން އިތުރުވެގެން ދާނެއެވެ. އަދި މިފަދަ ލިޔުންތައް ހޯދޭނެ މަގު ތަނަވަސް ވެގެން ދާނެއެވެ. ﷲ ސުބްހާނަހޫ ވަތައާލާ އެލިޔުން މެދުވެރިކުރުވި ފަރާތަށް ހެޔޮ ޖަޒާ ދެއްވާދޭންވެ. އާމީން.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!