ރިޕޯޓްދިއިސްލާމް

އަހަރެންގެ އަންހެނުން "އެހަނދާނުގައި" ޝޯގައި ލަވަކިޔާ ނަށަނީ!!!

މިފަހަކަށް އައިސް ކޮންމެ އަހަރަކު ރަމަޟާން މަސް ފެށުމުން ދިވެހި މީޑިއާ އިން ރައްޔިތުންނަށް ފާޑެއްގެ "ހާސަރު ބޮނޑިއެއް" ގެނެސްދެއެވެ. ކާރަކަށް އެރިޔަސް، މަގުމަތީ ހިނގާލިޔަސް ކޮންމެވެސް މީހެއްގެ ތުމުން މީގެން ކޮންމެވެސް ހާސަރެއް ނީވޭ އިރެއް މަދު ވާނެއެވެ. ކުރީގެ ލަވަކިއުންތެރިންގެ ހަނދާނުގައޭ ބުނެ ފެށި މިސަކަރާތް މިހާރު އެމީހުންގެ ހަނދާން ނައްތާލައިފިއެވެ. މަރުވެފައިވާ މީހުންގެ ލަވަތައް އާކޮށްކޮށްފައި ކިއުމުގެ ބަދަލުގައި، އެމީހުންނަށް ހެޔޮ ދުޢާއެއް ކުރިއްޔާ ވާނީ ފަހެ ކީއްހެއްޔެވެ. ހަނދާންތަކުގެ ނަމުގައި ޖަހާ މި ސަކަރާތަށް އެއްއަހަރުން އަނެއް އަހަރަށް ޒުވާނުންތަކެއް ދަނީ ވައްދަމުންނެވެ. އެންމެ ލަވައެއް ކިޔާލުމުން ދުނިޔޭގައި ނެތްވަރުގެ މަޝްހޫރު ބަޔަކަށް ވެދެއެވެ.

އަހަރެންނަށް ތަޞައްވުރު ކުރެވެނީ އަހަރެންގެ އަންހެނުންނަށް މިފަދަ ފުރުޞަތެއް ލިބިގެން އަހަރެން އުޅޭނެ ހާލެވެ. އަހަރެންގެ ހިތަށް އަރާފައިބާނެ ޚިޔާލު ތަކެވެ. އަދި އަހަރެން ތެޅޭނެ ތެޅުމެވެ. ލަވަ ފަރިތަކުރަން އެއް ގޮޅިން އަނެއް ގޮޅިއަށް އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ފޮނުވަންވީ ލޯބިވާ އަނބިމީހާ އެކަނި ބާއެވެ. ލަވަ ކިޔަން ދަސްކޮށްދިނުމަށާއި، ލަވަ ރެކޯޑުކުރަން އަދި ފައިހަމަ ކުރުންތައް ދަސްކޮށްދޭން ހިލޭ ފިރިހެނުންނާއި އަނބިމީހާ ޙަވާލު ކުރަންވީ ހުދު އަހަރެން ހެއްޔެވެ. އުފުލަންވީ އަހަރެންގެ ސައިކަލުގެ ފަހަތުގައި ހެއްޔެވެ. ބުނާހާ ތާކަށް ވައްޓާލަދީފައި ނިމުނީމާ ގުޅާށޭ ބުނަންވީ އަހަރެންގެ މި އަނގައިން ހެއްޔެވެ.

ލަވަކިއުމުގެ ޕްރެކްޓިސްގައި އަންހެނުން އެތައް ދުވަހެއްގެ މަސައްކަތްކުރުމަށް ފަހު އޭނަ އާއެކު ލަވަކިޔާ ބައިވެރިޔާ އާއެކީ ފޮޓޯ ޝޫޓް ކުރާއިރު އެތާ ޝޮކެއް ޖެހިފައި ހަމަ އަހަރެން ހުންނަންވީ ހެއްޔެވެ. އެ ދެމީހުން އަތްގުޅުވާލައިގެން ތިބޭ ތަނާއި، ބައިވެރިޔާގެ ކޮނޑުގައި އެލިގަނެގެން އަހަރެންގެ އަންހެނުން އޮންނަތަން ދެކެން އަހަރެންނަށް ކުޅަދާނަވާނެ ބާއެވެ. ފޮޓޯ ނެގުމަށްފަހު ޓީވީތަކުންނާއި ސީޑީ ޑީވީޑީގެ ކަވަރުތަކުންނާއި ބޮޑެތި ޕޯސްޓަރުތަކުންނާއި އިންޓަނެޓުން އަހަރެންގެ އަންހެނުން އެހެން ފިރިހެނަކާއެކު ގައިގޯޅިކޮށް އުޅޭ މަންޒަރު އަހަރެންގެ އެކުވެރިންނާއި އާލާދު އެންމެންނަށް ދައްކާފައި ބުނަންވީ އެއީ އަހަރެންދެކެ ލޯބިވާ އަހަރެންގެ އަނބިމީހާ ހެއްޔެވެ. މިހިރަ މިހިރަ ކަންކަމަށް އަހަރެންގެ ޟަމީރު ޤަބޫލުވާނެ ބާއެވެ.

ފައިހަމަކުރުމާއި މިކްސިންގް އާއި ލަވަ ކިއުމާއި ހުރިހާ ފަރިތަކުރުމަކަށް ފަހު ދެން އަންނަނީ "ބޮޑު ރޭ" އެވެ. އެރޭގެ ޙަފްލާ އަށް އަހަރެންގެ އެކުވެރިންނާއި އަހަރެންގެ ޢާއިލާ އާއި އަނބިމީހާގެ މަންމަ އާއި ބައްޕަ އާއި އޭނާގެ ރައްޓެހިންނާއި އާލާދު އެންމެން ގޮވައިގެން ލަވައިގެ ރެކޯޑިންގް އަށް ދާ ރެއެވެ. އެބުނާ ބޮޑު ރެއެވެ. ދިއުމުގެ ކުރިން އަހަރެންގެ ސައިކަލުގައި އަހަރެންގެ ދޮންކަނބުލޮ ގޮވައިގެން މޭކަޕް ކުރަންވެސް ދާންޖެހޭނީ ނިކަމެތި އަހަރެންނެވެ. ކޮންމެވެސް މޮޅު މީހަކު ޑިޒައިން ކޮށް ނިންމާލާފައި ހުންނަ ހެދުމާއި އެކު މޭކަޕްކޮށް ނިންމާލާއިރު، އެކަނބުލޭގެ ކޮކާލެއްހެން ނޫނީ ކުޑަކުދިން ކުޅެން ގެންގުޅޭ ބުދެއްހެން ހުއްޓަސް އަހަރެން ބުނަންވީ ހަމަ "ވޮނޑަރފުލް" ނުވަތަ "އޯ ސަޅި" މިހެން ހެއްޔެވެ.

އެހެދުމަކީ އައުރަ ނިވާ ނުވާ ޙާލަތެއްގައި އެކަނބުލޭގެ ހަށިގަނޑުގެ ވަނާތައް ކަޝްފުވާ ގޮތަށް ހުރި ހެދުމަކަށް ވިޔަސް މަށަށް އޯކޭ ހެއްޔެވެ. ނޫނީ ގައިގެ ހަންގަނޑުގައި ދަވާދުލީމާ ހުންނަ ގޮތަށް ހުއްޓަސް ހަމަ އޯކޭ ހެއްޔެވެ. ގައިގެ ބައްޓަން ހުރިގޮތަށް ހުރެފައި ކުލަ ބަދަލުވިޔަސް މަށަށް ހަމަ އޯކޭ ބާއެވެ. ބުރުގާވެސް ކަރުގައި އޮޅާލާ ކޮންމެވެސް މޮޅު ވައްތަރެއް ޖައްސާލާފައެވެ. މިހިރަ މިހިރަ ކަންކަމަކީ ހުވަފެނުންވެސް ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫނެވެ.

އަހަރެންގެ ލޯބިވާ އަނބިމީހާ އާއި އޭނާ އާއި އެއްކޮށް ލަވަކިޔާ ބައިވެރިޔާ އަތާއި އަތް ޖޯޑުކޮށްލައިގެން ސްޓޭޖަށް އަރާ ބަނޑިބަނޑި ލައްވާއިރު އަހަރެން އިންނަންވީ ދެފަރާތުގައި އަހަރެންގެ މަންމަ އާއި ބައްޕަ ބައިންދައިގެން އެއީ އަހަރެންގެ އަނބިމީހާއޭ ބުނެ ފަޚުރު ވެރިވެފައި ހެއްޔެވެ.

އެމަންޖެ ލަވަ ކިޔާލެއް ކިހާ ނަލަ ހެއްޔޭ ކިހާ ސަޅިކޮށް ނަށާލާ ބަނޑިބަނޑި ލައްވާލާ ހެއްޔޭ ބުނެ އަހަރެންގެ ގިރުވާން ކޮޅަށް ޖަހަންވީ ހެއްޔެވެ. ލަވަކިޔާ ބައިވެރިޔާ އާއި އަންހެނުން ސްޓޭޖްމަތީ އޮޅުލައިގަނެގެން ނުނެއްޓިގެން އުޅޭއިރު އަތްޖަހާލަ ޖަހާލަ އަހަރެން ހަމަ އިންނަންވީ ހެއްޔެވެ. ލޯބިވާ އަނބިމީހާ އެހެން ފިރެހެނެއް ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުނެ އޭނައާއި ދިމާއަށް ކަތިނަޒަރަކުން ބަލަމުން އޭނަ އާއި ދިމާއަށް އަތުން އިޝާރާތްކުރަމުން ލަވައިގެ ބައިވެރިޔާ އާއި ނުލާ ނޫޅެވޭނެޔޭ ބުނެ މިބާވަތުގެ ހާސަރުތަށް ދަމާއިރު އަހަރެން ހެވިފައި ހުރެ ބުނަންވީ އެއީ ޅެން ހެދި މީހާގެ މައްސަލަ އެކޭ ހެއްޔެވެ. ޅެންވެރިޔާ ހެދިގޮތަކަށް އެކަނބުލޭގެ ކިޔާލީ އޭ ބުނަންވީ ހެއްޔެވެ. ލަވަކިޔާ ނިންމާލާފައި އެދެމީހުން އަތް ގުޅުވާލައިގެން ތިބެ ސްޓޭޖުން ފައިބައިގެން އައީމާ އަހަރެން އެއަތުގައި ހިފައިގެން ގޮވައިގެން ގެއަށް ދާންވީ ހެއްޔެވެ. ގެއަށް ގޮސް ގޭގެ އަހުލު ވެރިން ކައިރީ ބުނަންވީ އަހަރެންގެ އަނހެނުން އޮބިނޯވެއެވެ. މިފަހަރުގެ ޝޯގައި ކީ ލަވަ ފެންވަރުގެ ލަވައަކަށް ވާނެއެވެ. ޗާޓްތަކުގެ އެއްވަނަވެސް ކާލާނެކަން ޔަޤީނެވެ. އަދި ވީޑިއޯ ވެސް އޮބި ނޯންނާނެއޭ ހަމަ އަހަރެން ބުނަންވީ ހެއްޔެވެ.

ޓީވީއިން ޝޯ ދައްކާރޭ އަހަރެންގެ ރައްޓެހިންނާއި އާލާދު އެންމެންނަށް މެސެޖް ކޮށްފައި މިރޭގެ ޝޯގައި އަހަރެންގެ އަހަންހެނުން ލަވަކިޔާނޭ ބުނަން ވީ ހެއްޔެވެ. ޝޯ ދައްކާރޭ ޝޯ ބަލަން އެންމެންނަށް އިޢުލާން ވެސް ކުރަންވީ ޙުދު މި ނިކަމެތި އަހަރެން ހެއްޔެވެ. މިއީ އަހަރެންގެ އަންހެނުންގެ ފުރަތަމަ ލަވަ ކަމުން ފޭސްބުކްގައި އަންހެނުންގެ ފޭން ޕޭޖެއް ހުޅުވަންވީ އަހަރެންގެ ފޭސްބުކް އައިޑީން ހެއްޔެވެ. މި ޕޭޖަށް ލައިކް ހޯދަން މަސައްކަތް ކުރަންވީ ވެސް އަހަރެން ހެއްޔެވެ. ލޯބި ލޯބި އަނބިކަނބުލޭގެ ނަލަ ނަލަ ފޮޓޯތައް ދުވަހުން ދުވަހަށް މަހުން މަހަށް އަޕްލޯޑް ކުރަންވީ މަގޭ ކޮމްޕިއުޓަރުން ހެއްޔެވެ.

އަހަރެންގެ އަންހެނުންނަކީ ގެވެހި އަންބެކެވެ. ވަޒީފާއަށް ނުފޮނުވާ ގޭގައި ހުންނަނީ އަންހެނުން ލައްވާ ބޭރުގައި މަސައްކަތް ކުރުވަން ބޭނުން ނުވާތީ އާއި ޢާއިލާގެ ކަންކަން ބެލެހެއްޓުމަށެވެ. ދުވާލުދާ ހަތަރު ދަމު ބޮލާއި ކަނދުރާ ފިއްސައިގެން ހޯދާ ފައިސާ ރައްކާކޮށްފައިވާ ތިޖޫރީގެ ތަޅުދަނޑި އެކަނބުލޭގެ އާއި ޙަވާލުކޮށްފައި ބާއްވަނީ ކުރެވޭ އިތުބާރެއްގެ ބޮޑު ކަމުންނާއި ޔަޤީން ކަމުންނެވެ. ވަޒީފާ އަށް ނުފޮނުވާ ލަވަ ކިޔައިގެންނާއި ހިލޭ ފިރިހެނުންގެ ކުރިމަތީ ބަނޑިބަނޑި ލައްވައިގެން ލިބޭ ފައިސާ ގެނެސް އެ ތިޖޫރިއަށް ލައިގެން އެ ފައިސާގެ ބޭނުން އަހަރެން ހަމަ ކުރަންވީ ހެއްޔެވެ.  އަހަރެންގެ އަންހެނުންގެ ބައްޕަ އަހަރެންނާއި އެކަނބުލޭގެ ޙަވާލުކުރީ އެފަދަ ހަޑި މަސައްކަތް އެކަނބުލޭގެ ލައްވާ ކުރުވާނެކަން އެނގިހުރެ ބާއެވެ.

ނުނެކެވެ. އަހަންނަކަށް މިބުނި އެއްކަމެއްވެސް ނުކުރެވޭނެއެވެ. އެމަންޒަރުތައް ބަލަން އަހަރެންގެ ލަގޮނޑިއަށް ކެތެއް ނުވާނެއެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަށް އަހަރެންގެ އަންހެނުން ހިލޭ ފިރިހެނަކާއެކު ނަށާ މަންޒަރު ދައްކާކަށް ހަމަ ލާހިކެއް ނޫނެވެ. މާތްﷲ ގެ އިރާދަފުޅުން އެކަނބުލޭގެ ފުށުން އަހަންނަށް ދެއްވަން ހުރި ދަރިންނަށް އެ މަންޒަރުތައް ދައްކާކަށް ނުކެރޭނެއެވެ. އަހަރެންގެ ދަރިއަކު ކައިރީ ބުނަން ވީ ހެއްޔެވެ. ދަރިފުޅުގެ މަންމަ ނަށާފައިވާ ލަވައެއް ބަލާލަމާ ބަހީއެވެ. އެމަންޒަރު ފެނިއްޖެ ނަމަ އެދަރިވެސް ލަދުން އިސްޖަހާލަން މަޖުބޫރު ވާނެއެވެ.

އަހަރެންގެ އަންހެނުން މިފަދަ ފާހިޝް ޢަމަލުތަކުގައި ބައިވެރިކޮށް އެކަނބުލޭގެ ފަހަތުގައި އަތްޖަހާކަށް ނުހުރެވޭނެއެވެ. އެކަނބުލޭގެ އަށް މާތް ﷲ ދެއްވާފައިވާ ރީތިކަމާއި ނަލަކަން ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައާއި ދުނިޔޭގެ މަޝްހޫރުކަމަށް ނުވިއްކާނަމަވެ. އެކަނބުލޭގެ ފަރާތުން ނަފާ ހޯދަންވީ އެކަނބުލޭގެއަށް މާތް ﷲ ދެއްވާފައިވާ ރީތި އަޑާއި ރީތި ސިފަތައް ނުއަގުގައި ނީލަމަށް ލާ ވިއްކާލައިގެން ހެއްޔެވެ. ނޫނެކެވެ. އެއީ ކުޑައަގަކަށް ވިއްކާލެވޭ ވަރުގެ އެއްޗެއް ނޫނެވެ. އެއީ އެއަށްވުރެ އަގު ބޮޑު ޖަވާހިރެކެވެ. އަހަރެން މާތް ﷲ ގެ ކޯފާއަށް ބިރުގަނެއެވެ. މާތް ﷲ އަހަރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.

ގުޅުންހުރި

40 ޚިޔާލު

  1. ވވވވވވވވވވވ ފުރިހަމަ ލިޔުމެއް…. ސަޤީފަށާއި ސަޤީފުގެ ކައިވެންޏަށް މާތްﷲ ރަހުމަތްލައްވާށި، އަދި ތިޔަ ދިރުއުޅުމަށް ދިގު އުމުރެއް ދެއްވާށީ … މިފަދަ ގިނަ ލިޔުންތަކަށް އިންތިޒާރު ކުރަން…. މާތް ﷲ އަހަރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ

  2. ްާﷲ ދެއްވިއަޑު، ﷲ ދެއްވި ރީތިކަން، ﷲ ދެއްވި މުަދަލާ ފައިސާ ބޭނުންކޮށްގެން ހޯދާ ހެދުމާއި ރީތިވާސާމާނު އަދި މިނޫންވެސް ﷲ ދެއްވި ނިއުމަތް ބޭނުންކޮއްގެން ﷲ ޙަރާމްކޮށްފައިވާ ކަންތައްތަކަށް އަރައިގަނެ ބިން ފަސާދަކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟!! އޭﷲ އަޅަމެންނަށް ދެތުގަމު ދައްކަވާ ެއެމަގުން ހިނގުމުގާ ކާމިޔާބު ދެއްވާށިއެވެ. އާމީން.

  3. ވވވވވ ފުރިހަމަ ލިޔުމެއް. މަގުމަތިން ދަމުންވެސް އެހެން މީހަކު އަހަރެންގެ އަންހެނުންނާ ދިމާލަށް ބަލާކަށް މަށެއް ބޭނުމެއް ނޫން. އަމުދުން މިކަހަލަ ކަމަކަށް އަހަރެންގެ އަހަރެންގެ ހިލާ ނުފޮނުވާނަން.. އަހަރެންގެ އަންހެން އެހާ ޗީޕެއް ނުވާނެ. ސަޤީފްގެ ދިރިއުޅުމުގައި ބަރަކާތް ލައްވާށި..

  4. ވަރަށް ފުރިހަމަ ބޭނުންތެރި ލިޔުމެއް.، އެހަދާނުގެ ޝޯތަކަކީ އިސްލާމްދީނުގައި އޮންނަ ހުއްދަ މިންގަނޑުން މާ ބޮޑަށް ވެސް ބޭރުވެފައި އޮންނަ ހަރަކާތެއް، އެހެން އެކަން ވަނީ ރާއްޖޭގައި ހުއްދަ ގިނަ ކަންކަން ވެސް އިސްލާމީ އޮނިގަނޑުން ބޭރުވެފައި އޮންނަ ފަދައިން.

  5. ވަރަށް ފުރިހަމަ އަދި އުފެއްދުންތެރި( ކޮރިއޭޓިވް) ލިޔުމެއް މި ޝޯ އަކީ ވަރަށް ބޮޑަށް ފިތުނައަށް މަގުފަހިވާ ޝޯ އެއްކަމަށް ފާހަގަކުރަން . މިފަދަ ނުބައި ފާހިޝް ކަންތައްތަކުން ދިވެހި އުންމަތް ސަލާމަތްވާނީ ކޮން ދުވަހަކުންބާ !!

  6. މިއީ ޙަޤީޤަތުގައި ވަރަށް މުހިންމު ލިޔުމެއް… މިއަދުގެ މުޖްތަމަޢުއަށް ބޭނުންތެރި ލިޔުމެއް.. ގެޔަކަށް ޒިޔާރަތް ކުރަން ދިޔަޔަސް، ކާރަކަށް އެރިޔަސް، ކްލާހަށް ދިޔަޔަސް މިނާޗަރަންގީ ކުޅޭ އަޑް ނޫނީ ނީވޭ. ވަރަށް ހިތާމަހުރި ކަމެއް… މާއް ﷲ އަޅަމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން

  7. ވަރަށް ވަރަށް ފުރިހަމަ ލިޔުމެއް! މާތްﷲ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށި!

  8. އެއްވެސް ތާކުންތާކުޖެހޭ ލިޔުމެއް ކަމަކަށް ނުދެކެން..އަމިއްލަ ނަފްސު އިސްލާހުކުރެވޭތޯ ބެލިއްޔާ މާރަނގަޅުވާނެ…

  9. ﷲތިބާގެއަންހެނުން ނެތުމުގެތެރޭން ހެއްދެވީ، ﷲ އެއިންސާއަށް ރީތި އަޑެއް ދެއްވީ، ﷲއޭނާއައް ދެއްވީ ރީތިކަމާފުރިހަމަކަން، ﷲ ދެއްވި މުަދަލާ ފައިސާއާ ތަނަވަސްކަން، މިހެންގޮ ލިޔާމީހަކު ބޯހަލާކުވިޔަށް ﷲ ދެއްވި ނިޢުމަތްތަކުގެވާހަކަ ލިޔާ ނުނިމޭނެ،ނަމަވެސް ކީއްކުރާނީ މިނިކަމެތި އިންސާނާ ﷲ ތިމާދުނިޔެއަ ފޮނުވިމަގުސަދު ހަނދާން ނަތާލާ ﷲ ހަރާންކޯރުވަނީ އްއަވެސް ބިރެއްނެތި!! އެފަދަ ފާހިޝް އަމަލެއް ކުރަން ހުުޓާވެސް ﷲ އޭނަގެ އަޑުގެންދަވަންވެސް ކުޅަދުންވަންތަ!!!ހަމަނުވިސްނެނީ!
    މިއީ ޙަޤީޤަތުގައިވެސް ވަރަށް މުހިންމު ލިޔުމެއް… މިއަދުމިރާއްޖެއް މުހިންމު ލިޔުމެއް ..ގޭގަހުރި ޓީވީ ހުޅުޥާލިޔަސް. ގެޔަކަށް ގޮސް ވަދެލިޔަސް، ތަނަކަ ދާން ކާރަކަށް އެރިޔަސް، ސުކޫލްދޮށައް ކުޖަކުބަލާ ދިޔަޔަޔަސް ހަމަ ފެންނަނީ އިވެނީ މިނާޗަރަންގީ އަޑު އަދި މަންޒަރު . ވަރަށް ހިތާމަހުރި ކަމެއް… މާއް ﷲ އަޅަމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީންއަދި މިލިޔުން ހުސެން ޝަފީގު އަށް މިފަދަ ފައިދާހުރި ގިނަ ލިޔުންތައް ލިޔުމުގެ ފުރުސަތުދެއްވާސިއެވެ.އާމީން

  10. ދެން ތާކުންތާކުޖެހޭ ލިޔުމަކައް ވަނީ ކޮއްމެވެސް މީހެއްގެ ނަން ލީމަ ދޯ؟؟؟؟

  11. ހާދަ ވިސްނުން ހަނި ސިކުޑިއަކުން ވިސްނާފަ!!! ބޮޑުވަރު!

  12. ވ ފުރިހަމަ ލިޔުމެއް. މިފަދަ ލިޔުންތައް ގިނައިން ފަތުރަންވީ.. ކާމިޔާބުވާނެ އިރާދަކުރެއްވިއްޔާ. 100ން 1 އިސްލާޙްވިޔަސް ވ ބޮޑު ކާމިޔާބަކަށްވާނެ.

  13. ފްލޮރިންގް އަށް ބުނެލަން އޮތީ އެމީހުން އުޅޭ ގޮތާއިމެދު ވިސްނާލާފައި އެމީހުންނަށް ބޮޑުވަރޭ ބުނެލުން ރަނގަޅުހެން. ތިމާގެ އަނބިމީހާ ނުވަތަ ހަޔާތުގެ ބައިވެރިޔާ ކުޑަމިންވަރަކަށްވެސް އެހެންމީހަކާ އެއްވެސް ހާލަތެއްގައި ހިއްސާ ކުރާނީ ޖަނަވާރުން. ޖަނަވާރުންގެ ތެރެއިންވެސް އެންމެ ނުބައި ސޫފި. ހަޤީގަތަށް ބަލާނަމަ އޫރަކީ މިކަމަށް ރަނގަޅު މިސާލެއް. އޫރަކީ އޭތީގެ ބައިވެރިޔާ އާއި ގުޅުން ހިންގަން ދައުވަތު ދޭ ސޫއްޕޭއް. މިފަދަ އަމަލުތަށް ކުރާ ފިރިންނަށް ކިޔާ އުޅެނީ ދައްޔޫސް. މީނުރައްކާތެރި ކަމެކެވެ. ފްލޮލިނގް މެންކަހަލަ މިޒަމާނުގެ ސިކުނޑިން ވިސްނާމީހުންނަށް ވެދާނެ އެވިސްނުމަކީ ކަޓު ވިސްނުމަކަށް. މިފަހަރު ލިއުންތެރިޔާގެ ވިސްނުން ހަމަ ބަރާބަރު. ވަރަށް ބޮޑަށް ސުކުރިއްޔާ!!

  14. މާތް ﷲ އަޅަމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން

  15. ތިބާ ކުރާކޮންމެ ހެޔޮ މަސައްކަތެއްގައި މާތްﷲ ބަރަކާތް ލައްވާނެތެވެ. މިޤައުމު އިސްލާޙް ކުރުމައްޓަކައި ކުރެވެން ހުރި ކޮންމެ މަސައްކަތެއްކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ވާޖިބެކެވެ. ދަރިފުޅުމެން ދުނިޔެއަށް އުފަންވީ ތަޢުލީމީ ޤާބިލް ޢާއިލާ އަކުންނެވެ. ވީމާ ހިންމަތާއި އެކު މަސައްކަތް ކުރާށެވެ.

  16. ވަރަށް ރަނގަޅު ލިޔުމެއް.އަހަރެން ބޭނުމެއްނޫން އަހަރެންގެ އަނބިމީހާ އާ ދިމާލަށް އެއްވެސް މީހަކު ބަލާލަންވެސް…އެކަކުވެސް ބޭނުމެއް ނުވާނެެ…

  17. ކިހިނެތްބާ ވާނީ ތިމާގެ ފިރިމީހާ ލަވަ ކިޔާނަމަ؟ ތި ދަންނަ ބޭކަލުންނަށް އޯކޭދޯ؟ އަަންހެނެޓް ކޮށްފިޔާ ވަަރަށް ހިތަށް އަސަރު ކުރޭދޯ؟ އެހެންނުވާނީ މީހަކު ފެންނައިރަށް ހިތް ކާފަަރުވާ ޝޭޚުން ވިއްޔާތީ

  18. ފުރިހަމަ ފުރިހަމަ “ވޮނޑަރފުލް” ލިޔުމެއް
    100%މުސްލިމުނޭ ބުނޭދޯ
    މިފަދަ ނުބައި ފާހިޝް ކަންތައްތަކުން ދިވެހި އުންމަތް ސަލާމަތްވާނީ ކޮން ދުވަހަކުންބާ !!

  19. ނޫނޭ ނޭނޭ ތިހެން ނުބުނޭ ބޭނުން ވީމަތާ އެއުޅެނީ އަރުވައިގެން ލަވަކިޔާސާ އެހެނިހެން ކަންކަމަށް. އެކަމަކު ބުނާނެ ހެދުންލާ އައުރަ ނިވާ ކޮއްފީމޭ ބަލާލަން ކެރޭވަރެއްނޫން

  20. ވަރަށް ރަނގަޅު ލިޔުމެއް. މާތްްްާﷲ އަހަރެމެން އެންމެން ފާހިޝް އަމަލުތަކުން ސަލާމަތް ކުރައްވާށި!

  21. Good Writing…We All Should Pray Allah..For Dead Bodys..And We Dont Have To Sing…specially Ramadan Is Not A Month For Singing…

  22. ހަދީދް ސޫރަތުގެ 16ވަނަ އާުޔަތައް ވިސްނާލުން ވަރަށް މުހިންމު..

  23. اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسق ންނެވެ.
    ހަދީދް ސޫރަތުގެ 16 ވަނަ އާުޔަތް

  24. Surah al Hadid verse 16

    Has not the Time arrived for the Believers that their hearts in all humility should engage in the remembrance of Allah and of the Truth which has been revealed (to them), and that they should not become like those to whom was given Revelation aforetime, but long ages passed over them and their hearts grew hard? For many among them are rebellious transgressors.

  25. ވަރަށް ފުރިހަމަ، އުފާވޭ ކޮއްކޮ އަކަށް ވީމަ…………..އާދިލްބޭ

  26. މާޝާ ﷲ ވަރަށް ފުރިހަމަ ލިޔުނެއް!!!! ތިޔުން ކޮޕީ ހައްދައިގެން މުޅި މާލޭގައި ބަހަށް ފެނޭ!!! ވަކިން ހާއްސަކޮށް އެމް.އެން.ބީ.ސީ އަށް ދޭން ފެނޭ!!!

  27. ﷲ އަކްބަރް އެންމެބޮޑީ ﷲ/ތިބާޔަށް ހެޔޮޖަޒާ ދެއްވާށި އާމީން!

  28. އޮބި ލިޔުމެއް! މާޝާ ﷲ! ވަރަށް ފުރިހަމަ!

  29. ވަރަށް ފުރިހަމަ ލިޔުމެއް! ރަމަޟާން މަހު ފަހުދިހައިގަވެސް މީހުން އެބަތިބޭ އެޝޯބަލަން ހޭލާ. ކީއްތޯވާނީ އޭގެ ބަދަލުގައި ހެޔޮކަމެއްކުރިއްޔާ! މިރާއްޖޭގައި އުޅޭ ނުވިސްނޭ ބައެއް އަންހެނުން ގެ ސަބަބުން މުޖުތަމަޢުގައި އުޅޭ ގިނަމީހުންދަނީ ހަލާކުވަމުން. ސުބުޙާﷲ ! އަޅަމެން މި ނުބައި އަމަލުތަކުން ސަލާމަށް ކުރައްވާށި! ﷲ އަކްބަރް

  30. ފިރިމީހާވެސް އެހެން އަންހެނަކާއި ހިއްސާކުރާކަށް ބޭނުމެއްނޫން އެކަމަކު ދީނުގަ ހުއްދައޭ ކިޔާފަ ކަތައްމީހުންނާއި އިނީމަތޯ އިންސާފަކީ. ފިރިހެންމީހާ ކިތައްމެވަރަކަށް ހިލޭ އަންހެނުންނަށް ދެއްކެވުނަށް އޯކޭ ދޯ. ހަމަ ގޭގައި އިންނަންވީނު.

  31. ވަރަށް ފުރިހަމަ ލިޔުމެއް! ތިކަހަލަ ގިނަ ލިޔުން ތަކަށް އިންތިޒާރުކުރަން!!!!

  32. މަޖާ ބައެއް އިނގޭތީ، ވަރަށް ފުރިހަމަ ބުނެފަ ހުންނަ ކޮމެނޓް ނޫނީ ޕަބްލިޝް ކުރާކަށް ނުކެރޭ. އަނެއްކާ ކޮމެންޓް ލިޔަނީވެސް ހަމަ ތިގްރޫޕުންދޯ. އާ މަވެސް ގަބޫލުކަމެއްނޫން އިނގޭ އަންހެނުން އެގޮތަށް ތެޅުވުން.

  33. الحمد لله، މިކަހަލަ ލިޔުންތައް ލިޔުމުގެ ހެޔޮ ތައުފީޤް ދެއްވާފާނދޭވެ!
    އަދި މިކަހަލަ ލިޔުންތައް ކިޔުމުގެ ހެޔޮ ތައުފީޤް ދެއްވާ ހެޔޮ ވިސްނުން އަޅަމެންނަށް ދެއްވާފާނދޭވެ!
    يا الله، އަޅަމެން ރާމާމަކުނަށާއި އޫރަށް ބަދަލު ކުރެއްވުމުންނާއި ބިންގަނޑުގެ ތެރެއަށް ގެންބެވުމުން ސަލާމަތް ކުރަށްވާށި!!!
    جزاك الله خيرا

  34. ފުރިހަމަ ލިޔުމެއް، އެކަމް ވަރަށް ޕެރަނޮއިޑް ބޭފުޅެއްހެން ހީވޭ، ކޮންމެސް ވަރެއްގެ އިތުބާރެއް އަނބިމީހާއަށް ވެސް ކުރަންވާނެ ކަންނޭގެ،
    ެއެނގޭ މިހިޔާލު ކަމުނުދާނެކަންވެސް،

  35. ވަރަށް ދެރަ މިތާ ބައެއް ބޭފުޅުންދެން އަންހެނުން ބޮލަށް ހުރިހާ ކަމެއް ކަނޑާލާތީ،
    ވަރަށް އަފްގާނިސްތާން ވިސްނުމެއް، ދިވެހިންގެ ގޮތެއްނޫން އެއީކީ

  36. ނުދަނެތިބެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި عذاب އެއުރެންނަށްހުށްޓެވެ. – ލުގްމާން 31 –

  37. ބުނަންތަ ވާހަކަ އެއް !! މިޝޯ އަކީ އެއްވެސް ފައިސާ އެއް ލިބޭ ޝޯ އެއްނޫން .. މިލިޔުމަކީ ދޮގުލިޔުމެއް …. އަޅުގަނޑު ގެރެންޓީ ދީފާނަން … އާދެ މިލިޔުމަކީ ދޮގު ލިޔުމެއް …. މިޝޮ ޯ އަކީ ހުނަރު ދެއްކުމުގެ ގޮތުން ބާއްވާ ޝޯއެއް … ތިޖޫރީ އަށް ވަންނަ ފައިސާ އެއް ގިނަ އެއް ނުވާނެ …… ޝުކުރިއްޔާ …. މިލުޔުމަކީ އެހަނދާނުގައި ރެޓްރޯ ފަލީހަތްކުރުމައް ލިޔެފަ އޮތް ތާކުން ތާކުން ނުޖެހޭ ލިޔުމެއް … ޝުކުރިއަޔާ !!!!!!!!!!!!!!!!!!!! LOL

  38. ބުނަންތަ ވާހަކަ އެއް !!… މިސޯއަކީ މިދިވެހި ގައުމުގައި އެންމެ ގިނަ ފައިސާލިބޭ ސޯއޭބުނާތީ އަޑުއަހަން…. ފުރަތަމަ ލަވަކިޔާ ނާޗަރަންގީކުޅޭރޭ ދިރާގުގެ މައިޓޯންސް އާއި އެހަންދާން ސީޑީ އޭ ކިޔާފަނެރޭ އޯޑިއޯ ސުންބުލި ނެރުން ހަމަ އެރޭ އޮވޭ އަނެއްކާވެސް މަހެއް ދެމަހެއްނުވެ ވީޑިއީ ސީޑީ އޭކިޔާފަ އަނެއްކާވެސް ހަމަ އެހާސަރުތައް ވިއްކާ!!! ރާއްޖޭގަ މަގުއޮޅި ތިޔައަވައިގަ ޖެހި އެގަންނާނެ މީހުން އެބަތިބި ވިއްޔަ އެގޮތަށް ތިން ވަރަކަށް ސޯބާއްވާއިރު ވިސްނާލާ ރުފިޔާ ނުލިބި ހުންނާނެވަރު. ދެން ދިރާގާއިއެކު އެހަންދާނޭ ކިޔާފަ ހިންގާއިރު އެވަރަ ދިރާގު އިސްތިހާރު ކުރާއިރު ރުފިޔާ ނުލިބި ހުންނާނެތަ. ކިހެނެްތް ސިއްޓި ބުންޏަސް ގަބޫލު ކުރާނީ.. ވެދާނެ ސޮއްޓިގެ އަންހެނުން ފޮނުވައިގެން ގައުމުގެ އެންމެން ކުރިމަތީ ނެއްޓުވީކަމަށް އެހެންވެ ސޮއްޓިއަށް ހަޖަމްނުކުރެވިގެން ތިއުޅެނީ އެއީ ވާގޮތަކީ…. އެހަނދާނުގައި ރެޓްރޯއޭ ކިޔާފަ ސޮއްޓިމެން ތިޔަ ޖަހާސަކަރާތް މިބިމުގައި ފަލީހަތް އިތުރަށް ދެނެ ވާކަށް ނެތް. ފަލީހަތްވެ ނިމިއްޖެ….. އަދި އާހިރު ގައި ތިވައްތަރަށް ތެޅޭމީހުން ދުނިޔޭގެ އެންމެން ކުރިމަތީ ފަލީހަތްވާނެކަން ހަނދާންނެތުނީތަ. އެހެންމެ ފަހަރަކުވެސް އެކަހަލަ ހަނދާނެތް ކޮއްބަލް ކޮން ރެޓްރޯއެްތަ އޮންނާނީ

  39. މާތް ﷲގެ ވަޙީބަސްފުޅުގައި ވެއެވެ. { قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ} النور 30. މާނައަކީ: “ކަލޭގެފާނު މުއުމިނު ފިރިހެނުންނަށް ވިދާޅުވާށެވެ! އެބައިމީހުންގެ ލޯތައް (ހަލާލުވެގެންނުވާ މަންޒަރުތަކުން) ތިރިކުރާށެވެ! އަދި އެބައިމީހުންގެ ފަރުޖުތައް (ޒިނޭއާއި ލިވާޠު ފަދަ އެކަލާނގެ ހަރާމްކުރެއްވި ކަންތައްތަކުން) ރައްކާތެރި ކުރާށެވެ. އެބައިމީހުނަށް އެއްމެ ޠާހިރުވެގެންވާ ގޮތަކީ އެއީއެވެ. ހަމަކަށަވަރުން ﷲ އީ އެބައިމީހުން ކުރާ ކަންތައްތައް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ.” {{وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ…}} النور 31. “އަދި ކަލޭގެފާނު މުއުމިނު އަންހެންތަކުންނަށް އެކަނބަލުންގެ ލޯތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް (ފާޙިޝް ކަންތައްތަކުން) ރައްކާތެރި ކުރުމަށާއި އެކަނބަލުންގެ ޒީނަތްތެރިކަން ފާޅު ނުކުރުމަށް އަމުރުކުރާށެވެ!”

  40. سلام،
    ޙައްޤު ގޮތް އެނގި ކަށަވަރު ވުމުންވެސް، ޙައްޤަށް ރުޖޫޢު ވުމުގެ ބަދަލުގައި، އަދިވެސް އަހަރެމެންވީ، ޖާހިލިއްޔަތުގެ ޖަހާލަތަށް އެނބުރިގަންނަންހެއްޔެވެ؟

    نعوذبالله،

Your email address will not be published. Required fields are marked *

More in ރިޕޯޓް