• ފޮޓޯ / މިހާރު

ރަމަޟާންމަހަށް ފަހު….

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔައިފިއެވެ. އެއީ ރަޙްމަތާ ބަރަކާތުން ފުރިގެންވީ ދުވަސްތަކަކާ ރޭތަކެކެވެ. އެއީ ކީރިތިޤުރުއާނުގެ މައްސަރެވެ. ތަޤުވާ އާއި ކެތްތެރިކަމާ ޞަދަޤާތާ ޖިހާދާއި ފާފަފުއްސެވުމާއި ރަޙްމަތާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރުވެސްމެއެވެ.

ސުވާލަކީ ރޯދައިގެ މަދަރުސާއިން ޙާޞިލްކުރަންޖެހޭ ތަޤްވާވެރިކަމުގެ މަތިވެރި ސިފަތައް އަޅުގަނޑުމެންނަށް ޙާޞިލްކުރެވުނުތޯއެވެ؟ އަޅުގަނޑުމެންގެ ހަވާނަފްސާ ހަނގުރާމަކޮށް އެނަފްސުގެ އެދުންތައް ބަލިކުރާނެ ހިތްވަރާ ފަންވަރު އަޅުގަނޑުމެންނަށް ލިބިއްޖެތޯއެވެ؟ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުނީ ﷲ ތަޢާލާ ރޯދަވެރީންނަށް ދެއްވުމަށް ވަޢުދުކުރައްވާފައިވާ ރަޙްމަތާ ފަފަފުއްސެވުމާ ނަރަކައިން މުއްތިކުރެއްވުމުގެ މަތިވެރި ނިޢުމަތް ޙައްޤުވާފަދަ ގޮތަކަށްތޯއެވެ؟

ހަމަ ޔަޤީނުންވެސް ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެގެންދާއިރު އިޚްލާޞްތެރި މުސްލިމެއްގެ ހިތަށް މިފަދަ އެތައް ސުވަލަކާ ޚިޔާލެއް އަންނާނެކަން ކަށަވަރެވެ.

ރަމަޟާންމަހުން އަޅުގަނޑުމެންނަށް ޙާޞިލްވީ ކޮންއެއްޗެއް؟

ރޯދަމަހަކީ އިމާންކަމުގެ މަދަރުސާއެކެވެ. އަދި އަހަރުގެ ބާކީ އޮތް ދުވަސްތައް އިމާންކަމުގެ އާރާއި ބާރުގައި ވޭތުކުރުމަށްޓަކައި ތިމާގެ “ރޫޙާނީ ބެޓްރީ” ރިޗާޖްކޮށްލުމަށްޓަކައި ލިބުނު ރަނުގެ ފުރުޞަތެކެވެ. ސަބަބަކީ ވޭތުވެދިޔަތަނުން ޢިބްރަތް ޙާޞިލްކޮށްގެން ތިމާގެ ޙަޔާތް ހަމަ މަގަށް އަޅުވައިލުމަށްޓަކައި ރަމަޟާންމަހަށްވުރެ ވަކީން މޮޅު ވަގުތެއްނުވެއެވެ. އެމަތިވެރި މައްސަރަކީ ތިމާގެ ޢަމަލުތަކާ އާދަތަކާއި އަޚްލާޤުގެ ތެރެއިން ﷲ ތަޢާލާގެ އެންގެވުންތަކާ ޚިލާފު އެންމެހާ ކަމެއް ދޫކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ.

ތިބާއަކީ ރަމަޟާންމަހުގެ ފައިދާ ހެޔޮގޮތުގައި ޙާޞިލްކުރި މީހެއްނަމަ، އެމަހުގެ އަޅުކަންތަކުގެ ސަބަބުން ތިބާގެ ތަޤްވާވެރިކަމަށް އިތުރު އާރޯކަމަކާއި ތާޒާކަމެއް އައިނަމަ، އަދި އެކަމުގެ ސަބަބުން ތިބާގެ ހަވާނަފްސުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ތިބާއަށް ލިބުނުނަމަ ﷲ ތަޢާލާއަށް ޙަމްދާ ޝުކުރުކުރާށެވެ. އަދި ތިޔަގޮތުގައި މަރުދުވަހާ ހަމަޔަށްވެސް ޘާބިތުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ.

އަދި ފޭރާމެއް ވިޔުމަށްފަހު އެއްވެސް ސަބަބަކާނުލައި ތިމާގެ އަމިއްލަ އަތުން އެފޭރާން ހަލާކުކޮށްލާ މީހަކު ފަދައިން ތިބާ ނުވާށެވެ. ނުވަތަ ދުވާލުދާ ހަތަރުދަމު ވިޔާފާރިކުރުމަށްފަހު، ރޭވުމުން ތިމާޔަށް އެދުވަހުގެ ވިޔަފާރީން ލިބުނު ފައިސާތައް އުކާލާ މީހަކު ފަދައިންވެސް ތިބާ ނުވާށެވެ. މިފަދަ މީހަކާމެދު ތިބާގެ ރައުޔަކީ ކޮބައިތޯއެވެ؟  ހަމަ ޔަޤީނުންވެސް އެއީ ބުއްދީގައި ތެތްކަމެއްހުރި މީހެއްކަމުގައެއް އެކަކުވެސް ނުބުނާނެއެވެ.

ނަމަވެސް މިދެންނެވި މީހާއަށްވުރެވެސް އަބާއްޖަވެރިކަން ބޮޑު މީހަކީ ރަމަޟާންމަސް އައުމުން ނުބައިކަންތައްތައް ދޫކޮށް، ހެޔޮކަމާއި އަޅުކަމުގައި މަޝްޣޫލުވެގެން އުޅުމަށްފަހު އެމަސް ތިމާއާއި އަލްވަދާޢުކިޔުމުން ހެޔޮޢަމަލުތަކާ ކިޔަމަންތެރިކަން ދޫކޮށް، ފާފަތަކާއި ނުބައި ޢަމަލުތަކަށް އެނބުރި ރުޖޫޢަވާ މީހާއެވެ. ﷲ ތަޢާލާ، ރަމަޟާންމަހުގައި އޭނާއަށް ދެއްވި ރަޙްމަތާ ފާފަފުއްސެވުމާއި ހެޔޮކަން ފުރަގަހަށް އެއްލައިލައި އޭނާގެ ކުރީގެ ފާފަވެރި ދިރިއުޅުމަށް  އެނބުރި ރުޖޫޢަވާ މީހާއެވެ. ހަމައެކަނި ރަމަޟާންމަހުގައި ﷲ ތަޢާލާ ވޮޑިގެންވާކަން ހަނދާންވާ މީހާއެވެ. އެފަދަ މީހުންގެ މައްޗަށް ހިތާމަހުއްޓެވެ.

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ!

ރަމަޟާންމަހަށް ފަހުގައި ދީނުގެ ކަންތަތަކަށް ފަރުވާކުޑަކުރެވުމަކީ ވަރަށް ހިތާމަހުރިކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ރަމަޟާންމަހުގައި ފަރުޟު ފަސްނަމާދުގެ އިތުރުން ތަރާވީޙްނަމާދު ފަދަ ސުންނަތް ނަމާދުތަކަށްވެސް ފަރުވާތެރިކަމާއެކު މިސްކިތަށް ގޮސް ޤުރުއާންކިޔަވައި ޤުރުއާން އަޑުއަހައި އުޅުމަށްފަހު، ރަމަޟާންމަސް ނިމުމުން މިސްކިތް މަތިން ހަނދާންނައްތައިލައެވެ. ނަމާދުތަކަށް ފަރުވާކުޑަކުރަން ފަށައެވެ.  ލަވަޔާއި މިޔުޒިކާ ފާހިޝް މަންޒަރުތަކުން ތިމާގެ އިވުމާއި ފެނުމުގެ ހިއްސު ހަޑިކުރެއެވެ. ރަމަޟާންމަހުގެ ސަބަބުން ފާއިތުވެ ދިޔަތަން އަނބުރައި ހޯދަން އުޅޭފަދަ ގޮތަކަށެވެ. މިއީ ﷲ ގެ ރަޙްމަތާ އެކަލާނގެ ދީލަތި ދެއްވުންތަކަށް ޙަރާމްކޯރުވުމެވެ. އަދި ކިއެއްތަ! މިއީ ރަމަޟާންމަހުގައި ތިމާ ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުނުކުރައްވާކަމުގެ ނިޝާނެކެވެ.

ނަމަވެސް ރަމަޟާންމަހުގެ ރޯދަ އިޚްލާޞްތެރިކަމާއެކު ހިފިމީހުންނަށް ޢީދުގެ އުފަލާ އެއްކޮށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކީ އެމަހުގެ އަޅުކަންތައް އެންމެ ހެޔޮގޮތުގައި ފުރިހަމަކުރުމުގެ ތައުފީޤު ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވިކަމުގެ ހިތްހަމަޖެހުމެވެ. އެކަމަށްޓަކައި އެމީހުން، ﷲ އަށް ޙަމްދާ ޝުކުރުކުރެއެވެ. އަދި ރަމަޟާންމަހުގައި އެބައިމީހުން ހިފި ރޯދައާއި އެހެނިހެން އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ﷲ އަށް ދުޢާކުރުންމަތީ ދެމިތިބެއެވެ. ރަމަޟާންމަހުގައި ތިމާ ކުރި އަޅުކަން ޤަބޫލުވުމުގެ އެންމެ ބޮޑު ޢަލާމާތަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ޘާބިތުވެހުރެވުމެވެ.

މުސްލިމުން ވާންޖެހޭނީ އަބަދުވެސް މެދުކެނޑުމެއްނެތި ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ ބަޔަކަށެވެ. ދީނުގައި ޘާބިތުވެ ތިބޭ ބަޔަކަށެވެ. ފަހަރެއްގައިވެސް ހަމައެކަނި ވަކި މަހެއްގައި ނުވަތަ ވަކި ތަނެއްގައި ﷲ އަށް އަޅުކަންކުރާ ބަޔަކަށް ވެގެންނުވާނެއެވެ. އެހެނީ ރަމަޟާންމަހުގެ ވެރި ރަސްކަލާނގެއީ އެންމެހާ މައްސަރުތަކެއްގެވެސް ވެރި އިލާހުކަން އެބައިމީހުން ދަންނާނެއެވެ. އެހެންކަމުން ﷲ ގެ ޝަރީޢަތަށް ޢަމަލުކުރުންމަތީ ޘާބިތުވެ ތިބުމަށް އެބައިމީހުން ގަދައަޅައި މަސައްކަތްކުރާނެއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. فَاسْتَقِيمُوا إِلَيْهِ وَاسْتَغْفِرُوهُ ۗ (މާނައީ:  ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް ސީދާވާށެވެ! އަދި ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! – – سورة الفصلت 6-)

އަދި މާތް ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ” ބުނާށެވެ! އަހުރެން ﷲ އަށް އީމާންވަމެވެ. ދެން އެގޮތުގައި ޘާބިތުވެ ހުންނާށެވެ.” (މުސްލިމް)

އެހެންކަމުން ރަމަޟާންމަހުގެ ރޯދަ ހިފުން ނިމުމަކަށް އަޔަސް ތިބާއަށް ކުޅަދާނަވީ މިންވަރަކުން ސުންނަތްރޯދަ ހިފުމަށް ސަމާލުވެލައްވާށެވެ. އަދި ރަމަޟާންމަހުގެ ފަރުޟުނަމާދުތަކާއި ތަރާވީޙްނަމާދުގައި ކޮޅަށް ހުރުން ނިމުމަކަށް އަޔަސް، ތިބާގެ މައްޗަށް ﷲ ތަޢާލާ ފަސްނަމާދު ފަރުޟުކުރައްވާފައިވަނީ ހަމައެކަނި ރަމަޟާންމަހަށްޓަކައި ނޫންކަން ހަނދުމަ ބަހައްޓަވާށެވެ. ތިބާގެ ހޭބުއްދި ސަލާމަތުން ހުރިހާ ހިނދަކު އެފަސްނަމާދު ދޫކޮށްލުމަށް އެއްވެސް ޢުޒުރެއް ތިބާއަކަށް ލިބިގެނެއްނުވެއެވެ.  އަދި ތިބާއަށް ކުޅަދާނަވީ މިންވަރަކުން ސުންނަތްނަމާދުތަކަށްވެސް ފަރުވާތެރިވެލައްވާށެވެ. އަދި ރަމަޟާންމަހުގެ ޞަދަޤާތާއި ފިޠުރުޒަކާތް ދިނުން ނިމުނަސް، ހޭދަކުރުމުގެ ދޮރު ބަންދުނުކުރައްވާށެވެ! އަދި ކީރިތިޤުރުއާން ކިޔެވުން އޮތީ ހަމައެކަނި ރަމަޟާންމަހު އެކަނި ނޫންކަންވެސް ހަނދުމަބަހައްޓަވާށެވެ. އަދި ކިއެއްތަ! އެފޮތަކީ ތިބާގެ މުޅި ޢުމުރުގައިވެސް ކިޔަވައި ތަދައްބުރުކޮށް ޢަމަލުކުރާ ފޮތަކަށް ހައްދަވާށެވެ.

ރަމަޟާންމަސް ނިމި ޢީދު އައުމަކީ ފަހަރެއްގައިވެސް އަޅުގަނޑުމެން ހެޔޮ ޢަމަލުތައް ދޫކޮށް، ނުބައި ޢަމަލުތަކަށް އަރައިގަތުމަށް ލިބޭ ހުއްދައެއް ނޫނެވެ. ޢީދުގެ އުފާވެސް އަޅުގަނޑުމެން ކުރަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ އެންގެވުންތަކާ ޚިލާފުނުވާގޮތެއްގެ މަތީންނެވެ. އެހެންކަމުން ﷲ ގެ ދީނުގައި ޘާބިތުވެ ލައްވާށެވެ. އަދި އަޅުގަނޑުމެން އެއެއްޗަކާ ދުރަށް ފިލުމަށް ދުވާ މަރު އަޅުގަނޑުމެންނާ ހަމަ ކޮންމެ ވަގުތަކުވެސް ބައްދަލުކޮށްފާނެކަމަށް ވިސްނަވައިގެން ކުރިއަށް ވަޑައިގަންނަވާށެވެ. ތިބާ ފާފައެއްގެ މަތީގައި ވަނިކޮށް އެމަރު ތިބާ އާއި ބައްދަލުކުރުމަށް ތިބާ ރުހޭނަންތޯއެވެ؟ ހަމަ ޔަޤީނުންވެސް ނުރުހޭނޭކަން ކަށަވަރެވެ. އެހެންކަމަށްވާނަމަ އަޅުގަނޑުމެންނަށް އޮތް އެންމެ ހެޔޮ އެންމެ ރައްކާތެރި އެންމެ ފައިދާބޮޑު ގޮތަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ޘާބިތުވެ ޤާއިމްވެ ތިބުމެވެ.

ކީރިތިވަންތަ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގެ މަތީން ހަނދުމަކުރައްވާށެވެ! وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ  (ސޫރަތުލް ޙިޖްރު: 99) މާނައީ: “އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށްދާންދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރައްވާށެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!