ކަށްވަޅުގައި ފުރަތަމަ ރޭ!

ޚިޔާލަށް ގެންނަވާށެވެ! ދެ ރެއެކެވެ. ފުރަތަމަ ރެއަކީ ގޭގައި ތިބާ ހުރި ރެއެކެވެ. އަނބި ދަރީންނާއި އެކުގައެވެ. އެކުދީން އުފާކޮށްދީ އެކުދިންނާ އެކު ކުޅެ ސަމާސާ ކުރުމުގައެވެ. ކުޑަ ކުޑަ އުފާވެރި އާއިލާއެކެވެ. ދެން ޖެހިގެން އައި ރެއެވެ. ތިބާ ކަށްވަޅަށް ތިރިކުރެވެނީއެވެ. އަނބިދަރީންނާއި ވަކިވެ، އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ލެވެނީއެވެ. އެތަނުގައި އެއްވެސް ބައިވެރިއަކު ނެތެވެ. ލޯބިވާ އަނބިމީހާވެސް ނެތެވެ. އަދި ދަރީންނެއްވެސް ނެތެވެ. އެތަނުގައި އެކަނި އޮންނަން ޖެހުނީއެވެ.

އެއީ ކަށްވަޅުގެ ފުރަތަމަ ރެއެވެ. އެރެއާ މެދު ޞާލިޙުންނާއި ޢިލްމުވެރީން ކީރިތި ކުރައްވާ  ހިތާމަ ކުރައްވާ އުޅުނު ރެއެވެ. އަދި ތަޤްވާވެރި އަޅުވެރިން އެރޭގެ ބިރުވެރި ކަމާމެދު ޝަކުވާކޮށް އުޅުނު ރެއެވެ.

ތަބޫކު ހަނގުރާމައަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް އާއި އެކަލޭގެފާނުގެ ޞާޙާބީން ނުކުމެވަޑައިގެން އުޅުއްވި ރެއެކެވެ. އެރޭ އެކަލޭގެފާނާއި ޞަޙާބީން ނިދިކުރެއްވިއެވެ. އިންބު މަސްޢޫދު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ނިދިން ހޭލެވުނެވެ. އަދި ނަބިއްޔާގެ ތަންމަތިކޮޅަށް ބަލާލީމެވެ. ނަމަވެސް އެ ތަންމަތިކޮޅަކު އެކަލޭގެފާނެއް ނެތެވެ. ދެން އަބޫ ބަކުރުގެފާނުގެ ތަންމަތިކޮޅާ ދިމާލަށް ދިޔައީމެވެ. ނަމަވެސް އެކަލޭގެފާނުވެސް ނެތެވެ. ދެން ޢުމަރުގެފާނުގެ ތަންމަތިކޮޅު ބެލީމެވެ. އެކަލޭގެފާނުވެސް ނެތެވެ.

ދެން ވިދާޅުވިއެވެ. ފޭލިގެތަކާއި ތަންކޮޅެއް ދުރުން އަލިކަމެއް ފެންނާން ހުއްޓެވެ. އެހެންކަމުން އެ ދިމާލަށް ހިނގައިގަތީމެވެ. އެތަނުގައި ކަށްވަޅެއް ކޮނެފައި ހުއްޓެވެ. އަދި ރަސޫލާ صلى الله عليه وسلم އެކަށްވަޅު ތެރެއަށް ފައިބާވަޑައިގެން ހުންނެވިއެވެ. އަދި ކަފުންކޮށްފައިވާ މައްޔިތެއް ކަށްވަޅު ކައިރީގައި ބާއްވާފައި އޮތެވެ. އަދި އަބޫ ބަކުރާއި ޢުމަރު – رضي الله عنهما – އެ ޖަނާޒާގެ ކައިރީގައި ތިއްބެވެ. ދެން ރަސޫލާ صلى الله عليه وسلم އެދެބޭކަލުންނަށް ވިދާޅުވިއެވެ. ” ތިޔަބައިމީހުންގެ އަޚާ ކަށްވަޅަށް ހަމަހިމޭނުން ތިރިކުރާށެވެ.” ދެން އެބޭކަލުން އެ މައްޔިތާ ކަށްވަޅަށް ތިރިކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ޠާހިރު ދެ އަތްޕުޅުން އެ މައްޔިތާ ކަށްވަޅުގައި ބާއްވާލައްވައި، ހަމަ ޖައްސައްވާލެއްވިއެވެ. އެކަލޭގެފާނުގެ ލޮލުން ކަރުނަ ފޮދު އޮހޮރިގެން ދިޔައެވެ. ދެން އެއަށްފަހު ޤިބްލައަށް ކުރިމަތިލެއްވިއެވެ. އަދި އެ ޠާހިރު ދެ އަތްޕުޅު މައްޗަށް އުފުއްލެވިއެވެ. ދެން މިފަދައިން ދުޢާކުރެއްވިއެވެ. اللهم اني أمسيت عنه راض فارض عنه  މާނައީ: ” އޭ ﷲ ، ހަމަކަށަވަރުން މިއަޅާ ރޭ ކުރީ އޭނާއަށް ރުހިގެންވާ ހާލުއެވެ. އަދި އިބަ ﷲ ވެސް އޭނާއަށް ރުއްސަވާފާދޭއެވެ.” އަދިވެސް އިންބު ޢައްބާސް ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެއީ ކޮން ބޭކަލެއްގެ ޖަނާޒާއެއްތޯ ސުވާލުކުރީމެވެ. އެބޭކަލުން ދެންނެވިއެވެ. އެއީ ކަލޭމެންގެ އަޚް އަބްދުﷲ ޛުލްބަޖާދެއިންގެ ޖަނާޒާއެވެ.

ޢުމަރު ބުނު ޢަބްދުޢަޒީޒަކީ މުއްސަނދި ޢައިލާއަކަށް އުފަންވެ، މުއްސަނދިކަމުގެ ލައްޒަތުގައި  ބޮޑުވި ކުއްޖެކެވެ. ގަނޑުވަރުތަކާއި ޚާދިމުން ހުއްޓެވެ. ނަމަވެސް، އިސްލާމީ ދައުލަތުގެ ޚަލީފާއަކަށް ވުމަށްފަހު މި ހުރިހާ ލައްޒަތާއި ދުނިޔެވީ ފޮނި މީރުކަން ދޫކޮށްލެއްވިއެވެ. ކީއްވެގެންތޯއެވެ؟ ކަށްވަޅުގައި ހޭދަކުރަންޖެހޭ ފުރަތަމަ ރޭ ހަނދުމަވުމުންނެވެ.

އެހެންކަމުން އެއްދުވަހަކު މިންބަރު މައްޗަށް އަރާވަޑައިގަތެވެ. އަދި ކީރިތި ކުރައްވަން ފެށްޓެވިއެވެ. އެތަނުގައި ހުކުރު ޖަމާޢަތަށް ޚާޟިރުވެވަޑައިގެން ޢިލްމުވެރީންނާއި ވަޒީރުންނާއި ޢާންމު ރައްޔިތުން ތިއްބެވެ. ޢުމަރު އިންބު އަބްދުލް ޢަޒީޒު ވިދާޅުވިއެވެ. ” ތިޔަބައިމީހުން އަޅުގަނޑަށް ހިއްޕެވި ބައިޢަތު އަނބުރާ ގެންދަވާށެވެ.” އެބައިމީހުން އެންމެން އެކު އެކީ އެކައްޗަކަށް ދެންނެވިއެވެ. ” ކަލޭގެފާނު ނޫން މީހަކު ޚަލީފާއެއްކަމުގައި ބޭނުމެއް ނޫނެވެ.” އެހެންކަމުން، ޚަލީފާކަމަށް ނުރުހޭ ޙާލު – އެހެން ގޮތެއް ނެތިގެން- އެކަމުގެ ޒިންމާ ނެންގެވިއެވެ.

ޚަލީފާކަމުގައި ހަފްތާއެއް ނުވަނީސް އެކަލޭގެފާނުގެ ހަށިކޮޅު ނިކަމެތިވެ، ގައިގެ ކުލަ ބަދަލުވިއެވެ. އަދި ތުރުކުރައްވަން އަތްޕުޅުގައި އޮތީ އެންމެ ހެދުންކޮޅެކެވެ. އެހެންވެ އެކަލޭގެފާނުގެ އަނބިކަބަލުން އަރިހުގައި މީސްތަކުން ސުވާލު ކުރިއެވެ. އަޅުގަނޑުމެންގެ ޚަލީފާއަށް ވަމުން އެދަނީ ކިހިނެއް ތޯއެވެ؟ ޢަބްދުލް ޢަޒީޒުގެ އަނބިކަބަލުން ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު ރޭގަނޑު އަވަހާރަފުޅެއް ނުލައްޕަވައެވެ. ތަންމަތީގައި އޮންނެވުމަށްފަހު ފުރޮޅެން ފަށްޓަވައެވެ. އިންސާނަކު ހޫނު އަނގުރު ގަނޑެއް މަތީގައި އޮވެގެން ފުރޮޅޭނެ ފަދަ ގޮތަކަށެވެ. ދެން ވިދާޅުވެއެވެ. ” މުޙަންމަދުގެފާނުގެ އުއްމަތުގެ މީސްތަކުންގެ ޒިންމާ މި ނިކަމެތި އަޅާއާއި ހަވާލުކުރެވިއްޖެއެވެ. މި އަޅާއާއި ޤިޔާމަތް ދުވަހުން މި ޒިންމާތަކާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. ފަޤީރުންނާއި މިސްކީނުންނާއި ތުއްތު ކުދިންނާއި ބެހޭގޮތުން ސުވާލުވެވޭނެއެވެ.”

ހަމައެހެންމެ، އެއްދުވަހަކު އެކަލޭގެފާނުގެ އަރިހުގައި ޢިލްމުވެރި ބޭކަލަކު ދެންނެވިއެވެ. ” އޭ އަމީރުލް މުއުމިނީންއެވެ! ކަލޭގެފާނު މީގެކުރިން މައްކާގައި ހުންނަވަނިކޮށް އަޅުގަނޑުމެން ދެކުނީމެވެ. އެއީ ކަލޭގެފާނު ޚަލީފާއަކަށް ވެވަޑައިގަތުމުގެ ކުރިންނެވެ. އޭރު ކަލޭގެފާނު ހުންނެވީ ވަރަށް ޞިއްޙަތާއި ޢާފިޔަތުގައެވެ. މުއްސަނދިކަމާއި ތަނަވަސްކަމުގައެވެ.” ދެން ވެސް ޢިލްމުވެރިޔާ ދެންނެވިއެވެ. ” ނަމަވެސް މިހާރު ކަލޭގެފާނު މި ފެންނަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައި ވަނިކޮށެވެ. އެއީ ކީއްވެތޯއެވެ؟”

ޢިލްމުވެރިޔާގެ މިކަލިމަތައް އަޑުއެއްސެވުމަށްފަހު ޢުމަރު ބުނު ޢަބްދުލްޢަޒީޒް ވަޤުތުން ކީރިތި ކުރައްވަން ފެށްޓެވިއެވެ. އަދި ވިދާޅުވިއެވެ. ” އޭ ޒިޔާދެވެ! ކަލޭގެފާނަށް އަޅުގަނޑު މަރުވެ ކަށްވަޅަށް ލެވުމަށްފަހު ތިން ވަނައަށް ވާ ދުވަހު ފެނިލައްވައިފިނަމަ ހުންނާނެ މަންޒަރު އެނގިލައްވާތޯއެވެ! ﷲ ގަންދީ ބުނަމެވެ. ވަރަށް ވެސް ހިތާމަވެރި މާޔޫސް މަންޒަރަކަށް ނޫނީ އެ މަންޒަރު ނުވާނެކަން ކަށަވަރެވެ.”

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ!… އަޅުގަނޑުމެން މި ކަށްވަޅުގެ ފުރަތަމަ ރެއާ ބައްދަލު ކުރުމަށް ވަމުންދަނީ ކޮން ތައްޔާރީތަކެއްތޯއެވެ؟ އެއްވެސް ތައްޔާރީއެއް އެބަ ވެވޭތޯއެވެ؟ އުއްމަތަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘްފުޅެއްގައިވެއެވެ. القبر روضة من رياض الجنة أو حفرة من حفر النار މާނައީ: ” ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާއިންކުރެ ބަޤީޗާއެކެވެ. ނުވަތަ ނަރަކައި ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ.”

އުޘްމާނު ބުނު ޢައްފާނު رضي الله عنه ގެ ކައިރިން ޖަނާޒާއެއް ގެންދެވިއްޖެނަމަ، ވަރަށް ބޮޑަށް ކީރިތި ކުރައްވައެވެ. އެކަލޭގެފާނު ހޭފުޅު ނެތިގެން ބައެއް ފަހަރު ވެއްޓިވަޑައިގަންނަވާ ކަމަށްވެސް ބައެއް ރިވާޔަތްތަކުން ސާބިތުވެއެވެ. މިއީ ކޮންބޭކަލެއްކަން އެނގިލައްވާތޯއެވެ؟ ސުވަރުގޭގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ صلى الله عليه وسلم ދެއްވި ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ތެދުމަގު ލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ތެރެއިން ތިންވަނަ ޚަލީފާއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ދެ ދަރިކަބަލުންނާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިލެއްވި މަތިވެރި ޞަޙާބީއެވެ. މިދީނަށްޓަކައި މާތް ނަބިއްޔާ صلى الله عليه وسلم އާއެކުގައި އެތައް ޖިހާދެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ދީނަށްޓަކައި އެކަލޭގެފާނުގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވި، ކިރީތި ރަސޫލާގެ މަތިވެރި މާތް ޞަޙާބީއެކެވެ.

އެހެންކަމުން، އެއް ފަހަރަކު އެކަލޭގެފާނަށް ދެންނެވުނެވެ. “ތި ދަރަޖައަށް ކީރިތި ކުރައްވަނީ ކީއްވެތޯއެވެ؟” ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މިފަދައިން ޙަދީޘްފުޅު ކުރައްވަނިކޮށް އަޑު އެހީމެވެ. القبر أول منازل الآخرة މާނައީ: ” ކަށްވަޅަކީ އާޚިރަތުގެ އެންމެ ފުރަތަމަ މަންޒިލެވެ.” އެތަނުން ސަލާމަތްކަން ލިބިއްޖެ މީހަކަށް ސަލާމަތް ކަން ލިބިއްޖެއެވެ. އަދި އެތަނުން ނާކާމިޔާބުވެއްޖެ މީހެއް ގެއްލި ހަލާކުވެއްޖެއެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ!… ޣާފިލުކަމުގެ ނިދިން ހޭވެރިވެލައްވާށެވެ. އަދި މި ދުވަހަށް ތައްޔާރުވެލައްވާށެވެ. އެހެނީ މަރަކީ ބުނެފަ އަންނަ އެއްޗެއް ނޫނެވެ. ނޭނގި ހުއްޓާ މަރާ ބައްދަލުކުރަން ޖެހިދާނެއެވެ.

އަޅުގަނޑުމެންގެ މި މަރުވެފައިވާ ހިތްތަކަށް ދިރުން ލިބޭތޯ ހަޤީޤި ހާދިސާއެއް ނަކަލުކޮށްލާނަމެވެ. މިއީ ސަޢޫދީ ޢަރަބިޔާގެ ރިޔާޟުގައި ހިނގި ހާދިސާއެކެވެ. ދެމަފިރިންނެވެ. ޞާލިޙު ތަޤްވާވެރި ޢާއިލާއެކެވެ. އެއްދުވަހަކު، މިދެމަފިރިން ޢުމްރާވުމަށް މައްކާއަށް ދިއުމަށް ތައްޔާރުވިއެވެ. ނަމަވެސް، ދަތުރު ފެށުމުގެ ކުރީން، އެދުވަހު، އަންހެންމީހާގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ފެނުނެވެ. އެހެނީ އެދުވަހު، އަދަޔާޚިލާފަށް އެ އަންހެންމީހާ، އޭނާގެ ދަރީންނަށް ބޮސްދީ ހަދާ އުޅުނެވެ. އަދި ރޮއެ ރޮއެ ހުރެގެން ވަޞިއްޔަތެއް ލިޔުނެވެ. އޭގައިވާ ޢިބާރާތްތަކުން އެއީ އޭނަގެ މަރުގެ ވަޞިއްޔަތޭވެސް ދެންނެވިދާނެއެވެ. މި އަންހެންމީހާއަކީ ވަރަށް މާތް ތަޤްވާވެރިއެކެވެ.

ކޮންމެއަކަސް، ދެމަފިރިން މައްކާއަށް އައިސް ޢުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރިއެވެ. އަދި އެނބުރި ރިޔާޟަށް ދާން ދަތުރުފެށިއެވެ. އެއީ ވަދާޢުގެ ދަތުރެވެ. އަޖަލުގެ ދަތުރެވެ. ދެމަފިރިން ދުއްވަމުން ގެންދިޔަ ކާރުގެ ފުރޮޅު، ތަދުރުމަތީގައި ފަޅައިގެން ދިޔައެވެ. އަދި އެއާއެކު ކާރު ފުރޮޅާލިއެވެ. ޞާލިޙް އެ އަންހެނާގެ ބޮލަށް ވަރަށް ބޮޑު ޒަހަމެއް ލިބުނެވެ. ނަމަވެސް ފިރިމީހާއަށް ސީރިއަސް  ބޮޑު އަނިޔާއެއް ނުލިބެއެވެ. އެހެންކަމުން، ފިރިމީހާ އަވަސް އަވަހަށް އަނބިމީހާގެ ގާތަށް ދިޔައެވެ. އެވަޤުތު އަނބިމީހާ ޝަހާދަތުގެ ދެކަލިމަ ކިޔަމުން ގެންދެއެވެ. ދެން ފިރިމީހާއަށް ދެންނެވިއެވެ. ” އަޅުގަނޑަށް މާފުކުރައްވާ! ދެން ބައްދަލުވާނީ ސުވަރުގެއިން… އަދި ކުދިވެރީންނަށްވެސް ސަލާމް ފޯރުކޮށްދެއްވާ…”

وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ [٥٢:٢١]

އަދި އީމާންވިމީހުން އެއުރެންގެ ދަރިން އީމާންވުމާއެކު، އެއުރެންނަށް ތަބާވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ ޢަމަލަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ.

ކޮންމެއަކަސް، ކެތްތެރިކަމާއިއެކު މާތް ﷲ ގެ ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންވެގެންވާ ހާލު ޝުކުރުވެރިކަމާއެކު ފިރިހެންމީހާ އެނބުރި ގެއަށް ދިޔައެވެ. އެކަންޏެވެ. ކުދިންގެ މަންމައެއް ނެތެވެ. އެމީހުންގެ ދަރީންގެ ތެރެއިން ތުއްތު އަންހެން ދަރިފުޅު ދުވެފަ އައިސް އެއްސެވެ. ” ބައްޕާ، ކޮބާ މަންމަ؟” ބައްޕަ ވަރަށް ހިތްވަރު ކޮށްލާފަ ޖަވާބު ދިނެވެ. ” މަންމަ އަންނާނެ.” ނަމަވެސް، އެ ތުއްތު ދަރިފުޅު ބުންޏެވެ. ” ކޮންމެ ގޮތެއް ހަދާފަވެސް މަންމަ ދެކެން ބޭނުން”. އެ ޖުމްލަ އިވުމުން އެ ފިރިހެން މީހާއަށް ތަހައްމަލު ކުރަން އުދަނގޫވިއެވެ. އަދި ގިސްލާ ރޮވެން ފެށިއެވެ. އަދި އެ ތުއްތު ދަރިފުޅަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގި ހަމަހިމޭންވިއެވެ.

މިއީ ހަޤީޤީ ހާދިސާއެކެވެ. އެރެއަށްޓަކައި ތައްޔާރުވަމުން ދިޔަ އުޚުތެއްގެ ވާހަކައެވެ. މާތް ﷲ، އޭނާގެ ކަށްވަޅު އެއީ ސުވަރުގޭގެ ބަގީޗާއެއް ކަމުގައި ލައްވާށިއެވެ… އާމީން…

ޙށ

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ﷲ ކުޅަދުން ވަންތަކަން

  2. މިހާރު ރޮވިޖެ ޔާﷲ ކަވަޅަކީ ފީނިތަނެއް ކަމުގައި ލައްވާނދޭ

  3. Alhamdulillah Ya ALLAH aameen
    JazakALLAH khayr

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!