ރަމްޟާން މަހުގެ މާތްކަމާއި ދަރުމަ

الحمد لله الذي من على عباده المؤمنين، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسوله الذي جاهد في الله حق جهاده حتى أتاه اليقين، فصلوات الله وسلامه عليه وعلى آله أصحابه وأتباعهم إلى يوم الدين.

رمضان މަހަކީ އެމަހެއްގައި މާތް ﷲ ގިނަގުނަ ޘަވާބާއި ދަރުމަ ލައްވައި ތަފާތު ކަންތައްތަކުން އެމައްސަރު ޚާއްސަ ކުރައްވާފައިވާ މައްސަރެކެވެ.
އެ މަތިވެރި ޘަވާބާއި ދަރުމަ ލިބިގަތުމަށްޓަކައި އެކަންކަން ދެނެގަނެ ދަސްކުރުމަކީ ކޮންމެ ރޯދަވެރިއަކަށް މުހިންމުކަން ބޮޑުވެގެންވާ ކަމެކެވެ.
رسول الله ހަދީޘްކުރައްވާފައި ވެއެވެ. ”ކުރީގެ އުންމަތްތަކަށް ލިބިގެންނުވާ ފަސްކަމެއް ތިމަންކަލޭގެފާނުންގެ އުންމަތަށް ލިބިގެން ވެއެވެ.“

1- (( خُلُوْفُ فَمِ الصَّائِمِ أَطْيَبُ عِنَدَ اللَّهِ مِنْ رِيَحِ الْمِسْكِ)) ”ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲގެ ހަޟުރަތުގައި މިސްކުގެ ވަހަށްވުރެ ފުރިހަމަ ވެގެން ވެއެވެ.“

2- (( وتَسْتَغْفِرُ لَهُمْ المَلاَئِكَةُ حَتَّى يُفْطِرُوا )) ”ރޯދަވެރިން ރޯދަވީއްލައިފުމަށް ދާންދެން އެމީހުންގެ ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާކުރައްވައެވެ.“

3- (( وَيُزَيِّنُ اللَّهُ عَزَّ وَجَلَّ كُلَّ يَوْمٍ جَنَّتَهُ، ثُمَّ يَقُوْلُ يُوْشِكُ عِبَادِي الصَّالِحُوْنَ أَنْ يُلْقُوا عَنْهُمُ الْمَئُوْنَةَ وَالأذَى وَيَصِيْرُوا إِلَيْكِ)) ”ކޮންމެ ދުވަހަކު الله  އެކަލާނގެ ސުވަރުގެ ޒީނަތްތެރި ކުރައްވައެވެ. ދެން ވަހީކުރައްވައެވެ. ތިމަން އިލާހުގެ ޞާލިހު އަޅުންގެ ކިބައިން އުނދަގުލާއި ތަކުލީފުތައް ދުރުކުރެވި، ކަލޭގެ ގާތަށް އައުން ކާރި ވެއްޖެއެވެ.“

4- (( وَيُصَفَّدُ فِيْهِ مَرَدَةٌ الشَّيَاطِيْنِ فَلاَ يَخْلُصُوا إِلَى مَا كَانُوا يَخْلُصُوْنَ إِلَيْهِ فِي غَيْرِهِ)) ”ޝައިޠާނުންނާއި ނުބައި ޖިންނީން ކަސްތަޅު އެޅުވެއެވެ. ރަމްޟާންމަސް ފިޔަވައި އެހެން ދުވަސްތަކުގައި މީހުން ފުރެއްދުމަށްޓަކައި އައިސް އުޅޭގޮތަށް ރަމްޟާންމަހުގައި އެޝައިޠާނުންނަށް އައިސް ނޫޅެވޭނެވެ.“

5- (( وَيُغْفَرُ لَهُمْ فِي آخِرِ لَيْلَةٍ )) ”ރޯދަމަހުގެ އެއްމެ ފަހު ރޭގައި އެބައިމީހުންގެ ފާފަ ފުއްސެވޭނެއެވެ.“ ދެންނެވުނެވެ. ﷲގެ ރަސޫލާއެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެ ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ((لا، وَلكِنَّ الْعَامِلَ إِنَّمَا يُوَفَّى أَجْرُهُ إِذاَ قَضَى عَمَلَهُ)) ”ނޫނެކެވެ. އަދިކިޔެއް ކޮންމެ ޢާމިލަކަށް އޭނާގެ މަސައްކަތް ނިމުމުން އެކަމުގެ އުޖޫރަ ފުރިހަމަ ގޮތުގައި ދެވޭނެއެވެ.“ [أحمد].
6- ((غُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجَنَّةِ، فَلَمْ يُغْلَقْ مِنْهَا بَابٌ)) ”ނަރަކައިގެ ދޮރުތައް ބަންދު ކުރެވެއެވެ. އެއިން އެއްވެސް ދޮރެއް ނުހުޅުވޭހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އެއިން އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެވޭހުއްޓެވެ.“

7- (( وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ فِيْ كُلِّ لَيْلَةٍ )) ”ﷲ ތަޢާލާ އަލިފާނުން މިންޖުކުރައްވާ ބަޔަކު ވެއެވެ. އެއީ ރޯދަމަހުގެ ކޮންމެ ރެއެއްގައެވެ.“

ރޯދައިގެ ޘަވާބާއި ދަރުމަ..
ހުރިހައި ހެޔޮ އަމަލަކަށް ޘަވާބު ދެއްވަނީ މާތް ﷲ އެވެ. ނަމަވެސް ރޯދައިގެ ޘަވާބާއި ދަރުމަ އެހެން ހެޔޮ ޢަމަލު ތަކާއި ތަފާތެވެ. އެކަލާނގެ ހަޟުރަތުގައި ރޯދައިގެ ޚާއްސަކަމުންނެވެ. رَسُولُ اللهِ  ހަދީޘް ކުރައްވައިފައި ވެއެވެ. (( كُلُّ عَمَلِ ابْنِ آدَمَ لَهُ، اَلْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، قَالَ اللَّهُ: إِلاَّ الصَّوْمُ، فَإِنَّهُ لِيْ وَ أَنَا أَجْزِيْ بِهِ )). [متفق عليه] ”އާދަމުގެ ދަރިޔާ ކުރާ ކޮންމެ އަމަލެއް ވަނީ އޭނާއަށެވެ. ކޮންމެ ހެޔޮ ޢަމަލެއް އޭގެ ދިހަ ގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުވެއެވެ. ﷲ ވަހީކުރެއްވިއެވެ. އެއީ ރޯދަފިޔަވައެވެ. ފަހެ ރޯދަވަނީ ތިމަން ރަސްކަލާނގެއަށް ޚާލިޞްވެގެންނެވެ. އަދި އެއަށް ޖަޒާ ދެއްވާހުށީ ތިމަން ރަސްކަލާނގެއެވެ.“ (ރޯދައިގެ ޘަވާބާއި ދަރުމައިގެ ބޮޑުކަން އެއްވެސް މީހަކަށް ނޭންގެއެވެ.)

ރޯދަވެރިޔާގެ އުފާ..
ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ. (( لِلصَّائِمِ فَرْحَتَانِ يَفْرَحْهُمَا؛ إِذَا أَفْطَرَ فَرِحَ وَإَذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ )). [متفق عليه] ”ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. ރޯދަވީއްލާ ހިނދު އުފާވެއެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއާއި ބައްދަލުވާ ހިނދުގައި ރޯދައިގެ ސަބަބުން (ޘަވާބުގެ ބޮޑުކަމުން) އުފާވާނެއެވެ.“

ތަރާވީޙް ނަމާދު ނުވަތަ ގިޔާމުއްލައިލް ކުރުމުގެ ޘަވާބާއި ދަރުމަ..
النَّبِيُّ ހަދީޘްކުރެއްވިއެވެ. (( مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )). [متفق عليه] ”އީމާންތެރިކަމާއި ޘަވާބުގެ ބޭނުމުގައި ރޯދަމަހު ރޭގަނޑުގައި ޤިޔާމުކޮށް (ރޭއަޅުކަން ނުވަތަ ތަރާވީޙް ނަމާދު) ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަ ފުހެވިގެން ވެއެވެ.“

ލައިލަތުލްގަދުރި ވިލޭރޭގައި ގިޔާމު ކުރުމުގެ މާތްކަން..
ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ. ((مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)). [البخاري] ”އީމާނާއި ޘަވާބުގެ ނިޔަތުގައި ލައިލަތުލް ޤަދުރިވިލޭރޭ ގިޔާމު ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަ ފުހެވިއްޖެއެވެ.“

އިމާމާއި އެކުގައި ޤިޔާމުކޮށްފި މީހާގެ ދަރުމަ އާއި ޘަވާބު..
رَسُولُ ހަދީޘް ކުރައްވާފައި ވެއެވެ. (( مَنْ قَامَ مَعَ الإمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ)). [الترمذي والنسائي وابن ماجه] ”އިމާމާއި އެކުގައި އޭނާ ސަލާން ދީފުމަށް ދާންދެން ގިޔާމުކޮށްފި މީހަކަށް އެރޭގެ ރޭއަޅުކަން ލިޔުއްވިއްޖެއެވެ.“

ހާރުކެއުމުގެ މާތްކަން..
رسولُ اللهِ ހަދީޘް ކުރެއްވިއެވެ. ((تَسَحَّرُوْا فَإِنَّ فِي السَّحُوْرِ بَرَكَةً )). [متفق عليه] ”ހާރު ކާށެވެ. ހަމަކަށަވަރުން ހާރުގައި ބަރަކާތް ވެއެވެ.“

މީހަކަށް ރޯދަ ވީއްލަން ދިނުމުގެ ޘަވާބާއި ދަރުމަ..
رَسُولُ اللهِ ހަދީޘް ކުރެއްވިއެވެ. ((مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا)). ”ރޯދަވެރިއަކަށް ކޯދޮންނަން ދީފި މީހަކަށް، އެރޯދަވެރިޔާގެ އަޖުރުން އުނިވުމަކާއި ނުލައި، އެފަދަ ޘަވާބު ހުއްޓެވެ.“ [الترمذي والنسائي وابن ماجه]

ރޯދަމަހުގައި ޢުމުރާއެއް ވުމުގެ ދަރުމައާއި ޘަވާބު..
رَسُولُ اللهِ ހަދީޘް ކުރައްވާފައި ވެއެވެ. (( عُمْرَةً فِيْ رَمَضَانَ تَقْضِيْ حَجَّةً أَوْ حَجَّةً مَعِيْ )). [متفق عليه] ”ރޯދަމަހުގައި ޢުމުރާއެއް ކުރުމަކީ ހައްޖަކާއި އެއްވަރު ކަމެކެވެ. ނުވަތަ ތިމަން ރަސޫލާގެ އަރިހުގައި ހައްޖެއް ކުރުން ފަދައެވެ.“

ރޯދަމަހުގެ ފުއްސެވުން..
އިތުރު އެކަލޭގެފާނުން ހަދީޘް ކުރެއްވިއެވެ. (( الصَّلاَةُ الْمَكْتُوْبَةُ إِلَى الصَّلاَةِ الَّتِيْ بَعْدَهَا كَفَّارَةٌ لِمَا بَيْنَهُمَا، وَالْجُمُعِةُ إِلَى الْجُمُعَةِ، وَالشَّهْرُ إِلَى الشَّهْرِ يَعْنِيْ رَمَضَانَ إَلَى رَمَضَانَ كَفَّارَةٌ لِمَا بَيْنَ هُمَا )). [أحمد] ”ފަރުޟު ނަމާދަކީ އޭގެ ފަހުގައިވާ ނަމާދާއި ދެމެދުގެ ކައްފާރާއެކެވެ. އަދި އެއްހުކުރަކީ އަނެއް ހުކުރަކާއި ދެމެދުގައިވަ ކައްފާރާއެކެވެ. އަދި އެއް ރޯދަމަހަކީ އަނެއް ރޯދަމަހާއި ދެމެދުގެ ކައްފާރާއެކެވެ.“

އަޅުގަނޑުގެ އިތުރު ލިޔުންތައް ވިދާޅުވޭ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!