ޒިނޭފަދަ ބޮޑެތި ފާފަ ކުރެވިފައިވާނަމަ މާތް ﷲގެ ކޯފާއިން ސަލާމަތް ވުމަށް އޮތް މަގު

އަޅުގަނޑަކީ 25 އަހަރުގެ ޒުވާނެކެވެ. އަޅުގަނޑަށް ވަނީ ބޮޑެތި ފާފަތަށް ކުރެވިފައެވެ. ބޮޑެތިފާފަ ތަކުގެ ތެރެއިން ކުރެވިފައިވަނީ ޒިނޭ އެންމެ މީހަކާ އެކީގައެވެ. މިހާރު އަޅުގަނޑު މިވަނީ މިއަމަލު ހިންގި އަންހެނާއާއި ކައިވެނިވެސް ކޮށްފައެވެ. މިހާރު އަޅުގަނޑަށް ކުރެވުނު ނުބައި އަމަލަށް ހިތާމަ ކުރާހާލު ﷲ އަށް ބިރުވެތިވަމެވެ. މިދުނިޔެއާއި އާޚިރަތުގައި. އަޅުގަނޑަށް ހުރިގޮތް ވިދާޅުވެދެއްވާ؟ އަދި ކުރިޔަށް އޮތްތާގައި އަޅުގަނޑު އަމަލު ބަހައްޓަންވީ ގޮތާއި މިކަމުން ދިންނެވުމަށް ޝޭޙްގެ ކިބައިން ނަސޭހަތަކަށް އެދެން. 2. އަޅުގަނޑުގެ ރައްޓެއްސަކު 23 އަހަރު ވަނީ އޭނަގެ ފަހަރިއާއި ފާހިޝް އަމަލުތަކެއް ހިންގާފައެވެ. އަދި މިދެންނެވި ފަހަރީގެ 1 އަހަރު ކުޑަކުއްޖަކުގެ ކިރުވެ ވަނީ ބޭނުން ކޮއްފައެވެ. އެކަމަކު މިހާރު ބަރާބަރަށް ނަމާދުކޮށް އެކަންތައްތަކާއި މެދު ހިތާމަކުރައެވެ. މީނާއަށް ހުރިގޮތްވެސް ތަފްސީލު ކޮއްދީ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޝައްކެއްނެތް ފާފަޔަކީ ނުރައްކާތެރި ބިރުވެރިކަން ހުރި އެއްޗެއް، އިލާހުގެ ކޯފާ ހައްގުވާނެކަމެކެވެ. ޚާއްސަކޮށް ޒިނޭއަކީ އެއްމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ދުނިޔޭގައި ނުވަތަ އާޚިރަތުގައި ވެސް އެކަލާނގެ ސަޒާ ހައްގުވާ ކަމެކެވެ. ނަމަވެސް ފާފަ ކިތަންމެ ބޮޑުވެފައި ކިތަންމެ ގިނަކަމުގައިވިޔަސް އަޅުގަނޑުމެންގެ ވެރި ރަސްކަލާނގެ ﷲ ސުބްހާނަހޫއީ އޯގާވަންތަ ރަހުމަތްވަންތަ ރަސްކަލާނގެއެވެ. އެހެންވެ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުއްވަވާފައިވެއެވެ.

ﷲގެ ރަހުމަތުން މާޔޫސް ވުމެއް ނުވެއެވެ. އެކަލާނގެއީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެއެވެ. އަޅުން އެކަލާނގެ ހަޟުރަތަށް ރުޖޫޢަވެ، ތައުބާވެ، ފާފަ ފުއްސެވުންއެދި އާދޭސް ދެންނެވުމަށް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ. ވީމައި އެކަލާނގެ ހަޟުރަތަށް އަވަސްވާށެވެ. { قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ } الزمر 53. މާނައަކީ: ”ނަބީކަލޭގެފާނެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އޭ ތިމަން އިލާހުގެ އަޅުތަކުންކުރެ (ފާފަކުރުމުން) އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކުރި މީހުންނޭވެ! ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ! ހަމަކަށަވަރުން މާތް ﷲ ހުރިހާ ފާފައެއް ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެއެވެ.“

ވީމައި އަޅުންގެ މައްޗަށް އޮތީ ކޮން ކަމެއް ތޯއެވެ؟! ﷲގެ ޙަޟުރަތަށް ރުޖޫޢަވުން އަވަސް ކުރުމެވެ. އަވަހަށް ތައުބާ ވުމެވެ. ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. އޭރުން ދުނިޔެމަތީގައި ކަނޑައެޅިފައިވާ ސަޒާ ކޮންމެހެން ލިބިގަންނާކަށް ނުޖެހެއެވެ. އަދި އާޚިރަތުގެ ފާފަވެސް އެކަލާނގެ ފުއްސަވާނެކަން ކަށަވަރެވެ. ވީމައި، ތިބާއަށް ކުރެވިފައިވާ ފާފަ ސިއްރުކޮށް، ތެދުވެރި ތައުބާއަކުން ތައުބާ ވާށެވެ.

ތައުބާގެ މާނައީ ރުޖޫޢަވުމެވެ. ތިބާ ކުރަމުންދިޔަ ނުބައި ކަމެއް ހުއްޓާލައި ފާފަ ފުއްސެވުންއެދި ﷲގެ ހަޟުރަތަށް ދަންނަވައި އެކަލާނގެ ރުއްސަވާ މަގަށް އެނބުރި އައުމެވެ. ވީމައި ތައުބާވުމަށް ގަސްތުކުރާ ފާފަ ހުއްޓާލައި، އެފާފައިގެ މައްޗަށް ލަދުވެތިވެ ދެރަވެ، އެފާފަ އަލުން ނުކުރުމަށް އަޒުމްކޮށް ތައުބާވުމަކީ ތެދުވެރި ތައުބާއަކުން ތައުބާ ވުމެވެ.

ތައުބާގައި އެއްމެ މުހިންމު ކަމަކީ އަޅާ ﷲ އަށް ތެދުވެރި ވުމެވެ. ފާފަ ހުއްޓާލައި އަލުން އެފާފައަށް ނުދިޔުމަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކުގައި ގަސްތުކޮށް އަޒުމު ކުރުމެވެ. އެކަލާނގެ ބަސްފުޅުގައިވެއެވެ. {{ يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَى رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الأَنْهَارُ…}} [التحريم 8]. މާނައަކީ: ” އޭ އީމާންވީ މީސްތަކުންނޭވެ! ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ﷲގެ ހަޟުރަތަށް ތައުބާވާށެވެ! އޭރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުން ކައިރިވެގެންވެއެވެ. އަދި އެތަނުގެ ދަށުން ކޯރުތައް ދެމިދެމި އޮންނަ ސުވަރުގެތަކަށް ވައްދަވާނެއެވެ.“

ތިޔަ އަޚާއަށާއި ބޮޑެތި ފާފަ ކުރެވިފައިވާ އެއްމެހައި މުސްލިމުންނަށް އަޅުގަނޑުގެ ނަސޭހަތަކީ ތައުބާގައި ދެމި ހުރުމަށެވެ. އަބަދާއި އަބަދު ތައުބާ ވޭވެ ހުރުމަށެވެ. އަޅުގަނޑުމެން އިންސާނުންނަކީ އަވަހަށް ހަނދާންނެތޭ، ގިނަގިނައިން ކުށްކުރެވޭ ބައެކެވެ. އިތުރުއެކަލޭގެފާނުން އެކަލޭގެފާނުންގެ އިސްފަހުގެ ހުރިހައި ފާފައެއް ފުހެވިގެން ވުމާއި އެކުގައިވެސް ކޮންމެ ރެއަކާއި ދުވާލު ހަތްދިހަ ފަރު، ސަތޭކަ ފަހަރު އިސްތިޣްފާރު ކުރައްވައި ފާފަ ފުއްސެވުން އެދެއެވެ. ގިނަގިނައިން ތައުބާވެ، އިސްތިޣްފާރު ކުރުމަކީ މާތް ﷲ އެއްމެ ރުއްސަވާ އެއްމެ މަތިވެރިވެގެންވާ އަޅުކަމެވެ. އެހެންކަމުން އެއްމެ ގިނައިން ތައުބާވެ އިސްތިޣްފާރު ކުރެއްވި ބަޔަކީ އެކަލާނގެ ރަސޫލުންނާއި ނަބިއްޔުންނެވެ. ދެން އެކަލާނގެ އެއްމެ ގާތް މީހުންނެވެ.

އަނެއް މުހިންމު ކަމަކީ؛ ކުރީގައި ކުރެވިފައިވާ ބޮޑެތި ބޮޑެތި، ނުބައި ފާފަތަކާއި ފަރުވާލެއްނެތި ދޫކޮށްލެވިފައިވާ އަޅުކަންތަކުގެ ބަދަލުގައި ޞާލިޙު އަމަލު ގިނަ ކުރުމެވެ. ޞަދަގާތް ކުރުން ގިނަ ކުރުމާއި ނަފްލު (ސުންނަތް) ނަމާދާއި ރޯދަ ހިފުމާއި މުސްލިމުންނަށް އެހީވުމާއި ހެޔޮ ކަންކަން ފެތުރުމާއި މުންކަރާތް ނެތިކޮށްލުމަށް މަސައްކަތް ކުރުންފަދަ ހެޔޮ ޢަމަލުތައް ގިނަ ކުރުމެވެ.

ސުވާލުކުރި އަޚްގެ ރަހުމަތްތެރިއާ ކޮށްފައިވާ ފާފައަކީ އަދި ވަކިން ނުބައިކަން އިތުރުވެގެންވާ ފާފައެކެވެ. ދުރު މީހުނަށްވުރެ ގާތް މީހުންނާއި އެކުގައި ފާޙިޝް އަމަލު ކުރުމަކީ ވަކިން ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. ނަމަވެސް އޭނާއަށްވެސް އޮތް ގޮތަކީ އިސްވެ ދިޔަފަދައިން ތެދުވެރިކަމާއި އެކުގައި ތައުބާވެ ޞާލިހު ޢަމަލު ކުރުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. { ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا السُّوءَ بِجَهَالَةٍ ثُمَّ تَابُوا مِنْ بَعْدِ ذَلِكَ وَأَصْلَحُوا إِنَّ رَبَّكَ مِنْ بَعْدِهَا لَغَفُورٌ رَحِيمٌ  } النحل 119. މާނައަކީ: ”ދެންފަހެ ޖާހިލުކަމުގެ ސަބަބުން ނުބައި އަމަލުކޮށްފައިވާ މީހުން އެފަދަ އަމަލުތަކަށް ފަހުގައި ތައުބާވެ، އިސްލާހު ވެއްޖެ ނަމަ ހަމަކަށަވަރުން އެފަދަ މީހުނަށްޓަކައި ކަލޭގެފާނުންގެ ރައްބު ފާފަ ފުއްސަވައި އޯގާވަންތަ ރަސްކަލާނގެއެވެ.“

މާތް ﷲ އަޅުގަނޑުމެންގެ ޒުވާނުންނަށް ހޭވެރިކަން ދެއްވައި ފާހިޝް ކަންކަމާއި ނުބައި އަމަލުތަކާއި ދުރުހެލިވެ ތައުބާވުމުގެ ތައުފީގު ދެއްވާށި! އަދި ތިޔަ އަޚުންނަށް އިޚްލާސްތެރިކަން ދެއްވައި އެކަލާނގެ ރުއްސަވާ މަގުގައި ސާބިތު ކުރައްވާށި! އާމިން!

والله أعلم وبالله التوفيق وصلى الله على محمد وآله وصحبه وسلم

އަޅުގަނޑުގެ އިތުރު ލިޔުންތައް ވިދާޅުވޭ!

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Ziney kohfi meehaa aakhirath dhuvahun e amalah jazaa dhevvane kan alhugadumennah engifa othy. Thaubaa vun ei kuran jehey kameh. Efadha amalu thakaa dhuruvaan kuran jehey kanthah kurun kanneyge meege muhinmu kamakee. Alhugandah neygenee viyya miah javaabeh dhevunmah dhannavan. Zineykurun ei massala eh noon kamah baaru dhevey hen heevaathee mi comment kohlee

  2. Ziney ah baaru dhey gothah jawaab dhevvaafaivaa kamakah alhugandu nudheken. Sababakee thaubaage vaahaka eboi vidhaalhuvefa. Thaubaa akee ikhlaastherikamaai eku vevey thaubaa eh. Kurin ekuri faahish amalu dhookoh dhen ekan nukurun mathy dheni hurumaa eku ekurecubu faafa fussevun edhi Allah ah dhua kurun mathy dhemi hurumaai ekamah hithaama koh ekamun mulhin dhuruhelivegathun. Ei ikhlaastheri thaubaa. Efadha Thaubaa eh vehje nama Allah efaafa fussavaane in sha Allah. Hadheesegga veethee dhekunin Allah alhaku dheke loabi ve vodigenfi nama emeehaku imthihaan kuravvaa vahaka dhathi kamaai museebaai thah medhuveri vegen namaves. Adhi ekamah eynaa keitheri vejje nama faafa thah fussavaa kamah. Egothugai eyna ge umuru nimigen dhaane kamah evves faafa eh neh alhegge gothuga. Allah aa medhu ragalha ummeedhu kuravva. هو الغفار، التواب، الرحيم

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!