ރޯދަ ކުރުކުރުން… މައްސަލައެއްނޫނެވެ!

ހައިރާންވެ ނުލައްވާށެވެ. ސުރުޙީ އެ އޮތީ ރަނގަޅަށެވެ. ވިދާޅުވަމުން ކުރިޔަށް ވަޑައިގަންނަވާށެވެ. އޭރު އެކަން އިތުރަށް ޔަޤީންވެލައްވާނެއެވެ.

ހަމަކަށަވަރުން، ރޯދަ ހިފަން ކަނޑައެޅިފައިވާ ގަޑިއަކަށް އުނި އިތުރެއް ނާންނާނެއެވެ. އެހެނީ، ފަޖުރުއްޞާދިޤުގެ އަލިކަމާއެކު ފަށާ ރޯދަ، ވީއްލަން ޖެހެނީ އިރުއޮއްސުމުންނެވެ. އެހެންކަމުން، ރޯދަ ކުރެއް ނުވާނެއެވެ. ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި ރޯދަ ކުރުކުރުމޭ ބުނެވެނީ ރޯދަހިފައިގެން ހުރެ ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެ ހުރެ އެދުވަހުގެ ވަޤުތު ދުއްވާލުމަށެވެ. އެގޮތުން، އެކި މީހުން އެކިއެކި ކަންތައް ކޮށްއުޅެއެވެ. މިގޮތުން ޓީވީއާއި ބައެއް ރޭޑިޔޯ ޗެނެލްތައް ވަނީ މިކަމުގައި ވަރަށް ކުރިއަރައިގެން ގޮސްފައެވެ. އެޕިކަޕުން މިޕިކަޕަށެވެ. ރަތް ލޮރީން ނޫ ލޮރީ އަށެވެ. ލަވަޔާއި މިޔުޒިކެވެ. ސިލްސިލާ ޑްރާމާތަކާއި ރޯދަމަހުގެ ރޭގަނޑުގެ ކުޅިވަރު މުބާރާތްތަކާއި ރޯދަމަހަށް ޚާއްޞަ ޕޮރުގްރާމްތަކެވެ. އަދި އިންޓަރނެޓްގެ އެކިއެކި ވެބްސައިޓުތަކެވެ. ފޭސްބުކެވެ. ޓްވިޓަރއެވެ. ހިންދީ ފިލްމާއި އިނގިރޭސި ފިލްމެވެ. ތެދެކެވެ. ވަޤުތު ދާގޮތް ބުނެދޭން ނޭނގޭހާވެސް ބާރެވެ. ރޯދަ ވަރަށްވެސް ކުރެވެ.

މިއުއްމަތުގެ ސަލަފުއްޞާލިހުން މި މަސް އައުމުގެ 6 މަސްކުރިން މި މަހާ ބައްދަލުވުމަށް އެދި މާތްﷲ ޙަޟްރަތުގައި ދުޢާ ދަންނަވާ އުޅުއްވިއެވެ. އޭގެ ކުރިން އެމީހުންގެ މަރު ނުހިއްޕެވުމަށެވެ. އަދި ފުރިހަމަ ޢާފިޔަތުގައި މި މަހުގެ ރޯދައާއި ޤިޔާމްކުރުމުގެ ތައުފީޤު ދެއްވުމަށް އެދިއެވެ. ސުވާލަކީ އަޅުގަޑުމެންނަށް އެގޮތަށް އިޙްސާސް ނުކުރެވެނީ ކީއްވެތޯއެވެ؟ މި މަހުގެ މަތިވެރިކަން އަޅުގަނޑުމެންގެ ހިތު ތެރެއަށް ނުވަންނަނީ ކީއްވެތޯއެވެ؟ މިމަސް އަޅުގަޑުމެންނާ ބައްދަލުކުރުމުން އުފާނުވަނީ ކީއްވެތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. އީމާންތެރިކަން ބަލިކަށީއެވެ. ފާފަތަކުން ހިތުގައިވަނީ ފަރުދާއެއްލެވިފައެވެ. ހެޔޮކަންތައް ކުރުމަށް ހިތް ނޭދެއެވެ. ބުރައީއެވެ. މި މަހަށް އިސްތިޤްބާލު ކުރަން ޖެހޭ ގޮތަށް ނުކުރެވޭތީއެވެ. ތެދުވެރި ތައުބާއަކުން ތައުބާ ނުވާތީއެވެ.

މާފުކުރައްވާށެވެ. އަރިމަތި ޞުރުޙީ މާ ދިގު ކުރެވުނީއެވެ. އަސްލު މައުޟޫޢަށް ޖެހިލަމާ ހިންގަވާށެވެ. ކޮންމެއަކަސް، ރޯދަ ކުރުކުރުން އެއީ މައްސަލެއްނޫންކަމަށް އަޅުގަނޑަށް ދެންނެވިއްޖެއެވެ. އެހެންކަމުން އެއީ ކިހިނެއް ކަންވެސް ސާބިތު ކޮށްދޭން ޖެހޭނެއެވެ.

ރޯދަކުރުކުރުމަކީ ކަމެއްގައި ވަޤުތު މަޝްޣޫލުކޮށްގެން ވަޤުތު ނަގާލުމެވެ. ނަމަވެސް، ލަވަޔާއި މިޔުޒިކަކީ ޙަރާމް އެއްޗެކެވެ. އެޕިކަޕުން މިޕިކަޕަށް ދިޔުމަކީ ރަނގަޅު ކަމެކޭވެސް ދެންނެވޭކަށް ނެތެވެ. މިމަހުގެ ޙުރުމަތަށް ބަލާފައެވެ. މި މަހުގެ މިވަޤުތަކީ އަގު ނުކުރެވޭފަދަ ބޮޑު ޖައުހަރަކަށް ވުމުންނެވެ. ނިޢުމަތުގެ ތެރެއިން އެންމެ މަތިވެރި އަދި އިލާހީ ދީލަތިކަމުގެ ތެރެއިން އެންމެ ދީލަތި އެއް ހަދިޔާއަށް ވާތީއެވެ.

އެހެންކަމުން، މި ވަޤުތު ހެޔޮ ގޮތުގައި ޣަނީމާ ކުރަންޖެހޭނެއެވެ. އަދި ހެޔޮ ކަންތަކުގައި މި ވަޤުތު މަޝްޣޫލުކުރަން ޖެހޭނެއެވެ. އެގޮތުން ރޯދަ ހެޔޮ ގޮތުގައި ކުރު ކުރެވިދާނެ ބައެއް ކަންތަކަށް ބަލައިލާނަމެވެ.

1 – ޤުރުއާން ކިޔެވުން: މި މަހަކީ ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެހެންކަމުން ތިބާ މި މަހުގެ ކޮންމެ ދުވަހަކު ރޯދަކުރުކުރަން ކިޔަވާނެ މިންވަރެއް ކަނޑައަަޅާށެވެ. ދުވާލަކަށް މަދުވެގެން ޖުޒްއެއް ކިޔަވަން އަޒުމު ކަނޑައަޅާށެވެ. އޭރުން ރޯދަމަސް ނިމޭއިރަށް، މާތް ﷲ ގެ އިރާދަފުޅާއެކު، ޚަތިމެއް ކުރެވޭނެއެވެ. ރޯދަމަހުގައި ޙަތިމެއް ކުރުމަކީ ވާޖިބު ވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް މުސްތަޙައްބު ކަމެކެވެ. މަދުވެގެން ޙަތިމެއް ނުކުރެވިއްޖެނަމަ، ރޯދަމަހުގެ ބަރަކާތަށް އެދިގެން ޤުރުއާން ކިޔަވާ އުޅުނު މީހެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެހެނީ މިއީ ޤުރުއާނުގެ މަހެވެ.

2 –  ރޯދަކުރުކުރަން ކުރެވިދާނެ ދެވަނަ ކަމަކީ، ދީނީ ފޮތްތައް ކިޔުމެވެ. އަދި ދީނީ ދަރުސްތައް އަޑުއެހުމެވެ. މާޒީގެ ދަރުސްތަކާއި މިހާރުގެ ދަރުސްތައް ވަރަށް ގިނަ ތަން ތަނުން ލިބެން ހުންނާނެއެވެ.  މިކަން ކުރަންވީ ތިމާގެ ޖާހިލުކަން ފިލުވާލުމަށެވެ. އެހެންކަމުން، ރޯދަމަހާއި ގުޅޭ ލިޔުންތައް ގިނައިން ކިޔާށެވެ. އަދި ރޯދައަށް ޚާއްޞަ ދަރުސްތައް އިސްކަންދޭށެވެ. މޫސުމީގޮތުންނެވެ. އޭރުން ތިމާގެ ރޯދައިގެ ފިޤުހު އިތުރުވާނެއެވެ. އަދި އަނބި ދަރިންނަށް އެނގޭ އެއްޗެހި ބުނެދޭށެވެ. އޭރުން ސިނކުޑީގައި ހަރުލާނެއެވެ.

3 – މައިންބަފައިންނަށް ކަމޭހިތުން؛ ޙާއްޞަކޮށް މައިންބަފައިންނާއި ވަކިން އުޅޭނަމަ އެމީހުންނަށް ޒިޔާރަތް ކުރަންވާނެއެވެ. އެމީހުންނަށް އެދުވަހަށް ބޭނުންވާ ބާޒާރުކޮށްދޭށެވެ. ރީތިބަހުން އެމީހުންނާ ވާހަކަ ދައްކާށެވެ. އެމީހުންނާ އެކު ކޮންމެ ދުވަހުކުވެސް ވަޤުތުކޮޅެއް ހޭދަކުރުން ވަރަށް މުހިންމެވެ. މާތްﷲ ގެ ރުއްސެވުން އިންތިހާއަށް ލިބޭނެއެވެ. ރޯދާގެ ޘަވާބާއި ދަރުމަ އިތުރުވާނެއެވެ. އެހެނީ މާތްﷲ އަށް އަޅުކަން ކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ޤުރުއާނުގައި ވަނީ ވަރަށް ބޮޑަށް އަމުރު ކުރައްވާފައެވެ.

މިއީ ކުޑަކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑުކަމެކެވެ. އެއްވެސް އެއްޗެއްގެ ފައިދާ އިންސާނައަށް ނުކުރާނެ ދުވަހުން މިކަމުގެ ހެޔޮކަން ފެންނާނެއެވެ. އެދަވަހުން ހިތަށް އަރާނެއެވެ. މުޅި އުމުރު މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި ހޭދަކުރެވުނު ނަމަހީއެވެ. އެހާވެސް ކަމުގެ މަތިވެރިކަން ބޮޑެވެ. އެހެންކަމުން، މި އަށްވުރެ ވަކި ރޯދަ ކުރު ކުރާނެ މޮޅު ގޮތެއް އޮވެދާނެތޯއެވެ؟

4-  ޢާއިލީ ގޭގެއަށް ޒިޔާރަތްކުރުން؛ މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނުބަލާށެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ. އެހެނީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމަކީ ވަރަށް ބޮޑަށް އެއަށް ފަރުވާތެރިވުމަށް މާތްﷲ އަމުރުކުރައްވާ ބާރުއަޅުއްވާފައިވާ ކަމެކެވެ. މީގެ ތެރޭގައި އަވަށްޓެރީންވެސް ހިމެނެއެވެ. އެހެންކަމުން، ތިބާއަށް ހުސްވަޤުތެއް ލިބި ރޯދަކުރުކުރާ ހިތްވެއްޖެނަމަ، އެގޭގެތަކަށް ޒިޔާރަތްކޮށްލާށެވެ. މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން މިކަމުގެ ސަބަބުން ތިބާއަށް މިންވަރު ވެދާނެއެވެ. ރޯދާގެ ޡަވާބާއި ދަރުމަ އެތައް ގުނައަކަށ އިތުރުވެގެން ހިނގައިދާނެއެވެ. އަދި އޭގެއިތުރުން އެމީހުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައިދާނެއެވެ. ނަމަވެސް، ބޭކާރު ވާހަކަތައް ދެއްކުމުގައި މިފުރުޞަތު ނަގައިލައިގެން ނުވާނެއެވެ.

މި ދީނުގެ މަތިވެރިކަމާއި ރޯދާގެ މަތިވެރިކަމުގެ ވާހާކަ އެމީހުންނަށް ގިނަގިނައިން ހަނދާންކޮށްދޭށެވެ. ރޯދަމަހުގެ މަތިވެރިކަމުގެ ވާހަކަތައް ބަޔާންކޮށްދޭށެވެ. ޤިޔާމުއްލައިލްގެ މަތިވެރިކަމުގެ އުފާވެރި ޚަބަރުދޭށެވެ. ލައިލަތުލް ޤަދްރި ހޯދުމަށް އެބައިމީހުންނަށް ހިތްވަރު ދޭށެވެ. ރޯދައާ ބެހޭގޮތުން ދެވިފައިވާ ދަރުސްތަކުގެ ސީޑީ އެބައިމީހުންނަށް ހަދިޔާ ކުރާށެވެ. އޭރުން، ދީނުގެ އަނެއް މަތިވެރި ޝިޢާރަކަށް ޢަމަލު ކުރެވުނީއެވެ. ހަދިޔާ ބަދަލުކުރުމުގެ ޝިޢާރެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ ޝިޢާރެވެ. އަދި ޢިލްމު ފޯރުކޮށްދިނުމުގެ ޝިޢާރެވެ. މިތިން މަތިވެރިކަމާއި ހެޔޮކަންތައް ތިބާގެ ފަތުގައި ލިޔެވޭނެއެވެ. ރޯދަ ކުރުކުރަން މިއީ ވަކި ދެރަ ގޮތެއްތޯއެވެ؟

5- ރަވާތިބު ސުންނަތްތައް ކުރުން؛ އެއީ ފަތިސް ނަމާދުގެ އިހު ދެރަކުޢަތާއި، މެންދުރު ނަމާދުގެ އިހު ހަތަރު ރަކުޢަތާއިި، އެނަމާދުގެ ފަހު ދެ ރަކުޢަތާއި، މަޣްރިބް ނަމާދުގެ ފަހު ދެ ރަކުޢަތާއި،ި ޢިޝާ ނަމާދުގެ ފަހު ދެ ރަކުޢަތެވެ. އެހެންކަމުން، މިއީ ވަރަށް ސުންނަތްކަން ގަދަ ނަމާދުތަކެކެވެ. އެކަމުގެ މާތްކަމާބެހޭގޮތުން ވަރަށް ގިނަ ޙަދީޡްތައް ވާރިދުވެފައި ހުރި ނަމާދުތަކެކެވެ. އޭގެ ތެރެއިން މި ސުންނަތްތައް ކުރާ މީހަކަށް ސުވަރުގޭގައި މާތް ﷲ ގަނޑުވަރެއް ބިނާ ކޮށްދެއްވާ ޙަދީޘަކީ މަޝްހޫރު ޙަދީޘްފުޅެކެވެ. އެހެންކަމުން، ރޯދަކުރުކުރުމަށް މިއީ ވަރަށް ފައްކާ ޕޮރްގުރާމަކަށް ވެގެން ދާނެއެވެ. އެއްވެސް ރާތިބު ސުންނަތެއް ދޫކޮށްނުލުމަށް އަޒުމު ކަނޑައަޅުއްވާށެވެ. ޡާބިތުވެއްލައްވާށެވެ.

އަދި މީގެ އިތުރުން، އެހެންވެސް ނަމާދުތަކުގައި ބައިވެރި ވާށެވެ. ޖަނާޒާތަކުގައި ބައިވެރިވާށެވެ. ޖަނާޒާގައި ބައިވެރިވުމަކީ ބޮޑު ދެ ފަރުބަދައިގެ ހެޔޮކަން އެމީހަކަށް ލިބޭކަމެއް ކަމުގައި އުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ.

6 – ރޯދަ ވީއްލުން ދިނުން: ތިބާގެ ތަނަވަސްކަން ހުރި މިންވަރަކުން މިކަން ކުރެވިދާނެއެވެ. ގެއަށްް  ގާތްތިމާގެ މީހުންނާއި ރައްޓެހީންނަށް ދަޢުތު ދެވިދާނެއެވެ. މީގެ އިތުރުން، ކައިރި މިސްކިތަށްވެސް އެމިސްކިތަށްދާ މީހުން ރޯދާވީއްލަން ކަދުރު ކޮޅެއް ޞަދަޤާތް ކުރެވިދާނެއެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ. އެހެނީ، ތިބާ ދޭ އެންމެ ކަދުރު އޮށަކުން ރޯދަވީއްލާ މީހާއަށް ލިބޭ ޡަވާބާއި ދަރުމަ، އޭނައަށް އެއްވެސް އުނިވުމެއްނެތި، ތިބާއަށްވެސް ލިބިގެންދާނެތީއެވެ.

7- ޞަދާޤާތް ކުރުން: ރޯދަ ކުރުކުރަން މިއީވެސް މޮޅު ގޮތެކެވެ. ރޯދަ ކުރުކުރަން ހަވީރު ނުކުންނާށެވެ. ނަމަވެސް ފިނި ބުރަކަށް އެކަންޏެއް ނޫނެވެ. ފިނި ބުރާއެކު ތިބާ ދަންނަ ނިކަމެތިންނަށް ޞަދަޤާތެއް ކޮށްލުމަށެވެ. ޞަދަޤާތް ކުރުމަކީ، ވެރި ރައްބުގެ ކޯފާ އަޅާގެ މައްޗަށް ފިނިވާ ކަމެކެވެ. އަދި ފެން އަލިފާން ނިއްވާލާ ފަދައިން، ފާފަތައް ނިއްވާލާ ފޮހެލާ ކަމެކެވެ. ރޯދައަށްހުރެ، ޞަދާޤާތްކޮށް، ޖަނާޒާއެއްގައި ބައިވެރިވާ މީހުންނަކީ އުފާވެރި ޚަބަރު ލިބިގެންވާ ބައެކެވެ. އެހެނީ، އުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޡްފުޅު ކުރައްވާފައިވަނީ، މި ތިން ސިފަ ޖަމާވެއްޖެ މީހަކީ ސުވަރުގެ ވަންތަ ވެރިއެއްގެ ގޮތުގައެވެ.

ދަންނާށެވެ. ރޯދަމަހުގެ ވަޤުތަށް ވުރޭން ވަކި އަގު ބޮޑު ވަޤުތެއް އަޅަކަށް ނުލިބޭނެއެވެ. އެހެންކަމުން، ބޭކާރު އަދި އެއްވެސް މަންފާއެއް ނެތް، ރަތް ލޮރީތަކާއި ނޫ ލޮރީތައް ދުއްވުމުގެ ބަދަލުގައި، އިސްވެ ބަޔާންވެދިޔަ ކަންތައް ފަދަ، މަތިވެރި، އަދި މި މަހުގެ އަގު ބޮޑު ވަޤުތާ މުނާސަބު ކަންތަކުން ރޯދަ ކުރުކުރާށެވެ. އެއީ ޙަޤީޤީ ރޯދަ ކުރުކުރުމެކެވެ. ފުއްސެވުމާއި ދިންނެވުން ލިބެނިވި ކުރުކުރުމެކެވެ. އަދި ރޯދަމަސް ފަދަ މެހެމާނަކާ އެކަށީގެންވާ ފަދަ މެހެމާންދާރީ އަކީ އެއީ ނޫންތޯއެވެ؟

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވ އަގުހުރި ލިޔުން ކޮޅެއް…

  2. ވަރަށް ފުރިހަމަ ލިޔުމެކެވެ.ދުޢާއަކީ،ﷲ ސުބުޙާނަހޫ ވަތަޢާލާ، އަޚާއަށާއި،އެންމެހައި ލޮބުވެތި މުސްލިމް އުޚުތުންނާއި އަޚުންނަށް އަދި އަޅުގަނދުގެ އަމިއްލަ ނަފްސަށް މި ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ މިންވަރު ކޮށްދެއްވައި އެކަމުގެ ތަޢުފީޤް ދެއްވުން.އާމީން.

  3. ވަރަށް އަގުހުރި ނަސޭޙަތް ކޮޅެތް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!