ޤައުމު މިނިވަން ވެފައިވާ އިރު ރައްޔިތުންނަށް މިނިވަންކަން ލިބިއްޖެބާ؟

މިއީ 26 ޖުލައި 2011 ގައި ދިއިސްލާމްގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރަމުން ގެންދާއިރު ދިވެހީންގެ މިއަދުގެ މިނިވަންކަމުގެ ވާހަކަ އަކީ ރަށްރަށުގެ ހޮޅުއަށިތަކާއި، ފެންޑާތަކާއި، ޖޯލިފަތިތަކާއި، ޖަލްސާ މާލަންތަކާއި އަދި ސައިކޮޓަރިތަކުގައި ގަދަ އަޑުން ދެކެވެމުންދާ ވަހަކަ ތަކެވެ. މިނިވަންކަމުގެ ދުވަހެއްގެ ގޮތުގައި ދުވަހެއް ފާހަގަ ކުރަމުންގެންދަނީ އަހަރުމެންނަކީ އެއްވެސް ބައެއްގެ އަޅުވެތިކަމެއް ނެތް މިނިވަން ބައެކޭ ބުނެއެވެ. 1965 ވަނަ އަހަރު އިގިރޭސި ސަރުކާރާއި އެގްރީމަންޓުކޮށް ދިވެހީންނަށް މިނިވަންކަން ލިބުނުކަމަށްބުނާ މުނާސަބަތާއި ގުޅުވައިގެންނެވެ.

ވަރަށްވެސް ބޮޑު ތެދެކެވެ. 100 އަހަރަށް އައްޑުއަތޮޅު ގަން އިގިރޭސީންނަށް ދިނުމަށް ދިވެހި ދައުލަތުން ވީ އެގްރީމަންޓުގައި ސިއްކަޖެހި 100 އަހަރު ފުރިހަމަ ނުވަނީސް 1965 ވަނަ އަހަރު ރާއްޖެ ދޫކޮށް އިގިރޭސީން ފޭބުމަށް ނިންމާ އެކަން ރަސްމީ ސިފައެއްގައި ލިޔުމުން އޭރުގެ ދިވެހި ދައުލަތުގެ ބޮޑުވަޒީރާއި އިގިރޭސި ސަރ.މައިކަލް ވޯރކަރ ސޮއި ކުރައްވާ ދިވެހީންނަށް މިނިވަންކަން ވަނީ ކަށަވަރުކޮށް މުޅި ދުނިޔެއަށް އިއުލާން ކުރެވިފައެވެ. އަދި އޭގެ ފަހުން ރަސްމީކޮށް ޖެނީވާގައި ހުންނަ އދ ގެ މައި މަރުކަޒުގައި ދިވެހި ޤައުމީ ދިދަވެސް ވަނީ ނެގިފައެވެ. ސިޔާސީ ގޮތުން ބޭރުގެ ޤައުމުތަކާއި ގުޅި، ޤައުމުގެ ޚާރިޖީ ފޭރާން މުޅީން ބަދަލުވެގެން ދިޔައެވެ. އިގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހީންނަށް މިނިވަންކަން ލިބުނު 46 ވަނަ މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުން ގެންދާއިރު މިހާރު ހިތުގައި އުފެދޭ ސުވާލަކީ އަހަރުމެންނަކީ ހަޤީގީ މިނިވަނުން ބާއެވެ؟

މީހެއްގެ މިނިވަންކަމަކީ އެމީހާގެ މައްޗަށް އެހެންމީހެއްގެ އަޅުވެތިކަމެއް މަތިވެފައިނުވުމެވެ. އަދި ތިމާ ނިންމާ ނިމުންތަކާއި ބުނާ ބަސްތަކުގައި އެހެންމީހެއްގެ ޚިޔާލާއި ވިސްނުމުން ވަކި އެއްޗެއް ބުނަން މަޖުބޫރު ވުމުގެ ބަދަލުގައި އެމީހެއްގެ ފިކުރުގެ މައްޗަށް ބުރަވެ އެއްވެސް ނުފޫޒެއްގެ ބާރަކާއި ނުލައި ކަންތައްތައް ކޮށް ބަސް ބުނެ އުޅުމުގެ ފުރުސަތަކީ މިނިވަންކަމެވެ.

1965 ން ފެށިގެން މިއަދާއި ހަމައަށްވެސް ދީނީ (ޚާއްސަކޮށް އަޙްލުއްސުންނާ ވަލް ޖަމާޢަ) ގެ ޝިއާރު ފާޅު ކުރުމަކީ ވަރަށް ނުރައްކާ ކަމަކަށް އޮންނަނީ ވެފައެވެ. ހަޤީގީ ދީނީ ޝިއާރު ފާޅުކުރާ މީހުންނަކީ އަބަދުވެސް ކުށްވެރިންނެވެ. މީހުންގެ ނުރުހުމާއި މަލާމާތް ލިބިގެންވާ ބައެކެވެ. އަދި ޚާއްސަކޮށް ވަކި ބަސްތަކެއް ބުނުމަށާއި ވަކި ގޮތަކަށް މީހާގެ ޢަމަލުތައް ބެހެއްޓުމަށް ބާރު އެޅުމާއި އެނޫން ގޮތަކަށް ޢަމަލުތައް ބަހައްޓައިފިނަމަ ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ހިނގަމުން އަންނަ ކަމެކެވެ. ޚާއްސަކޮށް ދަޢުލަތުގެ ފަރާތުން (ނުވަތަ ވެރިކަމުގެ ޚާންދާނުގެ ފަރާތުން) މިޒާތުގެ ޕްރެޝަރުތަކާއި ފިއްތުންތަށް ކުރިމަތިކޮށް ސީދާ ވަލިއްޔުލް އަމްރުންގެ މަޖޫބުރުކުރުންތައް އިހުވެސް އަދި މިއަދުވެސް ތަޖުރިބާ ކުރީ އަދި ކުރަމުންދަނީ މަދު ބައެއް ނޫނެވެ. ޚާއްސަކޮށް ޢިލްމުވެރިންނާއި ދީނީ ޝިޢާރު ފާޅުކުރަމުންދާ ސުންނަތުގެ މަތިވެރި އަޚްލާޤްގައި ހިފަހައްޓަމުންދާ ފަރާތްތަކަށެވެ.

ދީނީ ފަރާތްތަކަށް އަންނަ ހަމަލާތައް އަންނަނީ ހަމައެކަނި ވަލިއްޔުލްއަމްރު ނުރުއްސަވާ ގޮތަށް ބަސްބުނާ މީހުންނަށެވެ. ދަޢުލަތުގެ ޝާހީ ބޭފުޅުން ބޭފުޅުންފުޅުވާ ގޮތަށް ދަޢުވާ ފަތުރާ އެކަމަށް ގޮވާލާ މީހުންނަކީ ވެރިކަމުގެ ޚާންދާނާއި ވަރަށް އަރިސް މީހުންނެވެ. ރިބާ ހަލާލުކޮށް، މިއުޒިކާއި ފަށުވި ފޭރާން ހުއްދަކޮށް، އަންހެނުންނާއި ފިރިހެނުން މަސްހުނިވުމަށް ތަރުހީބުދީ އަދި ބިދުޢަތަކަށް ފުރުސަތު ހުޅުވާލާ އެކަމަށް ގޮވާލާ “ޢިލްމުވެރިން” ނަކީ މިނިވަނުންނެވެ. އެބައިމީހުންނަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް ހަޤީގީ ދަޢުވާ ފަތުރާ މީހުންނަކީ ކިތަންމެ ޢިލްމުވެރިބައެއް ނަމަވެސް އެއީ ވަރަށް ނިކަމެތި ބައެކެވެ. މިރާއްޖޭގެ ތާރީޚް މިކަމަށް ހެކިދެއެވެ.

ދެން އޮތީ ޢިޤްތިސާދުގެ ވާހަކައެވެ. މިނިވަންވީ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް ރާއްޖޭގެ އިޤްތިސާދުގައި އުޅެމުންދަނީ އެއްބައެކެވެ. އިޤްތިސާދުގައި އިވެމުންދަނީ އެއް ނަންތަކެކެވެ. ފުރެމުންދަނީ އެއްބައެއްގެ އަންބޮނޑި ތަކެކެވެ. މިފަދަ ގިނަ ފަރާތްތަކަކީ ދައުލަތާއި އަރިސް މިތުރުންނެވެ. މިކަން އެނގޭ ހެއްކަކީ އޭރުވެސް އަދި މިހާރުވެސް ސަރުކާރުގެ މަތިފަޑިން މިފަދަ މަހުޖަނުންނަށް ދެވޭ މަޤާމްތަކެވެ. މިއާއި ޚިލާފަށް ކިތަންމެ އިގްތިސާދީ ޢިލްމު ހޯދައިގެން ކިތަންމެ ބޮޑު އިންވެސްޓްމަންޓެއް ކުރި ނަމަވެސް ކުލަޔާއި ފިކުރު ދިމާނުވާނަމަ އޭރުވެސް އަދި މިހާރުވެސް އެފަދަ ފަރާތްތަކަށް އިޤްތިސާދުގެ ހަތަރު ފާރުން އެތެރެއަކަށް ނުވަދެވޭނެއެވެ. ދައުލަތަށް ފާޑުކިޔައި ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް ބަހެއް ބުނެފިނަމަ އެމީހާގެ ވިޔަފާރި ފެންނާނީ ދާދި އަވަހަށް ބިމާއި ހަމަކޮށްލާ މަންޒަރެވެ. މިކަން އެހާރުވެސް އަދި މިހާރުވެސް މިދަނީ ފެންނަމުންނެވެ.

ވަޒީފާގެ ބާޒާރަށް ނަޒަރެއް ހިނގާލާއިރު ފެންނަނީ ހަމަ މި މަންޒަރެކެވެ. ކިތަންމެ މަތީ ފާހެއް ނަގައިގެން ހުރި މީހެއް ނަމަވެސް އަދި އެމީހަކަށް ވަޒީފާއެއް ހައްޤެއް ނުވެއެވެ. އޯލެވެލް އާދި މާސްޓާރސް ޑިގްރީވެސް އެއްވަރުވާ ހާލަތްތައް އޭރުވެސް މިހާރުވެސް ފެނެއެވެ. ބޮޑެތި ޒިންމާދާރު މެނޭޖަރު ފެންވަރުގެ މަޤާމްތަށްވެސް މަގުމަތީގައި އެނބުރޭ އެކްޓިވިސްޓަށް ދެނީ މާސްޓާސް ނުވަތަ ބެޗްލާސް ޑިގްރީ ނަގައިގެން ހުރި މީހަކު އެމަޤާމަށް ކުރިމަތިލައިގެން ހުއްޓައެވެ. ހަމަ މިއާއި އެކު ވަޒީފާގައި އުޅޭ ހުނަރާއި ފެންވަރުގެ ގޮތުން ފަހުލަވާނަކަށް ވިނަމަވެސް ކުލަޔާއި ފިކުރު ދިމާނުވާނަމަ ނުވަތަ ވަލިއްޔުލްއަމްރުގެ ބަހަށް ސެލިއުޓް ނުކުރެވޭނަމަ އެމީހަކު ޖެހޭނީ ގޭގައި މަޑުކުރާށެވެ. މިއީވެސް ދެބަސްވެވެން ނެތް ހަޤީގަތެކެވެ.

އަޅުގަނޑުފަދަ ނޫސްތަކަށް ލިޔާ ނޫސްވެރިންގެ ހާލަތުތޯއެވެ. ލިޔަންޖެހޭނީ ވެރިކަމުގެ ޚާންދާނަށް ސަނާގެ ބަސްތަކެވެ. އަދި ލިޔަންޖެހޭނީ ދެލޮލުން ފެނުނަސް އެއްލޮލުން ފެންނަ އެއްޗިއްސަށެވެ. ދައުލަތުން ޤާނޫނުތަކާއި ޚިލާފު ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް އަދި ކުރަމުން ދިޔަ ނަމަވެސް އެވާހަކަ ޖެހުމަކީ “ބޮޑުން” އެހާ ގަޔާވާ ކަމެއް ނޫނެވެ. އެވާހަކަ ޖަހައިފިނަމަ ޤާނޫނީ ގޮތުން ކުށްވެރިވާނީ ނޫސްވެރިޔާއެވެ. އަމުދުން ސިޔާސަތަށް ފާޑުކިޔައި މަޒުމޫނާއި ޚަބަރުތަށް ލިޔުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. ރައްޔިތުންގެ އަތާއި އަނގަޔާއި ދިމާނުވިޔަސް ލިޔަންޖެހޭނީ ތަޢުރީފާއި ސަނާގެ ބަސްތަކެވެ. މިނޫންނަމަ ނޫސްވެރިޔާއަށް ސަލާމަތުން ގެއަށް ދެވޭނެކަމެއް، ސަލާމަތުން ނިދޭނެކަމެއް، އަނބިދަރީންނަށް ހަމަޖެހިގެން ތިބެވޭނެކަމުގެ ޔަޤީންކަމެއް ނޯންނާނެއެވެ. މިއީ އިއްޔެވެސް އަދި މިއަދުވެސް މެންދުރުގެ އިރުފަދައިން ފެންނަމުންދާ ހަޤީގަތެވެ.

ތެދެއްމެއެވެ. ޤައުމު މިނިވަން ވެއްޖެއެވެ. މިހާރު ގަމުގައި އިނގިރޭސީންނެއްވެސް ނެތެވެ. ރަސްމީ ލިޔުމެއްގައި ސޮއިކޮށް މިނިވަންކަން ދުނިޔެ ބަލައިގެންފިއެވެ. ނަމަވެސް ރައްޔިތުން މިނިވަންވެއްޖެ ހެއްޔެވެ. އިސްވެ ދެންނެވު މަދު ކަންތައްތަކަށް ބަލާލާއިރު މިޤައުމުގެ ރައްޔިތުންނަށް ހަޤީގީ މިނިވަންކަން ލިބުނުކަމަށް ނުވަތަ ލިބިފައިވާކަމަށް ނުވަތަ ލިބުނުކަމަށް ޤަބޫލު ކުރެވޭބާއެވެ. ނުވަތަ މި ޤައުމުގައި ދިރިއުޅެނީ ހަޤީގީ ކިތަށް މިނިވަނުންބާއެވެ؟ މިސުވާލުތަކަށް ޖަވާބުދެއްވާނީ ހަމަ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!