ޝައިޚް އިލްޔާސްގެ އަޘަރު ދިވެހި އުންމަތުން ފިލައިނުދާނެއެވެ.

  • ޝައިޚް އިލްޔާސް ޙުސައިން ދަރުސެއް ދެއްވަނީ – ދިއިސްލާމް ފޮޓޯ : ޢަބްދުﷲ ޝަފީޢު އިހްސާން

މީގެ 10 ވަރަކަށް އަހަރު ކުރިއެވެ.  އައްޝައިޚް އިލްޔާސް ޙުސައިން ދިރިއުޅުއްވަމުން ގެންދެވީ ޝައިޚްގެ އުފަން ރަށްކަމުގައިވާ ސ. ހިތަދޫގައެވެ. އެއީ ފުރަތަމަ ފަހަރަށް ޝައިޚާ އަޅުގަނޑު ބައްދަލުވި ފަހަރެވެ. ޝައިޚަކީ ދިވެހިރާއްޖޭގައި މެދުކެނޑުމެއްނެތި ދަރުސް ދެއްވަމުން ގެންދެވި (އަދި މިހާރުވެސް މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތްކުރައްވާ) ޝެއިޚުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އޭރުގެ ސަރުކާރުން ޢިލްމުވެރިންނަށް ތަފާތު ހުރަސްތަކާ ކުރިމަތި ކުރުވަމުން ގެންދެވިއިރުވެސް ޝައިޚް ގެންދެވީ ހިތްވަރާއި ޙިކުމަތާއެކު މީސްތަކުންނަށް މާތް ﷲގެ ދީން ފޯރުކޮށްދެއްވަމުންނެވެ. އެހެންކަމުން، ކޮންމެ ހަފުތާއަކުވެސް އެކި އެކި މިސްކިތްތަކުގައި ޝައިޚުގެ އަގުހުރި ނަޞޭޙަތްތައް ދިޔައީ ރައްޔިތުންނަށް ލިބެމުންނެވެ. އޭގެ އިތުރުން ސިސިލްފަރު ޙައްޖު ގްރޫޕާއެކު ކޮންމެ އަހަރަކު ޙައްޖަށާއި ޢުމްރާއަށް ގްރޫޕުގެ ފަރާތުން ވަޑައިގެން ޙައްޖުވެރިންނަށް އެމަތިވެރި އަޅުކަން އަދާކުރުމުގެ ފުރިހަމަ އިރުޝާދުތައް ދެއްވުމުގައި ދެމިހުންނެވިއެވެ. (މިހާރުވެސް ޝައިޚްދަނީ މެދުކެނޑުމެއްނެތި މިބުރަ މަސައްކަތުގައިވެސް ބައިވެރިވަމުންނެވެ.)

އެދުވަސްވަރަކީ، އަޅުގަނޑުވެސް ސ. ހިތަދޫ މުޙިއްބުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ ދުވަސްވަރެކެވެ. އެހެނިހެން ދިވެހި ޒުވާނުންނެކޭ އަޅުގަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. ކުޅިވަރާއި މަޖަލަކީ އެއީ ދިރިއުޅުމުގެ މަޤްސަދެވެ. އެވާހަކަ މާދިގު ނުކުރާނަމެވެ. ނަމަވެސް، މަރުވެފައިވާ ވަރަށް ގިނަ ހިތްތަކަށް، ޝައިޚް އިލްޔާސްގެ ދަރުސްތަކުން ދިރުން ލިބިގެން ދިޔަފަދައިން، އަޅުގަނޑުގެ މަރުވެފައިވާ ހިތަށްވެސް ދިރުން ލިބި އައު ވިންދުތަކެއް ޖަހަން ފެށިއެވެ.

އިސްލާމްދީނުގެ ފުރިހަމަކަމާއި މަތިވެރިކަން ދުވަހަކުވެސް އަޑުނީވޭފަދަ ދަރުސްތަކެއްގެ ގޮތުގައި ކަންފަތަށް އޮހެމުން ދިޔައެވެ. މުސްލިމުންގެ އަޚްލާޤާއި ކީރިތި ރަސޫލާ صلى الله عليه وسلمގެ މާތްވި ސުންނަތަށް އަޅުގަނޑުމެން ޣާފިލުވެފައިވާ މިންވަރު ފުރަތަމަ ފަހަރަށް އިޙްސާސްވާން ފެށިއެވެ. މަތިވެރި ސުންނަތަށް ލޯބިޖެހެން ފެށިއެވެ. މައިންބަފައިންގެ ހައްޤު މަޤާމަކީ ކޮބައިކަން އެނގެން ފެށިއެވެ. ނަމާދު މުހިންމުކަމާއި ދޫކޮށްލުމުން ހުރި ނުރައްކަލުގެ ވާހަކަތައް ފުރަތަމަ ފަހަރަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ބަޔާންވެގެން ދިޔައެވެ. ޝައިޚްގެ ދަރުސްތައް ވަރަށް ކުރެވެ. ކުރުވެފައި އެހާމެ ފޮންޏެވެ.

އެހެންކަމުން، ޙަޔާތަށް އައި އާރޯކަމާއެކު، އިޚްލާޞްތެރިކަމާއެކު ޖަހަންފެށި ސަޖިދަތަކުގައި ފޮނި ރަހަ ދޭން ފެށިއެވެ. މެޔަށް ފިނިކަން ލިބިގެން ދިޔައެވެ. މާތް ﷲ ގެ ވަޙީބަސްފުޅުގައިވާފަދައިންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟

ދުވަސްވަރަކީ، ބަރާބަރަށް ނަމާދަށް މީހަކު ދާނަމަ، “ވައްހާބީގެ” ލަޤަބު ލިބެމުންދިޔަ ދުވަސްވަރެވެ. ފުރައްސާރަކުރުމާއި މަލާމާތުގެ ޝިކާރައަކަށް ނުވާގޮތަކަށް މީހަކަށް މާތް ޞާޙިބާގެ މަތިވެރި ސުންނަތްތަކަށް ޢަމަލެއް ނުކުރެވޭނެއެވެ. އެގޮތުން އަޅުގަނޑާވެސް ގިނަގުނަ ފުރައްސާރަތަކާ ދިމާވިއެވެ. ނަމަވެސް، އެވާހަކަ ނުދައްކާނަމެވެ.

 ޝައިޚް ވަރަށް ގިނައިން ވިދާޅުވާ ބަސްފުޅެއް އޮވެއެވެ. ”އަހަންނަށް ކަމުދަނީ ރަސޫލު ސްޓައިލެވެ. ރޮނާލްޑޯ ސްޓައިލެއް ނޫނެވެ.” ޝައިޚްގެ މި ބަސްފުޅަކީ ސަމާސާ މިޒާޖުގެ ބަސްފުޅެކެވެ. ނަމަވެސް، އެކަމުގެ ސަބަބުން، އަލަށް  ދީނީ ކަންކަމަށް ލޯބިޖެހި ސުންނަތަށް ދިރިގެން އައި ޒުވާނުންނަށް އެއީ ޙިކުމަތުން ފުރިގެންވާ ބަސްކޮޅެކެވެ.

ޝައިޚަކީ ވަރަށް އޯގާތެރި އަދި ރަޙުމަތްތެރިވެސް ޝައިޚެކެވެ. އެހެންކަމުން، މިސްކިތުގައި އޮންނަ ދަރުސްތައް ނިމުމަށްފަހުވެސް އަޅުގަނޑުމެން ކަހަލަ ޒުވާނުންނަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަވައި އަޅުގަނޑުމެންނާއެކު އަގުހުރި ވަޤުތުކޮޅެއް ހޭދަކުރައްވައެވެ. އެގޮތުން ޝައިޚް ވަރަށް ގިނައިން ވިދާޅުވާ ބަސްފުޅެއް އޮވެއެވެ. “އަހަންނަށް ކަމުދަނީ ރަސޫލު ސްޓައިލެވެ. ރޮނާލްޑޯ ސްޓައިލެއް ނޫނެވެ.” ޝައިޚްގެ މި ބަސްފުޅަކީ ސަމާސާ މިޒާޖުގެ ބަސްފުޅެކެވެ. ނަމަވެސް، އެކަމުގެ ސަބަބުން، އަލަށް  ދީނީ ކަންކަމަށް ލޯބިޖެހި ސުންނަތަށް ދިރިގެން އައި ޒުވާނުންނަށް އެއީ ޙިކުމަތުން ފުރިގެންވާ ބަސްކޮޅެކެވެ. އެއީ އެކުދިންނަށް މީސްތަކުން ކުރަމުން އަންނަ ފުރައްސާރައިގެ އަލިފާން ނިއްވާލައި އެކުދިންގެ ހިތްތަކަށް ހަމަޖެހުން ގެނުވާ ބަސްކޮޅެކެވެ.

އެހެންކަމުން، ޝައިޚް ކައިރީގައި ތަރުބިއްޔަތު ވަމުން އައި ޒުވާނުންނަކީ ނުގުޑާފަދަ އަޤީދާއެއްގެ މަތީގައި ބިންގާއެޅިގެން ދިޔަ ޒުވާނުންކޮޅެކެވެ. ގިނަ ޒުވާނުންނަކީ މިހާރު ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީ ތަކުން މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ޒުވާނުންނެވެ. އޭގެތެރެއިން ދީނީ ތައުލީމު ޙާސިލުކުރަމުންދާ ކުދިން ގިނަކަން ފާހަގަކޮށްލެވެއެވެ.

މުސްތަޤުބަލުގައި ދަޢުވަތުގެ މައިދާނުގައި އެކުދިންގެ ޙަރަކާތްތަށް ފެނިގެންދާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ. އެކުދިންގެ ހެޔޮ އަޘަރު އުންމަތުގައި، އިންޝާﷲ ޖެހިގެންދާނެއެވެ. އެއީ ޝައިޚް އިންދި ގަސްތަކުގެ ފޮނި މޭވާއެވެ. ވުމާއެކު، ޝައިޚްގެ މަތިވެރި ޖިހާދުގެ އަޘަރަކީ ދިވެހި އުންމަތުން ފޮހެވޭނެ އެއްޗެއް ނޫނެވެ.

ޝައިޚްގެ މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި އެންމެ ފުރިހަމަ ޖަޒާއިން ޖަޒާދެއްވާފާނދޭވެ. އަދި ޝައިޚްގެ މަތިވެރި ޖިހާދުގެ އަޘަރު އުންމަތުގައި ތާއަބަދު ލައްވައިފާނދޭވެ. އާމީން!

(ނޯޓް: މިލިޔުމުގައި މިވަނީ އަޅުގަނޑުގެ ހިތުގައި ޝައިޚަށްޓަކައި އުތުރިއަރަމުންދާ ބައެއް އިޚްލާޞްތެރި ޝޫޢުރުތަކެވެ. އެއްވެސް ޙާލެއްގައި ޝައިޚްގެ ބުރަމަސައްކަތަށް ހައްޤުވާ ފަދަ ދަރަޖައަކާ ކައިރިއަށްވެސް މިލިޔުމުގައި އަލިއަޅުވާލެވިފައެއް ނުވާނެއެވެ. ޝައިޚްގެ މަސައްކަތަކީ ލިޔުމެއް ސިފައިގައި ބަޔާންކޮށްދެވޭ ވަރަށްވުރެ މާބުރަ ޖިހާދެކެވެ.)

___________

* މިއީ، މެއި 17، 2011 ގައި “ދިއިސްލާމް” ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

36 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ދީނީ ޢިލްމުވެރިން ކުރައްވާ މިންނެތް މަސައްކަތުގެ އަގު ވަޒަން ކުރުމީ ނުހަނު ބޭނުންތެރި ކަމެކެވެ. މިއަދު ޝަފީޢު އެކަން ކުރައްވައިފީމުއެވެ. މާދަމާ ޝަފީޢު ދީނަށްޓަކައި ކޮށްދެއްވާނޭ ޚިދުމަތް އަޅުގަނޑުމެން ފާހަގަ ކުރާނޫއެވެ. އަޅުގަނޑުވެސް އެ ޝައިޚް އަކަށްޓަކައި ފަޚުރުވެރިވާ ޝައިޚް އިލްޔާސް ޙުސައިން އާއި ބެހޭގޮތުން ތިވިދާޅުވި ހެޔޮބަސްތަކަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ.

  2. ޝޭޚް އިލްޔާސް ޙުސައިން، އަޅުގަނޑުމެންނަށް މީގެ 11 ވަރަކަށް އަހަރު ކުރިން ދެއްވި ނަސޭހަތުގެ ބަސްކޮޅެއް މިއަދާ ހަމައަށްވެސް ކަންފަތުގައި ހަރުލާފައި ހުރެއެވެ. އެދުވަސްވަރަކީ ޝަފީޢުގެ ލިޔުއްވުމުގައި ފާހަގަ ކުރެއްވިފަދައިން އެންމެ ބޮޑަށް ދީނަށް އުޅެން މަސައްކަތްކުރާ މީހުންނަށް ފުރައްސާރަކުރެވުނު އެއް ދުވަސްވަރެވެ. ޚާއްޞަކޮށް އައްޑޫގައި ދީނުގެ ކުލަވަރު ޖެހެން ފެށުނު ދުވަސްވަރެވެ.
    އެދުވަސްވަރު ޢާއްމުންގެ ފަރާތުން އަންނަ ފުރައްސާރައިގެ ބަސްތަކަށް ކެތްކުރުމަށް އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްވަރަކަށްވީ ޝޭޚް އިލްޔާސްގެ މިނަސޭހަތްކޮޅެވެ. “އޭ ދަރިފުޅާއެވެ. އަހަރެމެންނަށް މިގޮތަށް ފުރައްސާރަކުރެވޭ ހިނދު، ހަނދުމަ ކޮށްލަން ޖެހެނީ އަހަރެމެންނަށްވުރެ މާމާތް ބޭކަލަކު (އެބަހީ މިއުއްމަތުގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް) މިދުނިޔޭގައި އުޅުއްވިކަން. އަހަރެމެންނަށް މިދިމާވާ ދަތިތަކާއި ޖެއްސުންތަކާއި ފުރައްސާރަ، އެއަށްވުރެ އެތައްގުނައެއް އިތުރަށް އެނަބިއްޔާއަށް ލިބިވަޑައިގެންނެވި. އެކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގެންނެވީ. ”
    މި ބަސްފުޅު ވެގެންދިޔައީ އަޅުގަނޑުމެންނަށް މުޖުތަމައުން ކުރިމަތި ކުރުވަމުންދިޔަ ކަންތައްތަކަށް ބީރުކަންފަތެއްދީގެން ކެތްތެރިކަމާއެކު ދީންމަތީ ސާބިތުވުމަށް މަސައްކަތްކުރުމަށް ލިބުނު ވަރުގަދަ ހިތްވަރަކަށެވެ.
    ﷲ ގަންދީ ބުނަމެވެ. އަހަރެމެންގެ ކޮންމެ ނަމާދެއްގައި ޝޭޚަށް ދުޢާކޮށްދިނުން ޙައްޤެވެ. ﷲ ގެ ރަޙްމަތަށްފަހު ، އިސްލާމްދީނުގެ ވިސްނުމާއި ފިކުރު އަހަރެމެންނާ ހަމައަށް ފޯރާފައިވަނީ ޝޭޚް އިލްޔާސްގެ ސަބަބުންނެވެ. އަހަރެމެންކުރާ ކޮންމެ ހެޔޮކަމެއްގެ ސަވާބާއި ދަރުމަ، އަހަރެމެންނަށް އެއިން އެއްވެސް މިންވަރެއް އުނިވުމަކާއި ނުލައި ޝޭޚަށް ލިބެމުންދާނެކަމާމެދު ޝައްކެއް ނުކުރަމެވެ.
    ﷲ ތަޢާލާ ޝޭޚް އިލްޔާސްގެ ޢުމުރުގައި ބަރަކާތްލައްވައި، ޝޭޚްގެ މަސައްކަތްޕުޅު ޤަބޫލުކުރައްވާށި!

  3. ﷲ ގަންދީ ބުނަމެވެ. އިސްލާމްދީނުގެ ޙަޤީޤީ ފިކުރާއި ވިސްނުން އަހަރެންގެ ހިތަށް ވައްދަވާ، ޙިދާޔަތު ދެއްވުމަށް ﷲ މެދުވެރިކުރެއްވީ ޝައިޚް އިލްޔާސް ދެއްވި އަސަރު ގަދަ ދަރުސް އެއްގެ ސަބަބުންނެވެ.
    ﷲ ޝައިޚް ގެ މަސައްކަތްތަކުގައި ބަރަކާތް ލައްވާ، އެމަސައްކަތްތަކުގައި ކުރިއަށް ދިއުމަށް ޝައިޚް އަށް ދިގު އުމުރެއް މިންވަރުކުރައްވާށިއެވެ. އާމީން !

  4. އަނީލް އިތުރުކޮށްދެއްވި މަޢުލޫމާތުކޮޅަށް ފަށްފަށުން ޝުކުރުވެރިވަމެވެ. އަޅުގަނޑުގެ ލިޔުމުން ކައްސާލައިގެން ދިޔަ މުހިންމު ނުކުތާއެއް އަނީލު އެވަނީ ގެނެސްދެއްވާފައެވެ. އެ ނުކުތާއަކީ މިއެވެ. އެދުވަސްވަރު ޢާއްމުންގެ ފަރާތުން އަންނަ ފުރައްސާރައިގެ ބަސްތަކަށް ކެތްކުރުމަށް އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްވަރަކަށްވީ ޝޭޚް އިލްޔާސްގެ މިނަސޭހަތްކޮޅެވެ. “އޭ ދަރިފުޅާއެވެ. އަހަރެމެންނަށް މިގޮތަށް ފުރައްސާރަކުރެވޭ ހިނދު، ހަނދުމަ ކޮށްލަން ޖެހެނީ އަހަރެމެންނަށްވުރެ މާމާތް ބޭކަލަކު (އެބަހީ މިއުއްމަތުގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް) މިދުނިޔޭގައި އުޅުއްވިކަން. އަހަރެމެންނަށް މިދިމާވާ ދަތިތަކާއި ޖެއްސުންތަކާއި ފުރައްސާރަ، އެއަށްވުރެ އެތައްގުނައެއް އިތުރަށް އެނަބިއްޔާއަށް ލިބިވަޑައިގެންނެވި. އެކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގެންނެވީ. ”
    މި ބަސްފުޅު ވެގެންދިޔައީ އަޅުގަނޑުމެންނަށް މުޖުތަމައުން ކުރިމަތި ކުރުވަމުންދިޔަ ކަންތައްތަކަށް ބީރުކަންފަތެއްދީގެން ކެތްތެރިކަމާއެކު ދީންމަތީ ސާބިތުވުމަށް މަސައްކަތްކުރުމަށް ލިބުނު ވަރުގަދަ ހިތްވަރަކަށެވެ.

  5. އަޅުގަނޑަކީ ޝެއިޚްގެ ދަރިވަރަކަށްވީތީ އަޅުގަނޑު އުފާކުރަމެވެ. އަދި ޝެއިޚް އަކީ އަޅުގަނޑުމެންނަށް ހިދާޔަށްދެއްކެވުމުގެ ﷲ މެދުވެރި ސަބަބެއް ކަމުން އަޅުގަނޑު ޝެއްޚަށް އިޙްތިރާމް ކުރަމެވެ. މާތްﷲ ޝެއިޚްގެ ތަވާޞުއުވެރިކަން އިތުރު ކުރައްވާށި. އަދި އެބޭކަލެއްގެ ބަސް ފިޔަވައި އެހެން ހުރިހާ ބައެއްގެ ބަސް ރައްދު ކުރެވިގެންވާ ނަބިއްޔާ ސައްލަﷲ ޢަލަހިވަސައްލަމްގެ ސުންނަތުގެ މަތީގައި ވަރުގަދަޔަށް ސާބިތު ވުމުގެ ތައުފީގި ޝެއިޚް އަށާއި އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އަދި ޝެއިޚްއަކީ މިދިވެހި އުއްމަތުގައިތާއި ތައުޙީދާއި ސުންނަތް އާލާ ކުރުމުގައި އެންމެ ކުރީސަފުގައި މައަސްކަތްކުރާ ޝެއިޚެއްކަމުގައި ލައްވާށި! މަޒްހަބީ ތަޢައްސުބުވުންތަކުން ޝެއިޚްއާއި މި ދިވެހި އުއްމަތް ހިމާޔަތް ކުރައްވާށި! ކޮންމެ ކަމެއްގައިވެސް ސުންނަތުގެ މަންހަޖު ޚިޔާރުކުރާ މީހެއްކަމުގައި ޝެއިޚް ލައްވާށި! އައްޑޫގައި މިހާރު ފެތުރެމުންދާ ބިދުއަވެރި ތަބްލީޢީ ދަޢުވަތު އޭގެ މުލުން ލުހެލުމަށް މާތްﷲ ޝެއިޚްއަށް ތަވްފީޤު ދެއްވާށި! މި ދިވެހި އުއްމަތުގައި ތައުޙީދު ޙިމާޔަތްކުރުމަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއް ވުމަށްވެސް ކެރޭ ބަޔެއް ކަމުގައި އަޅަމެން ލައްވާށި! ހަމަކަށަވަރުން ޢިއްޒަތާއި ނަސްރު ވަނީ ﷲ އާއި އެއިލާހުގެ ނަބިއްޔާގެ މަންހަޖަށް ތަބާވާ މުއްމިނުންނަށް. ﷲ ޝެއިޚް އާއި އަޅަމެންނަކީ އެފަދަ ބައެއްކަމުގައި ލައްވާށި. އާމީން.

  6. ޖަޒާކަﷲ ޙައިރް ޝައިޙް އަށް، …!

  7. ﷲ ގަންދީ ބުނަން. ވަރަށް ގިނަ ބަޔަކަށް ތެދުމަގު އިލްޙާމް ވުމުގައި ﷲ ތަޢާލާ ޝައިޚް އިލްޔާސް މެދުވެރިއެއް ކަމުގައި ލެއްވެވި. ﷲ ޝައިޚަށް ޘާބިތުކަން ދެއްވައި ސުވަރުގޭގައި މަތިވެރި ދަރަޖަ ދެއްވާށި. އާމީން!
    އަޅުގަނޑުމެންގެ ދުޢާއަކީ ﷲ ތަޢާލާ އަޅަމެން ދީނަށް އަހުލުވެރިކުރުވި ޝައިޚަކީ ދީނުގައި ޘާބިތުވެ ހުންނަވާ ގޮންޖެހުންތަކާ އަބަދުމެ ކުރިމަތިލާ ސިޔާސީ މަޅީގައި ޖެހި ނެތިނުދާ ރަސޫލާގެ ސުންނަތް އާލާކޮށް ދިރުވުމުގައި އަހަރުމެންނަށް އެހީވާ އެގޮތަށް ޢަމަލު ކުރާ ސުންނަތުގައި ހިފަހައްތާ ބިދުޢަ ޖަމާޢަތް ތަކަށް ނަޞްރު ނުދޭ ބައެއް ކަމުގައި ލައްވާށި. އާމީން

  8. އަނަސް ބިން މާލިކް (ރަޙިމަހުﷲ) ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޤަބުރަށް އިޝާރާތް ކުރައްވައި އެ ޤަބުރުގެ ސާހިބާ މެނުވީ އެހެން ހުރިހާ އެންމެންގެ ބަސް ބަލައިގަނެ އަދި ރައްދު ކުރެވޭނެ ކަމުގައި ވިދާޅުވި. މި އުސޫލުގެ ދަށުން އަހަރުމެން ޝައިޚް އިލްޔާސްގެ ރައްދު ކުރަން ޖެހޭ ކަންތައްތައް ރައްދު ކޮށް އަދި ބަލައިގަންނަން ޖެހޭ ކަންތައް ބަލައިގަންނާނަން.
    ﷲ ގަންދީ ބުނަން. ކަނު ކަމާއެކީ މީހަކަށް ތަބައަ ވާ ބައެއް ކަމުގައި އަޅަމެން ނުވާނަމު. އިންޝާ ﷲ

  9. ﷲޝައިހުގެމަސައްކަގުތުގަބަރަކާތްލައްވާށި ޝޭހައްހެޔޮޖަޒާދެއްވާށި އަހަރެންގެލޯހުޅުވުނީޝޭހުގެދަރުސްތަކުން ﷲއަށްޝުކުރު ކުރަން އަހަރެންއަބަދުވެސް ޝޭހައްހެޔޮރަހުމަތްލެއްވުންއެދިދުއާކުރަން އަދި ދީނައްޓަކާކުރަންޖެހުނުކޮންމެކަމެއް ފަސްނުޖެހިކުރުމަށްފުރިހަމަޔައްތައްޔާރުވެހުރިން ﷲމިކަމުގައިމިއަޅާ އަށްސާބިތުކަންދެއްވާށި އަދިސަރުކާރަށްގޮވާލަން އަހަރެމެންގެ އިލުމުވެރިންނަށް ގޯނާކޮއް ޖެއްސުން ނުކުރުމަށް ﷲގަންދީބުނަން ދީނައްޓަކާ ޢިލުމުވެރިންގެހިމާޔަތުގަކުރަންޖެހޭކޮންމެކަމެއްކުރުމައް ފަސްނުޖެހޭނަން{ސަންސެޓުގާނޫނުންޢިލުމުވެރިންނައްއުދަގުކޮއް ބިރުނުދައްކާތިއަހަރެމެންމިތިބީހޭލާފިސާރި ތައްޔާރުވެގެން}ﷲއަކުބަރު

  10. ވަރަށް މުހިންމު ލިޔުމެއް! މާޝާﷲ. ދީނީ ޢިލްމުވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން ޖެހޭ!

  11. އަޅުގަނޑަށް ޝެއިޚް ފުރަތަމަވެސް ފެނުނީ އަދާލަތު ޕާޓީގެ ދަރުސް ތަކުން. އޭރު ހިތަށް އެރި، މިއީ ކޮންތާކުން އައި މީހެއް ބާއޭ، ހާދަ މޮޅޭ… ވާހަކަ ދެއްކުމުގައި ހާދަ އަސަރުގަދައޭ…. މިއޮއް ހުރިހާ ދުވަހު ކޮންތާކުބާއޭ އުޅުނީ. އޭގެ ފަހުން ޝެއިޚްގެ ދަރުސްތަށް އަޑުއަހައިގެން… މިއަދު އަލްހަމްދުލިﷲ އަޅުގަނޑަށް ހެޔޮގޮތް ވިސްނިއްޖެ. ކުރިން އުޅެވުނީ ރަނގަޅަށް ނޫންކަން ވިސްނިއްޖެ. ނަމާދަކީ ކިހާ މުހިންމު އަޅުކަމެއްކަމާއި، މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން ވިސްނިއްޖެ. ޝައިތާނާގެ ކެހިވެރި މަޅީގައި ޒުވާން އުމުރު ހޭދަނުކޮށް ﷲގެ މަގު ޚިޔާރު ކުރެވުނީ ޝެއިޚް އިލްޔާސްގެ އަސަރުގަދަ އަގުހުރި ބަސްތަށް އަޅުގަނޑުގެ ހިތަށް ވަނުމުން. ﷲ ހަމްދުކުރަން.

  12. އަޅުގަނޑުވެސް ވަރަށް ތާއީދުކުރާ ބޭފުޅެއް ޝެއިޚް އިލްޔާސުއަކީ މާތްﷲ ޝެއިޚަށް ހެއުޖަޒާދެއްވާށި! އާމީން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ ކޮމެންޓުކުރާއިރުވެސް އަދި މީހަކަށް ރައްދު ދޭއިރުވެސް އިސްލާމީ އުޞޫލު ގެންގުޅުއަވާށޭ އެއްގޮތަކަށްވެސް މީހާގެ ޒާތާނުބެހޭށެވެ. ޝެއިޚަކީވެސް އިންސާނެއް މަލާއިކަތެއްނޫން ވީމާކުށެއް ކުރެވިދާނެ އެކުށް އިޞްލާޙުކުރަން މިތާގަ ލިއުނީމަ އޭރަގަޅުގޮތެއްތޯ ވިސަނާލައްވާ! އޭސުންނަތް ގޮތްތޯއެވެ؟
    ދެން ސުންނަތޭކިއުނަސް ކަމުނުދާނެ. ބައެއްފަރާއްތަކުން މަލާމާތްކޮށްފަ ތަޢުރީފުކުރާއިރު ދެންތިބި މީހުންނަށް ނުވިސްނޭނެތޯ؟ ވިސްނާލައްވާ މާތް ރަސްކަލާގެ އެއްމެންށްވެސް އިސްލާމީ އުސޫލުތަކުގައި ހިފައިގެން ކުރިއަށް ދިއުމުގެ ތައިފީގު ދެއްވާށި އާމީން.

  13. ޝޭޚް އިލްޔާސްގެ ދަރުސްތަކަކީ ވަރަށް އަޑުއަހާ ހިތްވާ ދަރުސްތަކެއް. އަޅުގަނޑަށް ނަމާދުގެ މުހިންމުކަން އެނގުނީ ޝޭޚުގެ އެންމެފުރަތަމަ ނަމާދާ ބެހޭގޮތުން ދިންދަރުހުން. ﷲ ޝޭޚަށް ހެޔޮޖަޒާ ދެއްވާށި.

  14. ޝެއިޚް އިލިޔާސްއަކީ މީހުންގެ ހިތާއި ވިންދާ ކުޅެލާ ބޭފުޅެއް، ވަރަށް ޙިކުމަތްތެރި ކަމާއެކު މީހުން މަގަށް އެޅުވުމުގެ ޤާބިލްކަން މާތް ﷲ ދެއްވާފައިވާ ބޭފުޅެއް، މާތްﷲ ޝެއިޚަށާއި އަހަރެމެން އެއްމެނަށް ހެޔޮ ރަޙުމަތްލައްވާށި!!

  15. އިލްޔާސްބޭބެ އެއީ އަހަންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދެއްވި އަހަރެން އެންމެ ލޯބިވާ އަހަރެންގެ މުދައްރިސް…ސާބަސް އިލްޔާސްބެ..މާތް ﷲ އިލްޔާސްބެއަށް ރަޙްމަތްލައްވާށި…އާމީން…އަދި އިލްޔާސްބޭގެ ކުރިމަގު އުޖާލާކުރައްވާށި…އާމީން….

  16. މިލިއުން ވަރަށް ފުރިހަމަ . އަޅުގަނޑު އެމީހަކަށްޓަކައި ފަޚުރުވެރިވާ ހަމައެކަނި ދިވެހި ދަރިޔަކީ ޝެއިޚް އިލްޔާސް.

  17. ޝެއިޚް އިލޔާސްއަކީ އަޅުގަނޑު ވަރަށްލޯބިވާ ބޭފުޅެއް، ދިވެހި ޤައުމައް އެފަދަ ބޭފުޅަކު ނިސްބަތްވީތީ އަޅުގަނޑު ފަޚުރުވެރިވާ ހަމައެކަނިފަރާތް، މާތްﷲ ޝެއިޚަށް ހެޔޮ ޖަޒާދެއްވާށި!

  18. ސަޅި. ދިސް މޭޑް މީ ކުރައި :)

  19. ޝެއިހްގެ ދަރުސްތައް އަޑުއިވުމުގެ ކުރީގަ އަޅުގަނޑަކީ ނަމާދުކޮއް ދީނީ ކަންތަކާ މާބޮޑައް ވިސްނާމީހެއް! ނަމަވެސް ޝޭހްގެ ފުރަތަމަ ދަރުހަކައް އަޅުގަނޑުއ އަޑުއެހީ ނަމާދާ ބެހޭގޮތުން ދެއްވާފައިވާ ދަރުހެއް….އެދަރުސް އަޑު އަހަމުން ދިޔައިރު ގައިން ހީބިހި ނަގާފަ ހުރީ… ކުރުގޮތައް ބުނާ ނަމަ އޭރު އުޅެމުންދިޔަ ގޮތާ މެދުގަ ވިސްނަން މަޖޫބޫރުވި އަމިއްލަޔަ އިހްސާސް ކުރެވެން ފެށި މިއުޅެވެނީ ރަނގަޅަކައް ނޫންކަން….އެދަރުސް ގައި ޝެއިހް ދެއްވި އިރުޝާދު ތަކާ ދެއްވި އިންޒާރުތައް ސިކުނޑީގެ ވަށާގެން އެނބުރޭހެން ހީވާން ފޭށި…..ހަމަ ތެދެއް މިބުނީ އޭރު ނަމާދު ނުކުރާތާ ދުވަސްވީމަ ނަމާދު ކުރާއިރު ކިޔާ އެއްޗެހިތައްވެސް ހަނދާނެއް ނެއް!! ކޮންމެ ރެއަކު ކަހަލަ ގޮތަކައް އެ ދަރުސް އަޑުއަހަން ކިތައްމެ ވަރަކައް އަޑުއެހިޔަސް ފޫއްސެނުވޭ އެހެންގޮސް ދެތިންރޭ އަޑު އެހުނުތަނާ ހިތު ތެރެއައް ބިރު ވެރިކަންވަދެ އޮޓަމެޓިކުން ނަމާދައް ދެވެން ފެށި…….

  20. ޝައިޚް އިލްޔާސްއަށް ޓަކާއަހަރެމެން ފަހުރުވެރިވަން. ފުރްޤާން ވިސްކިތަށް ބަޔަކުވަދެގަނެ އަޑުގަދަކުރަމުންދިޔައިރު މިނިކަމެތި އަޅާގެ ހިތުގާ ޒުވާންކަމުގެ ލޭގެވިންދު ޖަހަމުންދިޔަ .އެއީ އިސްލާމްދީނަށްޓަކާ ޝައިހުގެ ހަށިކޮޅަށް އެއްވެސް ގެއްލުމެއް ވިޔަނުދިނުން

  21. ވަރައް ހަނދާންހުރޭ އިލްޔާސް ފަހަތުގާ ކުރި ފަތިސް ނަމާދެއް. ވަރަށް ދިގު ސޫރަތެއް ކިޔެވީ. ވަރައްރީތިކޮށް އަސަރާއެކު. އެއްފަހަރު އެގޮތަށް އަޑުއިވުމުން އެސޫރަތް ހަމަ ދަސްވެއްޖެ ބޮޑު ބައި. އެއީ ވަރަށް ކުރިން.

  22. މާޝާﷲ..ޝައިޚް އަށް ހެޔޮ ޖަޒާދެއްވަ،ދައުވަތުގެ މަސައްކަތުގައި ފަސްޖެހުމެއް ނެތިކުރިއަށް ދިޔުމުގެ މަގުތައް ތަނަވަސްކޮށްދެއްވާށި އަދި ޝައިޚްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށީ!

  23. ޝައިޚް އިލްޔާސްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި ! އާމީން

  24. މަޝާﷲ. اللهم أعز الإيسلام واذل الكفر

  25. ބަޔަކު ކޮންމެ އެއްޗެކޭ ބުންޏަސް ޝައިޚާމެދު އަޅުގަނޑުމެންގެ ތެރޭގައިވާ ލޯތްބާއި ކުލުނާއި އިޙްތިރާމު ގެއްލިގެން ނުދާނެއެވެ. އެލޯތްބާއި ކުލުނާއި އިޙްތިރާމުވާނީ ހައްތާހާ އިތުރެވެ. ހަމަކަށަވަރުން އަޅުގަނޑަކީ ޝައިޚުގެ ދަރިވަރަކީމެވެ. ޝައިޚަކީ ނަމޫނާ ސަކުޝިއްޔަތެކެވެ. ޝައިޚުއެވެ. ތިބާ އަކީ ﷲ ތަޢާލާގެ މަގުގައިވާ އެއިލާހުގެ ޞާލިހު އަޅެކީމުއެވެ. ބައެއްގެ ފިކުރުން ދެރަނުވާށެވެ. އަދި އެމީހުންނަން ހަމަ ނުވިސްނެނީއެވެ. ވިސްނޭނެ ދުވަހެއް އަންނާނެއެވެ. އޭރު އޮންނާނީ ވަގުތު ފާއިތުވެފައި ކަމެއް ނުވަތަ ވަގުނުދަނީސް ކަމެއް ނޭގެއެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ތަޢާލާއެވެ.
    އަޅުގަނޑުގެ އިޚުލާސްތެރި ދުޢާއަކީ ﷲ ތަޢާލާ ޝައިޚަށް ސާބިތުކަން ދެއްވައި ޝައިޚުގެ މަސައްކަތުގައި ބަރަކާތް ލެއްވުމެވެ. އަދި ޝައިޚަށް މަލާމާތްކޮށް ހަޑިހުތުރުބަހުން އެއްޗެހިކިޔާ ހެދާމީހުންގެ މައްޗަށް ﷲ ތަޢާލާ ޝައިޚަށް ނަސްރުދެއްވާށިއެ. ޢާމީން ޔާ ﷲ

  26. އަޅުގަނޑު ޝެއިހް އިލްޔާސް އަށް ދަންނަވަން ބޭނުންވަނީ ހާސްވެ ވަޑާ ނުގަންނަވާށޭ….ތީ ފަހުގެ ތާރީހެއްގަ ރާއްޖެ ދެނުކު އެންމެ ވަފުގަދަ ދީނީ ފަތުވާ ދެއްވާ ބޭފުޅާއޭ… މި ދުނިޔެ މަތީގަ އަޅުގަނޑުގެ މައިންބަފައިން ފިޔަވައި އަޅުގަނޑު އެންމެ އިހްތިރާމް ކުރައްވާ އެއްބޭފުޅަކީ ޝއިހް އިލްޔާސް….ޓީވީން ނުވަތަ ޖަލްސާ އަކުން ޝެއިހް ފެނުނަސް އީމާންކަން އިތްރުވާހެން ހީވަނީ އެހާވެސް އަޅުގަނޑު މެންގެ ހިތުން ޝެއިހައް ދެވިފައިވާ ގަދަރާ ލޯބި ބޮޑު

  27. ސާބަސް ހަމަ ޝައިޚް ތިކުރައްވާ ހިތްވަރަށް…

  28. މާޝާﷲ..ޝައިޚް އަށް ހެޔޮ ޖަޒާދެއްވާށ، ޝައިޚަކީ ހުރިހާ އެންމެންވެސް ޝޭޚުކުރިމަތީގައި ހަމަހަމަ ކުރެއްވާ ބޭފުޅެއް، އަޅުގަނޑު ދީނީ ސުވާލެއް އޮޅުންފިލުވުމަށް ދަންނަވާލި ދުވަހުވެސް ވަރަށް ރަނގަޅަށް ޖަވާބު އޮޅުންފިލުވައިދެއްވި. ޝޭޚަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތަށް އެދެން. ޝައިޚްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި، އާމީން!

  29. ޝޭހް އިލްޔާސަކީ އެބޭފުޅަކަށްޓަކައި އަޅުގަނޑުމެން ފަޙްރުވެރިވާ ބޭފުޅެއް. ދިނަށްޓަކައި ތިކުރާ މަސަތްކަތަށް މިއަދަށްވުރެ ފައި މާދަމައެއް ދައްކާށިއެވެ. އާމީން

  30. އިޚްލާޞްތެރި ޝުކުރެއް ޝޭހް އިލްޔާސަ ޝުކުރެއް ދަންނަވަ

  31. ޝޭހުގެ ވަރަށްގާތް މީހެއްގެ ހައިސިއްތުން ބުނެލަންއޮތީ ޝޭހަކީ ވަރަށްމަޖާ ސަމާސާ ކުރައްވާ ބޭފުޅެކޭ
    ﷲ ޝޭހަށް ހެޔޮރަހުމަތްލައްވާށި……………

  32. އަޅުގަނޑުވެސް ޝައިހު ދަންނަނަށް.އެއީ ފެމެލީ ފުރެންޑެއް.ވވވވ ހިތްހެޔޮ ބޭފުޅެއް.ވާހަކަ ދެއްކެވުމުގައި ވެސް ހުންނަވާނީ ވވވ އޯގާތެރި ގޮތެއް.ޝޭހުގެ ދަރުސް ތަކަކީ ވވވ އަސަރުކުރުވާ ދަރުސް ތަކެއް.މާތްﷲ ޝޭހުގެ މަސައްކަތުގައި ބަރަކާތަ ލައްވާށި!އާމީން…

  33. މާޝާﷲ..ޝައިޚް އަށް ހެޔޮ ޖަޒާދެއްވާށި،
    ޝައިޚަކީ ނަމޫނާ ސަކުޝިއްޔަތެކެވެ.
    ޝައިޚުއެވެ. ތިބާ އަކީ ﷲ ތަޢާލާގެ މަގުގައިވާ އެއިލާހުގެ ޞާލިހު އަޅެކީމުއެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ތަޢާލާއެވެ.
    އަޅުގަނޑުގެ އިޚުލާސްތެރި ދުޢާއަކީ ﷲ ތަޢާލާ ޝައިޚަށް ސާބިތުކަން ދެއްވައި ޝައިޚުގެ މަސައްކަތުގައި ބަރަކާތް ލެއްވުމެވެ. އަދި ޝައިޚަށް މަލާމާތްކޮށް ހަޑިހުތުރުބަހުން އެއްޗެހިކިޔާ ހެދާމީހުންގެ މައްޗަށް ﷲ ތަޢާލާ ޝައިޚަށް ނަސްރުދެއްވާށިއެ. ޢާމީން ޔާ ﷲ

  34. މިލިޔުމާއި، ޚިޔާލުތައް ކިޔާލުމުން އަޅުގަނޑަށްވެސް ރޮވިއްޖެއެވެ. ދަނީ ހަމަ ގައިން ހީބިހިނަގައިގެންނެވެ.
    މާތްﷲ ދީނީޢިލްމުވެރިން ކުރައްވާ ބުރަމަސައްކަތުގައި ބަރަކާތްލައްވާ އެބޭފުޅުންނަށް ހެޔޮޖަޒާދެއްވާށި އާމީން.

  35. އެކަކު ކަމާ ކަންފަށާ ހުރިހާ ކޮމެންޓްތަކަށް ޑިސްލައިކްކުރީހެންހީވޭ. ހައްްުބަސް ޑިސްލައިކަކަށް ނުގުޑާނެ، އިންޝާﷲ.

  36. ޙައްޤުބަސް ޑިސްލައިކަކަށް ނުގުޑާނެ، އިންޝާﷲ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!