އިސްލާމް ދީނާއި އިންސާނީ ޙައްޤުތައް

ލިޔުނީ: ޝިފްޒާން އަޙުމަދު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެންމެ ހަރު އަޑުން ދެކެވެމުންދާ ވާހަކައަކީ އިންސާނީ ޙައްޤުތަކުގެ ވާހަކައެވެ. ނަސްލީ އިމްތިޔާޒާއި ދީނީ ދެކެޅޮވެރިކަމުގެ އަނދިރިކަމުން ފަރުދީ ޝަޚުޞީ މިނިވަންކަމާއި ހަމަހަމަކަމުގެ ތެރެއަށް އިންސާނީ މުޖުތަމަޢު މި21ވަނަ ސައްތައިގައި ގެންދިއުމުގެ ވާހަކައެވެ. އިންސާނުންނަށާއި މުޖުތަމަޢުތަކަށް ޒާތީ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ވާހަކައެވެ. މިވާހަކަތަކުގެތެރެއިން އުފަންވެގެން އައި އަނެއްވާހަކައަކީ އިސްލާމް ދީނާއި އިންސާނީ ޙައްޤުތަކުގެ މަފްހޫމާ ތަޢާރުޟުވާ ވާހަކައެވެ. ފުށުއަރާ ވާހަކައެވެ.
ސުވާލަކީ މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ މަފްހޫމާއި އިސްލާމްދީނާ ހުރީ ކޮން ގުޅުމެއްތޯއެވެ؟ އިސްލާމް ދީނަކީ އަނިޔާވެރި، އިންސާނުންގެ ފަރުދީ ޙައްޤުތައް ނިގުޅައިގަންނަ ދީނެއްތޯއެވެ؟ ނުވަތަ އެދީނުގައި އިންސާނީ ޙައްޤުތަކަށް އެއްވެސްކަހަލަ އަހަންމިއްޔަތުކަމެއް ދީފައިނުވަނީތޯއެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި އެދީނުގެ ޝަރުޢީ ޙުކުމްތައް ދިރާސާކުރުމަކީ ކުރުން ލާޒިމުކަމެކެވެ. އަދި އެދީނުގެ މާޒީ ދެނެގަތުމަކީ މުހިއްމުކަމެއްމެއެވެ.
އިސްލާމްދީން އިންސާނީ ޙައްޤުތައް މާނަކޮށްފައިވާ ގޮތް ދެނެގަތުމުގެ ކުރިން، މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ ތާރީޚަށް ބަލައިލުމީ ނެތްކަމެއްނޫނެވެ. އަލްއަޒުހަރު ޔުނިވަރސިޓީގެ ޢިލްމުވެރިއެއްކަމުގައިވާ ޑރ.މުޙައްމަދު ޢައްމާރާ، އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ الإسلام و حقوق الإنسان ضرورات لا حقوق މިފޮތުގައި ވަރަށް ތަފްޞީލުކޮށް މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ މާޒީއަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ ފަލްސަފާ ބިނާވެފައިވާ ތަރަހައަކީ ފަރަންސޭސި ވިލާތުގައި 1789ގައި ފެށިގެން އައި އިންޤިލާބުގެ ތެރެއިން އުފަންވި ތަރަހައެކެވެ. ދީނުގެ ނަމުގައި ކުރަމުން އައިވެރިކަމެއްގެ އަނިޔާވެރިކަން ޙައްދު ފަހަނައަޅައި ދިޔުމުން އެކަމާ ދެކޮޅަށް ނުކުމެ، ރައްޔިތުން ގެނައި އިންޤިލާބެކެވެ. މިއިންޤިލާބުގެ ތެރެއިން އުފަންވި އަނެއް ފިކުރަކީ ދީނާއި ދައުލަތް، ދީނާއި ދިރިއުޅުން ވަކިކުރުމުގެ ފިކުރެވެ. ފައްޅިތަކުގެ އިމުން ބޭރުގައި ދީނަށް މަޤާމެއް ނެތްކަމުގެ ފިކުރެވެ. ކޮންމެއަކަސް ހުޅަނގުން ޤަބޫލުކުރި އިންސާނީ ޙައްޤުތަކަކީ، ދީނާއި ދިރިއުޅުން ވަކިކުރުމުގެ ފިކުރާއި ގުޅި ލާމެހިފައިވާ ފިކުރާއެކެވެ. އެގޮތުން އެއްޖިންސުން ކާވެނިކުރުން ފަދަ ނުބައިކަންބޮޑުވެގެންވާކަންކަން ހުއްދަވާނެ ގޮތަށް އެބައިމީހުން ބަލައިގަތް އިންސާނީ ޙައްޤުތަކުގެ ނިޒާމް ފަރުމާވެގެންދިޔައެވެ. ކޮންމެއަކަސް މިނިޒާމާއި އިސްލާމްދީނުގެ އިމުގެ ތެރޭގައި އިންސާނުންނަށް ލިބުނު ޙައްޤުތަކުގެ ނިޒާމް ތަފާތެވެ. އުޑާއި ބިމާދެމެދުގައި ހުރި ތަފާތު މިދެނިޒާމުގައިވެސް އެބަހުއްޓެވެ.

އިސްލާމްދީނުގައި އިންސާނީ ޙައްޤުތަކަކީ އިލާހީ ރަޙުމަތުން ލިބުނު ތަނަވަސް ހިޔަލެކެވެ. އެއީ އިންތައް ކަނޑައެޅިފައިވާ، ޙައްޤުތަކާއި ވާޖިބުތައް ބަޔާންކުރާ ފުރިހަމަ ނިޒާމެއްގެ ދަށުން ލިބުނު ޙައްޤުތަކެކެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނީ ޙައްޤުތަކަށް ދީފައިވާ ޤަދަރާއި ޢިއްޒަތް އެންމެ ރަނގަޅަށް ދެނެގަނެވޭނީ އެޝަރީޢަތުގެ މަޤުޞަދުތަކަށް ބަލައިލުމުންނެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ކަމުގައި ދީނީ ޢިލްމުވެރިން ކަޑައަޅުއްވާފައިވާ މަޤުޞަދުތަކަކީ: ދީނާއި ބުއްދިއާއި ފުރާނައާއި މުދަލާއި ޢިއްޒަތުއްނަފްސާއި ނަސްލު ޙިމާޔަތްކުރުމެވެ. ސުވާލަކީ މިހަކަންތައް ޙިމާޔަތްކުރެވުމުން އެޙިމާޔަތް ކުރެވެނީ ކޮންކަމެއްތޯއެވެ؟ އިންސާނީ ޙައްޤުތައް ނޫންބާވައެވެ؟ ފަރުދީ ޝަޚްޞީ މިނިވަންކަން ނޫންބާވައެވެ؟
އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް މާނަކޮށްފައިވަނީ އިމެއްނެތް ގޮތެއްގައެއްނޫނެވެ. އިންތަކެއް ކަނޑައަޅައި، ގިރާ ނުކުރެވޭނެ ހުރަސްތަކެއް އިސްލާމްދީން ދެއްކިއެވެ. އެއިންތަކުގެ ތެރޭގައި ކޮންމެ ފަރުދަކަށްވެސް އެފަރުދަކަށް ލިބިފައިވާ މިނިވަންކަން ތަންފީޒުކުރުމާއި، ޙައްޤުތަކުގެ ބޭނުން ހިފުމުގެ ފުރިހަމަ މިނިވަންކަން އިސްލާމްދީން ހޯދައިދިނެވެ. މިދެންނެވި އިންތަކަކީ ކޮބައިތޯއެވެ؟ ފުރަތަމަ އިންފާރަކީ އިންސާނާ ހައްދަވައި އެއިންސާނާ ބަލަހައްޓަވާ މާތްﷲގެ ޙައްޤުތަކުގެ ފެށުމެވެ. އެކަލާނގެ ޙައްޤުތަކުގެ ތެރެއިން ޙައްޤަކަށް އަރައިގަތުމުގެ މިނިވަންކަމެއް އިންސާނާއަކަށް ނޯންނާނެއެވެ. އެހެންކަމުން އެކަލާނގެ ނަހީކުރެއްވިކަންކަމަށް އަރައިގަތުމަކީ އިންސާނަކަށް ލިބިގެންވާނެ ޙައްޤެއްނޫނެވެ. އެހެންކަމުން މިއިންފާރު ހުރަސްކުރުމަކީ އެއްވެސް އިންސާނަކާ ލާއިޤުކަމެއްނޫނެވެ. ދެން އިސްލާމްދީނުގައި އިންސާނީ ޙައްޤުތަކުގެ އިންވަކިކުރާ އަނެއް ފުޅަފަކީ، އެހެނިހެން އިންސާނުންގެ ޙައްޤުތައް ފެށޭ ހިސާބެވެ. ތިބާ ފަދަ އަނެއް އިންސާނާގެ ޙައްޤުތަކުގެ އިން ހުރަސްކޮށް އޭނާގެ ޙައްޤުތަކަށް އަރައިގަތުމަކީ ތިބާގެ ޙައްޤުތަކުން ބޭރުވުން ނޫންބާވައެވެ؟ އެއީ އިންސާނީ ޙައްޤުތަކުގެ ހުރިހާ ފަލްސަފާއެއްވެސް ޤަބޫލުކުރާ ޙައްޤުތަކުގެ އިމުން ބޭރުވުން ނޫންތޯއެވެ؟ ތިންވަނައަށް އިސްލާމް ދީން އިންސާނީ ޙައްޤުތައް އިންކުރާ ހަމައަކީ ޖަމާޢީ ޙައްޤުތަކުގެ އިން ފެށޭ ހިސާބެވެ. ތިބާގެ ފަރުދީ ޝަޚުޞީ ޙައްޤުތަކުގެ ނަމުގައި މުޅި މުޖުތަމަޢުގެ ޙައްޤުތަކަށް އަރައިގަތުމަކީ އިންޞާފެއްތޯއެވެ؟ ނުވަތަ އެއީ ބުއްދީގެ ތިލަފަތަކުން ކިރައިފިނަމަ ބުރަދަނެއް ހުރިކަމެއްކަމުގައި ވާނެތޯއެވެ؟
އިސްވެ ދެންނެވުނު ވާހަކަތަކުން އެގުނު ގޮތުގައި އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް މާނަކުރަނީ މާތްﷲގެ އެންގެވުންތަކުގެ އިމުގެ ތެރޭގައި، ކޮނެމް އިންސާނަކަށްމެ، ލިބިފައިވާ ފަރުދީ އަދި ޖަމާޢީ ޙައްޤުތަކުގެ ގޮތުގައެވެ. މިމާނައަކީ އިންސާނީ ޙަޔާތުގެ ކާމިޔާބީއަށް މަގު ފަހިކޮށްދޭ މާނައެކެވެ.
މާޓިން ލޫތަރ ކިންގު ފަދަ ބޭފުޅުންގެ ތަޤުރީރުތަކުގައި ކަޅު މީހުންނާއި ދޮންމީހުންގެ މެދުގައި އޮތް ފަރަޤު ނައްތައިލާން ގޮވައިލައްވަން ޖެހިވަޑައިގަތީ މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ ނަމޫނާ ކަމުގައި ދަޢުވާކުރާ އެމިރިކާނުންގެ މެދުގައި އެތަފާތުކުރުންތައް ހުރިމިންވަރުގެ ބޮޑުކަމުންނެވެ. އެބޭފުޅުންނަށް އެޙައްޤުތައް ލިބިވަޑައިގަތީ ލޭއޮހުރުވުމާއި ޤުރުބާނީއަކަށް ފަހުގައެވެ. އެހެންނަމަވެސް އިސްލާމް ދީނަކީ މީގެ އެތައް ސައްތައެއް ކުރިން، ފުރިހަމަ ހަމަހަމަކަމެއް ގެނެސްދިން ދީނެވެ. ޝައިޚު މުޙައްމަދުލް ޣަޒާލީ ރަޙިމަހުﷲ އޭނާގެ ފޮތެއްކަމުގައިވާ حقوق الإنسان بين تعاليم الإسلام و إعلان الأمم المتحدة އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވަނީ ވަރަށްވެސް ބޮޑު ތެދުވާހަކައެކެވެ. ކަޅު މީހުންނާއި ދޮން މީހުންގެ ދެމެދުގައި ނަސްލީ އިމްތިޔާޒުތައް ނައްތައިލުމަށް މިއަދުވެސް އެމެރިކާއިން މަސައްކަތްކުރާއިރު، މީގެ 14 ސަތޭކަ އަހަރުކުރިން ނަސްލީ އިމްތިޔާޒުތައް، އިސްލާމްދީންވަނީ ފޮހެލައިފައެވެ. ރޫމީންނާއި ފާރިސީންނާއި ޢަރަބީންނާއި ޙަބަޝީން ކީރިތި ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ބިނާކުރެއްވި މިޖުތަމަޢުގައި ދިރިއުޅެފައިވަނީ އެކުވެރިކަމާއެކުގައެވެ. ފުރިހަމަ މިނިވަންކަމާއި ޝަޚުޞީ ޒާތީ މިނިވަންކަން އިޙުސާސްކުރާ ޙާލުގައެވެ. އާދޭހެވެ. އިންސާނީ މުޖުތަމަޢެއްގައި މިޒާތުގެ މިނިވަންކަމެއް، ހުރިހާ ނަސްލަކުން ތަޖުރިބާކުރީ އިސްލާމީ މުޖުތަމަޢުގައެވެ.
އިސްލާމީ މުޖުތަމަޢުގައި ޣައިރު މުސްލިމުންނަށްވެސް މިނިވަންކަން ފޯރުކޮށްދީފައިވެއެވެ. އަދި އެމީހުންނަށްވެސް ރައްކާތެރިކަން ލިއްބައިދިނެވެ. އެގޮތުން ޒިންމީންނާއި މުޢާހިދުންނާއި މުސްތައުމިނުންނަށް އިސްލާމީ ފިޤުހުގައި ކަނޑައެޅިފައިވާ ވަރަށް ގިނަ ޙައްޤުތަކެއް އެބަވެއެވެ. އަދި އެމީހުންނަށް އިސްލާމީ މުޖުތަމަޢެއްގައި ލިބެން ޖެހޭނެކަމަށް އިސްލާމްދީން ބަޔާންކުރާ އިންސާނީ ޙައްޤުތައް ދީނީ ޢިލްމުވެރިން ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން އިމާމް އިބްނު ޤައްޔިމު އަޙުކާމް އަހުލުއް ޒިންމާގެ ނަމުގައި ލިޔުއްވާފައިވާ ފޮތުގައި ވަރަށް ތަފްޞީލުކޮށް އެމީހުންގެ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކުރައްވާފައިވެއެވެ.
ޖެނީވާ ކޮންވެންޝަންގައި ހަނގުރާމައިގެ ތެރޭގައި ތަންފީޒުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިންސާނީ ޙައްޤުތަކަށްވުރެ މާތަނަވަސް ގޮތެއްގައި އިސްލާމް ދީންވަނީ ހަނގުރާމައިގެ ތެރޭގައިވެސް އިންސާނީ ޙައްޤުތައް ފޯރުކޮށްދެއްވާފައެވެ. ހަނގުރާމައާ ނުބެހޭ މީހުންމެރުމާއި، އަންހެނުންނާއި ކުޑަކުދީންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ފައްޅިތަކުގައި އަޅުކަންކުރަންތިބޭ އަޅުވެރިންނާއި ގަސްގަހާއިގެއްސަށް ގޯނާކުރުން އިސްލާމްދީން ނަހީކުރެއްވިއެވެ. އަދި އަސީރުންނާ މެދުގައި ކަންކުރަންވީ ގޮތްތައްވެސް ބަޔާންކުރިއެވެ.
މިހާ ތަފްޞީލުކޮށް އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް އިންސާނުނަށް ފޯރުކޮށްދީފައިވާއިރުވެސް، މިމައުޟޫޢުގައި ކުރިމަތިކުރެވޭ ސުވާލުތައް އެބަހުއްޓެވެ. އެހެނަސް އިސްލާމް ދީނަށް ނަފްރަތުކުރާ ބަޔަކު އަދިވެސް އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް ފޯރުކޮށްދީފައިވާ މިންވަރާ މެދު ސުވާލުކުރުމީ އެކަށީގެންވާކަމެކެވެ. އެފަދަ މީހުންގެ ސުވާލުތަކަށް ޙިކުމަތްތެރިކަމާއެކު ޖަވާބުދިނުން މުހިއްމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!