މުޙައްމަދު އަލް ފާޠިހް – ފަހުބައި

ކޮންސްޓެންޓިނޯޕުލް ފަތަހަކުރެއްވުމަށްފަހު ކަންތައް ހިނގައިދިޔަގޮތް

މުސްލިމުން ކޮންސްޓެންޓިނޯޕުލް ފަތަހަކުރެއްވިއިރު މުހައްމަދު އަލް ފާޠިޙުގެ އުމުރުފުޅަކީ އެންމެ 23 އަހަރެވެ. މިކަމުން އެކަލޭގެފާނުގެ ހަނގުރާމައިގެ ކުޅަދާނަކަން ވަރަށް ފުރިހަމައަށް ހާމަވެގެން ދެއެމެވެ.

ކޮންސްޓެންޓިނޯޕުލް ފަތަހަކުރެއްވުމަށްފަހު އެކަލޭގެފާނު އަދިވެސް ވަޑައިގެންނެވީ އެހެން ރަށްތައް ފަތަހަކުރެއްވުމަށެވެ. އެގޮތުން ސާބިއާއާއި، ގުރީސާއި، އަލްބޭނިއާގެ އިތުރުން ބޮސްނިއާވެސް އެކަލޭގެފާނުގެ ކޮމާންޑަރުކަމުގެ ދަށުން މުސްލިމުން ވަނީ ފަތަހަކޮށްފައެވެ. މީގެ އިތުރުން އޭރުގެ ދުނިޔޭގެ ގަދަ އަނެއް ބާރު ކަމުގައިވާ ރޯމް ފަތަހަކުރެއްވުމަށްވެސް އެކަލޭގެފާނު މަސައްކަތްޕުޅުކުރެއްވިއެވެ. ރޯމް ފަތަހަކުރެއްވުމުގެ ގޮތުން އެކަލޭގެފާނު ވަރަށްބޮޑު ލަޝްކަރެއް އެކުލަވާލެއްވިއެވެ. އަދި މުސްލިމުންގެ ހަނގުރާމަވެރިންތަކެއް ބޮޑެތި ކެނޮންތަކާއެކު އިޓަލީގެ ރަށެއްކަމުގައިވާ އޮޓަރެންޓުގެ ރަށްބޭރަށް ދިޔައެވެ. އަދި އެޔަށްފަހު ހިޖުރައިން 885 ވަނަ އަހަރުގެ ޖުމާދުލް އައްވަލް މަހު އެތަނުގެ ކިއްލާތައް މުސްލިމުންގެ ބާރުގެ ދަށަށް ގެނައެވެ.

މުސްލިމުންނަށް ރޯމް ފަތަހަކުރެވެންދެން، އުތުރުގައި ހަރަކާތްތެރިވާ މުސްލިމުންގެ ލަޝްކަރުގެ މަރުކަޒެއްގެ ގޮތުގައި އެކަލޭގެފާނު އޮޓަރެންޓު ހަމަޖެއްސެވިއެވެ. އަދި އެމީހުންގެ ތާރީޚީ ރަށެއްކަމުގައިވާ ރޯމް މުސްލިމުންގެ އަތްދަށަށް ހިނގައިދާނެކަމަށްޓަކައި އެބައިމީހުން ތިބީ އިންތިހާއަށް ކަނބޮޑުވެ ހަދާނެގޮތެއް ނޭންގިފައެވެ. ނަމަވެސް އެކަލޭގެފާނުގެ އުންމީދު ހަޤީގަތަކަށް ވުމުގެ ކުރިން ، ވަރަށް ކުއްލިގޮތަކަށް ހިޖުރައިން 886 ވަނަ އަހުރުގެ ރަބީއުލް އައްވަލް މަހުގެ 4 ވަނަ ދުވަހު އެކަލޭގެފާނު އަވަހާރަވިއެވެ. އަދި އެކަލޭގެފާނުންގެ މަރުގެ ޚަބަރު ހުޅަނގުގެ ޤައުމުތަކަށް ލިބުމާ އެކު، އެންމެން އުފާ ފާޅުކުރަން ފެށިއެވެ.  އެކަލޭގެ ފާނު އަވަހާރަވުމުން، އެކަމުގެ އުފަލުގައި ހުރިހާ ފަށްޅިތަކެއްގައި ޝުކުރުގެ ނަމާދުކުރުމަށް ރޯމްގެ ޕޯޕް، މީސްތަކުންނަށް އަމުރުކުރެއްވިއެވެ.

ވެރިއެއްގެ ގޮތުންނާއި، މުޖުތަމައެއް ބިނާކުރެއްވުމުގައި، މުހައްމްދު އަލް ފާޠިޙް
އެކަލޭގެފާނަކީ ކުޅަދާނަލީޑަރެކެވެ. ކަންކަން ފުރިހަމައަށް ރާއްވަވާ ބޭކަލެކެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ކުރިން ދުވަހަކުވެސް އުސްމާނީޚިލާފަތް ފުޅާ ނުވާހާ ދުރު ސަރަހައްދުތަކަށް އެ ޚިލާފަތް ވަނީ ފުޅާވެގެން ގޮސްފައެވެ. ގިނަ ރަށްތަކެއް ވަނީ ފަތަހަކުރެވިގެން ގޮސްފައެވެ.

އެކަލޭގެފާނުގެ ވެރިކަމުގެ ދުވަސްވަރު ހޯއްދެވި ހަމައެކަނި ކާމިޔާބީއަކީ ގިނަ ރަށްތަކެއް ފަތަހަކުރެއްވުން އެކަންޏެއް ނޫނެވެ. މީގެ އިތުރުން އެކަލޭގެ ފާނުންގެ ދަށުން މަސައްކަތް ކުރަށްވަން ތިއްބެވި ވަޒީރުންގެ އެހީއާއެކު އެކަލޭގެފާނުވަނީ، ކީރިތި ޤުރުއާނާއި، ރަސޫލާ ގެ ސުންނަތާ އެއްގޮތްވާގޮތުގެމަތީން ގާނޫނެއް ލިޔެ ތައްޔާރުކޮށްފައެވެ. އަދި އެކަލޭގެފާނުގެ ދައުރުގައި އެކުލަވާލެވުނު މި ގާނޫނަށް، 400 އަހަރުވާންދެން އުސްމާނީ ޚިލާފަތުން އަމަލުކުރަމުން ގެންދެވިއެވެ.

އެކަލޭގެފާނަކީ ވެރިކަމުގެ ދުވަސްވަރު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވެވި ބޭފުޅެއް ނަމަވެސް އެކަލޭގެ ފާނުގެ ޒައާމަތުގައި 300 އަށްވުރެން ގިނަ މިސްކިތް ބިނާކުރެވުނެވެ. އޭގެތެރެއިން 192 މިސްކިތް ބިނާކުރެވިފައިވަނީ އިސްތާންބުލްގައެވެ. މީގެ އިތުރުން 57 މަދަރުސާވެސް އެކަލޭގެފާނު ވަނީ ބިނާކުރަށްވާފައެވެ. އެކަލޭގެ ފާނުގެ ދުވަސްވަރު ބިނާކުރެވިފައި ތަންތަނުގެ  ތެރެއިން ބިނާކުރުމުގެ ގޮތުން ފާހަގަކޮށްލެވޭ ބައެއް ތަންތަނުގެ  ތެރޭގައި، އަބޫ އައްޔޫބު އަލް އަންޞޯރީ މިސްކިތާއި، ސުލްތާން މުހައްމަދު މިސްކިތުގެ އިތުރުން ސަރައި ތުބް ޤަބޫ ގަނޑުވަރު ފާހަގަކޮށްލެވެއެވެ.

މުޙައްމަދު އަލް ފާޠިހަކީ ޅެންވެރިކަމަށް ވަރަށް ޝައުޤުވެރިކަން ބަހައްޓަވާ ބޭކަލެކެވެ. އެކަލޭގެ ފާނަކީ މޮޅު ޅެންވެރިއެކެވެ. އަދި އާދަކޮށް ފޮތް ވިދާޅުވެ އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު އިލްމުވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވައެވެ. އަދި ބައެއް އިލމުވެރިން ވަޒީރުންގެ ގޮތުގައިވެސް ހަމަ ޖެއްސެވިއެވެ. ކޮންމެ ދާއިރާއަކުން ނަމަވެސް، އެކަލޭގެފާނަށް މޮޅު ޢިލްމުވެރިއެއްގެ ވާހަކަ އިވިއްޖެނަމަ  އެބޭކަލަކަށް އެކަލޭގެފާނު އެހީތެރިވެދެއްވައެވެ. ނުވަތަ އެބޭކަލެއްގެ ޢިލްމުވެރިކަމުން މަންފާ ހޯއްދެވުމަށްޓަކައި އެބޭކަލަކު އިސްތާންބުލްއަށް ވަޑައިގަތުމަށް ދައުވަތު ދެއްވައެވެ.

މުހައްމަދު އަލް ފާޠިހުގެ ކިބައިގާވާ ފާހަގަކޮށްލެވޭ ބައެއް ކަންކަން

މުހައްމަދު އަލް ފާޠިހަކީ، އިސްލާމީ ޝަރީއަތާއި، ދީނުގެ އުސޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރެއްވި ބޭކަލެކެވެ. އެކަލޭގެ ފާނަށް ތަރުބިއްޔަތު ދެވެމުން އައިސްފައިވާ ގޮތުން އެކަލޭގެ ފާނު ވެގެން ގޮސްފައިވަނީ ވަރަށް ދީންވެރި، ޞޯލިހު ބޭކަލަކަށެވެ. ހަނގުރާމަ ތަކުގައި އެކަލޭގެ ފާނު ގެންގުޅުއްވި ހަރުދަނާ އުސޫލުތަކާއި އުކުޅުތަކަކީވެސް އޭރު ހުޅަނގުގެ ޤައުމުތަކުން ދަންނަ ކަންތައްތަކެއް ނޫނެވެ.

އެކަލޭގެ ފާނުގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔައީ، އެކަލޭގެފާނުގެ ގަދަފަދަ އަޒުމާއި، މެދުކެނޑުމެއްނެތި ކުރެއްވެވި ބުރަ މަސައްކަތް ޕުޅާއި ، ކަންކަން ކުރެއްވުމުގައި ގެންގުޅުއްވި ރޭވުންތެރިކަމުގެ ސަބަބުންނެވެ. މިސާލަކަށް ދަންނަވަނީނަމަ، ކޮންސްޓެންޓިނޯޕުލް ހިޞާރުކުރެއްވުމުގެ ކުރިން ކެނޮންތައް ތައްޔާރުކޮށް ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެ ވަޑައިގެންނެވިއެވެ. އަދި ލަޝްކަރު ތައްޔާރުކުރައްވަވާ، ހަނގުރާމަ ކާމިޔާބުކުރެއްވުމަށް ބޭނުން ހިތްޕެވެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިއްޕެވިއެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެ ފާނުގެ ހުވަފެންޕުޅު ހަގީގަތަކަށް ބަދަލުވެ، މުސްލިމުންގެ މެދުގައި އެކަލޭގެފާނަކީ ކުޅަދާނަ ބަޠަލަކަށް އަދި ފާތިހަކަށް ވެގެން ދިޔައެވެ.

=ނިމުނީ=

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!