ސިޔާސަތުން، އެދެވޭ މަންޒަރު!

ލިޔުނީ: ޝިފްޒާން އަޙުމަދު

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހިގަމުން އަންނަ ގޮތަށް ނަޒަރެއް ހިންގުމުން ފާހަގަވަނީ ކޮންކަމެއްހެއްޔެވެ؟ އަޅުގަނޑުމެންގެ ލޮބުވެތި މިވަޠަނުގެ ކަންކަން ތަރުތީބުވަމުން އަންނަ ގޮތުގެ މައްޗަށް ބަލައި ވިސްނުމުން ދަސްކުރެވޭ ސިޔާސީ ޙަޤީޤަތަކީ ކޮބައިތޯއެވެ؟ ދިވެހިންގެ މެދުގައި ސިޔާސަތު މާނަކުރެވޭ ގޮތަކީ ކޮބައިތޯއެވެ؟ އަދި މިމާނައިން ދޭހަވާ ކަންކަމަކީ ކޮބައިތޯއެވެ؟ މިސުވާލުތަކަކީ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރުޅިއާއި ނަފްރަތު އިތުރުވެގެން އަންނަ ދަނޑިވަޅެއްގައި ކޮށްލަން ރަނގަޅު ސުވާލެކެވެ.

ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނަކީ ދޮގު ހެނދުމާއި ދޮގު ވަޢުދުވުމާއި، ޚިޔާނާތްތެރިވުމުގެ މައިދާނެކެވެ. އެއީ އެކަކު އަނެކަކު ޒާތީ ގޮތުން ބަރަހަނާކޮށްލުމުގެ މަސްރަޙެކެވެ. އެއީ ފިކުރުތަކަށް ފާޑުކޮށް ނަޤުދުކުރުމުގެ ބަދަލުގައި، ޝަޚުޞިއްޔަތުތަކަށް އާޑަފުރައްސާރަކިޔައި، އަނބުރު ގެއްލުވާލުމުގެ ދާއިރާއެކެވެ. ހަމައެފަދައިން އެދާއިރާގައި އުޅޭ މީހުންވެސް ވަނީ އެކިމިންވަރަށް ސުލޫކީ އިންތައް ފަހަނައަޅައި އެއިންތަކުން ބޭރުވެފައެވެ. ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތަކުގެ ވާހަކައެވެ. ކުޑަކުދިންނާ ބަދު އަޚުލާޤީ ޢަމަލު ހިންގާވާހަކައިގެ ތުހުމަތެވެ. މިނޫނަސް މިފަދަ އެތައް ކަމެއް ދިވެހި ސިޔާސީ މަސްރަޙުން ދަނީ ފެންނަމުންނެވެ.

މިއީ މިޤައުމުގެ ސިޔާސީކަންކަން ތަރުތީބުވަމުންދާ ގޮތެވެ. ރައްޔިތުން އިންތިޚާބުކުރާ މަޤާމްތަކުގައާއި، ސަރުކާރުން ޢައްޔަންކުރާ ސިޔާސީ މަޤާމުތަކުގައި ތިބީ ކޮން ބައެއްތޯއެވެ؟ ބައެއް ފަރާތްތަކަކީ ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ޝަރީޢަތްކުރެވުނު މީހުންނެވެ. އަނެއްބައިމީހުންނަކީ ސީދާ ގޮތުގައި ނުސީދާ ގޮތުގައި ދީނަށް ފުރައްސާރަކޮށް ދީނުގެ ޙުކުމްތަކަށް އިންކާރުކުރާ ފަރާތްތަކެވެ. މިއެންމެން ސިޔާސީ މަސްރަޙުގެ އެކި ހިސާބުތަކުގައި ތިބުމުން ދޭހަވަނީ ކޮންކަމެއްތޯއެވެ؟

މިހުރިހާ ކަމަކުން ދިވެހިންގެ މެދުގައި ސިޔާސަތު މާނަކުރެވޭ ގޮތް ވަރަށް ރަނގަޅަށް އެގެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް ސިޔާސަތަކީ ދޮގު ހެދުމާއި މަކަރު ހެދުމެވެ. ކުރިން ދައްކާ ވާހަކައާއި ފަހުން ދައްކާ ވާހަކަ ދިމާނުވުމެވެ. އެއް ފިކުރެއްގެ މަތީގައި ދެމި ނުހުރެވުމެވެ. މިހެންމިކަން އޮތުމުގެ ސަބަބުން ތަޢުލީމީ، އަޚުލާޤު ރަނގަޅު ޒުވާނުން މިމައިދާނަށް ނުނުކުމެއެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަން ޖެހޭ ކަމެއްވެސްމެއެވެ. ސިޔާސީވުމަކީ ދީނީ އެންމެހާ އަގުކުރުންތައް ދޫކޮށްލާ އަޚުލާޤީ ހުރިހާ އިންތަކަކުން ބޭރުވުންކަމުގައި މާނަކުރެވޭނަމަ، އެކަމުގެ ސަބަބުން ސިޔާސަތުތައް އެކަށެއެޅޭނެ ގޮތް ވިސްނުންފުޅަށް ގެންނެވުން ތިޔައިން ބޭފުޅަކަށް ދަތިފުޅުވާނެކަމަށް ނުފެނެއެވެ.

މިމާނައިން ދޭހަވަނީ ކޮން މާނައެއްތޯއެވެ؟ ރާއްޖޭގައި ޢަލްމާނީ ވެރިކަމެއް ނުވަތަ ޢަލްމާނީ ނިޒާމެއް ހިނގާކަމެވެ. ކޮންމެވެސް މާނައެއްގައި ނުވަތަ ކޮންމެވެސް އުސްލޫބެއްގައެވެ. ދީނީ އިންތަކުގެ ތެރޭގައި ސިޔާސީ މީހުން ހިފެހެއްޓިއްޖެނަމަ، އެމީހުންގެ އުޅުމާއި އަޚުލާޤު ހުންނާނި މިދެންނެވި ގޮތްތަކާ އިދިކޮޅަށެވެ. އެހެންކަމުން މިދެންނެވި އިންތަކުގެ ތެރޭގައި ދިވެހި ސިޔާސީ މަސްރަޙު ނުހިފެހެއްޓެނަމަ، އެއީ މުސްތަޤުބަލުގައި އަޅުގަނޑުމެން އެންމެނަށް ލިބޭނެ ބޮޑު ގެއްލުމެއްކަން ދަންނަންޖެހެއެވެ. އެހެނީ އިސްލާމްދީނާ ދުރަށް މުޖުތަމަޢެއް ގެންދެވޭނީ ހަމައެކަނި އެމުޖުތަމަޢުގެ ޢާންމު ފަރުދުން އިޞްލާޙު ވެގެންނެއްނޫނެވެ. އެޢާންމު ފަރުދުންގެ މައްޗަށް ހިނގާ ނިޒާމުވެސް އިޞްލާޙުކުރެވިގެންނެވެ.

އެހެންކަމުން ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަޙު އިޞްލާޙުކުރުމަށް ބޭނުންވަނީ އެކި ދާއިރާތަކުން ތަޢުލީމު ލިބިފައިވާ، ދީނަށް ލޯބިކުރާ ހަރުދަނާ ބަޔަކު ގުޅިގެން މަސައްކަތް ކުރުމެވެ. އެނޫންގޮތަކުން ޤައުމު އިޞްލާޙު ކުރެވޭނެކަމަށް ނުފެނެއެވެ. ޤާނޫންތަކުގެ ތެރެއިން އިސްލާމީ ޝަރީޢަތް ޤާއިމުކުރެވޭނީވެސް މިދެންނެވި ގޮތަށް ކަންކޮށްގެނެވެ. ޤައުމުގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހުގައި، ދައުލަތް ހިންގުމުގެ ކަންކަމުގައި އިޖުތިހާދުކޮށް ދީނީ ޙުކުމްތަކެއް ދަންނަ ބޭކަލުން ބަޔާންކުރެއްވުމުން އެބަޔާންކުރެއްވި ކަންކަމުގެ އަލީގައި، ދައުލަތުގެ އުޞޫލުތައް ބައްޓަންވާނީ، އެކަންކުރަން ތިބި މީހުންނަކީ ދަންނަބޭކަލުންގެ އަޑުއަހާ ބަޔަކަށް ވެގެނެވެ. އެކަމަށްޓަކައި ބޭނުންވަނީ ޙަޤީޤީ ސިޔާސަތަކީ ކޮބައިކަން އެގުމެވެ.

ޙަޤީޤީ ސިޔާސަތަކީ ދީނުގެ އަގުކުރުންތަކުގެ އިމުގެ ތެރޭގައި ސުލޫކީ ރިވެރި މިންގަނޑުތަކުގެ ތެރޭގައި ހިގާ ކަމެކެވެ. ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެއްބަޔަކު އަނެއްބަޔެއްގެ އަނބުރައް އަރައިގަނެގެން ނުވާނެއެވެ. ސިޔާސީ މީހުންނަކީ އެންމެ އަޚުލާޤު ރަނގަޅު އެންމެ ހެޔޮ ނަމޫނާ ދައްކާ މީހުންކަމުގައިވާންޖެހޭނެއެވެ. ދުނިޔެ ދުށް އެންމެ ކުޅަދާނަ ސިޔާސީ ލީޑަރަކީ ކީރިތި ރަސޫލާއެވެ. އެކަލޭގެފާނު ދެއްކެވި ގޮތުގެ މަތީގައި ސިޔާސީ މީހުންކަމުގައި ވާން ދަސްކުރަންވީއެވެ.

އިސްލާމީ ދިވެހި މުޖުތަމަޢެއް ބިނާކުރަން އެދެނީނަމަ، ދަންނަ ބޭކަލުންގެ ދަޢުވަތު، މިސްކިތްތަކާއި ގެތަކުގެ ހަފޮޅުން ބޭރުވެ، ބަރުލަމާނާއި ރައީސް އޮފީހާ ހަމައަށް ފޯރަން އެބަޖެހެއެވެ. މަޖިލީހަށް ހުށަހެޅޭ ބިލުތަކުގައި ދަންނަ ބޭކަލުންގެ ރައުޔަ އޮޅުން ފިލުވަން ޖެހެއެވެ. ރައީސްގެ ނިންމެވުންތައް ނިންމެވުމުގައި ޢިލްމުވެރިންގެ ޚިޔާލުފުޅުތައް ބަލައިގަންނަންޖެހެއެވެ.

ޒުވާނުންނޭވެ. އެކަން އެގޮތަށް ކުރެވޭނީ ދީންވެރި، އަޚުލާޤު ރަނގަޅު މީހުން އެކި ފަންނުތަކުން ތަޢުލީމު އުގެނި، ސިޔާސީ މައިދާނަށް ނުކުމެ ބަރުލަމާނާއި ވެރިކަމުގެ ބާރުތަކާ ހަމައަށް އާދެވިގެންނެވެ. އެހެންކަމުން ގެތަކަށް ވަދެ ފިލައި ނުތިބޭށެވެ. ޢާންމުން ތެރެއަށް ނުކުމެ، އެމީހުން ސިޔާސަތު މާނަކުރާގޮތް ބަދަލުކުރާށެވެ. ހެޔޮ މިސާލު ދައްކާށެވެ. މާތްﷲއަށް އިޚުލާޞްތެރި ހިތަކައިގެން މަސައްކަތްކުރިނަމަ، ނަޞްރާއި ކާމިޔާބު ލިބޭނެއެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ރަނގަޅު ވާހަކައެއް. އަހަރެމެން މިއަދު ގެތަކުގައި ބަންދުވެގެން ތިބެއްޖެ ނަމަ، މާދަމާ އަޅުގަނޑުމެންގެ ޤައުމުން އިސްލާމްދީން ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑު. އެފަދަ ދުވަހެއް އަތުވެއްޖެނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އަހަރެމެން. މިއަދު މުޖުތަމަޢަށް އިސްލާމްދީނަށް ލޯބިކުރާ އިސްލާމީ ފިކުރު ހުރި، ދީނަށް ވަފާތެރި ޤައުމާއިގެން ކުރިއަށްދާނެ، ސިޔާސީ ލީޑަރުން ބޭނުންވޭ. ޓީޗަރުން ބޭނުންވޭ، މަސްވެރިން ބޭނުންވޭ، ފުލުހުންނާއި ސިފައިންވެސް ބޭނުންވޭ. މިކަމަކީ މިއަދު ދިވެހި ޤައުމުގެ އިންސާފާއެކު އިޞްލާޙަށް އެދޭ ކޮންމެ މުސްލިމަކު އެއްބަސްވާ ކަމެއް.

  2. i want islaahu but not like this
    i mean the way u think aneel

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!