ތިބާގެ ހިތާ، ޚިޠުބާގެ ކުރިމަތީ ކާވެނި!

ތަރުޖަމާ: ޝިފްޒާން އަޙްމަދު

ލިޔުއްވީ: د.دعاء راجح

ޒުވާން ކުދިން ޚިޠުބާގެ ގުޅުމުގެ އިމުގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައި ކާވެނި ފުރިހަމަކުރުމަށް ޖެހިލުންވެއެވެ. ސަބަބަކަށްވަނީ ޚިޠުބާގެ ދުވަސްވަރުގައި ދެފަރާތަށްމެ މައްސަލަތަކެއް މެދުވެރިވުމެވެ.ނުވަތަ ބައިވެރިޔާއާމެދު ފުރިހަމަ ފިކުރާއެއް ނުލިބުމާއި މުސްތަޤުބަލާ މެދު ފުރިހަމަ ތަޞައްވުރެއް ނުލިބިގެނެވެ.

މިކަން މިހެން މެދުވެރިވުމުގައި ޝަރުޢީ ހަމަތަކުގެ ތެރޭގައި(1) ދެފަރާތަށް ބައްދަލުވެވި، ވާހަކަ ދައްކައި އުޅުމަށް ޢާއިލާއިން މަދަދުވެރިނުވުމާއި، ގޮތެއް ކަނޑައެޅުމުގައި ޢާއިލާގެ އެހީތެރިކަން ނުލިބުން ސަބަބުތަކެއް ކަމުގައި ބެލިދާނެއެވެ. އަދި ޚިޠުބާގެ ޒަމާން ހަމައެކަނި ގުޅިލާ ގުޅުމަކުން ނިމި، އެދެމީހުން އަވަސް ގޮތެއްގައި ކާވެންޏަކަށް އަމާޒުހިފާފާނެއެވެ. ދެފަރާތުގެ ނުވަތަ ކޮންމެވެސް އެއްފަރާތެއްގެ ހިތްހަމަޖެހުމާއި ޔަޤީންކަން، މިގުޅުމާމެދު ޤާއިމު ނުވަނީހެވެ. މިކަމުގެ ސަބަބުން ޒަވާޖީ ޙަޔާތުގައި ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހެއެވެ.
މިހިސާބުން ޖަވާބެއް ބޭނުންވާ ސުވާލެއް ކުރިމަތިވެއެވެ. ކާވެނިކުރުމަށް ނިންމާ ނިންމުން ނިންމާނި ކޮން އަސާސެއްގެ މައްޗަށްތޯއެވެ؟

ރުހެންޖެހޭ ތިންކަމެއް!

މިމުހިއްމު ނިންމުން ބިނާވާން ޖެހޭނީ މައިގަނޑު ތިން މިންގަނޑެއްގެ ތެރެއިން ލިބޭ ރުހުމެއްގެ މައްޗަށެވެ.

ފުރަތަމަ މިންގަނޑު: ބުއްދީގެ މިންގަނޑު

މާނައަކީ ކޮންމެ ފަރާތަކަށްވެސް އަނެއް ފަރާތަކީ ތިމަންނަގެ ދިރިއުޅުމުގެ ބައިވެރިއެއް ކަމުގައިވުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއްކަން ޤަބޫލުކުރެވުމެވެ. ތިމަންނާގެ އުންމީދުތަކާއި ހުވަފެންތަކުގެ ބައިވެރިއެއްކަމުގައި ވެވިދާނެކަމަށް ޤަބޫލުކުރެވުމެވެ. ހިތާމައާއި އުފަލުގައި ބައިވެރިއެއްކަމުގައި ވެވިދާނެކަމަށެވެ. ކާމިޔާބީއާއި ނާކާމިޔާބުގައިވެސްމެއެވެ.
ދެފަރާތުގެ އުންމީދުތަކާއި އެދުންތަކުގައި ޤަބޫލުކުރެވޭ މިންވަރުގެ އެއްގޮތްކަމެއް ހުރިކަން ޔަޤީންވާން ޖެހޭނެއެވެ. އެދެމީހުންކުރެ ކޮންމެ މީހަކަށްމެ މުހިއްމުކަންކަމާއި ދިރިއުޅުމުގައި ކަން ހިގާ ގޮތްތަކާ މެދުގައި ދެމީހުންގެ ފިކުރު އެއްގޮތްވާންވާނެއެވެ.  ދެމީހުންނަށް ދެނެގަނެވޭ، ޒާތީ ތަފާތުތަކާއި ޢައިބުތަކަކީ އެކަންކަމާއެކުވެސް ދިރިއުޅެން ދަތިނުވާނެ ކަންކަން ޔަޤީންވާންޖެހޭނެއެވެ.
މިކަމުގެ މާނައަކީ ފުރިހަމައަށް ދެފަރާތް އެގުމެއްނޫނެވެ. އަދި ކިއެއްތޯއެވެ؟ ޢައިބުތަކާއި ރަނގަޅު ޞިފަތަކުގެ ތެރެއިން ވަރަށް ގިނަކަންކަމީ ކާވެނީގެ ފަހުގައި މެނުވީ އެގޭނެ ކަންކަމެއް ނޫނެވެ. އަދި އެކަންކަމުގެ ކުޑަ ބޮޑު މިނަކީވެސް ކާވެނީގެ ފަހުގައި މެނުވީ އެގޭނެ ކަންކަމެއް ނޫނެވެ.

ދެވަނަ މިންގަނޑު: ހިތުގެ ނުވަތަ ޢާޠިފީ މިންގަނޑު

ރޫޙުގެ މިސާލަކީ އެކަކު އަނެކަކާ ގުޅިފައިވާ ސިފައިންގެ ބައިގަނޑެއްގެ މިސާލެވެ. އޭގެ ތެރެއިން އެކަކު އަނެކަކު ދަސްވެއްޖެ މީހުން އެއްބައިވެއެވެ. އަދި ދެކޮޅުވެރި ވެއްޖެނަމަ ބައިބައިވެއެވެ. އެހެންކަމުން ދީނީ ގޮތުން ނުލާހިކު ރަނގަޅު، އިޖުތިމާޢީ ގޮތުން ހަމަޖެހޭ ،މާއްދީ ގޮތުން ތަނަވަސް، ޚުލްޤު ހެޔޮ ފިރިހެންކުއްޖަކާމެދުގައިވެސް އަންހެން ކުއްޖަކު ހިތްހަމަނުޖެހިދާނެއެވެ. ހަމައެފަދައިން ފިރިހެން ކުއްޖަކަށް ރަނގަޅު ދީންވެރި ޚުލްޤުހެޔޮ އަންހެންކުއްޖަކު ފެނުމަށްފަހު އެކުއްޖާއާމެދު، އޭނާގެ ނަފްސު ނުރުހިދާނެއެވެ. ރަނގަޅަށް އެގޭ ސަބަބެއްވެސް އެކަމުގައި އޮވެދާނެއެވެ. ބޭރުފުށުގެ ޞޫރައިގައި ހުރިކަމެއް ނުވަތަ ވާހަކަދެއްކުމާއި އުޅުމުގައި ހުރި އުނިކަމެކެވެ. ހަމައެފަދައިން އެސަބަބު އެންމެ ރަނގަޅަށް ނޭނގޭ ސަބަބެއްކަމުގައިވެސް ވެދާނެއެވެ. މިހުރިހާ ޙާލަތެއްގައިވެސް ހިތުގެ ޝުޢޫރުތަކަށް އިޙުތިރާމްކުރަން ޖެހޭނެއެވެ. ބުއްދީގެގެ މިންގަނޑުން ފާސްވުން އުފާވެރި ޙަޔާތަކަށް ފުދިގެން ނުވެއެވެ.

ތިންވަނަ މިންގަނޑު: ބޭރުފުށުގެ މިންގަނޑު

އަނެކާގެ ބޭރުފުށުގެ ޞޫރައާމެދުގައި ފުރިހަމައަށް ރުހި ޤަބޫލުވުމެވެ. ރީތިވުމަކީ އެކިމީހުންނަށް އެކި ގޮތަށް އޮންނަކަމެކެވެ. އެކަމުގައި މީސްތަކުންގެ ވިސްނުން ތަފާތުވެގެންވެއެވެ. އެކި މީހުންނަށް ރީތިވާނީ އެކި ގޮތަށް ތިބޭ މީހުންނެވެ. މަޡްހަރު ނުވަތަ ބޭރުފުށޭ ބުނުމުން އޭގެ މުރާދަކީ މީހާ ހުންނަ ގޮތް އެކަންޏެއްނޫނެވެ. އެމީހާގެ ހަށިގަނޑުގެ ޙަރަކާތްތަކާއި މޫނުގެ ހަރަކާތްތަށްވެސް މިމާނައިގެ ތެރެއަށްވަދެއެވެ. އިށީނުމާއި ކޮޅަށް ހުރުމާއި ތެދުވުމާއި ހިނގުމެވެ. މިއިން ކޮންމެ ކަމަކީ މިބަހުގެ ތެރެއަށް ވަންނާނެ ކަންކަމެވެ. މިހުރިހާ ކަމަކާ މެދު އަހަރުމެން ރިހިދާނެއެވެ. ނުވަތަ ހިތްހަމަ ނުރުހިދާނެއެވެ.
އަދިވެސް ކުރިވިދާނެ ސުވާލެއް އެބައޮތެވެ. އެއީ 100 އިންސައްތައިގެ ހިތްހަމަޖެހުމެއް މިތިން މިންގަނޑުންމެ ލިބުން ލާޒިމު ހެއްޔެވެ؟ އަދި ޚިޠުބާއަށް އެންމެ އެކަށީގެންވާ ވަގުތުކޮޅަކީ ކޮބައިހެއްޔެވެ؟

މިމިންގަނޑުތަކުގެ ތެރެއިން އިތުބާރެއް އުފެދުމަށް ނުވަތަ އިތުބާރު ދަށްވުމަށް ވަގުތު ބޭނުންވާނެއެވެ. އެހެންނަމަވެސް ކާވެނިކުރުމުގެ ނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތަކީ މިމިންގަޑުތަކުގެ ތެރެއިން އުފެދޭ އިތުބާރު ހަމަޖެހި އިސްތިޤުރާރުވާ ވަގުތެވެ. ނުވަތަ އެއިތުބާރު، ދެފަރާތުގައިމެ ކުރިއަރައި ބޮޑުވެގެންދާވަގުތެވެ. އެހެންކަމުން އެންމެ ރަނގަޅު ވަގުތަކީ ބުއްދިން ބަލައިގަނެވޭ މިންވަރަކަށް މިތިން އިތުބާރު އުފުލިގެންދާ ވަގުތެވެ.

ޢާންމުބައެއް ކުށްތައް

ވަރަށްގިނަފަހަރަށް ޚިޠުބާގެ ދުވަސްވަރުގައި ކޮންމެވެސް ކުށެއް އަނެކުންގެ ފަރާތުން ފެނިދާނެއެވެ. އަދި އެކަން މުސްތަޤުބަލުގައި ކާވެނީގެ ފަހުން ރަނގަޅުކުރުމަށް އެދުމުން އެކަން ބަދަލުކުރާނެކަމަށް ވަޢުދުވެދާނެއެވެ. އަދި  ތިމާއަށް އަނެއް ފަރާތް ބޭނުންވާތީ އެކަން ބަދަލުވެސް ކޮށްފާނެއެވެ. އެހެންނަމަވެސް މިހެޔޮ ބަދަލުގެ މަތީގައި އަޅުގަނޑުމެންގެ ތެރެއިން، މާތްﷲ ރަޙުމަތްލެއްވި އަޅަކަށްމެނުވީ، ދެމިހުރެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއްނެތެވެ.

އެއްވެސް މީހަކަށް އަނެކުން ބަދަލުކޮށް ނުލެވޭނެއެވެ. ލޯބިވާ މިންވަރު ކިތަންމެ ބޮޑުކަމުގައިވިޔަސް ޝަޚުޞިއްޔަތު ކިތަންމެ ވަރުގަދަކަމުގައިވިޔަސްމެއެވެ. ރަނގަޅު ހިތުނިޔަތެއް މައްސަލަ ހުރި ފަރާތުގެ އޮވެގެން މެނުވީއެވެ. ޙަޤީޤަތުގައިވެސް އެކަން ބަދަލުކުރުން އެފަރާތުން ބޭނުންވާންޖެހޭނެއެވެ. އެކަމުގެ އެދުންވެރިކަން އޮންނަންވާނެއެވެ.  އެހެންކަމުން ކާވެނީގެ ކުރިން ބަދަލުނުވިނަމަ، ކާވެނީގެ ފަހުން ބަދަލުވެދާނެކަމަށް ޤަބޫލުކުރުމީ މޮޔަކަމެކެވެ. އަދި ހަމައެފަދައިން ޚިޠުބާގެ ދުވަސްވަރު އަނެކުން ބޭނުންވާ ބޭނުންވުމުގެ ސަބަބުން އަންނަ ބަދަލު ކާވެނީގެ ފަހުން ކުރީގެ ގޮތަށް ރުޖޫޢަވެދާނެއެވެ. އެއީ ކާވެނީގެ ފަހުން އަނެކުންނަށްބޭނުންވާ ވުމުގެ އިޙުސާސް ކުޑަވެދާނެތީއެވެ. މިއީ ޠަބީޢީ ކަމެކެވެ. އެހެންނުވާނީ އެބޭނުންވާ ބޭނުންވުމަކީ ކާވެނީގެ ކުރިންވެސް ހިތުގައި އޮތް ތެދުވެރި  ބޭނުންވުމަކަށް ވެގެނެވެ. އަދި ބަދަލުވަނީވެސް ތެދުވެރި ހިތަކައިގެން ކަމުގައިވާނަމައެވެ.

އަދި ހަމައެފަދައިން ހިތުގެ ހަމަޖެހުމާއި ޢާޠިފީ ހެދިބޮޑުވުމަށް އިސްކަން ނުދިނުމަކީވެސް ޢާންމުކުށެކެވެ. އަދި ކާވެންޏަށްފަހު އެކަން އަތުވެދާނެކަމަށް ޤަބޫލުކުރުމަކީވެސް ކުށެކެވެ. ޚިޠުބާގެ ދުވަސްވަރުގައި އުފެދިގެން ނައި ޢާޠިފިއްޔަތެއް ލޯއްބެއް ،އެމަރުޙަލާގެ ފަހުން، ކާވެނީގެ ފަހުން، ޒިންމާތައް އިތުރުވުމަށްފަހު، އުފެދިދާނެކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.
އެންމެ ފަހުން އެންމެހާ ސަބަބުތަކެއްގައި ހިފުމަށްފަހު، ދެފަރާތަށްވެސް ލިބިގެންވަ އަސާސީ މިންގަނޑަކީ ޝަރުޢީ އިސްތިޚާރާއެވެ. ގޮތެއް ނިންމުމުގައި އެންމެ ފަހުގެ މަރުޖިޢަކީ އެއީއެވެ.
ކާނެވިކުރަން އެދޭ ދިވެހި ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިންނަށް މިލިޔުމުގެ ސަބަބުން ރަނގަޅުމަގުތަކެއް ފެނުމުގެ އުންމީދުގައި ހުރީމެވެ. އަދި ފެށިގެން އަންނަ އެންމެހާ ކާވެނިތަކުގައި ބަރަކާތްލެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދަންނަވަމެވެ.  އާމީން!

__________________________

(1) މިލިޔުމުގައި ޝަރުޢީ ހަމަ ކަމުގައި ބުނެފައި އެވަނީ ޚިޠުބާގައި ޖެހިފއިވާ ދެފަރާތަށް، އަންހެންކުއްޖާގެ މަޙުރަމެއްގެ ބެލެހެއްޓުންތެރިކަމާ އެކު ބައްދަލުކޮށް ވާހަކަ ދެއްކޭނެ ގޮތް ހަދައިދިނުމުގެ ވާހަކައެވެ.


ޢަރަބި ލިޔުން : އޮންއިސްލާމް.ނެޓް
މަސްދަރު: ރަތަހަ

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. furathama Khituba eey kon ejje kah bayaa kodevaafa den trujmaa genevinama v.ragalhuvis

  2. rangalhu kameh mujtaba faahanga ekuree..KHITBA eii koachehtho eve? eii meege kurin alhugandumen adu ehi ehcheh nooneve..

  3. ރިޔަ ދެބޭފުޅުންގެ ޚިޔާލުފުޅުތައް ބަލައިގަންނަމެވެ. މިލިޔުން ލިޔުމުގެ ކުރިން އަޅުގަނޑުގެ ލިޔުމެއްގައިވާނީ ކިޠުބާއަކީ ކޮބައިކަން ޚުލާޞާ ގޮތެއްގައި ބަލާފައެވެ. މިފާލަން ބޭނުންކުރައްވައިގެން އެލިޔުން ވިދާޅުވެވޭނެއެވެ.
    http://tha-ra-ha.blogspot.com/2010/09/blog-post_16.html

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!