ކުއްލި ނުރައްކަލުގެ ޙާލަތު: ސައްޙަ ނިންމުމެއްތަ؟

  • ފޮޓޯ / މިހާރު

ސިޔާސީ އޮއިވަރު ބަދަލުވެއްޖެއެވެ. ޤައުމުގެ ހާލަތު ނާޒުކުވެއްޖެއެވެ. އިދިކޮޅު ފަރާތްތަކުގެ ބާރު އިންތިހާއަށް ގަދަވެއްޖެއެވެ. މަގުތައް ހަލަބޮލިވެ، ހަމަނުޖެހުން އިތުރުވެއްޖެއެވެ. ދޫކޮށްލަން ކެނޑި ނޭޅި ގޮވަމުން ދިޔަ ސިޔާސީ އެންމެހާ ފަރާތްތައް ދޫކޮށްލުމަށް އަމުރުކޮށްފިއެވެ. ފްލޯ ކްރޮސިންގެ ހުކުމް ވެސް ބާތިލްވެއްޖެއެވެ. ތަންފީޒުކުރަން ޖެހޭތޯ އުފެެދޭ ސުވާލަށް އެކި ފަންތީގައި ކުރެވޭ ބަހުސްތައް ފޯރިގަދަވެއްޖެއެވެ. އަސްތާއެވެ! ކަންތައްތައް މިވީ، ރައީސުލްޖުމްހޫރިއްޔާ ކީއްކުރަންތޯއެވެ، އެއްވެސް ރައްޔިތަކު އިންތިޒާރުކުރި ގޮތަކަށް ނޫނެވެ. އަދި ނިމުނީކީ ނޫނެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ރައީސްގެ ބާރު ވެސް ދައްކާލައިފިއެވެ.

އާދޭހެވެ! އަލުގަނޑަކީ މާ މޮޅު މީހެއް ނޫނެވެ. ދިވެހިރާއްޖޭގެ ‘ފުންނާބު އުސް’ ޤާނޫނީ ވަކީލުން އެބަތިއްބެވިއެވެ. އިޙްތިރާމާއި ޤަދަރު ވެސް ކުރަމެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ޙާލަތުގައި، ނިގުޅައި ނުގަންނަ 27 ވަނަ މާއްދާގެ ބޭނުންކޮށްްލާނަމެވެ. އަޅުގަނޑަށް ލިބިހުރި ޢިލްމެއްގެ މައްޗަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތައް ނަޒަރެއް ހިންގާލައި، މަޢުޟޫއަށް އިންސާފުކޮށްލާނަމެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ މުޠްލަޤު ބާރެކެވެ. މަޖިލީހުގެ ދައުރު ހިނގަމުން ދާނަމަ 48 ގަޑިއިރާހަމަށެވެ. ދައުރެއް ހިނގަމުން ނުދާނަމަ 14 ދުވަހާހަމައަށެވެ. ދެންނެވުނު މުއްދަތު ހަމަވުމާއެކު، ޤަރާރާ މެދު ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ޤަރާރުގެ ވަކި ބައެއްގެ ނުވަތަ މުޅި ޤަރާރު އެކުގައިފާސްކުރުން، ނުވަތަ ޤަރާރުގެ މުއްދަތު އިތުރުކުރުން، ނުވަތަ ޤަރާރު ބާޠިލުކުރުމެވެ. ހާލަތު ނިޔާކުރާ ގޮތުން އެއީ އަދި، މާ ދުރުގަައި އޮތް ކަމެކެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ މި ވަނީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވާފައެވެ. 15 ދުވަހުގެ މުއްދަތަށެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 އަމުރުގެ ސަބަބުން، މުޅި ދައުލަތް އޮޅުބޮޅުންވެ، ދައުލަތުގެ ހިންގުން ޚަރާބުވެދާނޭކަމުގެ މައްޗަށް ޙުއްޖަތް ޤާއިމުކުރައްވާފައެވެ. ބޮޑު ތަނުން ބުރަ ވެވެނީ، ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނޭ ކަމަށް ފެނިވަޑައިގަތީ ކަމަށެވެ.

ދިވެހި ޖުމްހޫެރިއްޔާގެ ޤާނޫނު އަސާސީގެ 254 ވަނަ މާއްދާގައިވާ ޝަރުޠުތައް ފުރިހަމަ ވޭތޯއެވެ؟ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ނެރެފައިވާ ޤަެރާރުގައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަން ޖެހުނު ސަބަބު  ބަޔާންކޮށްދެއްވާފައި އެބައޮތެވެ. ނުރައްކާއާ ގުޅިގެން އަޅުއްވާ އެންމެހާ ފިޔަވަޅުތައް ސާފެވެ. ހިފެހެއްޓިފައިވާ ޙައްޤުތަކާއި މިނިވަންކަން ވެސް މެއެވެ. އަދި ހިފެހެއްޓިފައިވާ ޤާނޫނުތައް ވެސް އެފަދައެވެ. ޤަރާރު ނުހަނު ފުރިހަމައެވެ.

‘ޤާނޫނު އަސާސީގެ ހިފެހެއްޓޭ ނުވަތަ ހަނިކުރެވޭ މާއްދާތައް’ މި ސުރުޚީ ކިޔާލެވުނީ 14 ވަނަ ނަންބަރާ ހަމައަށެވެ. ކުރިޔަށް ދާން ތަންކޮޅެއް ދަތިވެއްޖެ އެވެ. ޤަރާރަށް ވެފައި މިއޮތީ ކީއްބާވައޭ ހިތާ، އަނެއްކާ ވެސް 1 ވަނަ ނަންބަރުން 14 ވަނަ ނަންބަރަށް ކިޔާލަން ޖެހުނެވެ. ހިތްވަރުކޮށްފައި ކުރިޔަށް ޖެހިލައިފީމެވެ. 15 ވަނަ ނަންބަރުން ފެށިގެން 20 ވަނަ ނަންބަރާ ދެމެދު އޮތް އެއްޗެއް ބަލާލުމަށެވެ. ހުރީ ހަމަ ޤާނޫނު އަސާސީގެ މާއްދާތަކެކެވެ. ނަމަވެސް، ސުވާލު އުފެދިއްޖެއެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގައި ގެންދެވިދާނެ މާއްދާތަކެއްތޯއެވެ؟

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ އެކު، ޤާނޫނު އަސާސީގެ ބައެއް މާއްދާތައް ހިފެހެއްޓެއެވެ. އަދި ޤާނޫނު ތައް ވެސް ހިފެހެއްޓޭނެއެވެ. ހިފަހައްޓާނަމަ، ޤަރާރުގައި ބަޔާން ކުރަން ޖެހެއެވެ. އެކަން އެ މަގުން ކުރައްވާފައި ވެސް އެބައޮތެވެ. ޤަރާރުގައި އެއްވެސް ކަމެއް މަދެއް ނޫނެވެ. އެކަމަކު، ވީ އިތުރެވެ. މާ ބޮޑު ތަނުންނެވެ. އިޙްތިސާސް ނުހިނގާ މިންވަރަށެވެ.

ޤާނޫނު އަސާސީގެ 254 ވަނަ މާއްދާއަށް ޖެހިލަމާތޯއެވެ. ޤާނޫނު އަސާސީއިން ނަމަ، ހިފެހެއްޓޭނީ ހަމައެކަނި 2 ވަނަ ބާބުގައިވާ ޙައްޤުތަކާއި މިނިވަންކަމުން ބައެކެވެ. އެ ނޫން އެއްވެސް މާއްދާއެއް ހިފެހެއްޓުމެއް ނެތެވެ. އެ ބާބުން ނުހިފެހެއްޓޭނެ މާއްދާތައް އެވަނީ 255 ވަނަ މާއްދާގައެވެ. އެއީ، 21، 25، 27، 28، 42، 48، 51، 52، 53، 54، 55، 57، 59، 60، 62، 64 މި މާއްދާތަކެވެ. މިއިން، އެއްވެސް މާއްދާއެއް ޤަރާރުން ހިފަހައްޓާފައެއް ވެސް ނުވެއެވެ. މި މުއްދަތުގެ ތެރޭގައި ޤާނޫނުން ނަމަ، ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނުން ބައެއް ހިހެއްޓިދާނެއެވެ.  ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ފަނޑިޔާރުންގެ ޤާނުނުގެ 12 އަދި 14 ވަނަ މާއްދާ ހިފަހައްޓާފައި އެވަނީ އެބީދައިންނެވެ.

ޤާނޫނު އަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުން ކުރެ، 24، 29، 31، 32، 43، 44، 45، 46، 47، 49، 50، 56، 58، 65، ވަނީ ކުއްލި ނުރައްކަލުގެ ޙަލާތުގައި ހިފަހައްޓާފައެވެ. 254 ވަނަ މާއްދާއާއި 255 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ. ނަމަވެސް، ދެން ބާކީ ހިފަހައްޓާފައިވާ 99، 100، 101، 113، 145، 228 މި މާއްދާތަކަކީ، 2 ވަނަ ބާބުގައި ހިމެނޭ މާއްދާތަކެއް ނޫނެވެ. އަތްލެވޭނެ މާއްދާތަކެއް ނޫނެވެ. މިހިސާބުން، 254 ވަނަ މާއްދާއިން ބޭރުވީއެވެ. ޤާނޫނު އަސާސީއާ ޚިލާފުވީއެވެ.

އެހެން ޙުއްޖަތެއް ވެސް ތިލަވެދާނެއެވެ. ޤާނޫނު އަސާސީގެ 2 ވަނަ ބާބުން ހިފެހެއްޓި މާއްދާތައް ފިޔަވައި، ދެން ހުރި މާއްދާތައް ހިފަހައްޓާފައިވަނީ، ޤާނޫނު ހިފަހައްޓަން ލިބޭ ބާރުގެ ދަށުންކަމަށް ވަކާލާތުކުރުމެވެ. އެހެންކަމަށްވާ ނަމަ، 254 ވަނަ މާއްދާއާ އެއްގޮތެއް ނޫންތޯއެވެ؟ ކޮށްފިނަމަ، ރަނގަޅު ސުވާލެކޭ ހިތްޕުޅަށް އަރާވަޑައިގެންފާނެއެވެ. ބައެއް ބޭފުޅުންނަށެވެ. އެފަދަ ބޭފުޅެއް ނަމަ، 274 ވަނަ މާއްދާއާ ހަމައަށް ވަޑައިންނަވާށެވެ. ޤާނޫނު އަސާސީގައި ‘ޤާނޫނު’ މާނަ ކޮށްފައިވާ ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކަށެވެ. އަދި ޤާނުނުތަކުން ބާރު ލިބިގެން ހަދާ ޤަވާޢިދުތަކަށެވެ. ފަހަރެއްގައި ވެސް، ޤާނޫނު އަސާސީއާއި އޭގެ އެއްވެސް މިންވަރެއް ނަމަވެސް ހިމެނިފައެއް ނުވާނެއެވެ.

މިހިސާބުން ބޮޑު ސުވާލެވެ. ޤަރާރު ސައްޙަތޯއެވެ؟ ނުވަތަ އެއްބައި ނަމަވެސް ބާތިލުތޯއެވެ؟ މި ސުވާލަށް އަޅުގަނޑުގެ ޢިލްމުން ޖަވާބެއް ދިނުން އިންސާފުވެރިއެއް ނޫނެވެ. ޖަވާބެއް އޮތަސް ބުރަދަނެއް ނޯންނާނެއެވެ. އެހެނީ، މި ސުވާލުގެ ޖަވާބު ދެވޭނެ އޮތީ އެންމެ ފަރާތެކެވެ. ޤާނޫނު އަސާސީއިން އެ މަސްއޫލިއްޔަތު ހަވާލުކުރާ ހަމައެކަނި ފަރާތެވެ. ޤަރާރުން ހިފަހައްޓާފައިނުވާ 258 ވަނަ މާއްދާއިންނެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރާ ޤަރާރު ނުވަތަ  ޤަރާރުން ބައެއްގެ ސައްހަކަމާ މެދު، ސުވާލެއް އުފެދިއްޖެ ނަމަ، އެކަމާ މެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!