އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން ނެތްކަމުގައިވާނަމަ ދެކެން ބޭނުންވާ ތަރައްޤީއާއި ކުރިއެރުމެއް ނުލިބޭނެ: އައްޝައިޚް އިލްޔާސް ޙުސެއިން

އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން ނެތްކަމުގައިވާނަމަ އަޅުގަނޑުމެން ދެކެން ބޭނުންވާ ތަރައްޤީއާއި ކުރިއެރުމެއް ނުލިބޭނެކަމުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސެއިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިފަދައިން ވިދާޅުވެފައިވަނީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަ ކުރަމުންދާ މި ދަނޑިވަޅުގައި އެބޭފުޅާގެ ފޭސްބުކްގައި ކުރެއްވި ލައިވް ފީޑެއްގައެވެ.

މުޖްތަމަޢެއްގެ އަދި ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އެބައެއްގެ މެދުގައި އޮންނަ ދީނީ އެއްބައިވަންތަކަން ކަމުގައި ވިދާޅުވަމުން ޝައިޚް އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ ދުވަހެއް ފާހަގަކުރި ނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނޭ ކަމުގައެވެ.

“އަޅުގަނޑުމެންގެ މެދުގައި އަޅާލުމާއި އޯގާތެރިކަމެއް ނެތް!.. އަނިޔާވެރިކަމާއި ނާއިންސާފް އަޅުގަނޑުމެންގެ މެދުގައި ވަނީ އާއްމުވެފަ… އެހެންކަމުން މިފަދަ ކަންތައްތަކުން ދުރުވެ ﷲ ޞުބުޙާނަހޫ ވަތަޢާލާ ދެއްވި މި މަތިވެރި ނިޢުމަތް ކަމުގައިވާ އިސްލާމްދީނުގެ ތަރަޙައިގެ ތެރޭގައި ތިބެގެން އެކަކު އަނެކަކަށް އޯގާތެރިވުމާއި އަޅާލުމާއި ހަމްދަރްދީވުމުގެ މާތް ސިފައިގައި ހިފައިގެން ކުރިއަށް ދެވޭތޯ ބަލަން އެބަޖެހޭ” ކަމުގައިވެސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އިތުރަށް ހާމަކުރެއްވިގޮތުގައި ޙަދީޡްފުޅުގައި އައިސްފައިވާ ފަދައިން އެކަކު އަނެކަކަށް ލޯބިވުމާއި އެކަކު އަނެކަކަށް އަޅާލުމުގައި މުސްލިމުންގެ މިޡާލަކީ އެއް ހަށިގަނޑެއްގެ މިޡާލުކަމާއި، ހަށިގަނޑުގެ ގުނަވަނެއްގައި ވޭނެއް އަޅައިފިނަމަ އެހެން ގުނަވަންތައްވެސް އެވޭން ތަޙައްމަލު ކުރާކަމުގައި ވިދާޅުވަމުން، މިއަދު އަޅުގަނޑުމެން މިފަދަ ދުވަހެއް ފާހަގަކުރަމުން ދާއިރު އެފަދަ ސިފަތަކެއް އަޅުގަނޑުމެންގެ މުޖްތަމަޢުގައި އެބައޮތްތޯ ސުވާލު ކުރައްވާފައިވެއެވެ.

“އެއްބައިވަންތަކަމުގެ ދުވަސް” ގެ ގޮތުގައި މި ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފަށާއިފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާއަށް ފަހުގައެވެ. އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި 26 ޑިސެމްބަރ ފާހަގަ ކުރަނީ ރާއްޖެއަށް ސުނާމީ އެރި ދުވަހު ދިވެހި ރައްޔިތުން ޘާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމަށްޓަކައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!