އިސްލާމީ އިޤްތިޞާދު 101

އިސްލާމީ އިޤްތިޞާދެއްގެ އޮނިގަނޑު އެކަށައެޅިފައިވަނީ އިސްލާމީ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމާއި ، ހޭދަކުރުމާއި އަދި އާމްދަނީ އިތުރުކުރެވިދާނެގޮތްތަކުގެ މައްޗަށެވެ.

އިސްލާމީ އިޤްތިޞާދުގެ އަސާސްތައް:

އަސާސް 1: އިސްލާމީ އިޤްތިޞާދު ބިނާވެފައިވަނީ އިސްލާމީ އަޤީދާގެ މައްޗަށާއި މަކާރިމުލް އަޙްލާޤްގެމައްޗަށެވެ.

މުސްލިމުންނަކީ ދުނިޔޭގެ ޙަޔާތަށްފަހު އާޚިރަތް ވާކަމާއި، ދުނިޔޭގެ ހިސާބުބެލުމުގެ އިތުރުން، ތިމާ ސިއްރުކުރާ ޢަމަލާއި ފާޅުކުރާ ޢަމަލުތައް ދެނެވޮޑިގަތުން މަތީގައި ވާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢަދުލު އިންސާފުގެ ތިލަފަތުން، އާޚިރަތުގައި އަޅުގަނޑުމެން ހިސާބުކުރައްވާނޭކަން އަޅުގަނޑުމެންގެ ހިތްތަކުގެ އަޑީން ޤަބޫލުކޮށްގެން ތިބޭ ބަޔެކެވެ.

އިސްލާމީ އަޤީދާގެ ސަބަބުން މުސްލިމުން މިއަދު ދުނިޔެމަތީގައި ކުރާ ޢަމަލުތަކާއިމެދު އާޚިރަތްދުވަހުން ސުވާލުކުރެވޭނެކަމުގައި އީމާންވެއެވެ.

(لا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ، حَتَّى يُسْأَلَ عَنْ أَرْبَعٍ: عَنْ عُمُرِهِ فِيمَا أَفْنَاهُ، وَعَنْ جَسَدِهِ فِيمَا أَبْلَاهُ، وَعَنْ  مَالِهِ مِنْ أَيْنَ اكْتَسَبَهُ، وَفِيمَا وَضَعَهُ، وَعَنْ عِلْمِهِ مَاذَا عَمِلَ فِيهِ) (سنن الدارمي, 556).

رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރައްވައިފައިވެއެވެ.

”ހަތަރުކަމަކާއިމެދު ސުވާލުކުރެވުމަށްފަހުގައި މެނުވީ އަޅާގެ ފައި ހުރިތަނުން ގުޑާވެސް ނުލާނެއެވެ. (އެއީ)އޭނާގެ ޢުމުރު ފަނާކުރީ ކިހިނަކުންތޯއާއި، ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންތޯއާއި، އަދި މުދާ ހޯދީ ކިހިނަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނަކުންތޯއާއި، އޭނާއަށް ދެއްވި ޢިލްމާއި މެދު ޢަމަލުކުރީ ކިހިނަކުންކަމާއިމެދުގައެވެ.”

މީގެއިތުރުން އިންސާނުންނަކީ ދުނިޔެ އާރާސްތުކުރަން އެކަލާނގެ ޚަލީފާވެރިންގެ ގޮތުގައި ލެއްވިފައިވާ ބައެއްކަމުގައި ޤުރުއާނުގައި އަންގަވާފައިވެއެވެ. އެއީ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތާއި،  فاطر ސޫރަތުގެ 39 ވަނަ އާޔަތާއި އަދިވެސް  ބައެއް އެހެން އާޔަތްތަކުގައެވެ.

ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުގައި ބަޔާންފައިވަނީ އިންސާނުން އުޅެންވީ އެންމެ ފުރިހަމަ، އަދި އެންމެ ރިވެތި ގޮތެވެ. ވިޔަފާރީގައި މަކަރު ހެދުމާއި، ލަނޑުދިނުމާއި، ރިބާ ކެއުމާއި އަދިވެސް މިފަދަ އެންމެހާ ނޭންގާނީ ސިފައަކާއި ދުރުވުމަށް މުސްލިމުންނަށް ވަނީ އަމުރުވެވިގެންނެވެ. މި ދެންނެވި އަޚްލާޤީ ސިފަތައް ލިބިފައިވާ ވިޔަފާރިވެރިންވަނީ އިސްލާމީ ތާރީޚްގެ އެކި މަރުޙަލާތަކުގައިފެނިފައެވެ. މެލޭޝިޔާފަދަ ދެކުނު އިރުމަތީ އޭޝިއާގެ ގޮނޑުދޮށްތަކަށް އިސްލާމީ ހިދާޔަތުގެ ރާޅުބާނިތައް ބީއްސަންފެށުމުގެ އެންމެ އިސް ސަބަބަކީވެސް މި ދެންނެވި ފަދަ ހިތްހެޔޮ، އޯގާވެރި ޢަރަބި ވިޔަފާރިވެރިންނެވެ. އެ ޒަމާނުގައި އެ ޤައުމުތަކަށް ވިޔަފާރިކުރަން އައިސް އުޅުނު ޢަރަބި މުސްލިމު ވިޔަފާރިވެރިންގެ ރިވެތި ސިފަތައް ވެގެންދިޔައީ އިލާހީ ހިދާޔަތާއި ބީރައްޓެހި،  ވަޘަނިއްޔަތުގެ އަނދިރީގައި ކަސްތޮޅުއެޅިފައިވާ މީސްތަކުން އާޝޯޙު ކުރުވިކަމަކަށެވެ. މި ރިވެތި ސިފަތައް އެ ވިޔަފާރިވެރިންނަށް ލިބިފައިވަނީ އިސްލާމްދީންގެ ސަބަބަކުންކަމުގައި އެނގުމާއެކު، އެ ޤައުމުތަކުގެ ގިނަ ބަޔަކު އިސްލާމްދީން ޤަބޫލުކުރިއެވެ.

މީގެ އިތުރުން އިސްލާމީ އަޙްލާޤީ އާދަތަކުގެ އެންމެ އިސް ބަހާތަކުގެ ތެރޭގައި އަމިއްލައަތުން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި، އިސްރާފުނުކުރުން ހިމެނެއެވެ.

 

އަސާސް 2: މުދާ މިލްކުކުރުމާއި ހޭދަކުރުމުގެ ޙައްޤުދެވިފައިވާ މިންވަރު

އިސްލާމް ދީނަކީ އެއްވެސް ކަމެއްގައި ވަކި އަތަކަށް ބުރަނުވެ ވަޒަން ހިފަހައްޓާ ދީނެކެވެ. މި ގޮތުން އިސްލާމްދީނުގައި ޢާއްމު ފަރުދުންނަށް މުދާ މިލްކުކުރުމުގެ މިނިވަންކަންދީފައިވެއެވެ. އެހެންނަމަވެސް މުޖުތަމަޢުގެ އެންމެންނަށް ބޭނުންޖެހިފައިވާ ބައެއް އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ސަރުކާރުގެ ބެލެނިވެރިކަމުގައި ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއްވެސް އިސްލާމީ އިޤްތިޞާދުގައިވެއެވެ. އަދި އެހެންމީހުންގެ ހައްޤުތަކަށް އަރައިގަންނަ ވިޔަފާރިވެރިންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ދީފައިވެއެވެ. މި ބައިގެ ތަފްޞީލު މި ސިލްސިލާގެ އެހެން އަދަދެއްގައި ގެނެސްދެވޭނެއެވެ. إن شاء الله

މުދާ ހޭދަކުރަންވީ ގޮތުގެ އިރުޝާދުތަކަށް ބަލާލާއިރު، އަލް އިސްރާ ސޫރަތުގައި މުށް ބާރުކުރުމެއް، އަދި އެކީއެކަށް ހުޅުވާލުމެއް ނެތި މެދުމިނުގައި ޚަރަދުތައް ބެހެއްޓުމަށް އިރުޝާދު ދެއެވެ.

{ولا تجعل يدك مغلولة إلى عنقك ولا تبسطها كل البسط} [الإسراء: 29]

ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެއެވެ.

އަދި  ގާތްތިމާގެ މީހުންނާއި، މިސްކީނުންނާއި، ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެމީހުންގެ ހައްގު އަދާ ކުރުމަށް އަންގަވައެވެ. އަދި އިސްރާފު ނުކުރުމަށް އަންގަވައެވެ.

{وَلا تُبَذِّرْ تَبْذِيرًا} [الإسراء: 26]

އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ!

{إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ} [الإسراء: 27]

ހަމަކަށަވަރުން، إسراف ކުރާ މީހުންނީ، شيطان ންގެ أخ ން ކަމުގައިވޫއެވެ. އަދި شيطان އާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް كافر ވާ ކަމުގައިވިއެވެ.

ޔަތީމުންގެ މުދަލަށް އަރައިނުގަތުމަށް އަންގަވައެވެ. އެއްޗެއް ކިރާނަމަ ނުވަތަ މިނާނަމަ ތިލަފަތް ހަމަ ކުރުމަށް އަމުރު ކުރައްވައެވެ.

ފައިސާ، ނުވަތަ މުދާ ހޯދުމާއި، ހޭދަކުރުމުގައި، މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި، ޝަރުޠުތަކެއް ވެއެވެ.

އެއީ:

(1) ޙަލާލު ގޮތުގައި ފައިސާ ނުވަތަ މުދާ ހޯދުން

(2) ޒަކާތް ދިނުން

(3) ހުއްދަ ކަންތަކުގައި ހޭދަކުރުން، މިއެވެ.

 

އަސާސް 3: އާމްދަނީހޯދުމާއި ރިޒްޤްގެ މަފްހޫމް

ﷲ ތަޢާލާވަނީ ރިޒުޤުގައި އަޅުތަކުން ތަފާތުކުރައްވާފައެވެ. ރިޒުޤުގެ މަފްހޫމްގެ ތެރޭގައި ވިސްނުންތޫނުކަމާއި، ހުނަރުތަކާއި، އުޅެން ލިބިފައިވާ މާޙައުލާއި، އަނބިދަރިންނާއި، ދުޅަހެޔޮކަމާއި، ފައިސާގެ ތަނަވަސްކަން ހިމެނެއެވެ.

وَاللَّهُ فَضَّلَ بَعْضَكُمْ عَلَى بَعْضٍ فِي الرِّزْقِ __النّحل 71)
މާނައީ: “އަދި މާތް ﷲ، ރިޒްޤު ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ. ”

މި ގޮތަށް ރިޒުޤުގައި ތަފާތުކުރެއްވުމުގެ ހިކުމަތަކީ އިންސާނުން އެއްބަޔަކު އަނެއްބައެއްގެ ޚިދުމަތްތަކަށް ބޭނުންޖެހިފައިވާ ފަދަ ބައެއް ގޮތުގައި ލެއްވުމެވެ. އަދި މި ދުނިޔެއަކީ ފުރިހަމަ ތަނެއް ނޫން ކަމާއި، ނިމުމެއްނެތް، އިމެއްނެތް ފުރިހަމަ ޙަޔާތް ލިބުންވަނީ އާޚިރަތުގައިކަން ހަނދާންކޮށްދެއްވުމެވެ.

أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا وَرَحْمَةُ رَبِّكَ خَيْرٌ مِمَّا يَجْمَعُونَ (الزّخرُف 32)

މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް ބަހައިދެނީ އެއުރެންހެއްޔެވެ؟ ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް އެއުރެން އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.”

އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (185)

ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވަރުކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. 

އަދި އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިނުވުމަށް އަމުރުކުރައްވައިފައިވެއެވެ.

أَمْ يَحْسُدُونَ النَّاسَ عَلَى مَا ءَاتَاهُمُ اللَّهُ مِنْ فَضْلِهِ __ (النِّسَاء 54)
މާނައީ: “ނުވަތަ، ﷲ ގެ ފަޟުލަވަންތަވެރިކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން މީސްތަކުންނަށް ހަސަދަވެރި ވަނީހެއްޔެވެ؟.”

އެހެނީ، މި ދުނިޔޭގެ ޙަޔާތަކީ އުޚުރަވީ ޙަޔާތާއި އަޅާ ބަލާއިރު، މާ ބޮޑު އަގެއްހުރި އެއްޗެއް ނޫންކަމުގައިވީތީ، ރިޒުޤު ތަނަވަސްކުރެވިފައިވާ ފަރާތްތަކުގެ ނިޢުމަތްތަކާއިމެދު ޙަސަދަވެރިވުމުގެ ބޭނުމެއް، ފައިދާއެއް ނެތެވެ. އަދި ކޮންމެ މީހަކަށްވެސް އުޚުރަވީ ނިޢުމަތްތައް ހޯދުމުގެ މަގުފަހިވެފައިވެއެވެ. ދެމިގެންވާ ނިޢުމަތްތަކަކީ އުޚުރަވީ ނިޢުމަތްތަކެވެ.

ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު މުޘައްޤަފެއްކަމުގައިވާ އަޙްމަދު އަލް ޝުޤައިރީގެ ޚަވާތިރު ޕްރޮގްރާމުގެ އެއް އެޕިސޯޑުގައި މި މަޢުޟޫއާއި ގުޅޭ ވަރަށް ޝައުޤުވެރި މަޢުލޫމާތުތަކެއް ގެނެސްދީފައިވެއެވެ. ތިރީގައިމިވާ ލިންކުން އެ އެޕިސޯޑުގެ ގެ ޚުލާސާ ތަރުޖަމާއެއް ލިބޭނެއެވެ

http://rashukhabaru.blogspot.com/2012/10/blog-post_1785.html

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!