• ފޮޓޯ / ސަން

އިލެކްޝަންސް ކޮމިޝަން: އެޅި އަތަކަށް މަރު!

ދިވެހިރާއްޖޭގެ މަޝްރަހަށް އިންގިލާބެއް ގެނުވި، ފްލޯ ކްރޯސިންގެ ޙުކުމަކީ، މިއަދާ ހަމައަށް ވެސް ބަހުސެއްގެ ތެރޭގައިވާ ކަމެކެވެ. ސްޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޙުކުމާއެކުގައި އުފެދިގެން ދިޔަ ނުތަނަވަސްކަމަށް އިތުރު ހައްލެއް ހޯދުމަށް، އެކޯޓުގެ ނަންބަރު 2017/SC-SJ/09 އަމުރުން، ކުރީ ޙުކުމުގެ އަޙްކާމުތައް އިތުރަށް ކަށަވަރުކޮށްދެއްވާފައިވީ ނަމަވެސް، ކުރެވެމުންދިޔަ ބަހުސަކަށް ނިމުމެއް އައިސްފައެއްނުވެއެވެ. ސިޔާސީ ވާދަވެރިކަމާ އެކު ގޮނޑީގެ މައްސަލައިގައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ‘ގެއްލޭ ނުގެއްލޭ’ގެ ޒުވާބަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި، ބައެއް މެންބަރުން ގޮނޑި ގެއްލިއްޖެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއެވެ. އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/19  އާއި 2017/SC-C/20 އާއި 2017/SC-C/21 ޤަޟިއްޔާތަކުން، ޤާނޫނީ ޙައްލެއް އޭގެ ކުރީން ދެވިފައިވާ މައުޟޫޢަކަށް ވާތީ، އިތުރު ޙުކުމެއްކުރާން ނުޖެހޭނެ ކަމަށް ކަނޑައެޅުއްވާ،މައްސަލަ ނިމިގެން ދިޔައެވެ.

ކޮންމެހެނަކަސް، ދައްކަން މި އުޅެނީކީ، ސްޕްރީމް ކޯޓުގެ ޙުކުމް ކޮށްފައިވަނީ ރަނގަޅަށް ނުވަތަ ގޯސްކޮށޭ ބުނެ ދެފަރާތުން ކުރަމުންދާ ޒުވާބުގެ ވާހަކައެއް ނޫނެވެ. އަދި ސްޕްރީމް ކޯޓުގެ ޙުކުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ، ކުރެވޭ ބަހުސްގެ ވާހަކައެއްވެސް ނޫނެވެ. އަޅުގަނޑުގެ ޤާބިލުކަން ތަންދިން މިންވަރުން، މިފަހަރު އިންސާފުކޮށްލާނީ، އިލެކްޝަންސް ކޮމިޝަނުން، މެންބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅި ގޮތުގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ވަޙީދާއި ވިލިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދު ޙުސައިނާއި މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުއްލަޠީފުގެ ގޮނޑި ގެއްލިފައިވާކަމަށް 2017 ޖުލައި 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނިންމަވާ، އެކަން މަޖިލީހަށް ވަނީ އަންގާފައެވެ. މުޅި ސިޔާސީ މަޝްރަޙު ބަދަލުވެގެން ގޮސް، މައްސަލަ އިންތިހާއަށް އިތުރުވެގެންދިޔަ ސަބަބަކަށް މި ނިންމުން ވަނީ ވެފައެވެ.

ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ބުނެ، 2017 ޖުލައި 13 ވަނަ ދުވަހު، ސްޕްރީމް ކޯޓުން ކުރެއްވި ޙުކުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ވަރަށް ސާފު ޢިބާރާތުން ބަޔާންކޮށްދެއްވާފައިވެއެވެ. އަދި އެ ޙުކުމްތައް ހިނގާނީ އެ ތާރީޚުން ފެށިގެން ފަހަށްކަމުގައި ވެސް ސްޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ. ޚިޔާލު ތަފާތުވުން އުފެދިފައިވަނީ، މެންބަރުން އޭގެ ކުރީގެ ތާރީޚެއްގައި ވަކިވެފައިވާ ކަމަށް އެ މެންބަރުން ވަކާލާތުކުރާ ހިސާބުންނެވެ. އެހެންކަމުން، ބަހުސަކަށް ވެފައިވަނީ، ސްޕްރީމް ކޯޓުގެ ޙުކުމުން، މި ދަންނަވާ މެންބަރުންގެ ގޮނޑިތައް ގެއްލޭނެތޯއެވެ؟ ޖަވާބަކީ، އެއްބަޔަކަށް ‘އާނއެކެވެ’ ކަމަށްވާއިރު، އަނެއްބަޔަކަށް ‘ނޫނެކެވެ’ އެވެ. އެހެންކަމުން، މި ދެ ޙާލަތަށް ވެސް ރިޢާޔަތްކޮށް، މަޢުޟޫޢަށް އިންސާފުކުރަމާ ތޯއެވެ.

ފުރަތަމަ ޙާލަތަކީ، ގޮނޑި ނުގެއްލޭނެކަމަށް ބުނާ ފަރާތްތަކުގެ ޙާލަތެވެ. ސްޕްރީމް ކޯޓުގެ ޝަރީޢަތުގައި މެންބަރުންގެ ފަރާތުން ދެއްކެވި ވާހަކަތަކުން، ޤާއިމުކުރެއްވި ޙުއްޖަތަކީ، ޕާޓީއިން ވަކިވުމަށް 2017 ޖުލައި 13 ގެ ކުރީން ސިޓީ ފޮނުވިކަމަށާއި، ސްޕްރީމް ކޯޓުގެ އަޙްކާމްތައް ހިނގަން ފަށާނީ އެ ދުވަހުން ފެށިގެން ކަމުން، މެންބަރުންގެ ގޮނޑި ގެއްލޭނެ ތަނެއް ނެތްކަމުގައެވެ. މި ވާހަކަތަކަށް ބަލާއިރު، ސްޕްރީމް ކޯޓުގެ ޙުކުމްއަށް ޢަމަލުކުރާން ފަށާނީ އެ ޙުކުމް ކުރި ތާރީޚުން ފެށިގެން ފަހަށްކަމަށް ޚުދު ސްޕްރީމް ކޯޓުން ނިންމަވާފައިވުމުން، ފްލޯ ކްރޯސިންގެ ޙުކުމުގެ ކުރީން، މެންބަރުން އިސްތިޢުފާގެ ސިޓީ ޕާޓީއަށް ހުށަހަޅުއްވާފައިވުމުން، ސިޓީ ހުށަހެޅުއްވި ތާރީޚުގައި ޕާޓީއިން ވަކިވެގެންދާނެއެވެ. އަދި  ޕީޕީއެމްގެ އަސާސީ ޤަވާޢިދުގައި އެ ގޮތަށް ބަޔާންކޮށްފައިވުމަކީ ވެސް، އެބޭފުޅުންގެ ޙުއްޖަތަށް އިތުރު ބާރެއް ލިއްބައިދޭ ކަމެކެވެ. އެހެންކަމަށްވާ ނަމަ، އެ މެންބަރުންގެ ގޮނޑިތައް ގެއްލޭނެ ގޮތެއް ނޯންނާނެއެވެ.

މި ޙާލަތުގައި، އާދެ! ޕީޕީއެމްއިން ވަކި ކުރި މެންބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް، ސްޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޙުކުމާއި އެކޯޓުގެ ނަންބަރު 2017/SC-SJ/09  އަމުރު މާނަކޮށްފި ނަމަ، އިލެކްޝަން ކޮމިޝަނުން އެ ވަނީ ޤާނޫނާ ޚިލާފު ޢަމަލެއްކޮށްފައެވެ. އެއީ، ޤާނޫނު އަސާސީގެ 77 ވަނަ މާއްދާ އާއި ސްޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހުސްވެފައިނުވާ ގޮނޑިއެއް، ހުސްވެއްޖެ ކަމަށް ކަނޑައެޅުމެވެ. އިލެކްޝަންސް ކޮމިޝަންގެ އިޚްތިޞާޞްއިން ބޭރުން ނިންމުމެއް ފައިސަލާކޮށްފައެވެ. އަދި ޚިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައި، އިލެކްޝަންސް ކޮމިޝަނުން އެފަދަ ނިންމުމެއް ނިންމެވުމަކީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާއިން، ސްޕްރީމް ކޯޓަށް އެކަނި، ޚާއްޞަވެ، މުޠްލަޤަށް ދެވިފައިވާ ބާރެއް، ޤާނޫނާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރުމެވެ. މިހިސާބަށް މި ވާހަކަ ކުރުކޮށްލަމާތޯއެވެ.

ދެން އޮތީ، ދެ ވަނަ ޙާލަތެވެ. އާދެ، ގޮނޑި ގެއްލޭކަމަށް ދެކެވޭ ވާހަކައެވެ. މި ވާހަކައިގައި ވެސް ޙުއްޖަތެއް އެބައޮތެވެ. އެއީ، ފްލޯކޮރޯސިންގ ޙުކުމުގައި ބަޔާން ކުރައްވާފައިވާ އިޖުރާޢަތުގެ ވާހަކައެވެ. ޙުކުމުގައި ވާގޮތުން ނަމަ، މެންބަރަކު ޕާޓީ ބަދަލުކޮށް، ގޮނޑި ގެއްލޭނީ، އެ މެންބަރަކު ޕާޓީއިން ވަކިވާ ޙާލަތުގައި ނުވަތަ ޕާޓީއިން އެ މެންބަރަކު ވަކިކުރާ ޙާލަތުގައި، އެކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މަޖިލީހަށް އަންގާ ހިސާބުންނެވެ. މިއީ، ނުހަނު ސާފު ޢިބާރާތުން، ޙުކުމުގައި ތަރުތީބުކޮށްފައިވާ އިޖުރާޢަތެކެވެ. އެހެންކަމުން، ކުރީން ފާހަގަކުރި މެންބަރުން ޕާޓީއިން ވަކިވިކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެންގި ތާރީޚުކަމުގައިވާ 2017 ޖުލައި 19 ވަނަ ދުވަހުގައި، އެ މެންބަރުންގެ ގޮނޑިތައް ގެއްލޭނެއެވެ.

މި ޙާލަތަކީ، ހަމަ އަދި އިލެކްޝަންސް ކޮމިޝަނަށް ހިންދަމާލައި، ހަމަޖެހިލެވެން އޮތް ޙާލަތެއް ނޫނެވެ. ނުރައްކާ އިންތިހާއަށް ބޮޑު ޙާލަތެކެވެ. އިޚްތިޞާޞްއިން ބޭރުން، ކަމެއްގެ މައްޗަށް ފައިސަލާ ކުރުމާ ޚިލާފަށް، ޤާނޫނު އަސާސީގައި ސާފު އަކުރުން، ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރަން ޖެހޭ ޙާލަތެވެ. ޤާނޫނު އަސާސީގެ ހަތް ވަނަ ބާބު އެކީ އެކައްޗަކަށް ލިޔެވެން ޖެހުނު އަސްލަށް، ރުޖޫޢަވާންވީ ޙާލަތެވެ. ޤާނޫނު އަސާސީގެ 170 ވަނަ މައްދާގެ (ނ) ނަގާ ކޮޅަށް ޖަހަން ޖެހޭ ޙާލަތެވެ.

“ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތައް ނެގުމާއި އެ ވޯޓުތަކުގެ ނަތީޖާ އިޢުލާންކުރުން” ޤާނޫނު އަސާސީ 170 (ނ)

މިއީ، އިލެކްޝަންސް ކޮމިޝަންގެ އެއް މަސްއޫލިއްޔަތެވެ. މި މަސްއޫލިއްޔަތު އަދާކުރެވެން އޮތީ، އެ މާއްދާގެ އެހެން އަކުރުތަކެއްގައި ބަޔާންކޮށްފައިވާ އެހެނިހެން މަސްއޫލިއްޔަތުތަކެއް އުފުލައިގެން ނަމަވެސް، ހަމައެކަނި މި މާއްދާ ޒިކުރުކޮށްލަން ޖެހުނީ ދެ ސަބަބަކާ ހުރެއެވެ. ފުރަތަމައީ، މިއީ އިލެކްޝަންސް ކޮމިޝަންގެ އެންމެ މައިގަނޑު މަސްއޫލިއްޔަތުކަމަށް ވެފައި،ބާކީ ހުރި މަސްއޫލިއްޔަތުތަކަކީ، މި މަސްއޫލިއްޔަތު އަދާކުރުމަށް މި މާއްދާއަށް ތަބާވާން ޖެހޭ މަސްއޫލިއްޔަތުތަކަކަށްވުމެވެ. ދެވަނައީ، މާތީގައިވާ ޢިބާރާތުގައި ދަށުރޮނގުދަމާފައިވާ ލަފުޒެވެ. އާދެ، މުއްދަތުގެ ވާހަކައެވެ.

ސްޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޙުކުމުގައި، ސިޔާސީ ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލުމުން، އިންތިޚާބެއް ބާއްވަން ޖެހޭ މުއްދަތު ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން، ޙުކުމުން ގޮނޑި ގެއްލޭ ޙާލަތުގައި ވެސް ޢަމަލު ކުރާން ޖެހޭނީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައެވެ. ވީމާ، ޤާނޫނު އަސާސީގެ 78 ވަނަ މާއްދާއަށް ކަޅިއެއް އެއްލަމާތޯއެވެ.

“ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބުކުރާންވާނެއެވެ. ނަމަވެސް ކުރިއަށް އޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބުކޮށްގެން ނުވާނެއެވެ.”

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް، ޕާޓީއިން ވަކި ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން 2017 ޖުލައި 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އަންގާފައިވުމުން، މެންބަރުންގެ ގޮނޑިގެއްލޭނީ އެދުވަހުގައެވެ. އެހެންކަމަށް ވާނަމަ، ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން އިންތިޚާބެއް ބާއްވާ، 60 ދުވަހުގެ ތެރޭގައި މެންބަރުން އިންތިޚާބުކުރާންވާނެއެވެ. މާނައަކީ،60   ދުވަސް ހަމަވާ ތަރީޚުކަމުގައިވާ 2017 ސެޕްޓެމްބަރ 17 ވީ އާދީއްތަ ދުވަހުގެ ކުރީން، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ގޮނޑިއާއި ވިލިނގިލީ ދާއިރާގެ ގޮނޑިއާއި މަޑުއްވާރީ ދާއިރާގެ ގޮނޑީގެ އިތުރުން ދިއްދޫ ދާއިރާގެ ގޮނޑީގެ އިންތިޚާބު ބާއްވާ، އެ ދާއިރާތަކަށް މެންބަރުން ތިބޭންވާނީ އިންތިޚާބުކުރެވިފައެވެ. ނަމަވެސް، އަދާހަމައަށް، 138 ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އިންތިޚާބުގެ ހިލަމެއް ވެސް ނެތެވެ. ސުވާލަކީ އިންތިޚާބެއް ބާއްވަން ނުޖެހޭ ފަދަ ޙާލަތަކީތޯއެވެ؟ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލި، އިންތިޚާބަކަށް ދާން ނުޖެހޭނެ ގޮތް ވެސް ޤާނޫނު އަސާސީގައި އެވަނީ ބަޔާންވެގެންނެވެ. އެއީ، އާންމު އިންތިޚާބާ ދޭތެރޭ ހަ މަސްދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮތުމެވެ. ޖުލައި މަހުން ފެށިގެން ގުނުމުން، އާންމު އިންތިޚާބާ ދޭތެރޭގައި ވެސް ގާތްގަނޑަކަށް ވިއްސަކަށް މަސް އޮންނާނެއެވެ.

އާދޭހެވެ! ހިތްޕުޅަށް ތިޔަ އަރައިވަޑައިގަތީ ހެޔޮކޮށެވެ. 2017 ޖުލައި 13 ވަނަ ދުވަހު، ސުޕްރީމް ކޯޓުން ކުރި ނަންބަރު 2017/SC-C/17  ޤަޟިއްޔާގެ ޙުކުމް ކޮންމެ ގޮތަކަށް މާނަކުރިޔަސް، ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފުވުމެވެ. އިދިކޮޅު ފަރާތްތަކުން ހަރު އަޑުން ގޮވަމުންދާ ގޮތަށް، ޙުކުމުން ގޮނޑި ނުގެއްލޭކަމުގައިވާނަމަ، މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ޤާނޫނާ ޚިލާފެވެ. ސަރުކާރުން ވަކާލާތުކުރާ ގޮތަށް، ޙުކުމުން މެންބަރުންގެ ގޮނޑި ގެއްލިއްޖެކަމުގައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވަން ޖެހޭ މުއްދަތުގައި ނުބާއްވާ، ޤާނޫނާ ދިމާސާފުކޮށް ޚިލާފުވެއްޖެއެވެ. ދިވެހި މުހާވަރާއެއްގައި ބުނާ ގޮތުން ނަމަ، އެޅި އަތަކަށް މަރެވެ. މާ ބޮޑު އިތުރު ވާހަކައެއް ދަންނަވާކަށް ނެތެވެ. ޤާނޫނު އަސާސީގެ 174 ވަނަ މާއްދާ އާއި 177 ވަނަ މާއްދާއިން މެންބަރުންނަށް ހެޔޮ މަގެއް ފެނިދާނެއެވެ.

 

ނޯޓް: ޤާނޫނު އަސާސީގެ 174 ވަނަ މާއްދާގައި ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެވޭ ގޮތެވެ.

ޤާނޫނު އަސާސީގެ 177 ވަނަ މާއްދާގައިވަނީ، ރައްޔިތުންގެ މަޖިލީހުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ގޮތުގެ ވާހަކައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!