ކަރަންޓް ނުލިބުމުގެ ނޭދެވޭ އަސަރު ޣައްޒާގެ ދަނޑުވެރިންނަށް

އުމުރުން މިހާރު 45 އަހަރުވެފައިވާ ސާމިހް އަބޫ ޤައިދާ އަކީ އޭނާގެ ޒުވާން ދުވަސްވަރުން ފެށިގެންވެސް ދަނޑުވެރިކަމުގެ މަސައްކަތްކުރަމުން އަންނަ ހިވާގި ދަނޑުވެރިއެކެވެ. ނަމަވެސް ދަނޑުވެރިކަންކުރުމުގައި އޭނާގެ ދަނޑުވެރިކަމުގެ ދިގު ހަޔާތުގައިވެސް ފާއިތުވެމިދާ މަސްތައްހާ އުނދަގޫ މަސްތަކެއް އޭނާ ތަޖުރިބާ ކޮށްފައެއްނުވެއެވެ. ޣައްޒާއަށް ތެޔޮ ނުލިބި ކަރަންޓް އިންޖީނުގެތައް ބަންދުކުރަންޖެހިފައިވުމުގެ ސަބަބުން ސާމިހްގެ ދަނޑުވެރިކަންކުރުމަށްވެސްވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. ކަރަންޓް ނުލިބުމުގެ ސަބަބުން ގަސްތަކަށް ފެންދިނުމަށް ޕަމްޕުތައް ހިންގޭނެ ގޮތެއްނެތެވެ.

“ކަރަންޓާއިނުލައި މިމަސައްކަތެއް ނުކުރެވޭނެ. އަހަރެން މިހުންނަނީ ވަރަށް ފިކުރުބޮޑުވެފައި މިމަސައްކަތް ހުއްޓާލަންޖެހިދާނެތީ” ސާމިހް ކިޔައިދިނެވެ.

ޣައްޒާގެ ދެކުނު އަވަށެއްކަމުގައިވާ ޚާން ޔޫނުސްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރަމުންދާ ސާމިހް ކިޔައިދިން ގޮތުގައި ކަރަންޓް ނުލިބުމުގެ ސަބަބުން ދަނޑުވެރިކަމުގައި ގެންގުޅޭ އާލާތްތަކަށް ބޭނުންވާ ކަރަންޓް ހޯދުމަށް އެހެންގޮތެއް ހޯދަންޖެހިފައިވާ ކަމަށާއި ކަރަންޓްގެ ބަދަލުގައި މިހާރު ބޭނުންކުރާ ފިއުލްއަކީ ލިބުންދަތި އަދި އެހާމެ އަގުބޮޑު އެއްޗެއްކަމަށެވެ. އެކަމަށްޓަކައި ގިނަ ހޭދައެއް ކުރަންޖެހުމުގެ ސަބަބުން ދަނޑުވެރިކަމުން ސާމިހްއަށް ލިބެމުންއައި އާމްދަނީވަނީ އެތައްތަނަކުން ދަށްވެފައެވެ. މިކަމުގެ ނޭދެވޭ އަސަރު ސާމިހްގެ 11 މެމްބަރުން ހިމެނޭ އާއިލާއަށްވަނީ ކޮށްފައެވެ.

އެހެން ދަނޑުވެރިއެއްކަމުގައިވާ ރާއިދް އަބޫ ކަމީލް ކިޔައިދިންގޮތުގައި މިއަހަރަކީ ޣައްޒާގެ ދަނޑުވެރިނަށް ދަތި އަހަރެކެވެ. ހޫނު މޫސުމުގެ ދުވަސްވަރު ދަނޑުތަކަށް ފެންނުދެވުމުގެ ސަބަބުން ދަނޑުތަކުން ލިބުނު ޓޮމާޓޯ ފަދަ ބާވަތްތަކުގެ ކޮލިޓީ ދަށްވެފައިވުމުގެ ސަބަބުން އެތަކެތި ވިއްކަންޖެހިފައިވާނީ ދަށް އަގުގައެވެ.

ރާއިދްގެ ހަދަރިންމިހާރުވެސް ދަނޑުވެރިކަން ކުރުމުގައި ހަރަކާތްތެރިވާއިރު އޭނާ ފާހަގަކުރި ގޮތުގައި މިހާރުގެ ސިޔާސީ މަޝްރަހު ހުރިގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ޒުވާނުން އެމަސައްކަތަށްދޭ އަހައްމިއްޔަތުކަން ކުޑަކަމަށެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް ދަށަށް

ޣައްޒާގެ އެތައްހާސް އާއިލާއެއް ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބަރޯސާވެފައިވާއިރު، އޭޕްރީލް މަހުންފެށިގެން ކުރިމަތިވި ތެލުގެ ދަތިކަމާހެދި ދަނޑުވެރިކަމުގެ އުފެއްދުންތައްވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

އދ ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއަރޒްއިންވެސްވަނީ ޣާޒާގެ ދަނޑުވެރިން ކުރިމަތިލާންޖެހިފައިވާ ހާލަތު ބަޔާންކޮށް ސަމާލުކަށް ގެނެސްފައެވެ. އެއޮފީހުން ހާމަކޮށްފައިވާ ގޮތުގައި ދަނޑުވެރިންނަށް ކަރަންޓް ނުލިބުމުގެ ސަބަބުން ދަނޑުތަކަށް ފެންދިނުމުގެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ދަނޑުތަކަށް ކޮށްފައިވާ ކަމަށެވެ.

އިޒްރޭލުގެ ހިޞާރު ދަށުގައި އޮންނަތާ 10 އަހަރުވެފައިވާ ޣައްޒާއަށް މިފަހުން ކަރަންޓްގެ މައްސަލަ ބޮޑުވެފައިވަނީ ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްގެ ސަރުކާރުން ޣާޒާއަށް ކަރަންޓް ފޯރުކޮށްދިނުމަށް އިޒްރޭލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުއްޓާލުމުންނެވެ.

ދާދިފަހުން ހަމާސްއާއި ފަތަހަ ޖަމާއަތާއިމެދުގައި އެއްބަސްވުންތަކަކަށް އާދެވުނުނަމަވެސް ޣައްޒާގެ ކަރަންޓުގެ މައްސަލަ އަދިވެސް އޮތީ ހައްލުނުވެއެވެ.

2 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ޣައްޒާއަށް ދެމުންދާ ކަރަންޓާއި އެތެރެކުރާ ތެޔޮ ވަކިމިންވަރެއްގައި އިޒްރޭލާއި މިޞްރުން ކޮންޓްރޯލްކޮށްފައިވާ އިރު އެކަމުގެ އެންމެ ނޭދެވޭ އަސަރެއް ކޮށްފައިވާ ޣައްޒާގެ ސިއްހީ ނިޒާމަށެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާ ކަރަންޓު ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ އެތައް ޚިދުމަތެއް މެދުކަނޑާލާފައިވާ އިރު، ކަރަންޓު ނުލިބުމުގެ ސަބަބުން ސާފު ފެން އުފައްދާ ކާރުހާނާތަކުގެ މަސައްކަތްވެސްވަނީ ހުއްޓިފައެވެ. މިއާއެކު ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގެ މަގުވެސްވަނީ މުޅިންހެން ބަންދުވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!