ހެކަރުން ހެކްކުރުމުގައި ގެންގުޅޭ މައިގަނޑު ގޭމް ޕްލޭން-2

މިލިޔުމުގެ ފުރަތަމަ ބައިގައި ހެކަރުން ހެކްކުރާ ބައެއް ސަބަބުތަކަށް ވާނީ ބަލާލާފައެވެ. ހެކަރުން، ހެކް ކުރުމުގައި އެތައް ސަތޭކަ އުކުޅުތަކާއި އެތައްބައިވަރު ގޮތްތަކެއް ގެންކުޅެއެވެ. މިލިޔުމުގައި އަޅުގަނޑުމެންގެ ނަޡަރު ހިންގާލާނީ ހެކަރުން ހެކްކުރާ ބެއެއް ގޮތްގޮތަށެވެ. ސަބަބަކީ ހެކަރުންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެމީހުން މަސައްކަތްކުރާގޮތް އެނގުން މުހިންމުވާތީއެވެ. ތިމާގެ އެކައުންޓަކަށް ހެކަރުން ވަންނަގޮތް ނުވަތަ އެއެކައުންޓެއްގެ މަޢުލޫމާތު ހެކަރުން ހޯދައިގަންނަ ގޮތް އެނގުމުން، އެފަދަމަޅިއެއްގައި ބެދުމުގެކުރިން ސަމާލުވެހުރުމަށް ފަސޭހަވާނެއެވެ. މިލިއުމުގައި އެފަދައިން ހެކަރުން ގެންގުޅޭ ގޭމްޕްލޭނާއި ހެކްކުރާ ގޮތްތަކަށް ކޮންމެވެސް ވަރަކަށް ބަލާލާނަމެވެ.

  1. ފިޝިން (phishing)

ހެކަރުން މިމެތަޑް ބޭނުންކުރަނީ އާންމުކޮށް ފޭސްބުކް ކަހަލަ އެކައުންޓެއްގެ ޔޫޒަރނޭމް އާއި ޕާސްވޯޑް ހޯދައިގަތުމަށެވެ. މިކަންކުރުމަށްޓަކައި އީމެއިލްއެއް ފޮނުވައެވެ. އާންމުކޮށްމިފަދަ އީމެއިލް ތަކުގައި ހެކްކުރަން ބޭނުންވާ ފަރާތުގެ އެކައުންޓާ ބެހޭގޮތުން ދޮގު މަޢުލޫމާތު ލިޔެފައިވާނެއެވެ. މިސާލަކަށް މިވެނިމީހަކު ތިބާގެ ބޭއަދަބީ ފޮޓޯތެކެއް ޕޯސްޓް ކޮށްފިއޭ ކިޔައިގެން އީމެއިލް އެއް ފޮނުވަފާނެއެވެ. އަދި އެކަން ދެނެގަތުމަށް ތިރީގައިވާ ލިންކަށް ފިތާލުމަށް ބުނެ ލިންކެއް އެއީމެއިލްގައި އެޓޭޗްކޮށްފައިވާނެއެވެ. ލިންކަށް ފިތާލުމުން ފެންނާނީ ފޭސްބުކަށް ލޮގިންވާ ސްކްރީނެވެ. *ނަމަވެސް މިއީ ޙަޤީޤަތުގައި ފޭކް ލޮގިން ސްކްރީންކެވެ.* މިސްކްރީނުގައި އެފަރާތެއްގެ ޔޫޒަރ ނޭމާއި ޕާސްވޯޑް ޖަހާލުމުން، އެމަޢުލޫމާތުތައް ހެކަރަށް ފޮނުވާފައި ސްކްރީން ރިލޯޑްވާނެއެވެ. އަދި ރިލޯޑްވެފަ ފޭސްބުކްގެ ޙަޤީޤީ ލޮގިން ސްކްރީނަށް ދެވޭނެއެވެ. ގިނަފަހަރު، ހެކްކުރެވޭ ފަރާތަށް ވާއެއް ނުވާއެއްވެސް ނޭގޭނެއެވެ.

ވީމާ މިފަދައިން ނުދަންނަ ފަރާތްތަކުން ފޮނުވާ އީމެއިލްތައް ނުހުޅުވުވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

 

  1. ކީލޮގާސް

ކީލޮގާސްއަކީ ކީ-ސްޓްރޯކް-ލޮގާސް ގެ ކުރު ގޮތެވެ. މިއީ ކޮމްޕިއުޓަރ ބޭނުންކުރާ ފަރާތްތަކުގެ ޕާސްވޯޑުތަކާއި ކްރެޑިޓް ކާޑް މަޢުލޫމާތުތައް ފަދަ މުހިންމު އަމިއްލަ މަޢުލޫމާތުތައް ޖަހައިގަތުމަށްޓަކައި ވަރަށް ފުރިހަމައަށް އުފައްދާފައިވާ ޕްރޮގްރާމް ތަކެވެ. މީގެ ވަޒީފާއަކީ، ކޮމްޕިއުޓަރުގެ ކީބޯޑަށް ފިތާލެވޭ ހުރިހާ އެއްޗެއް ރެކޯޑް ކުރުމެވެ. މިގޮތަށް ރެކޯޑް ކުރެވޭ މަޢުލޫމާތުތައް ހެކަރުގެ ސާވާއަކަށް ފޮނުވާލައެވެ. މިހިސާބުން ހެކަރަށް ހެކްކުރެވުނު މީހާގެ އެތައް މަޢުލޫމާތެއް ލިބޭނެއެވެ. އޭގެތެރޭގައި އެކައުންޓް ތަކުގެ ޕާސްވޯޑްތަކާއި ކްރެޑިޓް ކާޑުގެ މަޢުލޫމާތުތަކާއި އެނޫންވެސް ޓައިޕްކުރެވުނު މަޢުލޫމާތުތައް ހެކަތަށް ލިބިގެންދާނެއެވެ. އެންމެ މަޝްހޫރު ކީލޮގާސް ތަކުގެ ތެރޭގައި Ardamax Keylogger ހިމެނެއެވެ. މިކީލޮގާ އަކީ ގިނަފަހަރަށް އިންކަން ހޯދައިގަންނަންވެސް އުނދަގޫއެއްޗެކެވެ. ދެން އުފެދޭ ސުވާލަކީ ކޮމްޕިއުޓަރުގަ ނެތް ޕްރޮގްރާމެއް އެކޮމްޕިއުޓަރަށް އެޅުނީ ކިހިނެއްތޯ އެވެ. މިކަމުގައި ހެކަރުން ވަރަށް ކުޅަދާނަ އުކުޅުތަކެއް ބޭނުންކުރެއެވެ. އޭގެތެރޭގައި މީހުން އަޅައިގަންނަ ވަރަށް ފުރިހަމަ އިޝްތިހާރަކާ އެކީ އީމެއިލަކުން އެހެން ނަމެއްގައި ކީލޮގާ ސޮފްޓްވެއަރ އެއް ފޮނުފާނެއެވެ. ޙަޤީޤަތް ނޭގި މިސޮފްޓްވެއަރ އަމިއްލައަށް ޑައުންލޯޑްކޮށް އިންޓޯލް ކޮށްލުމުން ކީލޮގާ އެއޮތީ އިންސްޓޯލް ވެފައެވެ. ޕެންޑްރައިވެއް މެދުވެރިކޮށް ވެސް ކީލޮގާ ތިބާގެ ކޮމްޕިއުޓަރަށް އިންސްޓޯލް ކޮށްލެވިދާނެއެވެ. ހެކް ކުރުމުގައި ގެންގުޅެ ގިނަ ޓޫލްތައް މީހުންގެ ކޮމްޕިއުޓަރ ތަކަށް އިންސްޓޯލްކުރަނީ މިފަދަ ގޮތް ގޮތުންނެވެ.

ކީލޮގާއިން ސަލާމަތްވުމަށް ވެސް ކުރިން ބުނެވުނުފަދައިން، އީމެއިލް ތަކާއި އެފަދަ ބޭރުން އަންނަ ގޮތް ނޭގޭ އެއްޗިއްސަށް ކްލިކް ކުރުމުން ދުރުހެލިވާންވީއެވެ. އަދި ޕާސްވޯޑާއި ކްރެޑިޓް ކާޑް މަޢުލޫމާތުތައް ސައިޓަކަށް ދޭނަމަ، ކޮމްޕިއުޓަރުގެ “އޮން-ސްކްރީން-ކީބޯޑް” ބޭނުން ކުރުންވެސް އެއީ އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

 

  1. ރެޓް

ރެޓް ގެ ދިގު ނަމަކީ “ރިމޯޓް-އެޑްމިޝަން-ޓޫލެވެ.” ރެޓް ގެ އެހީގައި ހެކަރަށް، ހެކް ކުރެވޭ ފަރާތް ހުއްދައެއް އަދި އެނގުމަކާނުލާ މީހުންގެ ކޮންޕިއުޓަރުގެ އެކްސެސް ހޯދައިގަނެއެވެ. އޭރުން ކޮމްޕިއުޓަރުގައި ހިނގާ ކަންތައްތައް އަދި ކޮމްޕިއުޓަރުން ތިބާ ކުރާ ކަންތައްތައް ހެކަރަށް އެނގޭނެއެވެ. އަދި ހާޑް ޑިސްކުގައިވާ މަޢުލޫމާތުތައް ކޮޕީކޮށް ކޮމްޕިއުޓަރުގެ ވެރިފަރާރުގެ ޕާސަނަލް އެތައް ސާމާނެއް ފޭރިގަންނާނެއެވެ. މިގޮތަށް ފޭރިގަންނަ މަޢުލޫމާތުތަކުގެ އެހީގައި މީސްމީހުން ބްލެކްމެއިލް ކުރުން ވެސް ވަރަށް އާންމެވެ.

މިކަމުން ސަލާމަތްވުމަށް ކުރިންވެސް ބުނެވުނު ކަންތަކުގެ އިތުރުން “ފަޔާވޯލް” އޮންކޮށް ބޭންދުން މުހިންމެވެ. ފަޔާވޯލް އިން ކޮމްޕިއުޓަރަށް އަންނަ އަދި ކޮމްޕިއުޓަރުން ދާ ޕޯޓް-ކަނެކްޝަންތައް ހުއްޓުވާލައެވެ. ވީމާ ރެޓް ބޭނުންކުރާ ހެކަރަށް އެކޮމްޕިއުޓަރަކަށް އެކްސެސް ވުން އެހާ ފަސޭހައެއް ނުވާނެއެވެ. ނަމަވެސް މިއީ ވެސް 100% ގެ ޙައްލެއް ނޫނެވެ. ފަޔާރވޯލް އޮންކޮށްފައި ބެހެއްޓުމުގެ އިތުރުން މިފަދަ ޙަމަލާ ތަކުން ސަލާމަތްވުމަށް އޮރިޖިނަލް އެންޓިވައިރަސް ބޭނުންކުރުމަކީވެސް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

 

  1. ޓޯޖެން ހޯސް

ޓޯޖެން ހޯސް އަކީ ރެޓާ ވަރަށް އެއްގޮތްކޮށް މަސައްކަތްކުރާ ނުރައްކާތެރި ވައިރަހެކެވެ. މީގެ އެހީގައި، ހެކްކުރެވޭ ފަރާތުގެ ކޮމްޕިއުޓަރުގެ އެކްސެސް ހޯދައިގަނެއެވެ. ނަމަވެސް ޓޯޖެން ހޯސްތައް ކޮމްޕިއުޓަރ ތަކަށް ވަދެގަންނަގޮތާމެދު ގިނަމީހުން ވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ. މިފަދަ ވައިރަސްތައް ޢާންމުކޮށް ކޮމްޕިއުޓަރަށް އެޅިގެންދަނީ އިންޓަރނެޓުން ހިލޭ ސޮފްޓްވެއަރ އެއް ޑައުންލޯޑް ކުރާ ހިނދުއެވެ. ސޮފްޓްވެއަރ އިންޖިނޭރިން ކުންފުނިތަކުން ބުރަމަސައްކަތުން އުފައްދާ ސޮފްޓްވެއަރތަކުގެ ސެކިއުރިޓީ ފޫއަޅުވާލައި، އޭގެ ފޭކް ނުވަތަ ކްރެކް ވާޝަންތައް އުފައްދައި ހިލޭ ޑައުންލޯޑް ކުރުމަށް ދޫކޮށްލުމަކީ މިހާރަކަށް އައިސް ވަރަށް އާންމުކަމެކެވެ. އަދި ދިވެހިންނަކީ، މިގޮތަށް އަގުބޮޑެތި ސޮފްޓްވެއަރ ތަކުގެ ކްރެކް ވާޝަންތައް ޢާންމުކޮށް ބޭނުންކުރާ ބައެކެވެ. ނަމަވެސް މިގޮތަށް ސޮފްޓްވެއަރ އެއް ހިލޭ ޑައުންލޯޑް ކުރާއިރު، އެއާއެކު ޓޯޖެން ހޯސެއްވެސް ޑައުންލޯޑް ވިކަމެއް ގިނަމީހުންނަކަށް ނޭގެއެވެ. މިޓޯޖެން ކޮމްޕިއުޓަރަށް އިންސްޓޯލްވުމުން ހެކަރު އޭނާގެ މަސައްކަތް ފަށައިގަނެއެވެ. އަދި އެކޮމްޕިއުޓަރުން އޭނާ ބޭނުން ކަމެއް ކުރެއެވެ. ޚާއްސަކޮށް، ނެޓްވާކެއްގައިވާ ކޮމްޕިއުޓަރެއްނަމަ ހެކްކުރުމަށް ފަސޭހަވާނެއެވެ. މިއީ އޮފީސްތަކާއި ސްކޫލްތަކުގެ ސްޓާފްރޫމްތަކުގަ ކޮމްޕިއުޓަރ ބޭނުންކުރާ ފަރާތްތަކުން ސަމާލުވާންޖެހޭނޭ ކަމެކެވެ. އެއީ މިފަދަ ގިނަތަންތަނުގައި ކޮމްޕިއުޓަރުތައް ވަނީ ނެޓްވޯކް ކަނެކްޝަނަކުން ގުޅާލެވިފައި ކަމަށް ވާތީއެވެ.

މިކަމުން ސަލާމަތްވުމަށްޓަކައި ފަޔާވޯލާއި އެންޓިވައިރަސް އެޅުމުގެ އިތުރަށް، ތިމާގެ “ޓެކް-ޑިސިޕްލިން” ރަނގަޅު ކުރަން ޖެހެއެވެ. ވަގަށް ހަދާފައިވާ ފްރީ-ސްފްޓްވެއަރތައް ޑައުންލޯޑް ނުކުރާށެވެ. އަދި ކުންފުންޏަކުން ހިލޭ ޑައުންލޯޑް ކުރުމަށް ދޫކުރާ ސޮފްޓްވެއަރ ޑައުންލޯޑް ކުރާނަމަ، އެކުންފުންޏެއްގެ އަސްލު ސައިޓުން އެ ސޮފްޓްވެއަރ އެއް ޑައުންލޯޑް ކުރާށެވެ. އަދި ވިއްކަން ހުންނަ އޮރިޖިނަލް ސޮފްޓްވެއަރތައް ބޭނުންކުރާށެވެ. އެކަމަށް ޚަރަދު ކުރަން ބޭނުންނުވާނަމަ، އޯޕެން ސޯސް ސޮފްޓްވެއަރ އެއް ބޭނުން ކުރެވިދާނެއެވެ. އޯޕެން ސޯސް ސޮފްޓްވެއަރ އަކީ ހިލޭ ސޮފްޓްވެއާ ހަދާ ބޮޑު ކޮމިއުނިޓީއެކެވެ. އާންމުކޮށް ބޭނުންކުރާ ގިނަ ސޮފްޓްވެއަރ ތަކާ އެއްގޮތަށް ބޭނުންކުރެވޭނެ ސޮފްޓްވެއަރ ތައް އޯޕެން ސޯސްކޮށް ލިބެން ހުންނާނެއެވެ. ނަމަވެސް ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގަވެސް އޮފީސްތަކުގަޔާއި އަމިއްލަ ކޮމްޕިއުޓަރު ތަކުގައިވެސް ބޮޑަށް ބޭނުންކުރެވެމުން ދަނީ ވަގަށް ހަދައިފައިވާ ކްރެކްޑް ސޮފްޓްވެއަރ ތަކެވެ.

ހެކްވުމުން ސަލާމްތްވުމަށްޓަކްއި ކޮމްޕިއުޓަރުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

  • ކެސްޕާސްކައި/ނޯޓަން/ބިޓްޑިފެންޑާ ފަދަ ރަނގަޅު އެންޓިވައިރަސެއް ހުއްދަ ލައިސަންސަކާއެކު ބޭނުންކުރުން.
  • ވިންޑާސް ފަޔާވޯލް އަބަދުވެސް އޮންކޮށްފައި ބެހެއްޓުން
  • ކްރެކްޑް ސޮފްޓްވެއަރތައް ހިލޭ ޑައުންލޯޑް ކުރުމުށް ދޫކުރާ ސައިޓް ތަކަށް އިތުބާރުނުކުރުން.
  • ނުދަންނަ މީހުން ފޮނުވާ އީމެއިލްތައް ނުހުޅުވުން. އަދި މިފަދަ އީމެއިލް އެއްގައި (.exe) މިގޮތަށް ނިމޭ ފައިލެއް ވާނަމަ، އެއަށް ނުފިތުން
  • ޕެން-ޑްރައިވްތައް ކޮމްޕިއުޓަރަށް ޖަހާލުމުން އޮޓޮމެޓިކުން ހުޅުވޭގޮތަށް ހަދާފައި ބެހެއްޓުމުގެ ބަދަލުގައި އަމިއްލައަށް ހުޅުވާގޮތަށް ހެދުން. އަދި ޕެންޑްރައިވް ހުޅުވުމުގެ ކުރިން، އެންޓިވައިރަސަކުން ސްކޭންކުރުން.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!