ހެކަރުން ހެކްކުރުމުގައި ގެންގުޅޭ މައިގަނޑު ގޭމް ޕްލޭން

ދޫނި އުދުހޭތަން ބަލައިގެން އުދުހެން މަސައްކަތްކުރި އިންސާނަކު މިދުނިޔޭގެ ތާރީޚުވަނީ ދެކެފައެވެ. ނަމަވެސް މިއަދު އިންސާނާ، ފިނިކުރި މަތިންދާބޯޓެއްގެ އަރާމުގޮނޑިއެއްގައި ނިދާފައި އޮވެ އެއްޤައުމުން އަނެއްޤައުމަށް ހިނދުކޮޅެއްގެތެރޭގައި އުދެހެމުންދާތަން އެދޫނި ބަލަމުން އެގެންދަނީ ޙައިރާންކަމާ އެކުއެވެ. އާދެ ދުނިޔެ މިވަނީ ޓެކްނޮލޮޖީއާއި ތަރައްޤީގެ ދުވެލީގައި ވަރަށް ބޮޑަށް ކުރިއަރައިފައެވެ. ޓެކްނޮލޮޖީގެ ސަބަބުން އެތައްގިނަގުނަ ފައިދާތަކެއް އިންސާނުންނަށް ކުރަމުންދާއިރު، ހަމަ އެޓެކްނޮލޮޖީގެ ސަބަބުން އިންސާނުންނަށް ކުރާ ގެއްލުންވެސް އެހާމެގިނައެވެ. މިގޮތުން ޓެކްނޮލޮޖީގެ ފައިދާ ނާޖާއިޒްގޮތުގައި ބޭނުންކޮށް އެންމެ ބޮޑު ގެއްލުމެއް އިންސާނުންނަށް ކުރަމުންދާ އެއްބަޔަކީ ހެކަރުންނެވެ. ހެކަރުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ، ހެކަރުން ހެކްކުރާ ސަބަބުތައް ހޯދައި، ހެކަރުން ގެންގުޅޭ ގޭމްޕްލޭންތައް ދެނެގަތުމެވެ. ފުރަތަމަ ކަމަކަށް ހެކް ކުރާ މައިގަނޑު ސަބަބުތަކަށް ބަލާލަމާތޯއެވެ.

  1. ބްލެކްމެއިލްކުރުން

ޒަމާން ތަރައްޤީވެ، ތަރައްޤީ އަކީ “ދޮންމީހުން” އުޅޭގޮތަށް އުޅުން ކަމުގައި މިހާރު ވަނީ ބެލެވެން ފަށާފައެވެ. މިއާއެކު، ދޮންމީހުން ކުރާ ކަމެއްވިއްޔާ އެއީ ކިތަންމެ ވިޔާނުދާ އަދި ކިތަންމެ ލަދުވެތި ކަމަކަށް ވިޔަސް ނުކޮށް ދޫކޮށެއް ނުލެވެއެވެ. ދީނެއް ގޮތެއްފޮތެއް ނެތުމުގެ ސަބަބުން ޙަލާލާއި ޙަރާމް އެއީ ބޯދާ މުސްކުޅި ބަސްތަކަކަށް ވެއްޖެއެވެ. އެގޮތުން ބޯއީ ފްރެންޑަށް އިތުބާރުކޮށް އޭނާ ހިތްހަމަޖައްސަން އޮރިޔާން ޙާލުގައި ނަގާފައިވާ ފޮޓޯތައް އެމީހަކަށް ފޮނުވުން އެއީ މިހާރުގެ ޒުވާނުންގެ މެދުގައި “ސަޅި” ކަމެކެވެ. ނަމަވެސް މިފަދަ ގޮތްގޮތަށް ކިތަންމެ އިތުބާރު ކުރެވޭ މީހަކަށްވެސް ފޮޓޯ ފޮނުވުމަކީ ސަލާމަތްތެރި ގޮތެއް ނޫން ކަމަށް ދެކި ފޮޓޯ ނުފޮނުވާ ކުދިންވެސް މަދެއްނޫނެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކުދިންވެސް އަމިއްލައަށް ބިކިނީގަޔާއި ބަރަހަނާ ޙާލުގައި މޮޑެލްކޮށް، ފޮޓޯ ނަގައި، ފޯނާއި ލެޕްޓްޕް ފަދަ ތަކެތީގައި ރައްކާކޮށްފައި ބަހައްޓާކަމެވެ. މީހަކަށް ދައްކާކަށް ނޫނެވެ. އަމިއްލަ ހަށިހަނޑުގެ ރީތިކަން ދޭތެރެއަކުން ބަލާއި ހިތްހަމަ ޖައްސާލުމަށެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި އެހެން ބަޔަކު މިފޮޓޯތަކުން ހިތްހަމަ ޖައްސައި ބޮޑެތި ރޭވުންތަކެއް ރާވަމުން ދާކަމެއް މިކުދިންނަކަށް ނޭނގެއެވެ.

ފޯނާއި ލެޕްޓްޕް ފަދަ ތަކެތީގައި ހުންނަ ޕާރސަނަލް މަޢުލޫމާތުތައް ހެކްކުރުންވަނީ މިހާރަކަށް އައިސް ވަރަށްބޮޑަށް ޢާންމުވެފައެވެ. އެގޮތުން ބަލާއިރު، އަމިއްލައަށް އޮރިޔާން ޙާލުގައި ނަގާފައި ހުންނަ ފޮޓޯތައް ހެކަރުންގެ އަތަށް އެރުމުން، އެފޮޓޯތަކުގެ އެހީގައި ހެކްކުރެވޭފަރާތްތަށް ބްލެކްމެއިލްކުރުމަކީ މިހާރު ރާއްޖޭގައިވެސް ބޮޑު ވަބާއަކަށް ވެފައޮތް ކަމެކެވެ. ބްލެކްމެއިލް ކުރެވޭ ފަރާތުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމާއި، ބޭނުން އިރަކު ޖިންސީ އެދުންވެރިކަން ފުއްދައިދޭނެ ވަޞީލަތެއްގެ ގޮތަށް އެފަރާތްތައް ބޭނުންކުރަމުން ދިއުމުގެ ސަބަބުން އެތައް ޒުވާން ކުދިނެއްގެ ޙަޔާތްދަނީ ބަރުބާދުވަމުންނެވެ. ޙައްލަކީ ހެކަރުންގެ ކިބައިން ސަލާމަތްވުމަށް ގެންގުޅޭ އިލެކްޓްރޯނިކް އާލަތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުން އެކަންޏެއް ނޫނެވެ. މިފަދަ ޙަރާމް، ލަދުވެތި ކަންކަމުން ދުރުވެ އިސްލާމީ ރިވެތި އަޚްލާޤް ތިމާގެ ކިބައިގައި އަށަގެންނެވުންވެސްމެއެވެ.

  1. ކްރެޑިޓް ކާޑް މައުލޫމާތު ހޯދުން

މިދުނިޔެއަށް ތަރައްޤީ ގެނުވި އެންމެ މުހިންމު އެއް އިންޤިލާބަކީ އިންޓަރނެޓެވެ. މިހާރު އިންޓަރނެޓް މެދުވެރިކޮށް ނުކުރެވޭ ކަމެއް ނޯވެއެވެ. އެގޮތުން ވިޔަފާރީގެ މުޢާމަލާތްތަކާއި ބޭންކިންގައި އިންޓަރނެޓް ބޭނުންކުރާ މިންވަރު މިހާރު ވަނީ މެކުހަށް ޖަހާފައެވެ. އީ-ކޮމަރސް ވެބްސައިޓް ތަކުން ވިޔަފާރިކުރުމަކީ މިހާރު އާދައިގެމަތިން ދިވެހިން ކުރާ ކަމެކެވެ. މިފަދަ ސައިޓް ތަކުން ތަކެތި ގަންނައިރު، ފައިސާ ދައްކަންޖެހެނީ ކްރެޑިޓް ކާރޑް މެދުވެރިކޮށެވެ. އަދި މުޢާމަލާތު ފުރިހަމަކުރުމަށްޓަކައި ކާރޑުގެ ކުރިމަތީގައިވާ ކްރެޑިޓް ކާރޑް ނަމްބަރާއި، ފަހަތުގައިވާ ކާރޑް ސެކިއުރިޓީ ކޯޑް ދޭން ޖެހެއެވެ. މި ދެ ނަމްބަރު ދިނުމުން އެކާރޑް މެދުވެރިކޮށް ފައިސާ ކަނޑާލެވެއެވެ. މިއީ ވިޔަފާރިކުރުމުގައި އިންސާނީ ނަސްލަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. ނަމަވެސް ހިތާމައަކީ މިގޮތަށް ދޭ ކްރެޑިޓް ކާރޑްތަކުގެ މަޢުލޫމާތުތައް ހެކްކޮށްގެން ކޮންމެދުވަހަކުވެސް މިލިޔަނުން މިލިޔަނުން ބަޔަކު ފައިސާ ފޭރެމުން ދާކަމެވެ.

މިފަދަ ހިތާމަވެރި ޙާދިޘާތަކުން ސަލާމަތްވުމަށްޓަކައި، ތިމާ މިމުޢާމަލާތްކުރަނީ ކިހާވަރެއްގެ ބަޔަކާކަން ދެނެގަތުން ވަރަށް މުހިންމެވެ. އަދި އެވެބްސައިޓަކީ ކިހާ އިތުބާރުހުރި ސައިޓެއް ދޯ ދެނެގަންނަން ޖެހެއެވެ. އަދި ހަމައެއާއެކު ސައިޓުގެ ސެކިއުރިޓީ އަކީވެސް ވަރަށް މުހިންމު ރޯލެއްކުޅޭ އެއްޗެކެވެ. ވެބްސައިޓުން، ކިތަންމެ އިޚުލާސްތެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގިޔަސް، ސައިޓުގެ ސެކިއުރިޓީ ދަށްނަމަ، ބޭރުން އަންނަ ހެކަރުން އެސައިޓުގެ ސެކިއުރިޓީ ފޫއަޅުވާލައި، ކަސްޓަމަރުންގެ ކްރެޑިޓް ކާރޑް މަޢުލޫމާތްތައް ހެކް ކޮށްފާނެއެވެ.

 

3- ވެބްސައިޓް އެއް ޑަވްން ކޮށްލުން

ތިމާ ހިތްހަމަނުޖެހޭ ބަޔަކު ވެބްސައިޓެއް ހިންގާނަމަ އެ ވެބްސައިޓް އެއްގެ މަސައްކަތް ހުއްޓުވާލުމަށްޓަކައި ވެބްސައިޓްތައް ހެކްކުރުން ވެސް މިހާރަކަށް އައިސް ވަނީ ވަރަށް ޢާންމުވެފައެވެ. އެގޮތުން ހެކަރުން ވެބްސައިޓުގެ އޮތޯރިޓީ ހޯދުމަށްފަހު އެކިއެކި ވައިރަސް ތައް ސައިޓަށް ދޫކުރުމާއި، ވެބްސައިޓަށް ބަދަލުގެނެސް، ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށް އޭގައިވާ މަޢުލޫމަތުތައް ފޭރިގަނެއެވެ. ވިޔަފާރިއެއް ސިފައިގައި ވެބްސައިޓް ހެކްކުރާ މީހުންވެސް މަދެއްނޫނެވެ. ވެބްސައިޓެއްގެ މަސައްކަތް މަޑުޖައްސާލަން ނުވަތަ “ޑައުން” ކޮށްލަން ބޭނުންވެއްޖެނަމަ ހެކަރަކަށް އުޖޫރައެއްދިނުމަށްފަހު އެކަން ކޮށްލައެވެ. ވިޔަފާރިތައް ހުއްޓުވާލުމާއި، ސިޔާސީ މަންފާއެއް ޙާޞިލުކުރުމަށްޓަކައި މިގޮތަށް ހެކްކުރުމަކީ މިހާރު ދުނިޔޭގައި ވަރަށް ގިނައިން ކުރާ ކަމެކެވެ.

(ނުނިމޭ)

5 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Hurihaa hackers thigothah kanthakeh nukurey. Rangalhah mauloomaathu foarukohdhevvaa. Hacking akee varah broad topic eiy.

  2. miliyumuggawi v mauloomaath madhu. security aai gulhey gothun evves echeh neh. aslu hagee gathah bunaanama

  3. hamuge kula dhon konme meehaki dhon meeheh. meega saudi arabia china dhivehin mongolia meehun himeney. china meehunaki ebai meehunge muslimun roadha hifiya nudhinumahtakai ethakeh jessumeh kuraa baeh. dhen liyun therin vaki meehakah galhi ukaathee bunely

  4. Hackimg isnt a crime uts a knowledge and a telent.

  5. އަދި ނުނިމެޔޯ. ކޮން އިރަކު ދެވަނަ ބައި އަންނަނީ. ދެވަނަބައި މިއަށްވުރެ ރަނގަޅުވާނެ ކަމަށް އުންމީދުކުރަން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!