ޙޫޘީންނަކީ ކޮންބައެއްކަން އެނގޭތަ؟

ޔަމަނުގައި ވެރިކަމުގެ ބާރުތައް ބަޣާވާތަކުން ފޭރިގަނެ ޤައުމުގައި އެތައް ހަމަނުޖެހުމެއް ހިންގަމުންދާ ޙޫޘީންނަކީ ކޮންބައެއްކަން އެނގޭ ހެއްޔެވެ؟ ސައުދީ އަރަބިޔާ އިސްވެ އޮވެ ނުވަ ޤައުމެއް އެކުލެވޭގޮތަށް ބޮޑު ކޯލިޝަނެއް އުފައްދާ މިޖަމާޢަތާއި ހަނގުރާމަކުރަމުންދަނީ ކީއްވެކަން އެނގޭ ހެއްޔެވެ؟

ޙޫޘީ ޖަމާޢަތް އުފެދުން

އިސްލާމްދީން ނިވައިފަތްގަނޑަކަށް ހަދައިގެން ޔަމަނުގައި ހަރަކާތްތެރިވަމުންދާ ޙޫޘީ ޖަމާއަތް އުފެދިފައިވަނީ 1992 ވަނަ އަހަރު “އަންޞާރުﷲ”ގެ ނަމުގައެވެ. ޖަމާޢަތުގެ ބާނީއަކީ ޝީއީ ފިރުޤާގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ބަދަރުއްދީން އަލް ޙޫޘީގެ ދަރި ހުސައިން އަލް ޙޫޘީ އެވެ. ހަތިޔާރުއެޅި ހައްދުފަހަނަ އަޅާފައިވާ މިޓެރަރިސްޓް ޖަމާޢަތަށް “ޙޫޘީ” މި ނަން ދީފައިވަނީ ހުސައިން ޙޫޘީ އަށް ނިސްބަތްކޮށެވެ. މިޖަމާއަތުގެ މައިމަރުކަޒަކީ ޔަމަނުގެ ހުޅަނގު އުތުރުގައި އޮންނަ ޞަޢްދާ ސަހަރެވެ. މިޖަމާއަތަށް ނިސްބަތްވާ މީހުންގެ އަޤީދާއަކީ ޒައިދީ މަޛުހަބުކަމަށް ޝީޢީ މީޑިއާތަކުން ބުނަމުންދިޔަ ނަމަވެސް މިމީހުންގެ އަސްލު އަޤީދާއަކީ ޝީއީ ހައްދުހަނަ އަޅާފައިވާ ރާފިޟީ ފިރުޤާކަމަށް ބުނެވެއެވެ.

ޙޫޘީންގެ އަނިޔާވެރިކަން ޔަމަނުގައި

ޙޫޘީންގެ ވަކިދައުލަތެއް ޔަމަނުގައި ޤާއިމްކުރުމުގެ ނަމުގައި 2004 ވަނަ އަހަރުން ފެށިގެން އެމީހުން އަންނަނީ ޔަމަނުގައި ދާޚިލީ ހަނގުރާމަތައް ކުރަމުންނެވެ. އެގޮތުން 2010 ވަނަ އަހަރާއި ހަމައަށް އޭރު ޔަމަނުގެ ވެރިކަމުގައި ހުރި އަލީ އަބްދުﷲ ޞާލިޙްގެ ސަރުކާރާއި ދެކޮޅަށް ހަ ހަނގުރާމައެއްކޮށް ޔަމަނުގެ ބައެއް ސަހަރުތައް ހިޞާރުކޮށްގެން އެތަކެއް މުސްލިމުންނެއްވަނީ މަރާފައެވެ.

އެގޮތުން ސުންނީ ތައުލީމު ދެމުންދިޔަ ދައްމާޖުގެ ދާރުލްހަދީޘް 2011 ވަނަ އަހަރު ހިޞާރުކޮށް އެވާދީއަށް ކާބޯތަކެއްޗާއި، ފެނާއި އަދި ބޭސްއެތެރެކުރުން މަނާކޮށް މަގުތައް ބަންދުކުރިއެވެ. މިކަމާއި ގުޅޭގޮތުން އޭރު އައްޝަރްޤުލް އައުސާތް ނޫހަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި ދާރުލްޙަދީޘްގައި ކިޔަވާދެއްވާ ދީނީ ޢިލްމުވެރިއެއްކަމުގައިވާ ޝައިޚް ހުސައިން އަލް-ޙަޖޫރީ ވިދާޅުވެފައިވަނީ ޙޫޘީން ބޭނުންވަނީ ދައްމާޖުގައިވާ ސުންނަތުގެ އަހްލުވެރިން މަޖްބޫރުން އެމީހުންގެ މަރުގޯސް ރާފިޟީ ޢަޤީދާއަށް ބަދަލުކުރަންކަމަށާއި އެމީހުން ބޭނުންވަނީ ލުބްނާނުގައިވާ ޙިޒްބުﷲ ފަދަ ބަޔަކަށްވުމަށްޓަކައި ދަޢުލަތުގެ ތެރެއިން ދަޢުލަތެއް ޤާއިމްކުރުމަށް ކަމަށެވެ. ޙޫޘީންގެ މިހިޞާރުގެ ސަބަބުން ދައްމާޖުގައި ދިރިއުޅެމުންދިޔަ ގިނަ ރައްޔިތުންތަކެއްވަނީ އޭރު ކާނާއާއި ބޭސްފަރުވާ ނުލިބި މަރުވެފައެވެ.

2011 ވަނަ އަހަރު އޭރު ޔަމަނުގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ވެރިކަމާއި ދެކޮޅަށް ހިންގުނު ހަރަކާތްތަކުގައިވެސް ޙޫޘީންވަނީ ބައިވެރިވެފައެވެ. އަލީ އަބްދުﷲ ޞާލިހް ވެރިކަން ދޫކޮށް ވެރިކަމަށް 2012 ވަނަ އަހަރު އަބްދުއްރައްބު މަންސޫރް އަލްހާދީ އިސްވުމުންވެސް ޙޫޘީންގެ ހިތްފުރޭ ގޮތެއް ނުވިއެވެ.

ދެން އަނެއްކާވެސް ޙޫޘީން ނިކުތީ އަލީ އަބްދުﷲ ސާލިހާއި އޭނާއަށް ވަފާތެރި ސިފައިންނާއެކު ހާދީގެ ވެރިކަމާއި ދެކޮޅަށެވެ. ޔަމަނުގެ ވެރިކަމާއި ދެކޮޅަށް ޙޫޘީންފެށި ބަޣާވާތުގައި 2014 ސެޕްޓެމްބަރމަހު ވެރިރަށް ސަންޢާ ހިފައި ރިޔާސީ ގަނޑުވަރު އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އަދި ރައީސަކަށްހުރި އަބްދުއްރައްބު މަންސޫރް އަލްހާދީ ގޭގައި ހިޞާރުކުރިއެވެ. ނަމަވެސް ރައީސް ހާދީއަށް ވަފާތެރި ސިފައިންގެ އެހީގައި ފިލައިގެން އަދަނަށް ވަޑައިގަތެވެ.

ޙޫޘީން ޔަމަނުގެ ވެރިކަމުގެ ބާރުތައް ނަގައި ޤާނޫނު ހަދާ މަޖްލިސް އުވާލާ ޤައުމުގައި ހިންގި ބަޣާވާތުގެ ސަބަބުން ރައީސް ހާދީ ސައުދީ އަރަބިޔާގެ އެހީތެރިކަމަށް އެދުނެވެ. މިއާއެކު ސައުދީ އިސްވެ އޮވެ ނުވަ ޤައުމެއް ހިމެނޭގޮތަށް އުފެއްދި ކޯލިޝަނުން ޔަމަނުގައި ޙޫޘީންނާއި ދެކޮޅަށް ހަނގުރާމަކުރަންފެށިއެވެ.

އީރާންގެ އެހީތެރިކަން ޙޫޘީންނަށް

ސަންޢާ ޙޫޘީންގެ ބާރުގެ ދަށަށް ދިޔުމާއެކު ސަންޢާގައިހުރި އެކިޤައުމަތަކުގެ އެމްބަސީތައް ބަންދުކޮށް ޑިޕްލޮމެޓުން އަނބުރާ ޤައުމަށް ގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ބައިނަލްއަޤްވާމީ ދުނިޔެއާއި ގުޅުން ކެނޑިގެންދިއުމެވެ. މިރަނުގެ ފުރުޞަތުގެ ބޭނުންހިފާ އީރާނުން ޙޫޘީންނަށް ބޭނުންވާ ތެލާއި އެހީގެ ތަކެތި ވައިގެ މަގުން ސަންޢާއަށް އެތެރެކުރަމުން ގެންދިޔައެވެ. އަދި ޙޫޘީންގެ ބާރުގެ ދަށުގައިހުރި އަވަށްތަކުގައި އިންޖީނުގެތައް ހަދައިދީ ފައިސާއާއި ހަތިޔާރުގެ ގޮތުންވެސް ޙޫޘީންނަށް އެހީތެރިވަމުން ދިޔައެވެ.

އ.ދ ގެ ސަލާމަތީ މަޖްލީހަށް 2015 ވަނަ އަހަރު ހުށަހެޅުނު ސިއްރު ރިޕޯޓަކާއި ހަވާލާދީ އޭފްޕީއިން ހާމަކޮށްފައިވާ ގޮތުގައި 2009 އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް އީރާނުންވަނީ ޙުޘީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދީފައެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރ 26 ވަނަ ދުވަހު ސައުދީ އަރަބިޔާއިންވަނީ ހޫޘީ ހަނގުރާމަވެރިންނަށް ރޮކެޓާއި އެހެންވެސް ހަނގުރާމައިގެ ހަތިޔާރުތައް ބަރުކޮށްގެންދިޔަ އީރާނުގެ މަސް ބޯޓެއް އަރަބި ކަނޑުން އަތުލައިގެންފައިވާ ކަމަށް ހާމަކޮށްފައެވެ.

މިކަންކަމާއި ގުޅޭގޮތުން އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީވަނީ އީރާނުން ޙޫޘީންނަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ޚާމަނާއީ ވިދާޅުވެފައިވަނީ އީރާނުން ފޮނުވަނީ ހަމައެކަނީ ބޭހާއި ކާނާގެ ބާވަތްތަކެވެ.

 

އިސްލާމީ އުއްމަތަށްހުރި ނުރައްކާ

ޙޫޘީންގެ ހުރި ނުރައްކާތެރިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް ވިދާޅުވީ ޙޫޘީން ނިސްބަތްވާ ޝީޢީ ފިރުޤާގެ އެންމެ ބޮޑު ދައުލަތް ކަމުގައިވާ އީރާން ވެފައިވަނީ މީސްތަކުންގެ މެދުގައި މަޛުހަބީ ފިތުނަތައް އުފައްދަމުންދާ ބައެއްކަމަށާއި އެކަމުގެ ނުރައްކާ ސުންނީ މުސްލިމުން ދިރިއުޅެމުންދާ ހުރިހާ ޤައުމުތަކަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ. ޝައިޚް ސަމީރު ފާހަގަ ކުރެއްވި ގޮތުގައި ޝީޢާއިންގެ އަޤީދާ ގިނަ މުސްލިމުންނަށް ނުއެނގުމުގެ ސަބަބުން އެމީހުންގެ ނުރައްކާތެރިކަން މުސްލިމުންނަށް އަންދާޒާ ނުކުރެވޭ ކަމަށާއި އެމީހުންގެ އަޤީދާއަކީ އަކީ އެމީހުންގެ ދަރިން އެންމެ ކުޑައިރުން ފެށިގެންވެސް އަބޫބަކުރުގެފާނާއި ޢުމަރުގެފާނުފަދަ ޞަހާބީންވެސް ހިމެނޭގޮތަށް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ގިނަ ޞަހާބީ ބޭކަލުންނަށް ނަފުރަތު ކުރުވުންކަމަށެވެ.

ޝީޢީން އެމީހުންގެ އަޤީދާ ފެތުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންދާ ހަރަކާތްތަކަށް އަލިއަޅުވާލާ ޝައިޚް ސަމީރު ވިދާޅުވީ މިފަދަ އަޤީދާއެއްގެ ބަޔަކާއި ގުޅިފައިވާ ޙޫޘީންފަދަ ޖަމާއަތްތަކުގެ ނުރައްކާ އިސްލާމީ އުއްމަތަށް ބޮޑު ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!