“ދި ލެގަސީ” އިވެންޓުގައި ތަޤްރީރުކުރެއްވުމަށް ޝައިހް ޙުސައިން ޔީ ރާއްޖެވަޑައި ގަންނަވަނީ!

ޕީސްފައުންޑޭޝަންގެ ދަޢުވަތަކަށް ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މެލޭޝިއާގެ އައްޝައިހް ޙުސައިން ޔީ ރާއްޖެ ވަޑައި ގަންނަވަނަވާގޮތައް ހަމަޖެހިއްޖެއެވެ.

 

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޞަބާހް މުހައްމަދު (ޗޭ) ވިދާޅުވީ ޝައިޚް ހުސައިން ޔީ ރާއްޖެ ވަޑައިގަންނަވަނީ ޕީސް ފައުންޑޭޝަންއިން ކުރިއަށް ގެންދާ “ދި ލެގަސީ” އިވެންޓުގައި ތަޤްރީރު ކުރެއްވުމަށް ކަމަށާއި ޝައިޚް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 25 ގައި ކަމަށެވެ.

 

ޗޭ އިތުރަށް ވިދާޅުވީ ޝައިޚް ހުސައިން ޔީ ގެ ދަތުރުގައި ޒުވާނުންނަ ޚާއްސަ ހަރަކާތްތަކާއި ވޯރކްޝޮޕެއްވެސް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

 

މެލޭޝިއާގެ ޗައިނީސް ބުޑިސްޓް ޢާއިލާއަކަށް އުފަން އައްޝައިޚް ޙުސައިން ޔީ އަކީ 1960ގެ އަހަރުތަކުގެ ފަހުކޮޅުގައި އިސްލާމްވެ ވަޑައިގެން އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޙަދީޘް ޢިލްމު އުގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެދުވަސްވަރު އުޅުއްވި 20 ވަނަ ޤަރުނުގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް ނާޞިރުއްދީން އަލް-އަލްބާނީ ގެ އަރިހުން ކިޔަވާ ވިދާޅުވުމުގެ ޝަރަފު ލިބިވަޑައިގެން ވާ ބޭފުޅެކެވެ. އައްޝައިޚް ޙުސައިން ޔީ އަކީ މެލޭޝިއާގައި ފުޅާދާއިރާއެއްގައި ދަޢުވަތުގެ ޙަރަކާތްތައް ހިންގާ “އަލް-ޚާދިމް” ގެ ފައުންޑަރ އަދި ރައީސްއެވެ.

 

ކުރިންވެސް ގިނަ ޢާމުންނާއި ވިޔަފާރިތަކުގެ ތަރުހީބު ލިބުނު “ދަ ލެގަސީ” އިވެންޓް ސްޕޮންސަރ ކުރުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ.

 

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑޭޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން މިހިނގާ 2017 ވަނަ އަހަރުވެސް ވަރަށް ތަފާތު ޙަރަކާތްތަކެއް އެޖަމިއްޔާއިން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން “ނަމޫނާ” ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި “ދަ ލެގަސީ” އަދި “ޕެބްލްސް ފެމެލީ ހަވީރު” ފާހަގަ ކޮށްލެވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!