ސައުދީ އިސްވެ އޮވެ ޔަމަނުގައި ޙޫޘީންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ހަޤީގަތް

2011 ވަނަ އަހަރު ފެށިގެންދިޔަ އަރަބި ބަހާރުގެ ހޫނު ވައިރޯޅިތައް އެންމެ ގަދައަށް ޖެހުނު އެއް ޤައުމަކީ ޔަމަނެވެ. މިއާއެކު އޭރު ޔަމަނުގެ ވެރިކަމުގައި ހުރި އަލީ އަބްދުﷲ ޞާލިހްގެ 33 އަހަރުވީ ދިގުވެރިކަން ނިމުމަކަށް އައެވެ. އެއަށްފަހު 2012 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާ ޔަމަނުގެ ވެރިކަމަށް ކުރީގެ ނައިބު ރައީސް ޢަބްދުއްރައްބު މަންސޫރް އަލްހާދީ އައުމާއެކު އިރާނުގެ މަދަދާއެކު ހައްދުފަހަނައަޅާފައިވާ ޝީޢީން ނުވަތަ ރާފިޟީންގެ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ ޙޫޘީން ޔަމަނުގައި ހަމަނުޖެހުން ހިންގާ ޔަމަނުގެ ވެރިކަން ބަޣާވާތަކުން ފޭރިގަތެވެ. މިކަން ވެގެންދިޔައީ ޤައުމުގެ ދާޚިލީ ހަމަނުޖެހުން އިތުރަށް ބޮޑުވެގެންދިޔަ ކަމަށެވެ.

ސައުދީ އަރަބިޔާއިން ޙޫޘީންނާއި ދެކޮޅަށް ހަނގުރާމަފެށީ ކީއްވެ؟

2014 ވަނަ އަހަރުގެ ސެޕްޓެމްބަރމަހު ހޫޘީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަންޢާ ހިފައި ރައީސް މަންސޫރު އަލްހާދީގެ ވެރިކަން ބަޣާވާތަކުން ދުރުކުރިއެވެ. މިއާއެކު ޔަމަނުގެ ރައްޔިތުން އިންތިހާބުކުރި މަންސޫރު އަލްހާދީގެ ސަރުކާރުން ހޫޘީންނާއި ހަނގުރާމަކުރުމަށް ސައުދީ އަރަބިޔާގެ އެހީތެރިކަމަށް އެދުނެވެ. އަދި ސައުދީ އިސްވެ އޮވެ 9 ޤައުމު ހިމެނޭ ކޯލިޝަނެއް އުފައްދާ ހޫޘީންނާއި ހަނގުރާމަފެށިއެވެ.

ޔަމަނުގައި ކުރިއަށްދާ ހަނގުރާމައާއި ގުޅޭގޮތުން ދިއިސްލާމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް އަބްދުﷲ ވިދާޅުވީ ޔަމަނުގައި ސައުދީ އިސްވެ އޮވެ ހޫޘީންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ކުރަންޖެހިފައިވާ ކަމެއް ކަމުގައި ޤަބޫލުކުރާ ކަމަށާއި އެހެނީ ހޫޘީންނަކީ އަޤީދާގެ ގޮތުންވެސް މުސްލިމުންނާއި ޢަދާވާތްތެރި ޖަމާޢަތެއް ކަމަށާއި އެޖަމާއަތުގެ ނުރައްކާ އަވަށްޓެރި ސައުދީ އަރަބިޔާއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ.

ޝައިޚް އަބްދުﷲ ވެސް ފާހަގަކުރެއްވި ގޮތުގައި ސައުދީ އިސްވެ އޮވެ ޔަމަނުގައި ހޫޘީންނާއި ދެކޮޅަށް ހަނގުރާމަފެށީ ޝަރުޢީ ހަމަތަކުގެ މަތިން އެޤައުމުގެ ވެރިކަމާއި ހަވާލުވި މަންސޫރު އަލްހާދީގެ އެދިވަޑައިގަތުމުންކަމަށެވެ. އަދި ޙޫޘީންގެ ފަރާތުން ސައުދީއަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ފާހަގަކުރައްވާ ޝައިޚް އަބްދުﷲ ވިދާޅުވީ ސައުދީ އަރަބިޔާގެ ބިމުގައިވާ މުސްލިމުންގެ ދެޤިބްލަ ހިމާޔަތްކުރުމަކީ ކޮންމެ ހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށާއި އަދި ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ އަމާންކަމަށް މަސައްކަތްކުރުމުގެ ހައްޤު ލިބިގެންވާ ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅޭގޮތުން އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް ވިދާޅުވީ ހޫޘީ ހަނގުރާމަވެރި ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ޖަމާޢަތަކީ ޔަމަނުގެ ސަރުކާރާއި ދެކޮޅަށް ނިކުން އަޤީދާގެ ގޮތުން ޝީޢީ ފިރުޤާގެ ޖަމާއަތެއް ކަމަށާއި ޔަމަނުގައި އޮތް ޝަރުއީވެރިކަން ފުރޮޅިގެންދިއުމަކީ ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމެއްކަމަށެވެ.

ޙޫޘީންނަށް އެހީތެރިވަމުންދާ ބަޔަކީ އީރާންކަން ފާހަގަކުރައްވާ ޝައިޚް ސަމީރު ވިދާޅުވީ ސުންނަތާއި ސުންނަތުގެ އަހުލުވެރިން ދިފާޢުކުރުމަށާއި ޔަމަނުގެ ޝަރުޢީވެރިކަން އަނބުރާ ގެނައުމަށް ހޫޘީންނާއި ހަނގުރާމަކޮށް އެމީހުން ބަލިކުރުމަކީ ކުރަންޖެހިފައިވާ ކަމެއްކަމުގައި ޤަބޫލުކުރާކަމަށެވެ. އިތުރަށް ޝައިޚް ސަމީރު ވިދާޅުވީ ސައުދީއިން ޙޫޘީންނާއި ކުރަމުންދާ ހަނގުރާމައަށް ސައުދީ އަރަބިޔާގެ ޢިލްމުވެރިންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުފައްދާފަހުރި ޢިލްމުވެރިންގެ ގިނަ ޖަމާއަތްތަކުން އެކަން ހުއްދަ ކަމަށް ވިދާޅުވެ ފަތުވާ ދީފައިވެއެވެ.

ޢީރާނުން ވާގިވެރިވާ ޝީޢީ ޖަމާއަތްތަކުގެ ނުރައްކާ ވަށައިގެންހުރި ޤައުމުތަކަށްވަނީ ވަރަށް ބޮޑުވެފައެވެ. ސައުދީ އަރަބިޔާއަށް އެތައް ފަހަރަކު މިސައިލް ހަމަލާތައް ދީފައިވާއިރު އެޤައުމުންވަނީ މިސައިލްތަކުގެ އަމާޒަށް ވާސިލްވުމުގެކުރިން ވައްޓާލާފައެވެ.

އީރާނުގެ އެހީތެރިކަން ޙޫޘީންނަށް

ޙޫޘީންނާއި ހަނގުރާމަކުރަމުންދާ ކޯލިޝަނާއި އެހެންވެސް ފަރާތްތަކުން ބުނާގޮތުގައި ޙޫޘީ ހަނގުރާމަވެރިންނަށް ފައިސާއާއި ހަތިޔާރުގެ ގޮތުންވެސް އެެެންމެ ބޮޑު އެހީތެރިކަމެއް ދެމުންއަންނަނީ ޝީޢީ އެންމެ ބޮޑު ދައުލަތް ކަމުގައިވާ އީރާނުންނެވެ.

އ.ދ ގެ ސަލާމަތީ މަޖްލީހަށް 2015 ވަނަ އަހަރު ހުށަހެޅުނު ސިއްރު ރިޕޯޓަކާއި ހަވާލާދީ އޭފްޕީއިން ހާމަކޮށްފައިވާ ގޮތުގައި 2009 އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް އީރާނުންވަނީ ޙުޘީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދީފައެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރ 26 ވަނަ ދުވަހު ސައުދީ އަރަބިޔާއިންވަނީ ހޫޘީ ހަނގުރާމަވެރިންނަށް ރޮކެޓާއި އެހެންވެސް ހަނގުރާމައިގެ ހަތިޔާރުތައް ބަރުކޮށްގެންދިޔަ އީރާނުގެ މަސް ބޯޓެއް އަރަބި ކަނޑުން އަތުލައިގެންފައިވާ ކަމަށް ހާމަކޮށްފައެވެ.

މިކަންކަމާއި ގުޅޭގޮތުން އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީވަނީ އީރާނުން ޙޫޘީންނަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ޚާމަނާއީ ވިދާޅުވެފައިވަނީ އީރާނުން ފޮނުވަނީ ހަމައެކަނީ ބޭހާއި ކާނާގެ ބާވަތްތަކެވެ.

މީޑިއާތަކުންދަނީ ހަނގުރާމައިގެ ސޫރަ ހަޑިކުރަމުން

ސައުދީއިން ޙޫޘީންނާއި ކުރަމުންދާ ހަނގުރާމައިގެ ސޫރަ ހަޑިކޮށް ހަޤީގަތް އޮޅުވާލުމަށް ޔަހޫދީ، ޝީޢީ މީޑިއާތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޚަބަރުތަކުގައި ސައުދީގެ ހަމަލާތަކުގައި އާއްމުން ރައްޔިތުން މަރުވާކަމަށް ރިޕޯޓުކުރަމުންދާއިރު، ޙޫޘީ ހަނގުރާމަވެރިން ސައުދީންދޭ ހަމަލާތަކުގެ އައްޑަނައަކަށް އިންސާނުން ބޭނުންކުރަމުންދާ ވާހަކައަކީ އެފަދަ މީޑިއާތަކުން ނުދައްކާ ވާހަކަތަކެވެ.

މިކަމަށް އަލިއަޅުވާލާ ޝައިޚް އަބްދުﷲ ވިދާޅުވީ މިފަދަ ގިނަ އަޑުތަކަކީ ކާފަރުންގެ ޕްރޮޕެގެންޑާގެ ދަށުން ފަތުރަމުންދާ އަޑުތައް ކަމަށާއި މިފަދަ ކަންކަމަށް އަޅުގަނޑުމެން މުސްލިމުން ސަމާލުވާންޖެހޭ ކަމަށެވެ.

ޙޫޘީންގެ އަނިޔާވެރިކަން

2004 ވަނަ އަހަރުން ފެށިގެން ޙޫޘީންވަނީ ޔަމަނުގެ އުތުރު ސަރަޙައްދުގައި އެމީހުންގެ ޝީޢީ އަމިއްލަ ދައުލަތެއް ބިނާކުރުމަށް ދާޚީލީ އެތަކެއް ހަނގުރާމަތަކެއް ކޮށްފައެވެ. މިހަނގުރާމަތާކައި މީގެ ފަހުން ޔަމަނުގައި ހިނގަމުންއައި ހަމަނުޖެހުންތަކުގައި ޙޫޘީންވަނީ އެތަކެއް މުސްލިމުންނެއް ޤަތުލުކޮށްފައެވެ. ބައެއް އަވަށްތައް ޙޫޘީން ޙިޞާރުކޮށް އެތަނުގެ އަހުލުވެރިންނަށް ކާބޯތަކެތި އެތެރެވާނެ ގޮތްތައް ބަންދުކޮށް ޙޫޘީންގެ ހަމަލާތަކުގައި ޒަޚަމްވާ މީހުން ބޭސްފަރުވާއަށް އެހެން އަވަށަކަށް ދިއުމަށް ހުރަސްއެޅުންފަދަ ލާއިންސާނީ އެތަކެއް ޖަރީމާތަކެއްވަނީ ހިންގާފައެވެ.

 

އެޑިޓަރުގެ ނޯޓް: ސައުދީ ކޯލިޝަނުން ޙޫޘީ ހަނގުރާމަވެރިންނާއި ކުރަމުންދާ ހަނގުރާމައިގެ އިތުރު މައުލޫމާތުތައް އިންޝާ ﷲ ދިއިސްލާމްގެ ކިޔުންތެރިންނަށް ގެނެސްދެމުންދާނެ ވާހަކަ ދަންނަވާލަން.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!