މަރުވުމަށްފަހު ޘަވާބަޢި ދަރުމަ ލިބޭނެ 6 ކަމެއް

  1. މިސްކިތަކަށް މުޞްޙަފެއް ހަދިޔާކުރާށެވެ.

 

ކީރިތި ޤުރުއާނަކީ ﷲގެ ކަލާމްފުޅެވެ. އެ ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް 10 ހެޔޮކަން ދެއްވާނެކަމުގެ އުފާވެރި ޙަބަރު މާތް ނަބިއްޔާ ﷺ ވަނީ ދެއްވާފައެވެ. މިސްކިތްތަކަކީ އެތަނެއްގައި ގިނަ އަދަދެއްގެ ބަޔަކު ރޭގަނޑާއި ދުވާލު ޤުރުއާން ކިޔަވަން ތިބޭ ތަނަކަށްވުމުން މިސްކިތަށް މުޞްޙަފެއް(ޚަތިމެއް) ހަދިޔާކުރުމުން މީސްތަކުން އެ މުޞްހަފުން ކިޔާވާނެއެވެ. އެހެންކަމުން އެފަދައިން ކިޔަވާނަމަ ކަށަވަރުންވެސް އެއީ އެމުޞްހަފު ހަދިޔާކުރި މީހައަށް ޘަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ.

 

  1. ކޮންމެވެސް ހޮސްޕިޓަލަކަށް ފުރޮޅުލީގޮނޑި އެއް ހަދިޔާކުރާށެވެ.

 

ހޮސްޕިޓަލުތަކަކީ ނުވަތަ ޞިއްޙީމަރުކަޒުތަކަކީ އެތަންތަނަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބަލިވެގެން ފަރުވާ ހޯދުމަށްޓަކައި ގޮސްއުޅޭ ތަންތަނެވެ. ފުރޮޅުލީގޮނޑި ނުވަތަ ވީލްޗެއަރ އަކީ އެތަންތަނަށްދާ މީހުންނަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީވާ ބައެއްކަމުން ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް މިފަދަ ގޮނޑިއެއް ހަދިޔާކުރުމުން އެއޮތީ މަރުވުމަށްފަހުވެސް ޘަވާބާއި ދަރުމަ ލިބޭނެ ރަނގަޅު މަގެއް ކޮށިފައެވެ.

 

  1. މިސްކިތެއް ބިނާކުރުމުގައި ބައިވެރިވާށެވެ.

 

މިސްކިތް ބިނާކުރުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަ ހުރިކަމެކެވެ. އެކަން ބަޔާންކުރަށްވާ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ‏ “‏ مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ ‏” (رواه مسلم) މާނައީ: ﷲއަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް، މާތް ﷲ އޭނާއަށް ސުވަރުގޭގައި ހަމައެފަދަ ތަނެއް ބިނާކޮށްދެއްވާނެއެވެ.”

ވީމާ، މިސްކިތެއް ބިނާކުރުމުގައި ބައިވެރިވެއްޖެނަމަ އެކަމަކީ މަރުވުމަށްފަހުވެސް ޘަވާބު ލިބޭނެ ކަމަކަށް ވެގެންދާނެއެވެ.

 

  1. މީސްތަކުން ޖަމާވާ ތަންތަނުގައި ފެން ކޫލަރ އެއް ބަހައްޓާށެވެ.

 

ފެން ޞަދަޤާތްކުރުމަކީ ހެޔޮ ޢަމަލެކެވެ. އެހެންކަމުން މަރުވުމަށްފަހުވެސް ޘަވާބާއި ދަރުމަ ލިބޭނެ ކަމެއް ކުރުމަށް ބޭނުންނަމަ މީސްތަކުން އެއްވެ އުޅޭ ތަނެއްގައި ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ހަމަޔަޤީނުންވެސް ނުކޮށް ދޫކޮށްލާވަރު ކަމެއްނޫނެވެ. އެންމެ މޮޅު ޞަދަޤާތަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “‏ سَقْىُ الْمَاءِ ‏”‏‏ (سنن النسائي) މާނައީ: “ބުއިމަށްޓަކައި ފެން ދިނުމެވެ.”

 

  1. ގަހެއް އިންދާށެވެ.

 

ގަސް އިންދުމަކީވެސް މަރުވުމަށްފަހު ޘަވާބާއި ދަރުމަ ލިބިގަތުމަށްޓަކައި ކުރެވިދާނެ ރަނގަޅު އިންވެސްޓްމަންޓެކެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “‏ مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلاَّ كَانَ لَهُ بِهِ صَدَقَةٌ ‏”‏‏ (رواه البخاري ومسلم) މާނައީ: “މުސްލިމަކު ގަހެއް އިންދައި ނުވަތަ ދަނޑެއް ހައްދައި، ދެން ދޫންޏެއް ނުވަތަ އިންސާނެއް ނުވަތަ ޖަނަވާރެއް އެގަހުން ނުވަތަ އެދަނޑުން ކައިބޮއެހަދާ ފަހަރަކު އެމުސްލިމަކަށްޓަކައި ޞަދަޤާތެއް ކަމުގައި ނުވާ އެއްވެސް މުސްލިމެއް ނުވެއެވެ.”

 

  1. މި ވާހަކަތައް އިތުރުމީހުންނާއި ޙިއްސާ ކުރާށެވެ.

 

ހަމައެކަނި މިވާހަކަތަކެއް ނޫނެވެ. މިފަދަ ކޮންމެ ހެޔޮ ވާހަކައެވެ. ސޯޝަލްމީޑިއާގައި ހަޑިހުތުރު ވާހަކަތަކާއި ބޭކާރު ވާހަކަތަކާއި ފޮޓޯތައް ފެތުރުމުގެ ބަދަލުގައި ހެޔޮ ވާހަކަތަކާއި ހެޔޮ ނަޞޭހަތްތައް ފަތުރަމާ ހިނގާށެވެ. އެފަދަ ވާހަކައެއް ނުވަތަ ބަސްކޮޅެއްގެ ސަބަބުން އެންމެ މީހަކަށް ހިދާޔަތް ލިބުމަކީވެސް އެފަދަ ގޯސް ވާހަކަތައް ފެތުރުމަށްވުރެ މާރަނގަޅު ކަމެކެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Alhamdulillah Ya ALLAH
    Maasha ALLAH JazakALLAH khayr

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!