18 އަހަރުނުވާ އަނބިމީހާއާއެކު އަނބިފިރިކަމުގެ ގުޅުން ހިންގުމަކީ ކުށެއްކަމަށް އިންޑިއާގެ ސްޕްރިމް ކޯޓުން ކަނޑައަޅައިފި

އަނބިމީހާއަކީ އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މީހެއްނަމަ، އޭނާއާއި އެއްކޮށް އަނބިފިރިކަމުގެ ގުޅުން ހިންގުމަކީ ކުށެއްކަމަށް އިންޑިއާގެ ސްޕްރިމް ކޯޓުން އިއްޔެ ކަނޑައަޅައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިއްޔެ ނިއު ދިއްލީގައި ހުންނަ ސްޕްރިމް ކޯޓުންވަނީ އިންޑިއާގެ ރޭޕް ޤާނޫނު އިސްލާހުކޮށް 18 އަހަރުނުވާ އަނބިމީހާއާއެކު އަނބިފިރިކަމުގެ ގުޅުން ހިންގުމަކީ އިންޑިއާގެ ޤާނޫނުލް އުޤޫބާތުގެ ދަށުން ކުށެއްކަމުގައި ކަނޑައަޅާފައެވެ. އަދި މިފަދަ އަމަލެއް ފިރިމީހާ އަނބިމީހާއާއެކު ހިންގައިފިނަމަ އެމައްސަލަ އެއް އަހަރު ދުވަހުގެ ތެރޭގައި އަނބިމީހާ ހުށަހަޅަންޖެހޭނެކަމަށާއި މިހުކުމް ހިނގާނީ މިހުކުމުގެ ފަހުން ކުރެވޭ މިފަދަ ކައިވެނިތަކަށް ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

 

ޖިންސީ ޢަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އިންޑިއާގައި ހަދާފައިވާ ޤާނޫނު ބުނާ ގޮތުން 18 އަހަރުން ދަށުގެ މީހަކާއި ޖިންސީ ޢަމަލެއް ހިންގުމަކީ ކުށެކެވެ. އަދި ފިރިމީހާ އޭނާގެ އަނބިމީހާއަކީ 15 އަހަރު ފުރިފައިވާ މީހެއްނަމަ އަނބިމީހާއާއެކު އަނބިމީހާގެ ރުހުމުގައި އަނބިފިރިކަމުގެ ގުޅުން ހިންގުން މިޤާނޫންވަނީ އިސްތިސްނާކޮށްފައެވެ. ނަމަވެސް ސްޕްރިމް ކޯޓުން އިއްޔެކުރި ހުކުމުން ރުހުން ދެވޭނެ އުމުރަކީ 18 އަހަރުކަމުގައިވަނީ ކަނޑައަޅާފައެވެ.

މިހުކުމާއެކު އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރަމުންދާ ޖަމާއަތްތަކުންވަނީ މިހުކުމަކީ 18 އަހަރުނުވާ މީހުންނާއި ކައިވެނިކުރުން ހުއްޓުވަން އެޅުނު ރަނގަޅު ފިޔަވަޅެއްކަމުގައި ބުނެފައެވެ.

2016 ވަނަ އަހަރުގެ ޔުނިސެފްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 18 އަހަރުނުވާ އެންމެ ގިނަ މީހުން ކައިވެނިކޮށްގެން އުޅެނީ އިންޑިއާގައެވެ. އެގޮތުން އިންޑިއާގެ 18 އަހަރުނުވާ މީހުންގެ ތެރެއިން 26 މިލިއަނަށްވުރެ ގިނަ މީހުން އުޅެނީ ކައިވެނިކޮށްގެންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!