ޕްލޭބޯއީ މޮޑެލަކު އިސްލާމްވީ ގޮތުގެ ވާހަކަ

އަހަރެންގެ ނަމަކީ ޖެމީއެވެ. އިސްލާމްދީނުގެ ނޫރުން އަހަރެންގެ ހިތާއިނަފްސު އަލިވެ، ވިދާ ބަބުޅަންފެށުމުގެ ކުރިން އަހަރެން އުޅުނީ ކަޅުފޮއެ ރެއެއްފަދަ ޖަހާލަތުގެ އަނދިރިގަނޑެއްގެ ތެރޭގައެވެ. ދުނިޔޭގައި ދިރިއުޅެމުން ދިޔައީ ޙަޤީޤީ އެއްވެސް މަޤްޞަދެއް ނެތިއެވެ. އޭރު އަހަރެން އުޅުނީ އިންސާނަކު ލަދުގަންނަން ޖެހޭފަދަ ދަށު ދަރަޖައިގެ މުޑުދާރު ދިރިއުޅުމެއްގައެވެ. 5 އަހަރު ވަންދެން ދުނިޔޭގެ ނަން މަޝްހޫރު މޮޑެލް ކުންފުންޏެއްކަމަށްވާ ޕްލޭބޯއީއަށް އަހަރެން މޮޑެލްކުރީމެވެ. ހަށިގަނޑަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އަހަންނަށް ދެއްވި އަމާނާތެއްކަމެއް އަހަންނަކަށް ވިސްނިފައެއް ނެތެވެ. އަދި އެއާއެކު ހިކިކޮށް ހުރުމުގެ ނަމުގައި އަހަރެން މަސްތުވާތަކެތިވެސް ބޭނުންކުރަންފެށީމެވެ. އަހަންނަކީ އަބަދުވެސް އަމިއްލަ ނަފުސަށް އިތުބާރުކުރާ މީހެއްކަމުން، މަސްތުވާ ތަކެއްޗަށް އެޑިކްޓް ނުވެ، ސަލާމަތުން ހުރެވޭނެކަމަށް އަހަރެން ހީކުރީމެވެ. ނަމަވެސް ކަންވީ އެހެނެއްނޫނެވެ. މަސްތުވާތަކެއްޗަކީ އެބޭނުންކުރާ ކޮންމެމީހަކުވެސް އެއަށް އެޑިކްޓް ކޮށްލާ އެއްޗެއްކަމުން އެޑިކްޝަނުން އަހަންނަށް ސަލާމަތެއްނުވިއެވެ.

އޭރު އަހަރެން އުޅުނީ މީހަކާ އިނދެގެންނެވެ. އަހަރެންގެ ފިރިމީހާވެސް އަހަންނާ އެކު މަސްތުވާތަކެތި ބޭނުންކުރެއެވެ. އަދި މަސްތުގެ “ހިނދުކޮޅުގައި” ކުރެވޭ ނުކުރެވޭއެއް ނޭނގި އޭނާ، އަހަނަށް އަނިޔާ ކުރަންފެށިއެވެ. އަދި ދުވަހެއް ދުވަހަކަށް މި އަނިޔާތަށް އިތުރުވަމުންދިޔައެވެ. އެހިސާބުން މީގެ ނުރައްކާތެރިކަން އަހަންނަށް ވަޒަންކުރެވެންފެށިއެވެ. ދިރިއުޅުމާމެދު އަހަންނަށް ވިސްނެން ފެށުނީ އެހިސާބުންނެވެ. މި”އަޅުވެތި” ދިރިއުޅުމާ އަހަރެންގެ ޟަމީރު ދެކޮޅުހަދަންފެށިއެވެ. އެއާއެކު މިކަމުން ސަލާމަތްވާން އަހަރެން އަޒުމް ކަނޑައެޅީމެވެ. އަދި ފިރިމީހާގާތު، އަހަރެން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާނެ ވާހަކަ ބުނީމެވެ. ނަމަވެސް އޭނާގެ ކިބައިން އަހަންނަށް ކުރިމަތިވީ މަލާމާތާއި ފުރައްސާރައެވެ. އަހަންނަށް މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާނުލެވޭނެކަމަށް ބުނެ ގޮންޖަހަންފެށިއެވެ. ނަމަވެސް ﷲ ގެ ތަނަވަސް ރަޙުމަތުން އެއްވެސް ރިހެބްލިޓޭޝަނަކާ ނުލާ އަދި އެހެން އެއްވެސްފަރާތެއްގެ އެހީއަކާ ނުލާ، އަމިއްލައަށް މަސްތުވާތަކެއްޗާ ދުރުވެގަތީމެވެ. އޭގެ ދުވަސްކޮޅެއްފަހުން އަހަންނަށް ފިރިހެން ދަރިއަކު ލިބުނެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް އެތުއްތު ދަރިފުޅަށް ހުއްޓުނެވެ. އެލޯބޮ ލޯބި ފުއްގަނޑަށް ބޭނުންވަނީ ހެޔޮލަފާ މަންމައެއްގެ ލޯތްބާއި އަޅާލުމެވެ. ދަރިފުޅުދެކެ އަހަރެން ވަރަށް ލޯބިވަމެވެ.

ކްރިސްޓިއަން އާއިލާއަކަށް އުފަންވެ، ކްރިސްޓިއަނެއްގެ ގޮތުގައި ބޮޑުވަމުންދިޔައިރު، އިލާހެއްގެ އިޙްސާސް އަހަންނަށް މިދީނުން ލިބިފައެއްނުވެއެވެ. ކްރިސްޓިއަނެއްގެ ގޮތުގައި އުމުރުން 31 އަހަރު ހޭދަކުރިއިރު، ދުވަހަކުވެސް އިލާހެއް ނުވަތަ ހެއްދެވި ފަރާއެއް ވާކަމެއް އަހަންނަކަށް އިޙްސާސްވެފައެއްނެތެވެ. އަހަރެންގެ ފިރިމީހާއަކީ އިރާނުގެ ކްރިސްޓިއަނެކެވެ. ކުރިންވެސް ބުނެވުނު ފަދައިން އޭނާ އަހަންނަށް ވަރަށް އަނިޔާ ކުރިއެވެ. އަދި އޭނާއާއާއެކު ހޭދަވާކޮންމެވަގުތެއްވެސް ހޭދަވަނީ ކުޅޭކުޅޭ ބުދެއްފަދައިންނެވެ. އެއްވެސް އިޙްތިރާމެއް ލޯތްބެއް އޭނާގެ ކިބަޔަކުން އަހަންނަކަށް ނުލިބެއެވެ. އެހެންވެ، އޭނާ ދޫކޮށް އަލުން އައު ދިރިއުޅުމަކާ ދިމާލަށް މިސްރާބު ޖެހީމެވެ. އަދި ޙަޤީޤަތް ހޯދުމަށްޓަކައި ވަރުގަދަ ދަތުރެއް ފެށީމެވެ. މިދަތުރުގައި، އެންމެންވެސް ބިރުގަންނަ، އަދި ރުޅިއަންނަ ދީނެއްގެގޮތުގައި އަހަންނަށް އިސްލާމްދީން ފެނުނެވެ. އެއާއެކު އަހަރެން އިސްލާމްދީން ދިރާސާކުރަން ފެށީމެވެ. ދިރިއުޅުމުގައި އަހަންނަށް ވަނީ ޣައިރު-މުސްލިމެއްގެ ކިބައިން ހައްދުފަހަނައަޅައިފައިވާ އަނިޔާތަކާ އެތައްފަހަރަކު ކުރިމަތިލާންޖެހިފައެވެ. އަހަރެން ބޭނުންވީ އިސްލާމްދީނަކީވެސް އެފަދަ އަނިޔާވެރި ދީނެއްތޯ ބަލައިލުމަށެވެ.

ދިރާސާކުރަމުންދިޔަވަރަކަށް އަހަންނަށް މިދީނުގެ ތެރެއަށް ބޮޑަށް ވަދެވެންފެށިއެވެ. އަހަންނަށް އެނގެންފެށީ ދުވަހަކުވެސް ހިތަށްވެސް އަރާފައިނުވާފަދަ ކަންތައްތަކެކެވެ. އިސްލާމްދީނަކީ ތެދު އަދި ޙައްޤު ދީންކަން އަހަންނަށް މަޑުމަޑުން ތަޞައްވަރުކުރެވެން ފެށިއެވެ.  އަހަންނަށް ފެނުނު އެންމެ ފާހަގަކުރެވުނު ކަމަކީ އިސްލާމްދީނުގައި، އަންހެނުންނަށް ދީފައިވާ ޤަދަރާއި އިޙްތިރާމާއި އަޅާލުމާއި ލޯތްބެވެ. އަހަންނަށް ނުލިބުނުއެއްޗަކީ އެއީއެވެ. އަހަރެމެން، އަންހެނުންގެ ދިރިއުޅުމަކީ އެހާ ފަސޭހަ ދިރިއުޅުމެއްނޫނެވެ. ވިސްނަން ޖެހޭ އެތައްކަމެއް ހުރެއެވެ. ގޭގެކަންތައްތައް ބަރާބަރަށް ބަލަމުން ދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އެތައްމަސައްކަތެއް ކުރަންޖެހެއެވެ. އޭގެއިތުރަށް ފިރިމީހާގެ ޙައްޤުތަށްވެސް ފުރިހަމައަށް އަދާކޮށްދޭންޖެހެއެވެ. އަދި 9 މަހާއި 10 ދުވަސްވަންދެން ހަށިގަނޑުތެރޭގައި ކުއްޖަކު އުފުލުމުކީ ވެސް ކުޑަކަމެއް ނޫނެވެ. މިހުރިހާކަމަކަށްޓަކައި އިސްލާމްދީން އަހަރެމެން އަންހެނުންނަށް ދީފައިވާ ޤަދަރާއި ޢިޙްތިރާމް އަހަންނަށް ފެނުނެވެ.

އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަނާ ޚިލާފަށް، މިސްކިތް ތަކުގައިވެސް އަންހެނުން ތިބެންޖެހެނީ ފިރިހެނުންގެ ލޯތަކަށް ނުފެނާނޭހެން ފަރުދާ ވެގެންނެވެ. މިސްކިތުގައި ތިބޭއިރު އަންހެނުން ފެންނަންފަށައިފިނަމަ، އަޅުކަމުން ނެއްޓި، ފިރިހެނުންގެ ނަޡަރު އެކަނބަލުންނާ ދިމާލަށް ގޮސްދާނެކަން އިސްލާމްދީން ދަނެއެވެ. އަހަރެމެންގެ ކިބައިގައި ފިރިހެނުންނަށް ފިތްރީގޮތުންވެސް އެދުންވެރިކަން ލައްވާފައިވީހިނދު، އެއެދުންވެރިކަން ފުއްދޭނޭ އެންމެހާ ޙަރާމް ދޮރުތަކެއް އިސްލާމްދީން ވަނީ ބަންދުކޮށްފައެވެ. މިކަން ވެގެންދިޔައީ އަހަރެން އިސްލާމްދީން ޤަބޫލުކުރަން މެދުވެރިވި މައިގަނޑު ސަބަބަށެވެ. އަދި ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވުމަށް އަހަރެން ނިންމީމެވެ.

އޭގެކުރިން އަހަރެންގެ ދިއުޅުން އޮތީ ދުނިޔޭގެ އަވާމެންދުރަށް ގޮސް ހުސްވެފައެވެ. މޮޑެލްކުރަމުންދިޔައިރު، ހޮލީވުޑްގެ ފިލްމުތަކުގެ ބައެއް މަންޡަރުތަކަށް އެކްޓް ކުރަންވެސް އަހަންނަށް ފުރުސަތު ލިބެމުން ދިޔައެވެ. ހޮލީވުޑްގެ ފިލްމެކޭ ބުނުމުން އެއީ އާދައިގެމީހަކަށް ލިބޭނޭ ފުރުސަތެއްނޫނެވެ. މިހުރިހާ ކަމެއްދޫކޮށްފައި މުސްލިމަކަށް ވުމުން ވަރަށް ގިނަމީހުން އަހަންނާ ސުވާލުކޮށް ހެދިއެވެ. އެމީހުންގެ ސިކުނޑިތަކަކަށް މިއީ ޤަބޫލު ކުރެވޭ ވަރުގެ ކަމެއްނޫނެވެ. ނަމަވެސް އަހަންނަށް މިކަމުން ފާހަގަ ކުރެވުންނު އެންމެ އަޖައިބުކުރަނިވި ކަމަކީ، ޝަހާދަތުގެ ދެކަލިމަ ކިޔުމާއެކު، އިސްވެދިޔަ ޖާހާއި، މަޖަލާއި، މަޝްހޫރުކަމަށް އަހަރެންގެ ހިތުގައިވާ އެދުންވެރިކަން އެއްކޮށް ފިލައިގެން ދިޔަކަމެވެ. އަދި މުސްލިމަކަށް ވުމާއެކު، އަހަރެންހެ މަރުވެފައިވާ ހިތަށް ހިތްހަމަޖެހުން ލިބި، އާރޯކަމާއި ދިރުމުން ހިތް ފުރިގެންދިޔައެވެ. އަންނަށް އިސްލާމްދީނުގެ ހިދާޔަތް ލިބިދާނެ ކަމަށް މީގެ ކުރިން ދުވަހަކުވެސް އުންމީދެއްނުކުރަމެވެ. ހުޅަނގުގެ ވަކިއަތަކަށް ޖެހިފައިވާ މީޑއާއިން އިސްލާމްދީނާ މެދު ފަތުރާ ދޮގު ވާހަކަތަކުގެ ސަބަބުން އަހަރެން އިސްލާމްދީނަށް ނަފުރަތުކުރީމެވެ. އަހަންނަށް މުސްލިމުން ސިފަކުރެވުނީ ޓެރަރިސްޓުންގެ ގޮތުގައެވެ. ނަމަވެސް ﷲގެ ރަޙުމަތުން އެހުރިހާ ކަމެއް މިހާރު ބަދަލު ވެއްޖެއެވެ. މިހާރު، އަހަންނަކީ މުސްލިމެކޭ ބުނަން  އަހަރެން ފަޚުރުވެރިވެއެވެ. މީސްތަކުން ކިތަންމެ ރުޅިއަޔަސް އަހަރެން އިސްލާމީ ޙިޖާބުން ނިވާވާކަށް ފަހެއްނުޖެހެމެވެ. އަހަންނަކީ ފަޚުރުވެރި މުސްލިމެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭ. ހަމަކަށަވަރުން ﷲ ޞުބުޙާނަހޫ ވަތަޢާލާ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދާނޭ ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަގުފުރައްދައިފި މީހަކަށް ތެދުމަގުދައްކާނޭ ފަރާތެއްވެސް ނުވެއެވެ. ކަންއޮތީ މިހެންނަމަވެސް ﷲ، ތެދުމަގު ދައްކަވާނީ އެކަމުގެ ޞަލާޙިއްޔަތު ހުރި މީހާކަށެވެ. ޙައްޤު ހޯދުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްގެން މެނުވީ އެޞަލާޙިއްޔަތުކަމެއް ނުލިބޭނެއެވެ. ނިކަން ވިސްނައިބަލާށެވެ. އިސްވެނިމިގެން އެދިޔައީ، މަޝްހޫރު މޮޑަލެއް އިސްލާމް ވިގޮތުގެވާހަކައެވެ. އެފަދަމީހަކު އިސްލާމްވެދާނެކަމަށް ހީކުރާނީ ކާކުތޯއެވެ. އޭނާ ޙައްޤު ހޯދުމަށް ފެށިދަތުރުގައި އެވަނީ އިސްލާމްދީނުގެ ޙިދާޔަތާހަމައަށް ވާޞިލުވެފައެވެ. އެއާއެކު އިސްލާމީ ދިރިއުޅުމަކަށް އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްފިއެވެ. އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުންގެ ތެރެއިން ފެންނަނީ މީގެ ދިމާއިނދިކޮޅެވެ. ދިވެހިންމީ، އިސްލާމީ ވެއްޓަކަށް އުފަންވެ، މުސްލިމުންގެ ގޮތުގައި އުޅެބޮޑުވަމުންދާ ބައެކެވެ. ނަމަވެސް މިއަގުބޮޑު ނިޢުމަތް ހަނދާންނައްތާލައި، އަޅުގަނޑުމެންގެ ތެރޭގައި ލާދީނިއްޔަތުދަނީ ވަރަށްބާރަށް ފެތުރެމުންނެވެ. ޙައްޤުން އެއްކިބާވެ، ބިރަކާނުލާ މަޖާކުރުމަށް އަޅުގަނޑުމެން އަމާޒުހިފާފައިވާއިރު، އާޚިރަތެއް، ސުވަރުގެއެއް، ނަރަކައެއް ވާކަމެއް ހަނދާނެއްނެތެވެ. މިފަދަވާހަކަތަކުން ޢިބްރަތް ޙާޞިލުކޮށް ނަފްފު އިޞްލާޙުކުރަންވީ ވަގުތު އަދިވެސް ނާދޭތޯއެވެ؟ ކާމިޔާބާއި ފަލާޙުގެ މަގަކީ އެއީކަން ޔަޤީނެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Alhamdulillah Ya ALLAH
    Maasha ALLAH . JazakALLAH khayr

  2. Maashaa Allaah.
    V Iburaitheri haadhisaaeh.
    Mifadha gina liyunthah liyumuge heyo thaufeeq Muthee ah Allaah minvarukurahvvaashi kurahvvavaa. Aameen

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!