މާމުޔާއި ގުޅޭ ޙަދީޘެއް އޮޅުވާލައިގެން ޤުރްއާނުގެ ޞައްޚަކަމާމެދު ސުވާލު އުފައްދާ ކައްޛާބުންނަށް ރައްދެއް

ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ މާމުއިގަ ޝިފާ ލައްވާފައިވާކަން އަންގަވާފައެވެ. وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ (سورة النحل: 68-69)

ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް إلهام ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ! (68) ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (69)

އިސްލާމްދީނާމެދު ދޮގުވާހަކަތައް ފަތުރާ ފަރާތްތަކުން ޤުރްއާނުގެ މިއާޔަތާއި، މާމުޔާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ޙަދީޘްފުޅަކާ ތަޢާރުޟުވާކަމަށް ބުނެއެވެ. އެބައިމީހުން ބުނާގޮތުން، އެ ޙަދީޘުން އެގިގެން ދަނީ މާމުއިން ޝިފާ ނުލިބޭ ކަމެވެ. އެބައިމީހުން އެ ޙަދީޘުން ނަގަނީ، އޭގެ އެއް ބައެވެ. ޙަދީޘުން ޤުރްއާނާ ތަޢާރުޟުވާ ކަމަށް “އެބައިމީހުންނަށް” ފެންނަބައި ޛިކުރުކޮށް، ޤުރްއާނާ އިއްތިފާޤްވާބައި ޛިކުރެއްނުކުރެއެވެ.

ޤުރްއާނާމެދު ދޮގުވާހަކަދައްކާ މީހުން މިއާޔަތާމެދު ދައްކާ ވާހަކަ:

ޙަދީޘް ގައިވަނީ މިފަދައިންނެވެ: “رسول الله صلى الله عليه وسلم ގެ އަރިހަށް ފިރިހެނަކު އައިސް ދެންނެވިއެވެ. ތިމަންނާގެ އަޚްގެ ބަނޑުދިޔާވެ، ބޭރަށް ހިންގަން ފަށައިފިއެވެ. އެހިނދު رسول الله صلى الله عليه وسلم އޭނާއަށް ޙަދީޘް ކުރެއްވިއެވެ. އޭނާއަށް މާމުއި ބޯންދޭށެވެ. ދެން އޭނާ، އޭނާގެ އަޚަށް މާމުއި ބޯން ދިނުމަށްފަހު އެނބުރި އައިސް ދެންނެވިއެވެ. ތިމަން އޭނާއަށް މާމުއި ބޯންދީފީމެވެ. އެކަމަކު ބަނޑުދިޔާވުން އިތުރުވުން ފިޔަވާ އެހެންކަމެއް ނުވެއެވެ. އެހިނދު ރަސޫލާ محمد صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އޭނާއަށް މާމުއި ބޯންދޭށެވެ މާތްﷲގެ ބަސްފުޅަކީ އެންމެ ތެދު ބަސްފުޅެވެ. އަދި [ކަލޭގެ އަޚާގެ ބަނޑު ދޮގު ބުނެފިއެވެ.]” ކަންމިހެން އޮތްއިރު އަހަރެމެންގެ ހިތުގައި އުފެދޭ ސުވާލަކީ ” ބަލިމީހާ އަށް މާމުއިން ޝިފާ ނުލިބުނު އިރު، އަހަރެމެން ކިހިނެއްތޯ ﷲ ގެ ބަސް ތެދުކޮށްފަ ބަލިމީހާގެ ބަނޑު ދޮގުކުރާނީ. އަދި މީގެއިން محمد صلى الله عليه وسلم ގެތެދުވެރިކަމާމެދު ސުވާލު އުފެދެއެވެ. އަދި މާމުއިން ބަލިމީހާއަށް ލިއްބައިދޭ އަޘަރާ މެދު ވެސް ސުވާލު އުފެދެއެވެ.

އިސްލާމްދީނާމެދު ދޮގުވާހަކަތައް ފަތުރާ ފަރާތްތަކުން މިތާގައި ބަޔާން ކުރަން ބޭނުން ވާ ވާހަކަ އަކީ، ބަލި މީހާއަށް ބަލިން ޝިފާ ނުލިބުނު ވާހަކައެވެ. މާމުއި ބޯން ދިނުމަށްފަހު ވެސް ބަލިން ފަސޭހަ ނުވުމުން އެއިން އެނގިގެން ދަނީ ޤުރްއާނުގައި ވާ ފަދަ ޝިފާއެއް މާމުއި ގައި ނުވާކަމެވެ.

ނަމަވެސް މިއީ އޭގައި އެއްވެސް އޮއްޓަރެއް ހުރި ވާހަކައެއް ނޫނެވެ. ސަބަބަކީ އެޙަދީޘް އެއްކޮށް ކިޔާލުމުން، މާމުއިން އޭނާގެ ބަލި ރަނގަޅުވެގެންދިޔަކަން ހާމަ ވެގެންގޮސްފައިވީތީއެވެ.

އެޙަދީޘް އަދި ޙަދީޘާމެދު ތަޙްޤީޤީ ނަޡާރަކުން ބަލައިލުމެއް

عَنْ أَبِي سَعِيدٍ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ أَخِي يَشْتَكِي بَطْنَهُ‏.‏ فَقَالَ ‏”‏ اسْقِهِ عَسَلاً ‏”‏‏.‏ ثُمَّ أَتَى الثَّانِيَةَ, فَقَالَ ‏”‏ اسْقِهِ عَسَلاً ‏”‏‏.‏ ثُمَّ أَتَاهُ الثالثة, فَقَالَ ‏”‏ اسْقِهِ عَسَلاً ‏” ثُمَّ أَتَاهُ فَقَالَ قد فَعَلْتُ‏.‏ فَقَالَ ‏”‏ صَدَقَ اللَّهُ، وَكَذَبَ بَطْنُ أَخِيكَ، اسْقِهِ عَسَلاً ‏”‏‏.‏ فَسَقَاهُ فَبَرَأَ‏.‏

ޞަޙީޙުލްބުޚާރީއާއި މުސްލިމުގައި ވެއެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވިއެވެ. رسول الله صلى الله عليه وسلم ގެ އަރިހަށް ފިރިހެނަކު އައިސް ދެންނެވިއެވެ. ތިމަންނާގެ އަޚްގެ ބަނޑުދިޔާވެ، ބޭރަށް ހިންގަން ފަށައިފިއެވެ. އެހިނދު رسول الله صلى الله عليه وسلم އޭނާއަށް ޙަދީޘް ކުރެއްވިއެވެ. އޭނާއަށް މާމުއި ބޯންދޭށެވެ. ދެން އޭނާ، އޭނާގެ އަޚަށް މާމުއި ބޯން ދިނުމަށްފަހު އެނބުރި އައިސް ދެންނެވިއެވެ. ތިމަން އޭނާއަށް މާމުއި ބޯންދީފީމެވެ. އެކަމަކު ބަނޑުދިޔާވުން އިތުރުވުން ފިޔަވާ އެހެންކަމެއް ނުވެއެވެ. އެހިނދު محمد صلى الله عليه وسلم އޭނާއަށް ޙަދީޘްކުރެއްވީ އަނެއްކާވެސް މާމުއި ބޯން ދިނުމަށެވެ. މިގޮތަށް 3 ފަހަރު ކަންތައް ކުރުމަށްފަހު ހަތަރުވަނަ ފަހަރު އޭނާ އައުމުންވެސް އެކަލޭގެފާނު ޙަދީޘްކުރެއްވީ އޭނާގެ އަޚަށް މާމުއި ބޯން ދިނުމަށެވެ. އެހިނދު އޭނާ ދެންނެވިއެވެ. އަޅުގަނޑު އޭނާއަށް މާމުއި ބޯންދީފީމެވެ. ނަމަވެސް ބަނޑުދިޔާވުން ފިޔަވާ އިތުރުކަމެއް ނުވެއެވެ. އެހިނދު ރަސޫލާ محمد صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މާތްﷲގެ ބަސްފުޅަކީ އެންމެ ތެދު ބަސްފުޅެވެ. އަދި [ކަލޭގެ އަޚާގެ ބަނޑު ދޮގު ބުނެފިއެވެ.] ދެން އޭނާގެ އަޚާއަށް މާމުއި ބޯންދިނުމުން އެބަލިން އޭނާ ސަލާމަތް ވެއްޖެއެވެ.

މި ޙަދީޘް އެއްކޮށް ކިޔައި، އެއާމެދު އިންސާފުވެރި ނަޡަރަކުން ވިސްނައިފި މީހަކަށް މިއާޔަތުން ﷲ ގެ ކުޅަދުންވަންތަކަމުގެ ހެއްކިތައް އަދި ޤުރްއާނުގެ މުޢުޖިޒާތް ފެންނާނެއެވެ. އަދި އެބުނާފަދަ ތަޢާރުޟެއް މިޙަދީޘަކުން ނުފެންނާނެކަން ކަށަވަރެވެ.

ޙަދީޘުންނެގޭ މައިގަނޑު ނުކުތާތައް

  1. ޙަދީޘުން އެނގޭގޮތުން، ބަލިމީހާއަށް ޖެހިފައިވަނީ ބޭރަށް ހިނގުމުގެ ބައްޔެވެ (ޑައިރިއާ) އެވެ.
  2. ފުރަތަމަ ފަހަރަށް މާމުއި ބުއިމުން ބަލިމީހާގެ ބަނޑު ދިޔާވުން ވީއިތުރެވެ.
  3. އެގޮތަށް 4 ފަހަރަށް މާމުއި ދިނުމުންވެސް ބަލި ބޮޑުން ފިޔަވައި އިތުރުކަމެއް ނުވެއެވެ.
  4. ދެން ފަސްވަނަ ފަހަރަށް މާމުއި ބޯން އަމުރުކުރައްވަމުން އެކަލޭގެފާނު صلى الله عليه وسلم މާތްﷲގެ ބަސްފުޅަކީ އެންމެ ތެދު ބަސްފުޅު ކަމަށާއި ބަލިމީހާގެ ބަނޑު ދޮގުކުރުމަށް ޙަދީޘްކުރެއްވިއެވެ.
  5. ފަސްވަނަނަ ފަހަރަށް މާމުއި ދިނުމުން ބަލި އެއްކޮށް ފަސޭހަވެގެންދިޔައެވެ.

ޑައިރިއާ ޖެހިފަހުރި މީހަކު ފޮނތަކެދި ކައިބޮއެ ހަދާނަމަ ބަލި ބޮޑުވާ ކަމީ އެނގިގެންވާ ކަމެކެވެ. އެއީ ފޮނި ކާތަކެތީގައި ހުންނަ “ފްރަކޮޓޯސް” ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. އަދި މާމުޔަކީ ފޮނި އަދި ފްރަކްޓޯސް ހިމެނޭ ބުއިމެކެވެ. ނަމަވެސް ރަސޫލުﷲ صلى الله عليه وسلم އެންގެވީ މާމުއި ބުއިމަށެވެ. ސަބަބަކީ ﷲ ﷲ ޞުބުޙާނަހޫ ވަޠަޢާލާ ވަނީ، ޤުރްއާނުގެ މަތިވެރި އާޔަތްތަކުން މާމުއިގައި ޝިފާ ލައްވާފައިވާކަން އެނގޭތީއެވެ. އަދި ހަމަކަށަވަރުންވެސް އެކަލާނގެ ބަސްފުޅަކީ ތެދު ބަސްފުޅެވެ. ވީމާ މާމުއި ބުއިމުން ޝިފާ ލިބޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ޑައިރިއާ އިން ފަސޭހަވުމަށް މާމުއި ބޭނުންކުރާނަމަ، ފުދޭވަރަކަށް ގިނައިން މާމުއި ބޯން ޖެހެ އެވެ. ހަތަރު ފަހަރު މާމުއި ބޯން ޖެހުނީ މިސަބަބައްޓަކައެވެ.

ވީމާ، މީގެއިން އަހަރެމެންނަށް އެނގިގެން މިދިޔައީ، ޤުރްއާނާއި ރަސޫލުﷲ صلى الله عليه وسلم ގެ މިޙަދީޘްފުޅާ އެއްވެސްކަހަލަ ތަޢާރުޟެއް ނުވާ ކަމެވެ. އަދި އިސްލާމްދީނާ ބެހޭ ގޮތުން ދޮގު ވާހަކަތަށް ފަތުރާ “ކައްޛާބުން” ގެ ދޮގުވެރިކަމާއި އެބައިމީހުން ދައްކާ ވާހަކަތައް ހަމަނުޖެހޭ ކަމެވެ. އަދި ﷲ ސުބުޙާނަހޫ ވަޠަޢާލާ މާމުއިގައި ޝިފާ ލައްވަވާފައިވާ ކަމެވެ.

ހަމައެއާއެކު އަހަރެމެން ހަނދާންބަހައްޓަން ޖެހޭ ކަމަކީ، މާމުޔަކީ ހުރިހާ ބައްޔަކަށް އޮތް ޝިފާއެއް ކަމަށް ޤުރްއާނުގައި އަންގަވާފައެއްނެތެވެ. ޤުރްއާނުގައި ބޭނުންކޮށްފައިން ޞީޣާ އިން އެނގެނީ މާމުއިގައި ޝިފާ ވަނީ ބައެއް ބަލި ތަކަށް ކަމެވެ. (فِيهِ شِفَاءٌ لِّلنَّاسِ) މާނަ:” އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. “. މާމުއިގައި ހުރިހާ ބައްޔަކަށް ޝިފާވާނަމަ، އެއާޔަތުގައި އޮންނާނީ މިފަދައިންނެވެ: (هُوَ الشِّفَاءُ لِلنَّاسِ) މާނަ: “އެއީ (އެބަހީ: މާމުޔަކީ) އިންސާނުންނަށް ވާ ޝިފާއެކެވެ”

 

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!