ރޮހިންޖާ މުސްލިމުންނަށް ކޮލެރާ ވެކްސިން ދޭންފަށައިފި

ބަލި މަޑުކަމެއް ފެތުރުން ހުއްޓުވުމަށް އ.ދ އިން ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް ކޮލެރާ ވެކްސިން ދޭންފަށައިފިއެވެ.

އިއްޔެ ވެކްސިން ދޭންފެށުމާއެކު ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުންވަނީ ސިއްޚީ ޚިދުމަތް ދިނުމަށް ވަގުތީގޮތުން ހަދާފައިވާ ސެންޓަރުތައްކައިރި ދިގު ކިއުތައް ހަދާފައެވެ.

ނުސާފު ފެނުގެ ޒަރީޢާއިންޖެހޭ ކޮލެރާއަކީ ފަރުވާ ނުކުރެވިއްޖެނަމަ މަރުވުން އެކަށީގެންވާ ނުރައްކާތެރި ބައްޔެކެވެ. ބަންގްލަދޭޝްއާއި ގުޅިގެން އ.ދ އިން މަސައްކަތްކުރަމުން އަންނަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ 650،000 ރޮހިންޖާ މުސްލިމުންނަށް ކޮލެރާ ވެކްސިން ދިނުމަށްކަމަށް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ސްޕޯކްސްޕާރސަން ހާމަކޮށްފައިވާ ގޮތުގައި މިއީ މިގޮތަށް އެފަރާތުން ހިންގާ ދެވަނައަށް އެންމެ ބޮޑު ވެކްސިންދިނުމުގެ ހަރަކާތެވެ. މީގެ ކުރިން 2016 ވަނަ އަހަރު ތޫފާން މެތިއުގެ ސަބަބުން ހާލުގައި ޖެހުނު ހެއިޓީގެ 800،000 މީހުންނަށްވަނީ ކޮލެރާ ވެކްސިން ދިނުމުގެ ބިޔަ ހަރަކާތެއް ހިންގާފައެވެ.

ރޮހިންޖާ މުސްލިމުންނަށް ކޮލެރާ ވެކްސިން ދޭންފަށާފައިވާއިރު މިދިޔަ ހަފްތާ އެކަނިވެސް ބޭރަށް ހިންގުމުގެ 10،300 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ސިއްޚަތު ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!