ވާވޭ މޭޓް 10 – ސްމާރޓް ފޯނަކަށްވުރެ ސްމާރޓް

އެޕަލުން މިހާތަނަށް ނެރުނު އެންމެ ކުޅަދާނަ އައިފޯނު ނެރެފިއެވެ. ސެމްސަންގުން، ބެޓެރީގެ މުޅިން އައު އިޖާދުތަކެއް ކުރަމުން އެބަދެއެވެ. އެލްޖީއަށްވުރެ އެމޯލެޑް ޓެކްނޮލޮޖީގައި އެހެންބަޔަކު ކުރިޔަށްޖެހުނަ ނުދީ ހިފެހެއްޓޭނެހާ ގޮތެއް އެދަނީ ހޯދަމުންނެވެ. ވީވޯއިން، މުޅި ފޯނުގެ ކޮންމެ ހިސާބެއްގައި އިނގިލި ޖައްސާލިޔަސް ފިންގަރޕްރިންޓް ދެނެގަންނާނެ ގޮތަށް ފޯނެއް ފަރުމާކޮށްފިއެވެ. ހައްތަހާވެސް ބޮޑެތި ޚަބަރުތަކެވެ. މި އަހަރަކީ ސްމާޓްފޯނުގެ ދުނިޔެއަށް އިންޤިލާބެއް ގެނުވާނެ އަހަރެއްކަމަށް ކުރިންވެސް މީހުން އައީ ކިޔަމުންނެވެ. އެހެން ތިއްބާ ދެން ފެނުނީ ވާވޭއިން ނެރުނު ވީޑިއޯއެކެވެ. އޭގައި ބުނަނީ މައިގަނޑު ދެ ވާހަކައެކެވެ. ފުރަތަމައީ، އެއީ މޭޓް ސީރީޒްގެ 10 ވަނަ ފޯނު ކަމެވެ. ދެވަނައީ، އެ ފޯނަކީ ހަމައެކަނި ސްމާރޓް ފޯނެއް ނޫންކަމާއި، އޭގައި އާރޓިފިޝަލް އިންޓެލިޖެންސް ހިމަނާފައިވާކަމެވެ.

ރަޝިޔާގެ ރޮބޮޓެއް، އެ ގެންގުޅޭ ސައިންޓިސްޓުންނަށް ފިލައިގެން ދެފަހަރު ހޯދަންޖެހުނެވެ. އޭގެން އެއްފަހަރު ފެނުނީ މުޒާހަރާކުރާ ބައެއްގެ ތެރޭގައި ހުއްޓައި ފުލުހުން ގޮސް އޭތި ހައްޔަރުކޮށްގެން އުޅެނިކޮށްކަމަށް ވެއެވެ. މި އަހަރުގެ ޖުލައި މަސް ނިމެން އުޅެނިކޮށް ލިބުނު ޚަބަރު އަދި އެއަށްވުރެ ބިރުވެރިއެވެ. ފޭސްބުކްގެ އާޓިފިޝަލް އިންޓެލިޖެންސް ދެ ޕްރޮގްރާމެއް އެކަތި އަނެކައްޗާ ވާހަކަދެއްކުމަށް އެވެރިންނަށް ދަސްކޮށްދީފައި ހުރި ބަސް ފިޔަވައި، އިންސާނުން ނުވެސް ދަންނަ ބަހެއް އަމިއްލަޔަށް އުފައްދައިގެން އެކަތި އަނެކައްޗާ މުޢާމަލާތުކުރަމުންދިޔަކަން ފަޅާއެރުމާއެކު، ފޭސްބުކުން ވަނީ އެ ދޭތި ނިއްވާލާފައެވެ. އޭގެ ކުރިން، އާޓިފިޝަލް އިންޓެލިޖެންސްގެ ބާރު ދެވިފައިވާ ރޮބޮޓެއް ވަނީ، ހުރިހައި އިންސާނުން އިންސި ބަގީޗާއަކަށް (ޒުލަކަށް) ލާނެކަމަށް ބުނެފައެވެ.

ކޮންމެއަކަސް އާޓިފިޝަލް އިންޓެލިޖެންސް ހިމަނާފައިވާ ފޯނެއް އާންމު ބޭނުންތަކަށް ނުކުތުމަކީ ކުރިން ކުރަމުން އައި އެތައް ކަމެއް މުޅީން ބަދަލުކޮށްލާނެ ކަމެކެވެ. އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މެޝިން އިންޓެލިޖެންސޭ ކިޔެނީ، މެޝިނެއް ނުވަތަ ސިސްޓަމެއް، އޭގެ ވަށައިގެންވާ މާޙައުލުން އަމިއްލަޔަށް ކަންކަން ދަސްކޮށްގެން، އެ ދަސްކުރާ އެއްޗެއްގެ މައްޗަށް ބިނާކޮށް، ދިމާވާ މައްސަލަތަކުގެ ޙައްލު އަމިއްލަޔަށް ހޯދުމަށެވެ. އިންސާނުންނާއި ޖަނަވާރުންގެ މި ސިފައަށް ކިޔަނީ ނެޗުރަލް އިންޓެލިޖެންސެވެ. އެހެންކަމުން ވާވޭ މޭޓް 10 ވާނީ ވަރު ހުރި ފޯނަކަށްތާއެވެ. ގެންގުޅޭ މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި ދަސްކޮށްގެން އޭނާއަށް އެހީވުމުގައި ލާމަސީލު ނަމޫނާއަކަށްތާއެވެ. އާންމުކޮށް ކޮންމެ ރެޔަކު ފަތިސްނަމާދަށް ހޭލުމަށް ވަކި ގަޑިޔަކަށް އެލާރމްކުރާ މީހަކު، ދިމާވި ކަމަކާހުރެ ހަނދާން ނެތިގެން އެލާރމް އޮފްކޮށްގެން ނިދިއްޖެނަމަ މޭޓް 10 ހަދާނީ ކިހިނެއްބާއެވެ؟

ފަހަތުގައި 20 މެގަޕިކްސެލްގެ ކެމެރާއަކާއި 12 މެގަޕިކްސެލްގެ ކެމެރާއެއް އަޅުވާފައިވާ މި ފޯނުގައި 6 ޖީބީގެ ރެމެއް ހަރުކޮށްފައިވާނެކަމަށް ވާވޭއިން ބުނެއެވެ. އަދި 4000 މިލިއެމްޕަޔަރުގެ ވަރު ހުރި ބެޓެރިއެއް އަޅުވާފައިވާއިރު، ދޮޅު މީޓަރު އަޑިން މިއަށް ފެން ނުވަންނާނެކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ. ބައެއް ޚަބަރުތައް ބުނާގޮތުން މި ފޯނު 25 މިނިޓުން 100 އިންސައްތަ ޗާޖުވާނެއެވެ.

ޖަރުމަނުގެ މިޔުނިކުގައި ދާދި އަވަހަށް މި ފޯނު ދައްކާލާނެކަމަށް ބުނެވެއެވެ. އާންމުންގެ އަތާހަމަޔަށް އަންނާނެ ތާރީޚެއް އަދި ނޭނގުނަސް، ވީޑިޔޯއެއް ހަދައިގެން މިވަރު ކަމެއް ހާމަކުރުމަކީ، ދެން މާ ގިނަ ދުވަހު ކެތްކުރާކަށް ނުޖެހޭނެޔޭ ބުނުންފަދަ ކަމެކެވެ. އެނގޭ ކަމަކީ ނޯޓް 7 އަށް ދިމާވި ޙާދިސާއަށްފަހު، ލައްކަ ގިނަ ގޮތްގޮތަށް ޓެސްޓުތަށް ކޮށްގެން އެންމެ ނާދިރު ޙާލަތްތައްވެސް ކުރިމަތިވޭތޯ ބަލައި ޔަޤީންކޮށްފައި ނޫނީ، އެޕަލް އަދި ސެމްސަންގ ފަހަތުންގޮސް އެއްވަނައަށް އަރަން ފައި ވިއްދާފައި އޮތް ވާވޭ އައު އެއްވެސް އާލާތެއް ނުނެރޭނެކަމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!