އިމާމް ނަވަވީގެ 40 ހަދީޘް (ނުވަވަނަ ބައި)

ނަވާރަވަނަ ހަދީޘް

عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: “يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف”. (رواه الترمذي وقال: حسن صحيح)

وفي رواية غير الترمذي: “احفظ الله تجده أمامك، تعرّف إلى الله في الرخاء يعرفك في الشدة، واعلم أن ما أخطأك لم يكن ليصيبك، وما أصابك لم يكن ليخطئك، واعلم أن النصر مع الصبر، وأن الفرج مع الكرب، وأن مع العسر يسراً”.

އިބުނި އައްބާސް ގެ ފާނު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަން ކަލޭގެފާނު ރަސޫލާ (صلى الله عليه وسلم) ގެ ފަހަތްޕުޅުގައިވަނިކޮށް ރަސޫލާ(صلى الله عليه وسلم) ހަދީޘްކުރެއްވިއެވެ. ” އޭ ކޮއިފުޅާއެވެ. އަހަރެން ކަލެއަށް ކަލިމަތަކެއް އުނގަންނަވައިދެއްވާނަމެވެ.(އެއީ)

  1. ﷲއަށް (ﷲ ގެ ހުކުމް ފުޅުތަކަށް ނުވަތަ އެންގެވުންތަކަށް ) ރައްކާތެރިވާށެވެ. އޭރުން ﷲ، ތިބާ ރައްކާތެރި ކުރައްވާނެއެވެ.
  2. ﷲ ގެ ކިބައަށް ރައްކާތެރިވާށެވެ. އޭރުން ﷲ ތިބާއަށް ވާގިދެއްވުމާއި ރައްކާތެރިކުރެއްވުމާއި ނަސްރުދެއްވުމާއިގެން ވޮޑިގެންވާތީ ތިބާދެކޭނޫއެވެ.
  3. ކަމަކަށް އެދޭނަމަ ހަމައެކަނި ﷲ ގެ ކިބައިން އެކަމަކަށް އެދޭށެވެ.
  4. ވާތްގަށްއެދޭނަމަ އެކަމުގައި ވާގިވެރިވެ ވޮޑިގަތުމަށް ހަމައެކަނި ﷲ ގެ ކިބައިން އެދޭށެވެ.
  5. އަދި ދަންނާށެވެ. އުއްމަތުގެ އެންމެން އެކަތިގަނޑަކަށްވެ ކޮޔަށް ފައިދާއެއްދޭން އުޅުނަސް،ﷲ(ގެ އިރާދަ އާއި މިންވަރުފުޅުގައި) ލިޔުއްވައިފައިވާ ފައިދާ އެއް ނޫނީ އެމީހުންނަކަށް ކޮޔަކަށް ނުދެވޭނެއެވެ
  6. އަދި އެހުރިހާ އެންމެން ވެގެން ކޮޔަށް ގެއްލުންދޭން އުޅުނަސް ﷲ ލިޔުއްވައިފައިވާ ގެއްލުމެއް ނޫން އެހެން އިތުރު ގެއްލުމެއް އެމީހުންނަކަށް ކޮޔަކަށް ނުދެވޭނެއެވެ

ދަންނާށެވެ. މިންވަރުފުޅުގެ ގަލަމުން ލިޔުއްވުމަށް އިރާދަކުރެއްވުނުކަންތައްތައް ލިޔެ ނިމިއްޖެއެވެ. ލައުހުލް މަހުފޫޒު ގެ ޢަޒަލީ ފަތްކޮޅުގައި ލިޔެވުނު ތަކެތީގެ ދެލިގަނޑު ހިކިއްޖެއެވެ.

މި ހަދީޘް ގެއެހެން ރިވާޔަތެއްގައި ވަނީ

” ﷲ ގެ ކިބައަށް ރައްކާތެރިވާށެވެ. (ﷲ ގެ އެންގެވުންތަކަށް ރައްކާތެރިވާށެވެ.) އޭރުން ﷲ ތިބާއަށް ވާގިދެއްވުމާއި ރައްކާތެރިކުރެއްވުމާއި ނަސްރުދެއްވުމާއިގެން ވޮޑިގެންވާތީ ތިބާދެކޭނޫއެވެ.  ފާގަތި ކަމުގެ ދުވަސްތަކުގައި ތިބާ ﷲދެނެގަންނާށެވެ. (ﷲ މަތިން ހަނދުމަކޮށް އެކަލާނގެ އެނގެވި ގޮތަށް އުޅޭށެވެ). އޭރުން ތަދުމަޑުކަމުގެ ދުވަސް ތަކުގައި ތިބާގެ މަތިން ﷲ ދަންނާނެއެވެ.( ތިބާގެ މަތިން ﷲ ހަނދުމަ ކުރައްވާ، ތިބާގެ މުސީބާތް ލުއިކޮށްދެއްވާނެއެވެ.).އަދި ދަންނާށެވެ. ކޮޔަށް ނުޖެހި ހިނގައްގެ ކަމެއް އެއީ ތިބާއަށް ޖެހެންނެތް މުޞީބާތެކެވެ. އަދި ކޮޔަށް މުޞީބާތެއް ޖެހިއްޖެނަމަ، އެމުޞީބާތަކީ ކޮއި ފަހަނައަޅައިދާންނެތް މުޞީބާތެކެވެ.އަދި ދަންނާށެވެ.  ނަޞްރުލިބުންވަނީ ކެތްތެރިކަމާއިއެކުގައެވެ.  އަދި މޮޅިވެރިކަމަކަށްފަހު ހިތާމަ ފިއްލެވުންވެއެވެ. އަދި ދަތިކަމަކަށްފަހު ފަސޭހަކަން އަންނާނެއެވެ.

މި ހަދީޘްގައި ﷲގެ އެންގެވުންތަކަށް ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. ތަޤްވާވެރިވުމަކީވެސް އެއީއެވެ.

ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.

وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾65:4

އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.

 

وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ

އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް ދިންނެވުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.

مَخْرَجًا ގެ މާނައަކީ މުޞީބާތުން ނިކުތުމެގެ މަގެވެ. ޤުރުއާން ދިވެހިތަރުޖަމާގައި މިބަހުގެ ތަރުޖަމާއެއްގޮތުގައި އައިސްފައިވަނީ ”ދިންނެވުމުގެ މަގު” މި ޢިބާރާތެވެ.

އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް އަލްފަވާއިދުގައި ފާފައިގެ ނޭދެވޭއަސަރުތައް ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ.

”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.

ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’

 

އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

..(ولو أن أهل القرى ءامنوا و اتقوا لفتحنا عليهم بركات من السماء و الأرض…) سورة الأعراف 96

”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”

މި ހަދީޘްގައި ކެތްތެރިވުމަށްވެސް ބާރުއަޅުއްވައިފައިވެއެވެ. ދިމާވާ މުޞީބާތްތަކަށް ކެތްކުރުމުގެ އަޖުރު ނުހަނު މަތިވެރިވެފައިވެފައި ބޮޑެވެ.

އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

” مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ ”

އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުއްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.

މި ހަދީޘްގައި ދަތިކަމަކަށްފަހު ފަސޭހަކަމެއް އަންނާނެކަމަށް އައިސްފައިވާގޮތަށް މިފަދަ ޢިބާރާތަކުން ޤުރުއާނުގައިވެސް އައިސްފައިވެއެވެ.

إِنَّ مَعَ الْعُسْرِ يُسْرًا

ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަންވެއެވެ.

ހަމައެފަދައިން، އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ.

ولا حزن يدوم ولا سرور

އަދި ހިތާމައެއްވެސް އަދި އުފާވެރިކަމެއްވެސް އަބަދަށް ދެމިގެންނުދެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!