މާޔޫސްވެ، އުއްމީދު ކަނޑާނުލާށެވެ. (2)

ސޫރަތުލް ފާތިޙާއަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަންހުރި މަގު ދެއްކެވުން އެދި ކުރެވޭ ދުޢާއެކެވެ. މި ސޫރަތް ފެށުމުގައިވާ މާތް ﷲ ގެ އިސްމުފުޅުތަކާއި މެދު ވިސްނާ ފިކުރުކުރާ މީހާއަށް ދަތިތަކާއި މުޞީބާތްތަކާއި ކުރިމަތިލުމަކީ ފަސޭހަކަމެކެވެ.

الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣

 ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން 17 ފަހަރު އެސޫރަތް ކިޔެވޭއިރު، ކޮންމެ ފަހަރަކުވެސް ތިމާ ހައްދަވާ ގެންގުޅުއްވާ އިލާހެއްވާކަން ހަނދާންވާނެއެވެ. އޯގާވަންތަ، ކުލުނުވެރިކަން ބޮޑު އިލާހެއްވާކަން ހަނދާންވާނެއެވެ. އެންމެހާ މަޚްލޫޤުންގެ ވެރި އިލާހު ތިމާއާއިއެކު ވޮޑިގެންވާކަމުގެ އިޙްސާސް ކުރެވޭނެއެވެ.

އެކަލާނގެ އަލްއަޢްރާފު ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ.

وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ

{އަދި ތިމަންރަސްކަލާނގެ ރަޙްމަތް އެންމެހާ ތަކެއްޗެއްގެ މައްޗަށް ތަނަވަސްވެ، ޝާމިލްވެގެންވެއެވެ.}

ﷲ ތަޢާލާގެ ރަޙްމަތް އެންމެހާ މަޚްލޫޤުންނަށް ލިބޭއިރު، އެކަލާނގެ އެންގެވި އެއްކައުވަންތަ ދީން މަތީގައި ތިބި މުސްލިމުންނަށް އެކަލާނގެ އޯގާވަންތަވާނެވަރު ތަޞައްވަރު ކޮށްލައްވާށެވެ.

وَكَانَ بِالْمُؤْمِنِينَ رَحِيمًا ﴿٤٣

އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

މުއުމިނުންނަށް ކުރިމަތިވާ މުޞީބާތްތަކުގެ ސަބަބުން ފާފަތައްފޮހެވިގެންދެއެވެ.

އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

 مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ

އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުއްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.

މުޞީބާތްތަކަށް ކެތްކުރުމާއެކު، މާތް ﷲއަށް ވަކީލުކޮށް ދިރިއުޅުމާއިގެން ކުރިއަށްދިޔުމަށް އިސްލާމްދީން ބާރުއަޅައެވެ.

ތިމާގެ އުއްމީދުތައް ޙާޞިލުވާނީ ދިރިއުޅުމުގައި ދިމާވާ ދަތިތަކަކަށް ކެތްތެރިވެ ، އެ އުއްމީދުތައް ޙާސިލުކުރުމަށް މަސައްކަތްކުރުމުންނެވެ. ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު، ތިމާއަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް މެދުވެރިކުރެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ

ސުނަން އަލް ތިރުމިޒީގައި އައިސްފައިވާ ހަދީސެއްގައިވެއެވެ.

((لو أنكم تتوكلون على الله حق توكله لرزقكم كما يرزق الطير، تغدو خماصاً وتروح بطاناً))..

ތިޔަބައިމީހުން ﷲއަށް ޙައްޤު ގޮތުގައި ވަކީލުކޮށްފިނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ، ދޫނިތަކަށް ރިޒްޤު ދެއްވާ ފަދައިން ރިޒްޤު ދެއްވަވާނެއެވެ. އެތަކެތި ހައި ބަނޑާ ހެނދުނު (ކާ ތަކެތި) ހޯދުމަށް ނުކުމެއެވެ. އަދި ބަނޑު ފުރާ މުއްތި ކޮށްގެން ހަވީރު އަނބުރާ އާދެއެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Alhamdulillah Ya ALLAH
    Maasha ALLAH . JazakALLAH khayr

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!