ރަޝިޔާ ސޫރިޔާގެ ހަނގުރާމައަށް ތަދައްހުލްވިތާ 2 އަހަރު، 5000 އަށްވުރެ ގިނަ އާއްމު ރައްޔިތުން މަރައިފި

އަރަބި ޤައުމުތަކުގެ ވެރިކަންތަކާއި ދެކޮޅަށް ފެށުނު އަރަބި ބަހާރުގެ ހޫނު ވައިރޯޅީގައި 2011 ވަނަ އަހަރު ސޫރިޔާގައި ފެށުނު ހަމަނުޖެހުންތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެ މިއަދު ސޫރިޔާ ދެކެމުންދާފަދަ ހާލަތު އޭރު ތަޞައްވަރުކުރެވުނީ ކިތައް މީހުންނަށް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ސޫރިޔާގައި ކުރެވެމުންދިޔައީ ޖަންގަލީގެ ވެރިކަމެއްކަން އެއީ ކަށަވަރު ކަމެކެވެ. ވެރިޔާގެ ނަމާ ކުރާކަންތަކުގެ ޙަޤީޤަތް ވަރަށްބޮޑަށް މިއޮތީ ދިމާވެފައެވެ. ނަމަކީ އަސަދެވެ. އާދެ! ސިންގާއެވެ. ސިންގާއަކީ ޖަންގަލީގެ ރަސްގެފާނޭ ބުނާތީއަހަމެވެ.

މިޖައްލާދުގެ ޝިކާރައަކަށް އެތައް ހާސް މުލިސްމުންނެއް ހަދާފައިވާއިރު އެހެން ޖަންގަލީގެ ވެރިކަންތަކުންވެސް ދިޔައީ އެބަޔަކަށް ދެވެންއޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ދެމުންނެވެ. އެއިގެ ތެރެއިން އެއްބަޔަކީ ރަޝިޔާއެވެ.

ދުނިޔޭގެ ޞުލްހަ ޤާއިމްކުރުމުގެ ނަމުގައި ކަމަށްބުނެ އުފައްދާފައިވާ އ.ދ އޭކިޔުނު ޖަމާއަތުގައި ބައްޝާރުގެ އަނިޔާވެރިކަން ދިފާއުކޮށް ހަތިޔާރާއި އެހެންވެސް އެހީތެރިކަން ކެނޑިނޭޅި ރަޝިޔާއިންދިޔައީ ފޯރުކޮށްދެމުންނެވެ. ނަމަވެސް ކުޅިބަލަން މާގިނަ ދުވަހު ރަޝިޔާއަށް އޮވެވޭ ގޮތެއްނުވިއެވެ. 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ސޫރިޔާއަށް އަރައި ޢަމަލީ ގޮތުން ބައްޝާރާއެކު މުސްލިމުން މެރުމުގައި ރަޝިޔާއިންވެސް ބައިވެރިވިއެވެ.

ސޫރިޔާ ހަނގުރާމައިގައި ރަޝިޔާ ބައިވެރިވިތާ ދެއަހަރު ފުރިފައިވާއިރު، ސޫރިޔާގެ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ ސީރިއަން ނެޓްވޯކް ފޮރ ހިއުމަން ރައިޓްސްއިންމިވަނީ ސޫރިޔާގައި ރަޝިޔާއިން ކުރަމުންދާ ކަންތައްތަކުގެ ހަޤީގަތް ހާމަކޮށްފައެވެ.

އެގޮތުން އެޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2015 ސެޕްޓެމްބަރު މަހުން ފެށިގެން ރަޝިޔާއިން ސޫރިޔާގައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށްވަނީ 5233 އާއްމު ރައްޔިތުން މަރާލާފައެވެ. އޭގެ ތެރޭގައި 1417 ކުޑަކުދިންނާއި 886 އަންހެނުން ހިމެނެއެވެ. އަދި ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން 2.3 މިލިއަނަށްވުރެ ގިނަ ރައްޔިތުން އަމިއްލަ ގެދޮރު ދޫކޮށް، މަޖުބޫރުން އެހެން ހިސާބުތަކަށް ގޮސްފައިވާ ކަމަށް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސޫރިޔާގެ ބިމަކީ ރަޝިޔާއިން ހަނގުރާމައިގެ އައު ހަތިޔާރުތައް ޓެސްޓް ކުރުމަށް ބޭނުންކުރާ ތަނަކަށް ހަދާފައިވާއިރު 2 އަހަރު ދުވަހުގެ ތެރޭގައި ރަޝިޔާއިންވަނީ 212 ފަހަރު ކްލަސްޓަރ ބޮމުގެ ހަމަލާ ސޫރިޔާގަ ދީފައެވެ. އަދި މީގެ ތެރެއިން ގިނަ ހަމަލާތައް ދީފައިވަނީ ސޫރިޔާގެ އިރު ދެކުނުން އޮންނަ އިދްލިބްއަށެވެ.

ސޫރިޔާ ހަނގުރާމައަށް ހަތްއަހަރުވާން ކައިރިވެފައިވާއިރު މިހަނގުރާމައިގައި މިހާތަނަށް 330،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެތައް މިލިއަން މީހުންނެއްވަނީ އެޤައުމު ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Ya ALLAH ehmehaa muslimun aniyaain salaamai kohdhehvavaafaandheyve aameen adhi midhuniyein vakivi
    Ehmehaa muslimunah suvarugeyge dhaaimee niumai minvaru kohdhehvavaafaandheve aameen

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!