މުޖުޠަމަޢުގެ ނަޒަރުގައި ދެރަ ނަމަވެސް ﷲ ގެ ޙަޟްރަތުގައި މާތް މަސައްކަތެއް

އެއީ އެއްޒަމާނެއްގައި މިދިވެހި ރާއްޖޭގައި އެންމެ އިޙްތިރާމްކުރެވުނު އަދި ރަށްރަށުގައި އެންމެ ކަންވޮށިގެންވާ މީހުންކަމުގައި ރާއްޖޭގެ އެންމެން ވެސް ބަލައިގަތް ބައެކެވެ. އެބައެއްގެ މަޝްވަރާއާނުލާ އެއްވެސްކަމެއް ކުރުމަށް ރަށްރަށުގެ ކަތީބުންނާއި އަތޮޅުތަކުގެ ބޮޑުން ފަސްޖެހުނު ހަރުދަނާ ރައުސުލްމާލެކެވެ. ދީނީ އަދި އެނޫންވެސް ކަންކަމުގައި ރަށު ރައްޔިތުންނަށް ލަފާދީއުޅުނު އެންމެންގެވެސް އެދުރުންތަކެކެވެ. އާދެ މިދެކެވެނީ ޕޮލިޓިކަލް އެޑްވައިޒަރެއް ނުވަތަ ކޯޑިނޭޓަރެއްގެ ވާހަކައެއްނޫނެވެ. އިސްލާމްދީނުގެ ތަނބުކަމަށްވާ ނަމާދު އޭގެ ވަޤުތު ވަދެއްޖެކަން އަޅުގަނޑުމެންނަށް އަނގައިދޭ ހީވާގި މިސްކިތު މުދިމުންގެ ވާހަކައެވެ.

 

ޒަމާންތައް ވޭތުވަމުންދާވަރަކަށް މީސްތަކުންގެ އުޅުމާއި ގުޅުމާއި ވިސްނުމަށް ވަނީ ފުދޭވަރެއްގެ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ބަލާއިރު މީސްތަކުންނާމެދު ދެކެމުންއައި ގޮތްތަކަށްވެސް ވަނީ އިންޤިލާބީ ބަދަލުތަކެއް އައިސްފައެވެ. ކުރިން “ވަކަރުގޭ ކުދިންނޭ” ކިޔައިގެން އުޅުނު ފަދަމީހުން މިވަނީ އަދުގެ ޙަޤީޤީ ޒުވާނުންކަމުގައި ބެލެވެންފަށާފައެވެ. މުސްލިމެއްގެ ސިފަ ބޭރުފުށުން ފެންނަނަމަ އެބެލެވެނީ “ކަޓު” ނުވަތަ ނާތަހުޒީބު މީހެއްކަމުގައެވެ. އެއާއެކު މުދިމުންނާމެދު އަޅުގަނޑުމެން ދެކެމުން އައިގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މުދިންކަމުގެ ވަޒީފާ އަކީ އާދައިގެ “ދެރަ” ވަޒީފާއެއް ކަމުގައި ދެކޭމީހުން މިއަދު އަޅުގަނޑުމެންގެ ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުގައި މަދެއްނޫނެވެ. ނަމަވެސް މިމާތް އަދި ޒިންމާދާރު މަސައްކަތާ ޙަވާލުވެގެންތިބި ފަރާތްތަކަށްޓަކައި ﷲގެ ޙަޟްރަތުގައި ވަނީ ކޮންއެއްޗެއްތޯ ވިސްނާލާ ފިކުރު ހިންގާލަނީ ވަރަށް މަދު ބައެކެވެ.

 

މުދިމުންގެ އަގުވަޒަންކުރަށްވައި އަޅުގަނޑުމެންގެ މާތް ނަބިއްޔާ محمد صلى الله عليه وسلم ޙަދީޘްކުރަށްވާފައި ވެއެވެ. عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : ( لو يعلم الناس ما في النداء والصف الأول ثم لم يجدوا إلا أن يستهموا عليه لاستهموا ) . رواه البخاري ( 590 ) ومسلم ( 437 ) .

މާނަ: އަބޫ ހުރައިރާ رضي الله عنه ގެކިބައިން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ. “މީސްތަކުންނަށް ބަންގި އާއި ފުރަތަމަ ސަފުގެ މާތްކަން އެނގޭ ނަމަ ޤުރުޢަތު ލުން ނޫން ގޮތެއް ނެތިއްޔާ ޤުރުއަތުލައިގެން ވިޔަސް އެ ކަމަށް މީސްތަކުން އަވަސްވެގަތީހެވެ.”

 

އަދިވެސް ހަމަ މިބީދައިން ޙަދީޘްކުރަށްވާފައި ވެއެވެ. عن البراء بن عازب رضي الله عنه أن نبي الله صلى الله عليه وسلم قال : ( إن الله وملائكته يصلون على الصف المقدم ، والمؤذنُ يغفر له بمد صوته ، ويصدقه من سمعه من رطب ويابس ، وله مثل أجر من صلى معه ) رواه النسائي ( 646 ) وصححه المنذري والألباني كما في ” صحيح الترغيب ” ( 235 ).

މާނަ: އަލްބަރާއު ބުނު ޢާޒިބް رضي الله عنه ގެ އަރިހުން ރިވާވެގެނަ އައިސްފައި ވެއެވެ. رسول الله صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ. ” ﷲ އާއި އެއިލާހުގެ މަލާއިކަތުން ފުރަތަމަ ޞަފުގެ އަހުލުވެރިންގެމައްޗަށް ޞަލަވާތް ލައްވަތެވެ. އަދި މުއައްޛިނަށް، އޭނާގެ އަޑު ފޯރާހާހިސާބަކަށް ފާފަ ފުއްސެވުން ވެއެވެ. އަދި އޭނާގެ އަޑުއިވޭ ހިސާބުގައިވާ ދިރޭއެއްޗެއް ނުވަތަ ދިރުމެއް ނުވާއެއްޗެއްވިޔަސް، އޭނާގެ އެ ގޮވާލުމުގެ ތެދުކަން ޘާބިތުކުރާނެއެވެ. އަދި އޭނާޔާއެކު ނަމާދުކުރާ ބަޔަކަށް ލިބޭ ޘަވާބާ ދަރުމައާ އެއްވަރުގެ ޘަވާބާ ދަރުމައެއް އޭނާއަށް ލިބޭހުއްޓެވެ.

 

ޤިޔާމަތްދުވަހު، މަޙުޝަރުގެ މައިދާނުގައި ﷲގެ ޙަޟްރަތުގައި އެންމެން ކޮޅަށްތިބޭދުވަހު ދުނިޔެމަތީގައި މުދިމުންގެ ގޮތުގައި އުޅުނު ފަރާތްތަކުގެ ޙާލު ބަޔާންކުރަށްވައި رسول الله صلى الله عليه وسلم ޙަދީޘްކުރަށްވަނީ މިފަދައިންނެވެ. عن معاوية رضي الله عنه قال : قال رسول الله صلى الله عليه وسلم : ( المؤذنون أطول الناس أعناقاً يوم القيامة ) رواه مسلم ( 387 )

މާނަ: މުޢާވިޔާ رضي الله عنهގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ޤިޔާމަތްދުވަހުން އެންމެ ކަރު ދިގު ބައެއްކަމުގައި ވާހުށީ މުއައްޛިނުންނެވެ.”

 

މިޙަދީޘާ ގުޅިގެން އިމާން އަލް ނަވަވީ ވިދާޅުވެފައިވެއެވެ. “މީގެމާނައަކީ، ޤިޔާމަތްދުވަހުން ﷲ ޠަޢާލާގެ ރަޙުމަތަށް އެންމެ ބޮޑަށް އުންމީދު ކުރެވޭ މީހުންނަކީ މުއައްޛިނުން ކަމެވެ. ސަބަބަކީ އެއްޗަކަށް އެދި އުންމީދުކުރާ މީހާ، އެއްޗެއް ހޯދައި ބެލުމަށްޓަކައި އިސްއުފުލައި، އެދިމާލަކަށް ބަލައި ހަދައެވެ. ނުވަތަ އެކަމުން ދޭހަކޮށްދެނީ އެބައިމީހުންނަށް (މުއައްޛިނުންނަށް) ޤިޔާމަތްދުވަހުން ލިބޭނޭ ޘަވާބާއި ދަރުމައިގެ ގިނަގުނަކަމެވެ.” އިބްނުލް އަޢުރާބީ ވިދާޅުވިއެވެ. ” މިޙަދީޘުން ދޭހަކޮށްދެނީ، މުއައްޛިނުން ވާހުށީ އެންމެ ހެޔޮ ޢަމަލު ގިނަ މީހުންގެ ތެރެއިންކަމެވެ. ” އަދި އަލްޤާޟީ ޢިޔާޟް ވިދާޅުވިއެވެ. ” އެބައިމީހުންނަކީ އެންމެ އަވަހަށް ސުވަރުގެ ވަންނާނޭ މީސްތަކުންގެ ތެރެއިންވާ ބައެވެ.”

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ބަންގީގެ މާތްކަމާއި މަތިވެރިކަމުން ފައިދާ ލިބިގަނެވެން އޮތީ މިސްކިތުގައި މުދިމުންގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަންޏެއްނޫނެވެ. މިކަމަށް ޢިޝާރާތްކުރަށްވާ رسول الله صلى الله عليه وسلم ޙަދީޘްކުރަށްވާފައިވެއެވެ. عن عبد الرحمن بن عبد الله بن عبد الرحمن بن أبي صعصعة الأنصاري عن أبيه أنه أخبره أن أبا سعيد الخدري رضي الله عنه قال له : إني أراك تحب الغنم والبادية فإذا كنت في غنمك أو باديتك فأذنت بالصلاة فارفع صوتك بالنداء ، فإنه لا يسمع مدى صوت المؤذن جن ولا إنس ولا شيء إلا شهد له يوم القيامة . قال أبو سعيد : سمعته من رسول الله صلى الله عليه وسلم . رواه البخاري ( 584 ) .

ޢަބްދުއްރަޙްމާން ބުނު ޢަބްދުﷲ ޢަބްދުއްރަޙްމާން ބުނު ޢަބީ ޞަޢުޞަޢާ އަލް އަންޞާރީ رضي الله عنه އެކަލޭގެފާނުގެ ބައްޕަ އަރިހުން ރިވާކުރައްވައެވެ. އެކަލޭގެފާނުގެ ބައްޕަ އެކަލޭގެފާނަށް ވިދާޅުވިއެވެ. އަބޫ ސަޢީދް އަލް ޚުދްރީ رضي الله عنه ތިމަންނައަށް ދެންނެވިއެވެ. “ތިބާ (ހުއިހެއްޕުމަށް ގެންގުޅޭ) ކަންބަޅި-ބަކަރިއާއި ބާދިޔާ (ނަޢަމްސޫފި ހުއިހެއްޕުމަށް ދާތަން) ދެކެ ލޯބިވާތަން އަހަންނަށް ފެނެއެވެ. ތިބާ ތިބާގެ ކަންބަޅި-ބަކަރިއާއެކު ބާދިޔާ ގައި ވާހިނދު ނަމާދު ވަޤުތު ވަދެއްޖެނަމަ، އަޑުހަރުކޮށް ބަންގިގޮވާ ހުށިކަމެވެ. ފަހެ މުއައްޛިންގެ (ބަންގި ގޮވާ މީހާގެ) އަޑު ފޯރާ ހިސާބުގަ ހުރި ކޮންމެއެއްޗެއް އެއީ ޖިންނިއެއް، އިންސިއެއް އަދި އެނޫން އެހެން އެއްޗެއްވިޔަސް، އެއެއްޗެއް ޤިޔާމަތްދުވަހުން މުއައްޛިން އެގޮވި ބަންގީގެ މައްޗައް ހެކިދޭނެއެވެ.” އަބޫ ސަޢީދު رضي الله عنه ވިދާޅުވިއެވެ. އަހުރެން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަޞައްލަމް ގެ އަރިހުން މިފަދައިން އަޑު އެހީމެވެ.

“شرح مسلم ” ( 4 / 91 ، 92 )

 

ބަންގި ގޮވުމުގެ އިތުރުން ޤަމަތް ދިނުމުގެ މާތްކަންވެސް ޙަދީޘްތަކުން ޘާބިތުވާން އެބަހުއްޓެވެ.

عن ابن عمر رضي الله عنهما أن رسول الله صلى الله عليه وسلم قال : ( مَن أذَّن ثنتي عشرة سنة وجبت له الجنة ، وكتب له بتأذينه في كل يوم ستون حسنة ، ولكل إقامة ثلاثون حسنة ) رواه ابن ماجه ( 728 ) وصححه المنذري والألباني كما في ” صحيح الترغيب ” ( 248 )

އިބްނު ޢުމަރު رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ. ބާރަ އަހަރުވަންދެން ބަންގި ގޮވުމުގައި ދެމިހުރެއްޖެ މީހަކަށް ތިމަންކަލޭގެފާނު ސުވަރުގެ ޔަޤީންކޮށްދެމެވެ. އަދި (އެ ބާރަ އަހަރު ތެރޭގައި) އޭނާ ގޮވި ބަންގިއަށްޓަކައި ކޮންމެ ދުވަހަކަށް ފަސްދޮޅަސް ހެޔޮކަން ލިޔެވެއެވެ. އަދި އަދި (އެ ބާރަ އަހަރު ތެރޭގައި) އޭނާ ދިން ޤަމަތަށްޓަކައި ކޮންމެ ދުވަހަކަށް ތިރީސް ހެޔޮކަން ލިޔެވެއެވެ.

 

ރާއްޖޭގެ ލޮބުވެތި މުވާޠިނުންނޭވެ! މިއަގުހުރި މަސައްކަތާމެދު މުޖުތަމަޢު ދެކެމުން އައިގޮތް ބަދަލުކޮށްލާކަށްނުވޭތޯއެވެ؟ އަޅުގަނޑުމެންގެ ޒުވާން ޖީލަށް މި އަގުހުރި މަސައްކަތުގެ މުހިންމުކަމާއި މާތްކަން ބަޔާންކޮށްދީ ހޭލުންތެރިކޮށްދޭން މާބޮޑަށްވެސް ލަސްވެއްޖެ ނޫންތޯއެވެ؟ މުދިމުންނަށް އަޅުގަނޑުމެންގެ ކާބަފިން ކުރި އިޙްތިރާމް އަލުން އަނބުރާ ދޭކަށް އަދިވެސް ނުވޭތޯއެވެ؟

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މުޖުތަމަޢުގެ ނަޒަރުގައި ދެރަ މަސައްކަތެކޭ ބުނެގެން އެއްވެސް ދިވެއްސެއްގެ ބޮލަށް “މުދިމުން” އަންނާނެ ހެނެއް ހިޔެއް ނުވޭ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!