ދިވެހިރާއްޖެއަށް އެންމެ އެކަށޭނެ ކާރު؟

ބިމުގެ އަޑިން ނަގާ ތެލަކީ އެއް ބަޔަކަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ އެއްޗަކަށްވާއިރު، އަނެއް ބަޔަކަށް އެއީ ދެވަނައެއް ނެތްވަރުގެ ހަތުރެކެވެ. ހަގީގަތަކީ މުޅި ދުނިޔޭގެ ތިމާވެއްޓަށް އެންމެ ގެއްލުންދެނިވި އެކައްޗެއްކަމުގައި އެ ތެރޮ ވެފައިވާކަމެވެ. ނަތީޖާއަކީ ސައިންޓިސްޓުންނާއި، ތިމާވެށްޓަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ހަށިފޮޅާލާފައި ނުކުތުމެވެ. އިސާހިތަކު ބައިނަލްއަޤްވާމީ ބޮޑު މައްސަލައަކަށް މިކަން ވެއްޖެއެވެ. ދެނޭތޯއެވެ؟ ސަރުކާރުތަކުން އިއާދަކުރަނިވި ހަކަތައަށް ކުރާ ހޭދަ އެތައް ގުނައެއް އިތުރުކުރީއެވެ.  ތެޔޮ އަންދައިގެން ދުއްވާ ވެހިކަލް އުފެއްދުމާއި އެތެރެކުރުން މަނާކުރާނެ މުއްދަތުތައް ކަނޑައަޅައި މުޅި ދުނިޔެއަށް އިޢުލާނުކުރީއެވެ. ހަމަ ސީދާ ހަނގުރާމަ އިޢުލާނުކުރީއެވެ.

ދައްކަން މި އުޅެނީ ކާރެއްގެ ވާހަކައެވެ. ގަޑިޔަކު 350 ކިލޯމީޓަރު ބާރުމިނުގައި ދުވެއެވެ. 2.8 ސިކުންތު ތެރޭގައި 0-100 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވައިގަނެއެވެ. މިއީ Quant e-Sportlimousine އެވެ. މި ކާރު ދުއްވާކަށް ތެލެއް، ގޭހެއް، އިރުގެ އަތްވެއްވެސް ބޭނުމެއް ނުވެއެވެ. މިއަށް އަޅަންޖެހޭ ”ތެޔޮ“ މިރާއްޖެއަށްވުރެ ވަކި ފަސޭހައިން ލިބޭނެ ދެވަނަ ޤައުމެއް ވާނެއެކޭ ހިތެއް ނުބުނެއެވެ. ލޮނުފެނެވެ. އާދޭހެވެ! މީގައި ހަކަތަ ހޯދުމަށް ބޭނުންވާ ލޮނުފެން ރައްކާކުރުމަށް، ނުވަތަ ”ތެޔޮ“ އެޅުމަށް 200 ލީޓަރުގެ 2 ޓޭންކު ހުރެއެވެ. ފުރާ “ތެޔޮ” އަޅައިގެން 600 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރެވޭނެއެވެ.

މި ކާރަށް ބޭނުންވާ ހަކަތަ ހޯދަނީ ދެ ޓޭންކު ދެމެދުގައި ހުންނަ ބައެއްގެ ތެރެއިން ލޮނުފެން ދައުރުކުރުވައިގެން، އެއިން އުފައްދާ ކަރަންޓުންނެވެ. މިއަށް އަޅާ ލޮނުފެނުގެ ބަރުދަނާ އެއްވަރުގެ ބަރުދަނުގެ ލިތިއަމް-އަޔަން ބެޓެރިން ލިއްބައިދޭ ހަކަތައިގެ 5 ގުނަ އިތުރު ހަކަތަ މިއިން ލިއްބައިދޭނެކަމަށް ކާރު އުފެއްދި ކުންފުނިން ބުނެއެވެ. އަދި ޔޫރަޕުގެ މަގުތަކުގައި ދުއްވުމުގެ ހުއްދަ ލިބުނު، ލޮނުފެނުން ހަކަތަ ހޯދައިގެން ދުއްވާ ފުރަތަމަ ކާރަކީވެސް މިއީއެވެ.

ރާއްޖޭގައި މިފަދަ ކާރުތަކަށް ބޭނުންވާނެ ލޮނުފެން ފޯރުކޮށްދޭނެ ސްޓޭޝަންތައް ހެދުމަކީ ނުހަނު ޚަރަދުކުޑަ، ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ”ތެޔޮ“ ރައްކާކުރާ ތާނގީތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފާނެކަމަށް އުޅޭކަށް ނުޖެހޭނެއެވެ. މޫސުން ގޯސްވެގެން ތެޔޮ ބޯޓު އައުން ލަސްވާތީ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މި ހުރިހާ ކަމަކަށްވުރެ މުހިއްމު ކަމަކީ، ދުނިޔޭގެ ބާޒާރުގައި ތެލަށް ކޮންމެ ބަދަލެއް އައިކަމުގައި ވިޔަސް ”މަކާ ކޮން ބެހޭކަމެއް“ ހޭ ކިޔާފައި ހުޅުލެ-މާލެ ފާލަން މަތީގައި ކާރު ދުވައްވާލަ ދުއްވާލައި އެއްކަލަ ބަކުރު އިންނަ އިނުމެވެ.

ދެންނެވުނު ކާރު ކިތަންމެ މޮޅަސް، އެ ދުއްވުމަށް ބޭނުންވާ ހަކަތަ ހޯދުން ކިތަންމެ ފަސޭހަޔަސް، އެންމެ ބޮޑު ދައްޗަކަށް ވާނީ އެ ގަންނަން ދާ ބޮޑު ޚަރަދެވެ. ސަރުކާރުން އިމްޕޯރޓް ޑިއުޓީ މާފުކޮށްދިނަސް، މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ސްޕޯރޓްސް ކާރެއް ގަތުން ފަސޭހަކަމަކަށް ނުވުމެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ދިވެހި ޤައުމުގެ އާބާދީ ކިތަންމެ ކުޑަޔަސް، މިއީ ވަރަށް ހުނަރުވެރި ދަރީންތަކެއް އުފައްދާފައިވާ ބިމެކެވެ. ލޮނުފެނުން ދުއްވާ ސްޕޯރޓްސް ކާރު ނިކަން އަގުބޮޑެވެ. އޭގައިވާ ފަދަ އިންޖީނެއް އީޖާދުކުރަން މަސައްކަތްކޮށްފިނަމަ ދިވެހި ދަރިޔަކަށް އެކަން ވެދާނެބާއެވެ؟ ދިވެހި ޒުވާން ސިކުނޑިތައް ބޭނުންވަނީ މަގުދައްކައިދޭނެ ބައެކެވެ. ލޮނުފެނުން ދުއްވާ ކާރު ދުވާ ގޮތް ދިރާސާކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުނަށް ދާދި ފަސޭހައިން އެކަން ކުރެވިދާނެ މަގުތައް ހޯދިދާނެއެވެ. މިކަހަލަ ކުދިކުދި ކާރުތައް އީބޭ އާއި  އަލީއެކްސްޕްރެސް އިން ލިބެން އެބަ ހުއްޓެވެ. އަދި މިކަހަލަ އިންޖީނުން މަސައްކަތްކުރާ ރޮބޮޓް ވެސް އެބަ ހުއްޓެވެ.

ދިވެހިރާއްޖެއަށް އެންމެ އެކަށޭނަ އެއް ކާރަކަށް ގައިމުވެސް ލޮނުފެނުން ދުއްވާ ކާރު ވާނެއެވެ. ޔޫރަޕުގެ މަގުތަކަށް ނެރުނު ކާރު އަގު ބޮޑުވީ ހަމައެކަނި ލޮނުފެނުން ދުއްވާތީކީ ނޫނެވެ. އޭގައި ބޭނުންކޮށްފައިވާ އެހެން ތަކެތީގެ އަގާއި، އާދަޔާޚިލާފު ފައިދާއާވެސް އެކުގައެވެ. ދިވެހި ޓެކްސީ ޑްރައިވަރުންގެ ތެރޭގައި، ޑީސަލްގެ ބަދަލުގައި ކައްކާ ގޭސް ފުޅިއެއް ޑިކީތެރޭގައި ބާއްވައިގެން ކާރު ދުއްވި މީހުން އެބަ ތިއްބެވިއެވެ. އެއީ ދިވެހީންގެ ގޮތެވެ. އަތުގައި ހުރި އެއްޗެއްގެ ބޭނުންކޮށްގެން އައު އީޖާދުތަކުން މުހުދާތުތައް ފުއްދުމުގައި މިއީ ނަމޫނާ ބައެކެވެ. ދިވެހި ދޯނި އެހެން ކަރަތަކުގެ ”ދޯނި“ތަކާ ތަފާތެވެ. ދިވެހި ހަކުރު ހަދަން ރުކުރާ ކައްކާއިރު އެއަށް އަކިރިކޮޅެއް ވައްޓާލައިގެން ފުރިހަމަ ނަތީޖާ ނެރުނެވެ. މިއީ، ބުޅީގައި އެމެއްނެތި، މަހަކުން މަހަކުން އެތައް ޓަނެއްގެ މަސްބާނާ ދިވެހީންނެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ މިއެވެ. ލޮނުފެނުން ދުއްވާގޮތަށް ކާރުގެ އިންޖީނު ބަދަލުކުރާނެ މޮޅު އީޖާދެއް އެންމެ ފުރަތަމަ ކުރާނީ ކޮން ރަށެއްގެ ކޮން ދަރިއެއްބާއެވެ؟

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ފަހު ޕެރެގްރާފްތަކުގައި ތިލިއުއްވީ ވަރަށް މުހިއްމު ވާހަކަތަކެއް. ދިވެހިންގެ މަސްދޯނި ބަލައިލިއަސް ދިވެހީނެގެ ހުނަރު ފެންނާނެ. މިއަދުގެ ޖީލުގެ ގޮތެއްވެސް ނޭނގޭ. ކޮންމެވެސް ގޮތަކުން މިޖީލުވެސް ނެރެ އީޖާދުކުރުމުގެ ފޯރި މިދިވެހިންގެ މިއަދު ހިއްޕާލަންވެއްޖެކެމަށް ފެނޭ. މިކަން ކުރަން އެންމެފަސޭހަވާނީ މީޑިއާއަށް.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!