އަންހެނެއްގެ ފާޙިޝް ދަޢުވަތެއް ލިބުނު އަޅުވެރިޔާގެ ވާހަކަ

އިބްނު އަލް ޖަވްޒީ ރަޙިމަހުﷲ ވިދާޅުވެދެއްވި ވާހަކައެކެވެ. އެއްޒަމާނެއްގައި ވަރަށް އަޅުވެރި، ތަޤުވާވެރި މީހަކު ދިރިއުޅުނެވެ. އޭނާގެ ދުވާލުގެ ވަޤުތުތައް ހޭދަކުރަނީ ރޯދަހިފުމުގައެވެ. އަދި މުޅި ރޭގަނޑު ރޭއަޅުކަމުގައި ހޭދަ ކުރަށްވައެވެ. ޙަރާމް އެއްވެސްކަމެއްގައި އޭނާގެ ނަފުސު މަޝްޢޫލުވިޔަކަ ނުދެއެވެ. އޭނާދިރިއުޅުނު އަވަށުގެ މީހުންނަކީ އެހާ ރަނގަޅު ބައެއްނޫނެވެ. އެބައިމިހުން ތަނަކަށް އެއްވެއްޖެނަމަ ދެބައޮޑުވުމާއި މީސްތަކުންގެ ނެތިމޮށުން ނޫންކަމެއް ނޯވެއެވެ. މިކަމުގެ ސަބަބުން އޭނާ، އެއަވަށުގެ މީހުންނާއެކީ މަސްހުނިވެ އެއް ނޫޅެއެވެ. އަޅުވެރިޔާ، އޭނާގެ ހުރިހާވަގުތެއްވެސް ހޭދަކުރަނީ ގޭގައެވެ. ކާތަކެތި ހުސްވުމުން ބާޒާރާށް ގޮސް ދުވަސްކޮޅަކަށް ވާވަރަށް ކާތަކެތި ގަނެ ރަށްކާ ކުރުމަށްފަހު އަނެއްކާވެސް  ގެއަށްވަދެ މީސްތަކުންނާ އެކަހެރިވެގަނެ ﷲ ސުބުޙާނަހޫ ވަޠަޢާލާއަށް އަޅުކަންކުރުމުގައި ހުރިހާ ވަޤުތެއް ހޭދަކުރެއެވެ.

 

މީނާގެ މި އުޅުމުގެސަބަބުން އެއަވަށުގެ މީހުން ގެ ހިތަށް ހަސަދަވެރިކަން ވެރިވާންފެށި އެވެ. އެބައިމީހުންގެ އެއްވުންތަކުގައި މިއަޅުވެރިޔާއާ ބެހޭގޮތުން ވާހަކަދައްކައި އުޅުނެވެ. އެމީހުން ބުނޫއެވެ. “މިއީ ކޮންކަހަލަ މީހެއް ހެއްޔެވެ. އޭނާއީ އަހަރެމެންނަށްވުރެ މާތް މޮޅޮ މީހެއްކަމަށް އޭނާ ހީކުރަނީ ހެއްޔެވެ.” “އަހަރެމެންގެ އެއްވުންތަކުގައި ބައިވެރި ނުވެ، އަހަރެމެންނާ ވާހަކަ ނުދައްކާ، މުޅިން ވަކިވެގަނެގެން އެއުޅެނީ ކިހިނެއްވެގެން ހެއްޔެވެ.” “އަހަރެމެންނަށް އޭނާ ފެންނަނީ އިސްދަށަށް ޖަހައިގެން ހިނގާފަ ފިހާރައަށް ދާތަނާއި، ފިހާރައިން ގެއަށް ދާތަނެވެ.” “އޭނާ ހިނގާއިރު ކަނާތަކަށް، ވާތަކަށް އަދި ކުރިމައްޗަކަށްވެސް ބަލައެއްއެވެ. އޭނާ ހިނގަނީވެސް އިސްދަށަށް ޖަހައިގެންނެވެ.” މިފަދައިން އަޅުވެރިޔާއާ ބެހޭގޮތުން ވާހަކަ ދެކެވި، އަވަށު މީހުންގެ ހިތުގައި އޭނާއާމެދު އުފެދިފައިބާ ހަސަދައިގެ ހުޅުގަނޑު ބޮޑުވާންފަށައިފިއެވެ. އެންމެފަހުން އެއަޅުވެރިޔާ އަށް ލަނޑެއްދީ، އޭނާ ފަޟީޙަތް ކޮށްލުމަށް އެމީހުން ރޭވިއެވެ.

 

އެކަމަށްޓާކައި އެބައިމީހުން މުޅި އަވަށުގައި އަތްފުނާއަޅައި، އެއަވަށުގައި ހުރި އެންމެރީތި އަންހެންކުއްޖާ ހޯދިއެވެ. އެކުއްޖަކީ ވަރަށްރީތި، ޒުވާންކުއްޖެކެވެ. މީގެ ކުރިން ޒިނޭފަދަ ފާޙިޝް ޢަމަލަކަށް އަރާފައިވާ ކުއްޖެއް ނޫނެވެ. އެބައިމީހުން އެކުއްޖާގާތު ބުންޏެވެ. “އަހަރެމެން ބޭނުންވަނީ ތިބާ އެވެނި މީހަކާއެކު ޒިނޭ ކުރުމަށެވެ.” އެހިނދު އެއަންހެންކުއްޖާ ޖަވާބުދިނެވެ. “އަހަރެން ތިޔަފަދަ ނުބައި ޢަމަލަކަށް އަރައިގަންނާނީ ކިހިނަކުން ހެއްޔެވެ.” ކަންދިމާކުރިގޮތުން މިއަންހެންކުއްޖާއަކީ އެއަވަށުގެ އެންމެ ފަޤީރު މީހުންގެތެރެއިންވާ ކުއްޖެކެވެ. ދިރިއުޅުމުގެ ކަންކަން އޭނާއަކަށް އެހާ ފަސޭހައެއްނޫނެވެ. މިކަންދެނެގަނެ އަވަށުގެ މީހުން އެއަންހެންކުއްޖާއަށް ބުންޏެވެ. “މިކަންކޮށްދީފިނަމަ އަހަރެމެން ތިބާއަށް ތިބާގެ ބަރުދަނުގެ މިންވަރަށް ރަންދޭނަމެވެ. އަދި އެއަށްވުރެވެސް ގިނައިން ތިބާއަށް ދޭނަމެވެ. އޭރުން މިހާރު ކުރިމަތިލާންޖެހިފައިވާ ދަތި، އުނދަގޫ ފަޤީރު ދިރިއުޅުން އަރާމު، މުއްސަނދި ދިރިއުޅުމަކަށް ބަދަލުވެގެންދާނެއެވެ. ތިބާ ހަމައެކަނި ކުރަންޖެހޭނެކަމަކީ، އަހަރެމެން ދައްކާ މީހަކާ އެކީގައި ޒިނޭ ކޮށްލުމެވެ.”

 

އެހެންބުނުމުން އެއަންހެންކުއްޖާ ގެއަށްގޮސް އޭނާގެ ޙާލަތާއި އަދި މިލިބުނު ހުށަހެޅުމާ މެދު ވިސްނަންފެށިއެވެ. އޭނާގެ ހިތަށް އެރިއެވެ. “އަހަރެންނަށް މިދުނިޔެއިން އެކައްޗެއްވެސް ލިބިފައެއްނެތެވެ. މިދަތި ދިރިއުޅުމާއިގެން ކުރިއަށް ގޮސްފިނަމަ ފަޤީރުކަންމަތީ އަހަރެން މަރުވެދާނެއެވެ.” މިހެންހިތައި އަވަށުމީހުންގެ އެނުބައި ފާޙިޝް ހުށަހެޅުމަށް ޢިޖާބަދީ، އެއަޅުވެރިޔާ ހައްލާލައި އޭނާއާއެކު ޒިނޭކުރުމަށް އަންހެންކުއްޖާ އެއްބަސްވިއެވެ.

 

މިއާއެކު، ވަރަށް ފިނި ރެއެއްގައި އަންހެންކުއްޖާ އަޅުވެރިޔާގެ ގެއަށްގޮސް ދޮރުގައި ޓަކިޖެހިއެވެ. ދޮރުހުޅުވިއިރު ކުރިމަތީގައި އަންހެނެއް ހުރުމުން އަޅުވެރިޔާ އަވަހަށް ދޮރު ލެއްޕިއެވެ. އެހިނދު އަންހެންކުއްޖާ އަޅުވެރިޔާއަށް ގޮވާލިއެވެ. “އަހަންނަކީ ދަތުރުވެރިއެކެވެ. ރޭގނަޑުވުމުގެ ކުރިން އަހަރެންގެ މަންޒިލާ ހަމައަށް ވާޞިލުވެވޭނެކަމަށް އަހަރެން އުންމީދު ކުރީމެވެ. ނަމަވެސް ރޭގަނޑުގެ ކަޅުފޮއެ އަނދިރިކަން އަހަރެންގެ މައްޗަށް ވެރިވެގަތް އިރު އަހަންނަކަށް މިހާރު މިހުރެވުނުތަނެއް ނޭނގެއެވެ. މިއީ ކޮން ހިސާބެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. މި އަވަށުގައި އަހަރެންދަންނަ އެކަކުވެސް ނެތެވެ. މިއޮށް ފިނިރޭގައި ވަންނާނެ ގެއެއް، ނިދާލާނެ ތަންކޮޅެއްނެތެވެ. މިރޭގަނޑު ހޭދަކޮށްލައި ނިދާލުމަށްޓަކައި އަހަރެން ތިބާގެ ގެއަށް ވައްދައިދީފާނަންތޯއެވެ. މިގެއަށް އަހަރެން ވައްދައި ނުދީފިނަމަ ބޭރުގަ ހުއްޓާ ކޮންމެވެސް ކަމެއް އަހަންނަށް ވެދާނެކަމަށް ބިރުހީވަމެވެ.”

 

އެހިނދު އަޅުވެރިޔާ ޖަވާބުގައި ބުންޏެވެ. “އަހަރެންގެ އަވައްޓެރިން މަދެއްނުވާނެއެވެ. އެއިން ގެއެއްގައި ޓަކި ޖަހައި އެހީއަށް އެދޭށެވެ. ﷲ އިރާދަކުރަށްވައިފިނަމަ އޭގެއިންމީހަކު ތިބާއަށް އެހީވެދާނެއެވެ.”

 

މިހެން ބުނުމުން އަންހެންކުއްޖާ އެގެއިން ދުރަށް ހިނދުކޮޅަކަށް ދިއުމަށްފަހު އިރުކޮޅަކުން އަނެއްކާވެސް އައިސް ދޮރުގައި ޓަކިޖަހާފައި ބުންޏެވެ. “ތިބާގެ އަވަށްޓެރިންގެ ތެރެއިން އެއްވެސް ގެއަކުން ޖަވާބެއްނުދިނެވެ. އަދި މިރެއަކީ ވަރަށްވެސް ފިނި ރެއެކެވެ. ތިބާގެ ގެއަށް އަހަރެން ނުވައްދައިފިނަމަ، މި ފިނީގައި އަހަރެން މަރުވެދާނެއެވެ. އާދޭސް ކޮށްފައި ބުނަމެވެ. އަހަރެން ތިގެއަށް ވައްދައިދޭށެވެ.”

 

އެހިނދު އަޅުވެރިޔާ އަނެއްކާވެސް ޖަވާބުގައި ބުންޏެވެ. ” އަދި ތަންކޮޅެއް ދުރުގައި ގެތަކެއް ހުންނާނެއެވެ. އެތަނުން ގެއެއްގައި ޓަކިޖަހައި  އެހީއަށް އެދިބަލާށެވެ. ﷲ އިރާދަކުރައްވައިފިނަމަ އޭގެއިންމީހަކު ތިބާއަށް އެހީވެދާނެއެވެ. މިގޭގައި ދިރިއުޅެނީ އަހަރެން އެކަންޏެވެ. ވީމާ އަހަރެމެން ދެމީހުން ގިނިކަންޏާ މިގޭގައި ތިބުން ހުއްދައެއްނުވާނެއެވެ.”

 

މިހެން ބުނުމުން އަނެއްކާވެސް އަންހެންކުއްޖާ ހިނގައްޖެއެވެ. އަދި އިރުކޮޅެއްކޮށްފައި އެނބުރިއައިސް އަޅުވެރިޔާގެ ގޭގައި ޓަކިޖެހިއެވެ. އަޅުވެރިޔާ ދޮރު ހުޅުވުމުން އަންހެންކުއްޖާ ބުންޏެވެ. “ﷲ ގަންދީބުނަމެވެ. ތިބާގެ ގެއިން އަހަންނަށް ހިޔާވަހިކަން ނުދީ އަހަރެން މަގުމަތީގައި އެކަނިވެފަހުއްޓާ މީހަކު އައިސް އަހަންނާ ބެހި، އަހަރެންގެ ޢިތްފަތްތެރިކަމަށް އަރައިގަނެއްޖެނަމަ، ޤިޔާމަތްދުވަހުން ﷲ ޙަޟްރަތުގައި ތިބާގެ ޝަކުވާކުރާނަމެވެ. އަދި އަހަންނަށް މިހެންވީ ތިބާގެ ސަބަބުން ކަމަށް އަހަރެން ބުނެ ﷲގެ ޙަޟްރަތުގައި ޙުއްޖަތް ޤާއިމްކުރާނަމެވެ.”

 

ﷲގެ ނަންގަނެ އަންހެންކުއްޖާ މިފަދައިން ބުނުމުން، އަޅުވެރިޠާގެ ހިތަށް ބިރުވެރިކަން ވެރިވާން ފެށިއެވެ. އަޚުންނާއި އުޚުތުންނޭ ވިސްނާލައްވާ. މިޙާލަތުގައި އޭނާގެ ހިތަށް ބިރުވެރިކަން ގެނުވީ ކޮން ކަމެއްތޯއެވެ. އެއީ ﷲ ގެ އިސްމުފުޅު އަޑުއިވުމުންނެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ މީއާޔަތުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. އެއިލާހު ވަޙީކުރައްވަނީ إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿ سورة الأنفال 2 ﴾ މާނަ: مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ.

 

އެހިނދު އަޅުވެރިޔާ ބުންޏެވެ. “މިގޭގައި ދެކޮޓަރިއެއް ހުރެއެވެ. އެތަނުން އަހަރެން ދައްކާ ކޮޓަރިއެއްގައި ފަތިސްވަންދެން ތިބާހުންނާށެވެ. އެއްވެސް ކަމަކާހުރެ އަހަންނަށް ގޮވައިގެން ނުވާނެއެވެ. އަހަރެންގެ ކޮޓަރީގައި ޓަކިޖަހައިގެންވެސް ނުވާނެއެވެ. އަދި ފަތިސްވުމުން ގެއިން ނުކުމެ، ތިބާގެ ދަތުރާއިގެން ކުރިއަށް ދާށެވެ”.

 

މިހެންބުނެ، އަންހެންކުއްޖާ ކޮޓަރިއަށް ވެއްދުމަށްފަހު އަޅުވެރިޔާ އޭނާގެ ކޮޓަރިއަށް ރުޖޫޢަވެ ޤުރްއާންކިޔަވަންފެށިއެވެ. ރޭވިފައިވާގޮތަށް އަންހެންކުއްޖާ އަޅުވެރިޔާގެ ގެއަށްވަނުމާއެކު މިކަންރޭވިމީހުން އެގެކައިރިއަށް ޖަމާވިއެވެ. އެދެމީހުން ޒީނޭގެ ފާޙިޝް ޢަމަލުގައި ތިއްބާ ދެކުމުގެ އުންމީދުގައެވެ. ރޭވުން ރޭފިފައޮތްގޮތުން އަންހެންކުއްޖާ ދެފަހަރަކު ހަޅޭއްލަވާނެއެވެ. ދެވަނަފަހަރަށް ހަޅޭއްލެވުމާއެކީ ގޭގެ ވަށައިގެން ތިބި އެންމެން ދޮރުފަޅާލައި، ގޭތެރެއަށް ވަންނަންވީއެވެ. މީގެން އެއްވެސްކަމެއް އަޅުވެރިޔާ އަކަށް ނޭނގެއެވެ. މީގެކުރިން މިފަދަކަމެއް އޭނާއަށް ކުރިމަތިވެފައެއްވެސް ނުވެއެވެ.

 

ކޮންމެއަކަސް އަޅުވެރިޔާ ޤުރްއާން ކިޔަވަންއިންދާ އަންހެންކުއްޖާ ވަރަށް ބާރަށް ހަޅޭއްލަވާއަޑު އިވެންފެށިއެވެ. އެތައް އިރެއްވަންދެން އޭނާ ހަޅޭއްލަވަމުން ދިޔައެވެ. އަންހެންކުއްޖާއަށް ކަމެއްވީކަމަށް ހީކޮށް އަޅުވެރިޔާ އުއްބައްތިއެއް ހިފައިގެން އަވަހަށް އަންހެންކުއްޖާއިން ކޮޓަރިއާދިމާލަށްގޮސް ދޮރުހުޅުވައި އެތެރެއަށްވަނެވެ. އެވަގުތު އޭނާއަށް ފެނުނީ ޙަޔާތުގައި ދުވަހަކުވެސް ފެނިފައި ނުވާފަދަ މަންޒަރެކެވެ. އޭނާއަށް ފެނުނީ ރީތިކަމުގައި އަރާހުރި އެއަންހެންކުއްޖާ، އޮރިޔާން ޙާލުގައި ކޮޓަރީގެ ބިންމަތިގައި އޮތްތަނެވެ. އޭނާގެ ރީތިހަށިގަނޑު އަޅުވެރިޔާއަށް “ޑިސްޕްލޭ” ކޮށްގެން އޮތްޙާލު ޒިނޭކުރުމަށް އެއަޅުވެރިޔާއަށް ގޮވަމުންދިޔައެވެ.

 

ލޮބުވެތި އަޚުންނާ އުޚްތުންނޭ، މިއަޅުވެރިޔާއަށް އޭނަގެ މުޅި ޢުމުރުގައިވެސް ފުރަތަމަފަހަރަށް މިފަދަ މަންޒަރެއް ފެނުނީއެވެ. އޭނާ އަކީ އަބަދުވެސް ބެލުންތިރިކޮށްގެން އުޅޭމީހަކަށްވާތީ މީގެ ކުރިން މިފަދަ މަންޒަރެއް ފެނިފައެއްނުވެއެވެ. އެއާއެކު ﷲ ޠަޢާލާ ކޮންމެ ފިރިހެނެއްގައިވެސް ލައްވައިފައިވާ، ފިރިހެންވަންތަކަމުގެ ޣަރީޒާ އުތުރި އަރަން ފެށިއެވެ. މީގެ ކުރިން ދުވަހަކުވެސް ކުރެވިފައި ނުވާ އިޙުސާސްތަކެއް އޭނާއަށް ކުރެވެން ފެށިއެވެ. މީގެކުރިން ދުވަހަކުވެސް ހިތަށް އަރާފައިނުވާފަދަ އެއްޗިހިތަކެއް ހިތަށް އަރަންފެށިއެވެ. އޭނާގެ ކުރިމަތީގައި ޒިނޭކުރުމަށް ދަޢުވަތު ދެމުން އެދަނީ މުޅި އަވަށުގައިވެސް އިން އެންމެ ރީތި އަންހެންކުއްޖާއެވެ. މިހާލަތުގައިވާ މީހަކަށް ކަންތައް ކުރެވޭނެ ގޮތަކާމެދު ވިސްނާލައްވާށެވެ.

 

ގޭގެ ބޭރުގައި ތިބި މީހުންނަށް ފުރަތަމަ ހަޅޭކުގެ އަޑު އިވުމާއެކު ދޮރާކައިރިއަށް ޖެހުނެވެ. ދެވަނަ ހަޅޭކަށް އިންތިޒާރު ކުރަމަންނެވެ. ކުއްލިއަކަށް އިވުނީ އަންހެންކުއްޖާ ވަރަށް ބާރަށް ހަޅޭއްލަވާ އަޑެވެ. އެއާއެކު އަވަށުމީހުން ގޭގެދޮރު ވައްޓާލައި ގޭތެރެއަށް ވަދެ އަންހެންކުއްޖާއާއި އަޅުވެރިޔާ ތިބި ކޮޓަރިއަށް ވަދެގެންފިއެވެ. އެހިނދު އެމީހުންނަށް ފެނުނީ އޮރިޔާންޙާލުގައި އަންހެންކުއްޖާ ބިންމަތީގައި އޮތްތަނެވެ. އަދި އަޅުވެރިޔާވެސް ބިންމަތީގައި އޮތް ތަނެވެ. ނަމަވެސް އަޅުވެރިޔާ އޮތީ ކޮޓަރީގައި އަންހެންކުއްޖާއޮތް ފަޅި ނޫން އަނެއްފަޅީގައެވެ. އަދި އަންހެންކުއްޖާ އަދިވެސް ހުއްޓުމެއްނެތި ހަޅޭއްފަޅޭއްލަވަމުން ގެންދިޔައެވެ. އަޅުވެރިޔާ އޮތީ ކޮޓަރީގެ ކަނަކާ ދިމާލަށެވެ. އަދި އޭނާގެ އިނގިއްޔެއްވަނީ އުއްބައްތީގެ ހުޅުކޮޅާދިމާއަށް ދިއްކޮށްފައެވެ. އަދި ހުއްޓުމެއްނެތި އޭނާ ރޮމުން ގެންދިޔައެވެ. އެމީހުންނަކަށް ވެގެންއުޅޭގޮތެއް ނޭނގުނެވެ. އަންހެންކުއްޖާ ހަޅޭއްލަވަނީއެވެ. އަޅުވެރިޔާ ރޮނީއެވެ. އެނހިދު އެމީހުން އަންހެންކުއްޖާ ގެއިން ބޭރުކުރަން އުޅެންފެށިއެވެ. އެހިނދު އަންހެންކުއްޖާ ބުންޏެވެ. “މިމީހާ (އަޅުވެރިޔާ) ގާތުން އަހަރެން ދުރަށްލާށެވެ. ﷲ ގަންދީ ބުނަމެވެ. އޭނާގެ ހިތުގައިވާ އީމާންތެރިކަން އަހަރެން އަޖައިބުކޮށްފިއެވެ. އަހަރެންގެ ކުރިމަތިން ފެނުނީ ސިފަކުރެވޭވަރަށް ވުރެ އާދަޔާޚިލާފު މަންޒަރެކެވެ. އަހަންނާދިމާލަށް އައުމަށް އޭނާ ފިޔަވަޅެއް އެޅި ހިނދު އޭނާގެ އަތުގަ އޮތް އުތްބައްތީގެ ހުޅުކޮޅަށް އޭނާގެ އިނގިއްޔެށް ލުމަށްފަހު މިފަދައިން ކިޔެވެ. “ނަރަކައިގެ އަލިފާން މަތިން ހަނދުމަކޮށްބަލާށެވެ. އެއީ މިދުނިޔޭގެ އަލިފާނަށްވުރެ އެތައްގުނައެއް ހޫނު އަލިފާނެކެވެ.” އެއާއެކު އޭނާ ފަހަތަށް ވެއްޓިގެންދިޔައެވެ. އަދި އަނެއްކާވެސް ތެދުވެ، އަހަންނާދިމާލަށް ފިޔަވަޅެއް އެޅިއެވެ. މިފަހަރުވެސް ކުރީ ފަހަރެކޭ އެއްފަދައިން އުއްބައްތީގެ ހުޅުކޮޅަށް އިނގިލި ލުމަށްފަހު ބުންޏެވެ. “ނަރަކައިގެ އަލިފާން މަތިން ހަނދުމަކޮށްބަލާށެވެ. އެއީ މިދުނިޔޭގެ އަލިފާނަށްވުރެ އެތައްގުނައެއް ހޫނު އަލިފާނެކެވެ.”” އެހިނދު އެއަންހެންކުއްޖާ އެތަނުން ގެންދެވުނެވެ. ހަމައެވަގުތު މިއަޅުވެރިޔާ ދެއަތްއުފުލާ ﷲއަށް ދުޢާކުރިއެވެ. ” އޭﷲ! މިއަޅާއަށް މިކުރެވުނު ކުށަށް މިއަޅާއަށް ޢަފޫކޮށްދެއްވާންދޭވެ!”

 

ލޮބުވެތި އަޚުންނާ އުޚްތުންނޭ، އޭނާ ކުރީ ކޮން ކުށެއްތޯއެވެ. އޭނަ އަރައިގަތީ ކޮން ފާފައަކަށްތޯއެވެ؟ އަވަށުގެ އެންމެރީތި އަންހެންކުއްޖާ، ޒިނޭކުރުމަށް ދަޢުވަތު ދިނުމުން އޭނާވަނީ އެކަމުން ދުރުހެލިވެގަނެފައެވެ. އޭނާ އަދިވެސް ﷲއަށް ދުޢާކުރަމުންގެންދިޔައެވެ. “އޭ ﷲ. މިއަޅާ އެއަންހެންކުއްޖާއާ ދިމާލަށް އެޅި ފިޔަވަޅުތަކަށްޓަކައި މިއަޅާއަށް ފާފަ ފުއްސަވާންދޭވެ.

މިއަޅުވެރިޔާގެ އީމާންތެރިކަމާމެދު ވިސްނާލައްވާށެވެ. އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯއެވެ. އިންޓަނެޓާއި، ޓެކްނޮލޮޖީގެ އަވައިގައި ޖެހި އަޅުގަނޑުމެންގެ ޒުވާނުންދަނީ ފާޙިޝް ފޮޓޯތަކާއި ވީޑިއޯ ތައް ބެލުމުގައި ނިދިނަގާލަމުންނެވެ. ޒިނޭކުރުމާއި އެއްޖިންސުންގުޅުން ހިނގުމާއި، ގަދަކަމުން ޖިންސީ ގުޅުން ހިނގުންފަދަ ފާޙިޝް ޢަމަލުތައް މުޖުތަމަޢުގައި ވަނީ ޢާންމު ވެފައެވެ. ހަށިވިއްކުން ވެފައިވަނީ ފަސޭހަކަމާއެކު ކުރެވޭ ފައިދާ ބޮޑު ވިޔަފާރިއަކަށެވެ. މިފަދަ ވާހަކަތަކުން ޢިބުރަތް ޙާޞިލުކޮށް އަޅުގަނޑުމެންގެ އުޅުން އިޞްލާޙު ކުރަންވީ ވަޤުތު އަދިވެސް ނާދޭތޯއެވެ. ދުޢާއަކީ އަޅަމެންގެ އުޅުން އިޞްލާޙު ކޮށްދެއްވައި ދެދުނިޔޭގެ ބާއްޖަވެރިކަން އަޅަމެންނަށް މިންވަރު ކޮށްދިނުމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!