ކެޔޮދޫ ސްކޫލްގައި ﷲ ގެ 99 އިސްމްފުޅު ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

ވ ކެޔޮދޫ ސްކޫލްގައި ﷲ ގެ 99 އިސްމުފުޅު ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ކެޔޮދޫ ސްކޫލްގެ ލީޑިންގ ޓީޗަރ ޒައީމާ ހުސައިން ވިދާޅުވީ މިއީ ކެޔޮދޫ ސްކޫލްގެ ހުރިހާ ދަރިވަރުންނަކީވެސް ﷲ ގެ 99 އިސްމުފުޅު ހިތުދަސްކުދިން ކަމުގައި ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.

އެލްކޭޖީ އަދި ޔޫކޭޖީވެސް ހިމެނޭ ގޮތަށް ކެޔޮދޫ ސްކޫލްގެ ހުރިހާ ގްރޭޑް ތަކަކަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި 2 މަސް ދުވަހުގެ ތެރޭގައި 99 އިސްމުފުޅު ހިތުދަސްކޮށް ޓީޗަރަށް ކިޔައިދޭންޖެހެއެވެ. އަދި ކިޔައިދީ ނިންމާ ކުދިން އެނގޭނެ ގޮތަށް ސްކޫލްގައިވަނީ ނޯޓިސް ބޯޑެއްވެސްވަނީ ތައްޔާރުކޮށްފައެވެ. އޭގައި ހިތުދަސްކޮށް ކިޔައިދީ ނިންމާފަވާ ކުދިންގެ ނަންތައް ތަރިއެއްގައި ލިޔެވަނީ ހަރުކޮށްފައެވެ.

މިހާތަނަށް 99 އިސްމުފުޅު ހިތުދަސްކުރި ދަރިވަރުން / ފޮޓޯ ކެޔޮދޫ ސްކޫލް

ޒައީމާ ވިދާޅުވީ 99 އިސްމުފުޅު ދަސްކުރުމުގެ ސަބަބުން ކުދިންނަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރާކަމަށާއި އެގޮތުން އެކި ކަންކަމާއި ގުޅިގެން ދުޢާ ކުރުންފަދަ ކަންކަމުގައި މީގެ ބޭނުން ހިފިގެންދާނެއެވެ.

99 އިސްމުފުޅު ހިތުދަސްކުރުމުގެ އިތުރުން ޔާސިން ސޫރަތާއި މުލްކު ސޫރަތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއްވެސް ކެޔޮދޫ ސްކޫލްގެ ދަރިވަރުންނަށް އަންނަނީ ހިންގަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!