އިސްލާމީ ހޭލުންތެރިކުރުމާއިބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ފަށައިފި

“އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އެވޭކަނިންގ” ނަމުގައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ކުރިއަށްގެންދާ މަހާސިންތާ ފަށައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށްދާ މިމަހާސިންތާ ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއެވެ.

މަހާސިންތާ ފަށްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިފަދަ އިލްމީ ބައިނަލްއަގްވާމީ މަހާސިންތާތައް ކުރިއަށް ގެންދިއުމަކީ ގައުމެއްގެ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށާއި މިފަދަ މަހާސިންތާ ތަކަށް ހުށަހެޅޭ އިލްމީ ކަރުދާސްތަކުން ގައުމުގެ ތަރައްްގީއަށް ބޭނުންވާ ވިސްނުމާއި ހިޔާލު ލިބިގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ޔުނިވަސިޓީގެ ޗާންސެލަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މިމަހާސިންތާގައި މެނޭޖްމެންޓާއި ލީޑާރޝިޕް އަދި އަލަށް ކުރާ އީޖާދުގެ ތެރެއިން އިިސްލާމީ މާލީ ސިނާއަތުގެ ސާބިތުކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

މިމަހާސިންތާގައި ރާއްޖޭގެ އިލްމުވެރިންގެ އިތުރުން، ތުރުކީ އާއި އިނގިރޭސި ވިލާތް، މެލޭޝިއާ، ޖަޕާން، ޖޯޑަން އަދި މިސްރާއި ފަލަސްތީނުން ކަރުދާސް ހުށަހަޅާފައިވެއެވެ.

300 އަށްވުރެ ގިނަ ފަރާތުން މިމަހާސިންތާގައި ބައިވެރިވެފައިވާއިރު މިއީ އައިޔޫއެމްއިން މިފަދަ މަހާސިންތާއެއް ކުރިއަށްގެންދާ ދެވަނަ ފަހަރެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!