އިމާމް ނަވަވީގެ 40 ހަދީޘް (ހަތްވަނަ ބައި)

 

އެގާރަވަނަ ހަދީޘް

عن أبي محمد الحسن بن علي بن أبي طالب سبط رسول الله (صلى الله عليه وسلم) وريحانته رضي الله عنهما قال: حفظت من رسول الله (صلى الله عليه وسلم) : “دع ما يريبك إلى ما لا يريبك”. (رواه الترمذي والنسائي، وقال الترمذي: حديث حسن صحيح)

ހަދީޡްގެ މާނަ

ތިބާއަށް ޝައްކުވާކަންތައް ތިބާއަށް ޝައްކުނުވާ ކަންތަކަށް ދޫކޮށްލާށެވެ.

ހަދީޘްގެ ޝަރަޙަ

އެކަމެއްގެ ޙަރާމް ޙަލާލްކަމާއިމެދު ޝައްކުވާކަންކަން ދޫކޮށްލާފައި، ޙަރާމް، ޙަލާލްކަން ބަޔާންވެ އެނގޭ ކަންތަކުގައި ހިފާށެވެ.

އިމާމް އިބުނި ރަޖަބު މިހަދީސް ޝަރަޙަކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ.

” މިހަދީޘްގެ މުރާދަކީ އެއެއްޗެއްގެ ޙުކުމާއިމެދު ޝައްކުވާއެއްޗެހި ނުވަތަ ކަންކަމުން ދުރުވެގަތުމެވެ. ފަހެ ފުރިހަމަ މުއުމިނެއް ޙަލާލް ކަމެއްކުރާއިރު އެކަމާމެދު ހިތްނުތަވަސްކަމެއް ނޯންނާނެއެވެ. އެހެންނަމަވެސް  ޙަރާމް ޙަލާލްކަމާއިމެދު ޝައްކުވާކަންކަންކުރުމުގައި ހިތްނުތަނަވަސްވުން އޮންނާނެއެވެ.”

 

ބާރަވަނަ ހަދީޡް

عن أبي هريرة رضي الله تعالى عنه قال: قال رسول الله (صلى الله عليه وسلم) : “من حسن إسلام المرء تركه مالا يعنيه“. (حديث حسن رواه الترمذي وغيره هكذا)

”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.”

މިހަދީޡް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ.

ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. ޢަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީޡްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.”

އަދި އެހެން ހަދީޡެއްގައިވެއެވެ.”نعمتان مغبون فيهما كثير من الناس: الصحة والفراغ”

އެ ދެނިޢުމަތަކަށް ފަރުވާކުޑަކޮށްލުމުގެ ސަބަބުން މީސްތަކުންނަށް ގެއްލުންލިބޭ ދެ ނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ސިއްޙަތާއި ހުސްވަގުތެވެ. – ސަޙީހް ބުޚާރީ

 

ތޭރަވަނަ ހަދީޘް

عن أبي حمزة أنس بن مالك رضي الله عنه خادم رسول الله (صلى الله عليه وسلم) عن النبي (صلى الله عليه وسلم) قال: “لا يؤمن أحدكم حتى يحب لأخيه ما يحب لنفسه“. (رواه البخاري ومسلم)

ހަދީޘްގެ މާނަ:

ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށްއެދޭހައި ކަމެއް، ތިމާގެ މުސްލިމު އަޚާއަށްވެސް ލިބުމަށް ލޯބިކޮށްފުމަށްދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް ފުރިހަމައަށް އީމާންވީކަމުގައިނުވެއެވެ.

 

ސާދަވަނަ ހަދީޘް

عن ابن مسعود رضي الله تعالى عنه قال: قال رسول الله (صلى الله عليه وسلم) : “لا يحل دم امرئ مسلم إلا بإحدى ثلاث: الثيب الزاني، والنفس بالنفس، والتارك لدينه المفارق للجماعة”. (رواه البخاري ومسلم)

ހަދީޘްގެ މާނަ:

ތިންކަމަކުންމެނުވީ މުސްލިމެއްގެ ލޭ އޮހޮރުވައިލުން ހުއްދަނުވާ ހުއްޓެވެ. އެއީ

  1. މީހަކާ އިނދެ، ޖިމާޢުވުމަށްފަހު ޒިނޭކޮށްފިމީހާ
  2. މީހަކުމެރުމުގެ ސަބަބުން މަރާންވެއްޖެމީހާ
  3. ޖަމާޢަތާއިވަކިވެގަނެ ދީންދޫކޮށް މުރުތައްދުވެއްޖެމީހާ

ހަދީޘްގެ ޝަރަޙަ

މި ހަދީޘްފުޅުގެ މުރާދަކީ މީސްތަކުންގެ ފުރާނަތައް ހިފުންއެއީ ހުއްދަނޫން ކަމެއްކަން ބަޔާންކުރެއްވުމެވެ.

މީސްތަކުންގެ ފުރާނަތަކާއި ހަށިތަކާއިމެދު އަޞްލަކީ ރައްކާތެރިވެގެންވުމެވެ. ކަންމިހެންހުރުމާއެކު، ވަކި ސަބަބުތަކެއް މެދުވެރިވުމުން އެމީހާގެ ލޭ އޮހޮރުވުން ކަމާބެހޭ ޖުޑީޝަލް މުއައްސަސާތަކަށް (ކޯޓުތަކަށް) ހުއްދަވެއެވެ. އެސަބަބުތައް މިހަދީޘްގައި ބަޔާންވެފައިއެވަނީއެވެ. އެއީ:

   މީހަކާ އިނދެ، ޖިމާޢުވުމަށްފަހު ޒިނޭކުރުން: ފަހެ މިމީހާގެ ޙައްދަކީ ހިލައިންތަޅާމެރުމެވެ. (އެބަހީ ރަޖަމުކުރުމެވެ.)

ލިވާތުކުރުމުގެ ހުކުމަކީވެސް މެރުމެވެ. އެކަމަކު މަރަންވީގޮތާއިމެދު މަޒުހަބުތަކުގައިވަނީ އިޚްތިލާފުވެފައެވެ. ލިވާތުކުރުމަކީ ފިރިހެނުން ފިރިހެނުންނާއިއެކު ޖިންސީ ޢަމަލުހިންގުމެވެ. އަދި އަންހެނާގެ ފުރަގަސްފަރާތަށް ޖިމާޢުވުމަކީވެސް ލިވާތުގެ ތެރެއިންވާ ކަމެކެވެ. ސިހާޤުކުރުމުގެ ޙުކުމަކީ ތަޢުޒީރުކުރުމެވެ. ސިހާޤުކުރުމަކީ އަންހެނުން އެހެން އަންހެނުންނާއިއެކު ޖިންސީ ޢަމަލު ހިންގުމެވެ.

މީހަކުމެރުމުގެ ސަބަބުން މަރާންޖެހުން: މި ގިންތީގެ ދަށުން އެބައެއްގެ މައްޗަށް މަރުގެ ޙުކުމްއަންނަނީ ޤަތުލުޢަމްދުކުރިމީހުންނަށާއި، ޤަތުލު ޝިބުޙުޢަމްދުކުރި މީހުންނަށެވެ.

ޖަމާޢަތާއިވަކިވެގަނެ ދީންދޫކޮށް މުރުތައްދުވެއްޖެމީހާ: އިސްވެދިޔަ ބައިތަކެކޭ އެއްފަދައިން މުރުތައްދުވެފައިވާމީހާގެ މައްޗަށްވެސް ޙުކުމް ކަނޑައަޅާނީ ޝަރުޢީ ކޯޓުތަކުންނެވެ. ޢާއްމުންގެ ވަކިވަކިފަރުދުންނެއްނޫނެވެ.

މި ހަދީޘް ޝަރަޙަކޮށްދެއްވަމުން އިމާމް އަލްހާފިޒް އިބްނި ރަޖަބު އެބަޔެއްގެ މައްޗަށް ޝަރުޢީ ކޯޓުތަކަށް މަރުގެ ޙުކުމް އިއްވިދާނެ އިތުރުބައެއްމީހުންގެނެސްފައިވެއެވެ. އެބައިމީހުންނަކީ:

  1. ލިވާތުކުރާމީހާ
  2. އެމީހާގެ މަޙްރަމަކާއިއެކީގައި ޖިންސީ ޢަމަލު ހިންގިމީހާ
  3. ސިހުރުވެރިޔާ
  4. ޖަނަވާރަކާއިއެކީގައި ޖިންސީ ޢަމަލުހިންގިމީހާ
  5. ހަތަރުވަނަފަހަރަށް ރާބޯމީހާ
  6. ފަސްވަނަފަހަރަށް ވައްކަންކުރާމީހާ
  7. ކާފަރުންނަށް މުސްލިމުންގެ ޚަބަރުތައް ޖާސޫސްކޮށްހަދައިދޭ މުސްލިމް ޖާސޫސް

އަދިވެސް އިތުރުބައެއް ފަރާތްތައް ޒިކުރުކުރައްވާފައިވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!